ކަސްޓަމަރެއްގެ އެކައުންޓުން ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި މައްސަލައެއްގައި ބީއޯސީގެ މުވައްޒަފަކު ޖަލަށް

Oct 9, 2026, 1:57 PM
ބޭންކް އޮފް ސިލޯން: ހަސަން ވަހީދު ވަނީ ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ވަގަށް ނަގާފައި -- ފޮޓޯ: އަދަދު ފައިލް

ބޭންކް އޮފް ސިލޯން: ހަސަން ވަހީދު ވަނީ ކަސްޓަމަރެއްގެ އެކައުންޓުން 150،000 ޑޮލަރު ވަގަށް ނަގާފައި -- ފޮޓޯ: އަދަދު ފައިލް

ކަސްޓަމަރެއްގެ އެކައުންޓުން ދޮޅުލައްކަ ޑޮލަރު ވަގަށް ނެގި މައްސަލައެއްގައި ބޭންކް އޮފް ސިލޯނުގެ ކުރީގެ ޑެޕިއުޓި ކަންޓްރީ މެނޭޖަރު ހަސަން ވަހީދު ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 

ހަސަން ވަހީދުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ފޭކު ޓްރާންސްފާ ރިކުއެސްޓެއް އުފެއްދި މައްސަލައިގައި އުފުލި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވައްކަން ކުރި މައްސަލައިގައި އެހެން މީހެއްގެ މުދަލަށް ވެރިވެގަތުމުގެ ކުށުގެ ދައުވާ އެވެ. 

ހަސަން ވަހީދު ވަނީ ބޭންކް އފް ސިލޯނުގެ ކަސްޓަމަރެއްގެ އަތުން 150،000 ޑޮލަރު 2019 ވަނަ އަހަރު ވަގަށް ނަގައިފި އެވެ. އަދި ޝައްކު އުފެދުނު އެހެން ހާދިސާއެއްގައި ހަމަ އެ ކަސްޓަމަރުގެ އެކައުންޓުން 110،000 ޑޮލަރު ވަނީ ކުރިން ގެއްލިފަ އެވެ. 

ވަގަށް ނެގި ފައިސާ އަނބުރާ ދައްކަން ހެޔޮ ނިޔަތުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކޯޓަށް ނުފެންނާތީ އާއި ހެކި ގަރީނާގެ މައްޗަށް ބަލައި ކުށުގެ ދަރަޖަ މަތި ކުރަން ވެސް ކޯޓުން ކަނޑައެޅި އެވެ.

ހަސަން ވަހީދުގެ މައްސަލަ 2019 ވަނަ އަހަރު ކޯޓަށް ވެއްދި ނަމަވެސް އެ މައްސަލަ ފުރަތަމަ ވެސް ތާވަލުކޮށްފައި ވަނީ 2024 ވަނަ އަހަރެވެ. އެހެންވެ، އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު ހަސަން ވަހީދަށް ގެއްލިފައިވާ ކަމަށް ފެންނާތީ ފަނޑިޔާރު ވަނީ އޭނާގެ އަދަބުން ދެ ދަރަޖައެއް ލުއިކޮށްދީފަ އެވެ. 

އޭނާގެ ޖަލު އަދަބުން ދެ އަހަރު ލުއިކޮށް ޖޫރިމަނާއަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތަށް ބަދަލު ކުރުމަށް ދައުލަތުން ވެސް އިއުތިރާޒު ނުކުރާ ކަމަށް ބުނެފައިވެ އެވެ. 

އެ މައްސަލައިގައި ކޯޓުން ބުރާސްފަތި ދުވަހު ކަނޑައެޅީ އެ ދެ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ސައްހަ ނޫން ލިޔުމެއް އުފެއްދި މައްސަލައިގައި އޭނާ ވަނީ ހަ މަސްދުވަށް ޖަލަށްލައިފަ އެވެ. އަދި ވައްކަން ކުރި މައްސަލައިގައި އޭނާ ވަނީ ދެ އަހަރާއި ނުވަ މަހާއި 11 ދުވަހަށް ޖަލަށްލައިފަ އެވެ. މިއީ ޖަލު އަދަބުން އޭނާ ތަންފީޒު ކުރަންޖެހޭ މުއްދަތެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox