ހެންވޭރު ބަސް ޓާމިނަލުގައި މީހުން ތިއްބާ އިއްޔެ ދުވާލުގެ ވަގުތެއްގައި އެތަނުން ޓީވީއެއް ވަގަށް ނަގައިފި އެވެ.
ފުލުހުން އެ ވައްކަމުގެ ހާދިސާގެ ވީޑިއޯ އާންމުންކޮށް ބުނެފައިވަނީ ވީޑިއޯއިން ފެންނަ މީހާއަކީ ހޭންވޭރު ޕޮލިހުން ތަހުގީގު ކުރަމުންދާ، ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
މިގޮތުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި ހިއްސާކުރަން ފުލުހުން އެދެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރި މީހާ ބަސް ޓާމިނަލް ބޭރުގައި ފޯނެއްގައި ހުރެ އެވެ. އެއަށްފަހު ބަސް ޓާމިނަލް ތެރެއަށް ވަދެ ޓީވީ ނަގައިގެން އޭނާ ދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ވައްކަމުގެ މައްސަލަ އެވެ. އެގޮތުން މި އަހަރު އެކަނިވެސް 2،445 ވައްކަމުގެ މައްސަލައެއް ހުށަހަޅާފައިވާއިރު، މި މަހު މިހާތަނަށް ވައްކަމުގެ 116 މައްސަލަ ވަނީ ރިޕޯޓުކޮށްފަ އެވެ.












