ދެކުނު އެފްރިކާގެ ޖޯހަނަސްބާގްގެ އިރުމަތީ ސަރަހައްދެއްގައި އަންހެނަކު މަރާލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މިއީ އެ ސަރަހައްދުން ފެނުނު ނުވަ ހަށިގަނޑުގެ ތެރެއިން އެންމެ ފަހުން ފެނުނު އަންހެން މީހާގެ މަރުގެ މައްސަލަ އެވެ. މި ހާދިސާތަކާ އެކު އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ވަނީ ބޮޑަށް ހާމަވެފަ އެވެ.
މި ސިލްސިލާ މަރުތަކުގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާއިރު، ފިރިހެނަކާއި ދެ އަންހެނުން ހައްޔަރުކުރުމަކީ މި ތަހުގީގަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފަ އެވެ.

ފާއިތުވި ދުވަސްތަކުގައި ހިނގި ނުވަ މަރުގެ މައްސަލައަށް އިޝާރާތް ކުރައްވައި، އެ ގައުމުގެ އެކްޓިން ޕޮލިސް ޗީފް ލެފްޓިނަންޓް ޖެނެރަލް ޕުލެންގް ޑިމްޕާނޭ ވިދާޅުވީ، މި ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހުރިހާ މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއް ކަމެއް އަދި ކަށަވަރު ނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ހޯމަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޕޮލިސް ޗީފް ލެފްޓިނަންޓް ޖެނެރަލް ޓެބެލޯ މޮސިކިލީ ވިދާޅުވީ އެނަލިސްޓުންގެ ޓީމަކުން ބުރަކޮށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ފެނުނު މީހާގެ މަރަކީ ލޯބީގެ ގުޅުމެއްގެ ތެރެއިން އުފެދުނު މައްސަލައެއްގެ ސަބަބުން ހިނގާފައިވާ މަރެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވި އެވެ.
ދެކުނު އެފްރިކާއަކީ ދުނިޔޭގައި ޖިންސީ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް ހިންގާ އަނިޔާވެރި އަމަލުތައް އެންމެ ގިނަ އެއް ގައުމެވެ. އެ ގައުމުގައި މީހުން މެރުމުގެ ރޭޓު އިންތިހާއަށް މައްޗެވެ.









