އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށްފަހު ސަރުކާރުގެ އޮފީހެއް ކޮންމެ އަތޮޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
މި އޮފީސް އުފެއްދުމުގެ ބޭނުމަކީ ގައުމީ އިދާރާތަކުން ދެމުންދާ ހިދުމަތްތައް "އަތޮޅު އޮފީހެއް" މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެ ގާނޫނުގައި މި އޮފީހަށް ދީފައިވާ ނަމަކީ އިންޓެގްރޭޓެޑް ސާވިސް ސެންޓަރެވެ. އެ އޮފީސްތައް ހިންގާނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ.
އަތޮޅު ކައުންސިލްތައް އުވާލަން މަޖިލީހުން ފާސްކޮށް، އެ ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރު ފަހުކޮޅެވެ. އެއާއެކު މި އަހަރުު ބޭއްވި ކައުންސިލް އިންތިހާބުގައި އަތޮޅު ކައުންސިލަރުން ނުހޮވާއިރު، ނިމިދިޔަ ދައުރަކީ އަތޮޅު ކައުންސިލްގެ ފަހު ދައުރެވެ. އެއާއެކު ކައުންސިލުތަކުން މިހާރު ޖާވާބުދާރީވާން ޖެހެނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެން ފަހުން ލާމަރުކަޒީ ނިޒާމުން ކައުންސިލުތަކަށް ލިބިފައިވާ ބާރުތައް ހަނި ކުރަން ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުތަކަށް ވިޔަފާރި ކުރުމަށް ލިބިދީފައި އޮތް ބާރު ވެސް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފަ އެވެ.
އަތޮޅު ކައުންސިލްތައް އުވައިލުމަށް ގާނޫނުއަސާސީއަށް މަޖިލީހުން ބަދަލު ގެނައީ އެކަން ގާނޫނުއަސާސީއާ ހިލާފުވުމުގެ އިތުރުން ރާއްޖެ އުފެދިފައިވާ ގޮތާ ވެސް އެކަން މުޅިން އިދިކީލި ކަމަށް ބުނެ ބައެއް ފަރާތްތަކުން ހިޔާލުފާޅު ކުރަމުން ދަނިކޮށެވެ.

ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ދެމެހެއްޓުމަށްޓަކައި އަތޮޅު ކައުންސިލްތައް އުވާލުމަށް މި ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލު ރުޖޫއަ ކުރުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން މިދިޔަ މެއި މަހު މަޖިލީހަށް ބިލެއް ހުށަހެޅި އެވެ. ނަމަވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެ ބިލު އޭރު ބޭރުކޮށްލި އެވެ.












