އިންޑިއާގެ މުޒާހަރާ ހޫނުވެ ރާހުލް ގާންދީ ގަދަކަމުން ގެންދަން އުޅެފި

Oct 7, 2026, 10:21 PM
ފޮޓޯ: ސޯޝަލް މީޑިއާ

ފޮޓޯ: ސޯޝަލް މީޑިއާ

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ލީޑަރު ރާހުލް ގާންދީ އާއި އިދިކޮޅު މެންބަރުން ކުރިއަށްގެންދިޔަ މުޒާހަރާ ފުލުހުން ރޫޅާލުމާ ގުޅިގެން، ނިއު ދިއްލީގައި ވަރަށް ބޮޑަށް މަސްލަހަތު ގޯސްވެ ހަމަނުޖެހުން ހިނގައިފި އެވެ.

އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަމުންދަނީ ވޯޓުލާ މީހުންގެ ދަފުތަރު އިސްލާހު ކުރުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ އެވެ.

ފުލުހުން ގަދަކަމުން ރާހުލް ގާންދީ ބަހަކަށް އަރުވާ މަންޒަރާއި، ބަހުގެ ކުޑަދޮރުން އޭނާ ބޭރަށް ނިކުންނަން އުޅުމުން އެކަން ހުއްޓުވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ.

މި މުޒާހަރާއަކީ އިންޑިއާގެ އިލެކްޝަން ކޮމިޝަނާއި އިދިކޮޅު އިއްތިހާދާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރަށް ގޯސްވެގެން ދިޔަ ކަމެކެވެ.

އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރާ ގޮތުގައި، ޗީފް އިލެކްޝަން ކޮމިޝަނަރު ގްޔަނޭޝް ކުމާރު ވޯޓުލާ މީހުންގެ ދަފުތަރަށް ބަދަލު ގެންނަވަނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ފައިދާވާނެ ގޮތަށެވެ. ނަމަވެސް ބީޖޭޕީ އާއި އިލެކްޝަން ކޮމިޝަނުން ވެސް ވަނީ މި ތުހުމަތުތައް ދޮގުކޮށްފަ އެވެ.

ރާހުލް ގާންދީ އާއި އޭނާގެ ކޮއްކޮ ޕްރިޔަންކާ ގާންދީ ވަދްރާގެ އިތުރުން އިދިކޮޅު އެހެން މެންބަރުން އިލެކްޝަން ކޮމިޝަނުގެ އޮފީހަށް ބޭއްވި ހިނގާލުން ފުލުހުން ހުއްޓުވުމުން، އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ކައިރީގައި މުޅި ދުވަހު އިށީނދެ ތިބެގެން މުޒާހަރާ ކޮށްފައިވެ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އިދިކޮޅު ފަރާތްތަކާ ބައްދަލުކުރަން ތައްޔާރަށް އޮތް ނަމަވެސް، ޕާލަމެންޓުގައި 240 މެންބަރުންގެ ވަފުދަކާ ބައްދަލުކުރަން އިދިކޮޅުން ހުށަހެޅި ހުށަހެޅުމަށް އިއުތިރާޒު ކުރާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައްދަލުވުމަކަށް އެދެންވާނީ ޕާޓީގެ މަންދޫބެއްގެ ފަރާތުން ކަމަށާއި، ބައްދަލުވުންތައް ބާއްވާނީ ކޮމިޝަނުގެ އިދާރާގައި ކަމަށެވެ.

އެ ދުވަހުގެ ކުރީކޮޅު ރާހުލް ގާންދީ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ހަމައެކަނި އިލެކްޝަން ކޮމިޝަނަރުންނާ ބައްދަލުކޮށް، ވޯޓުލާ މީހުންގެ ދަފުތަރު އިސްލާހު ކުރުމާ ގުޅޭ ގޮތުން ސުވާލު ކުރަން ކަމަށެވެ.

އަންގާރަ ދުވަހު އިލެކްޝަން ކޮމިޝަނުގެ މައި އިދާރާ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ޕާލަމެންޓާއި ކޮމިޝަނުގެ އޮފީހާ ދެމެދު އޮންނަ މަގުތަކުގައި ފުލުހުން ވަނީ ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ކޮމިޝަނުގެ އޮފީހަށް ދާ މަގުމަތީގައި މުޒާހަރާގެ ބައިވެރިންނަށް ވުރެ ފުލުހުންގެ އަދަދު ގިނަ އެވެ. ބައެއް ފުލުހުން ތިބީ މުގުރި ހިފައިގެން އަދި ޔުނީފޯމުގައި ބޮޑީ ކެމެރާ ހަރުކޮށްގެންނެވެ.

