ހޫތީންގެ ހަމަލާތަކުން ސައުދީ ދިފާއުކުރަން ތުރުކީ އޮތީ ތައްޔާރަށް

Sep 21, 2026, 6:30 AM
ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން. -- ފޮޓޯ: ރޮއިޓާސް

ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން. -- ފޮޓޯ: ރޮއިޓާސް

ޔަމަނުގެ ހޫތީން މެދުނުކެނޑި ދެމުންދާ ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއަށް އަސްކަރީ އެހީތެރިކަން ބޭނުންވެދާނެ ކަމަށާއި، ޕާކިސްތާނު ވެސް ހިމެނޭ ތިން ގައުމުގެ ދިފާއީ އެއްބަސްވުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ހޮނިހިރު ދުވަހު ވިދާޅުވެއްޖެ އެވެ.

އެންޓީވީ ބްރޯޑްކާސްޓަރަށް ދެއްވި އިންޓަވިއުއެއްގައި ފިދާން ވިދާޅުވީ، ސައުދީ އަރަބިއްޔާގެ އިސްތިގުލާލަށާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް ވަރަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުވަމުންދާ ތަން ފެންނަމުންދާ ކަމަށެވެ. އަދި ތިން ގައުމުގެ މެދުގައި އޮތް އިއްތިހާދުގެ އެއްބަސްވުމުގެ ދަށުން މިކަމުގައި ސައުދީއާއެކު ސާބިތުކަމާއެކު ތުރުކީ އޮތްކަން ފާހަގަކުރައްވައި، ހާއްސަކޮށް ފަންނީ ކަންކަމުގައި ސައުދީއަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ނަމުން ނަންދީފައިވާ މި ދިފާއީ އެއްބަސްވުމުގައި މިދިޔަ މަހު ތުރުކީ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގައިވާ ގޮތުން މީގެ ތެރެއިން ކޮންމެ ގައުމަކަށް ދޭ ހަމަލާއަކީ ތިން ގައުމަށް ދޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެ އެވެ.

ޔަމަނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތައް ކޮންޓްރޯލް ކުރާ ހޫތީން، މިދިޔަ ޖުލައި މަހު ރިޔާދްއާ ދެކޮޅަށް ކަނޑުގެ ބްލޮކޭޑެއް އިއުލާން ކުރި ފަހުން ދަނީ ސައުދީއަށް ހަމަލާތައް ދެމުންނެވެ. މިއީ މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު ފުޅާ ހަނގުރާމައިގެ އާ ބައެކެވެ.

ހޫތީންގެ ހަމަލާތައް ސައުދީގެ ސިޓީތަކަށާއި، ހަކަތަ އުފައްދާ ވަސީލަތްތަކުގެ އިތުރުން މުދާ އުފުލާ ބޯޓުފަހަރަށް އަމާޒުވެފައިވާއިރު، މީގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށާއި ރަތްކަނޑުގެ މަގުން ކުރާ ވިޔަފާރިއަށް ވަނީ ނުރައްކާވެފަ އެވެ. އަދި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ހޫތީންނާ ދެކޮޅަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސައުދީން އެދެމުންދިޔަ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމަށް އިންކާރު ކުރައްވާފަ އެވެ. ހޫތީންނާ ދެކޮޅަށް އެމެރިކާއިން ދެ މަސް ދުވަސް ވަންދެން ބޮން އެޅުމަށްފަހު، މިދިޔަ އަހަރު އެ ޖަމާއަތުން ވަނީ އެމެރިކާއާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ފިދާން ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ މި ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ގައުމަކަށް ނުވާއިރު، އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގެ ބައެއްގެ ގޮތުގައި ސައުދީ ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި ނަމަވެސް، އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ނޭޓޯގެ ދެވަނައަށް އެންމެ ބޮޑު އަސްކަރިއްޔާ އޮންނަ ތުރުކީން ބުނެފައިވަނީ، ނިއުކްލިއާ ބާރެއް ކަމަށްވާ ޕާކިސްތާނާއި ތެޔޮ އެކްސްޕޯޓް ކުރާ އެންމެ ބޮޑު ގައުމު ކަމަށްވާ ސައުދީއާއެކު ވެފައިވާ މި އެއްބަސްވުމަކީ އިތުރު ގައުމުތަކަށް ވެސް ހުޅުވާލެވިފައިވާ އެއްބަސްވުމެއް ކަމަށެވެ. އަދި މިއީ މިހާރު އޮތް އެއްވެސް އިއްތިހާދެއްގެ ބަދަލުގައި އެކުލަވާލި އެއްބަސްވުމެއް ނޫން ކަމަށް ވެސް ތުރުކީން ބުނެ އެވެ.

ޕާކިސްތާނުން ބުނެފައިވަނީ ހޫތީންގެ ހަމަލާތަކާ ގުޅިގެން މައްކާ އެއްބަސްވުމުގެ ދަށުން އަސްކަރީ ފިޔަވަޅެއް އެޅުމާ މެދު އިސްލާމްއާބާދުން އަދި މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް "ވަގުތު ޖެހުމުން" ޕާކިސްތާނުން ފިޔަވަޅު އަޅާނެ ކަމަށް އެ ގައުމުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox