ސަރުކާރުން ދޭ ސިޔާސީ މަގާމުތަކުން މަހެއްގެ މައްޗަށް ދެ މިލިއަން ރުފިޔާގެ އާމްދަނީ ލިބޭ އާއިލާތައް އެބަ ތިބި ކަމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގޭނެ އިޖުރާއަތުތައް ހިމަނައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނާޒިލް ވަނީ ސިޔާސީ މަގާމުތައް ސަރުކާރުން ބަހާތީ ނުހައްގު މުއްސަނދިކަން ލިބޭ އާއިލާތައް ތިބި ކަމަށް ވިދާޅުވެފަ އެވެ.
"އެންމެ ގެއެއްގައި އެއްބަޑު އެއްބަފާ ހަތަރު ފަސް ބޭފުޅަކަށް ސިޔާސީ ވަޒީފާ ދެއްވައި، އެ ބޭފުޅުންގެ ތިމާގެ އެތައް ބޭފުޅުންނަށް ވަޒީފާ ދީ، އެ އާއިލާއިން މަހެއް މައްޗަށް ދެ މިލިއަން ރުފިޔާއާ ކައިރި [އަދަދަކަށް] ފައިސާ އެބަވަދޭ. އެކަން ކުރާ ފަރާތަކީ ވަކި ބަޔަކަށް އެ ނުހައްގު މުއްސަނދިކަން ހޯދައިދޭން، މަންފާ ހޯދައިދޭ ބައެއް،" ނާޒިލް ވިދާޅުވި އެވެ.
މި ސަރުކާރު އައުމަށްފަހު ދައުލަތުގެ ބަޖެޓުން މުސާރައަށް ކުރާ ހޭދަ ވަރަށް ބޮޑުތަނުން ވަނީ އިތުރުވެފަ އެވެ. ހަމައެކަނި މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ މުސާރަ ބިލު ވެސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ސިޔާސީ ބާރުވެރިކަން ހޯދުމަށް އުފައްދަމުންދާ ވަޒީފާތަކެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، މަގާމުން ވަކިކުރި އަދި އިސްތިއުފާދެއްވި ސިޔާސީ މުވައްޒަފުންގެ އަދަދުގެ އިތުރުން އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ހަރަދުގެ ތަފްސީލް 14 ދުވަސް ތެރޭގައި ހާމަކުރަން މިދިޔަ ޖުލައި 5، ގައި އިންފޮމޭޝަން ކޮމިޝަނުން ރައީސް އޮފީހަށް އެންގި އެވެ.

ނަމަވެސް، މިއަދާ ހަމައަށް ވެސް އެ އަދަދު ހާމަކޮށްފައެއް ނުވެ އެވެ. މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިންނާއި އިންތިގާލީ މަރުހަލާގައި ވެސް ތަކުރާރުކޮށް ބުނަމުންދިޔައީ ސިޔާސީ މުވައްޒަފުންގެ އަދަދު ހަތްސަތޭކައަށް ވުރެ އިތުރު ނުކުރާނެ ކަމަށެވެ.