ރާހުލް ގާންދީ އާއި ޕްރިޔަންކާ ގާންދީ ވެސް ފުލުހުންގެ ބަހެއްގައި ގެންދިޔަ ނަމަވެސް، ކުޑަ އިރުކޮޅެއްގެ ތެރޭގައި ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލުމާއެކު އެ ބޭފުޅުން އަލުން ހިނގާލުން ކުރިއަށް ގެންގޮސް، އިލެކްޝަން ކޮމިޝަނުގެ މައި އިދާރާ ކައިރީގައި ހުންނަ އާކާޝްވާނީ ބަވަން ކައިރީގައި އިށީނދެ ތިބެގެން މުޒާހަރާ ކުރިއަށް ގެންދިޔަ އެވެ.

މި ހަރަކާތުގެ ތެރެއިން ހައްޔަރުކުރީ ކިތައް މެންބަރުން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ތަފާތު ޕާޓީތަކަށް ނިސްބަތްވާ 237 މަޖިލިސް މެންބަރުން މި ހިނގާލުމުގައި ބައިވެރިވި އެވެ.

އަންގާރަ ދުވަހުގެ މި މުޒާހަރާ ކުރިއަށް މިދިޔައީ، ޒުވާނުން އިސްވެ އޮންނަ "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) އިން މުމްބާއީ އާއި ދިއްލީގައި ސީއީސީގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާ ކުރިތާ ހަތަރު ދުވަސް ފަހުންނެވެ. އެ ޖަމާއަތުން ބުނާ ގޮތުގައި މިއީ މުޅި ގައުމަށް ފުޅާކުރާ ކެމްޕޭނެއްގެ ފެށުމެވެ. އަދި އޮކްޓޯބަރު 10 ވަނަ ދުވަހު އިތުރު މުޒާހަރާތަކެއް ބޭއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.

މި ހުރިހާ ހަމަނުޖެހުމެއްގެ އަސްލަކީ "ސްޕެޝަލް އިންޓެންސިވް ރިވިޝަން" (އެސްއައިއާރު) ގެ ނަމުގައި ވޯޓުލާ މީހުންގެ ދަފުތަރު އިސްލާހު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެވެ. މި މަސައްކަތް 2025 ވަނަ އަހަރުގެ ޖޫން މަހު ބިހާރު ސްޓޭޓުން ފެށުމަށް ފަހު، މިހާރު ވަނީ ގައުމުގެ އެހެން ސަރަހައްދުތަކަށް ފުޅާކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުގައި މި މަސައްކަތުގެ ބޭނުމަކީ ވޯޓުލާ މީހުންގެ ލިސްޓުގައި ތަކުރާރުވެފައިވާ ނަންތަކާއި، ވޯޓުލުމުގެ ޝަރުތު ހަމަނުވާ މީހުންގެ ނަންތައް އުނިކުރުމެވެ. މިހާތަނަށް މުޅި ގައުމުން 130 މިލިއަނަށް ވުރެ ގިނަ ނަން ޑްރާފްޓް ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ނަމަވެސް އިދިކޮޅު ޕާޓީތަކާއި އެކްޓިވިސްޓުން ތުހުމަތު ކުރާ ގޮތުގައި، ޝަރުތު ހަމަވާ ގިނަ ބަޔަކު ވަނީ ލިސްޓުން ބޭރުކޮށްފަ އެވެ. އަދި އިލެކްޝަން ކޮމިޝަނުން މި މަސައްކަތް ކުރިއަށްގެންދަނީ އުސޫލުން ބޭރުން ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އޮސްޓްރޭލިއާއިން ސަންސްކްރީންގެ އުސޫލުތައް ހަރުކަށިކޮށްފި

އޮސްޓްރޭލިއާގައި ވިއްކާ ބައެއް ސަންސްކްރީންތަކުގެ ރައްކާތެރިކަން ކުޑަކަމަށް ދެއްކުމާ ގުޅިގެން، އެ ތަކެތި އުފައްދާ މިންގަނޑުތައް ހަރުކަށިކުރަން އެ ގައުމުގެ ކަމާބެހޭ އިދާރާއިން ނިންމައިފިއެވެ. މި ބަދަލުގެ ދަށުން ސަންސްކްރީންގައި ހިމެނޭ މާއްދާތައް ޓެސްޓްކުރުމާއި، އޭގެއިން ލިބޭ ރައްކާތެރިކަމާ ބެހޭ މައުލޫމާތު ހާމަކުރުމުގައި ހަރުކަށި އުސޫލުތަކަކަށް އަމަލުކުރަން ޖެހޭނެއެވެ.

އުރުދުންއިން ސީރިއާއަށް ވައިގެ ހަމަލާދީފި

އުރުދުންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާއެއްގެ ބަދަލުހިފުމުގެ ގޮތުން، ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އުރުދުންގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އާންމުންގެ ބަޔަކު މަރުވެފައިވާއިރު، ސީރިޔާ ސަރުކާރުން ވަނީ މި އޮޕަރޭޝަނަކީ އެ ގައުމާ މަޝްވަރާކުރުމެއް ނެތި ހިންގި އަމަލެއް ކަމަށް ބުނެފައެވެ.

ބްރެޒިލް އިންތިހާބު އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރައްވައިފި

ބްރެޒިލްގެ ރިޔާސީ އިންތިޚާބު ލޫލާ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރެއްވި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާންޖެހުނު ބޮލްސޮނާރޯގެ ޕާޓީން މިހާރު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައެވެ. ބޮލްސޮނާރޯގެ ދަރިކަލުން ފްލާވިއޯ ފުރަތަމަ ނަތީޖާ ގަބޫލުކުރަން ދެކޮޅު ހެދި ނަމަވެސް، ފަހުން ވަނީ ގާނޫނީ އަމުރުތަކަށް ތަބާވާނެ ކަމަށް ވިދާޅުވެފައެވެ.

ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ ވެރިން އީރާނުގައި ބައްދަލުވުމެއް

މެދުއިރުމަތީގެ ހަމަނުޖެހުންތައް ކުޑަކޮށް ސަރަހައްދީ ސުލްހަ ގާއިމުކުރުމަށްޓަކައި ސައުދީ، ތުރުކީ އަދި ޕާކިސްތާނުގެ އިސްވެރިން އީރާނުގެ އޮފިޝަލުންނާ ތެހެރާންގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އަސްކަރީ ކުރިމަތިލުންތައް އިތުރުވިޔަ ނުދިނުމަށާއި، ސަރަހައްދީ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި ހަތަރު ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

ވޯޓު ހޯދަން ނިކީ މިނާޖް ޓްރަމްޕާއެކު ސްޓޭޖަށް

އެމެރިކާގެ ދައުރު މެދުތެރޭ އިންތިޚާބުގެ ކެމްޕޭނަށް މިޝިގަންގައި ބޭއްވި ރެލީއެއްގައި، މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ބައިވެރިވެ ޑޮނަލްޑް ޓްރަމްޕަށާއި ރިޕަބްލިކަން ޕާޓީއަށް ތާއީދުކޮށްފިއެވެ. މި ރެލީގައި ޓްރަމްޕް ވަނީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް އެލް-ސައީދުގެ ދީނާއި ނަސްލަށް އަމާޒުކޮށް ފާޑުވިދާޅުވެފައެވެ. އިންތިޚާބަށް ހަފުތާއަކަށް ވެފައިވާއިރު، ކޮންގްރެސްގެ ކޮންޓްރޯލް ހޯދުމަށް ދެ ޕާޓީންވެސް ދަނީ ފޯރިއާއެކު ކެމްޕޭން ކުރަމުންނެވެ.

ބްރެޒިލްގެ ރައީސް ލޫލާ ހަތަރު ވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު 51.79 އިންސައްތަ ވޯޓާއެކު ކާމިޔާބުކުރައްވައި، ލުއިޒް އިނާސިއޯ ލޫލާ ދަ ސިލްވާ ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. ނަމަވެސް އޭނާއާ ވާދަކުރެއްވި ފްލާވިއޯ ބޮލްސޮނާރޯ ވަނީ ވޯޓުލާ ވަގުތު އިތުރުކުރި މައްސަލައިގައި ނަތީޖާ ގަބޫލުކުރަން ދެކޮޅުހަދައި، އިންތިޚާބު ބާތިލުކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox