ތިމްޕޫ ސިޓީ، ބޫޓާން (ސެޕްޓެމްބަރު 7) - ބޫޓާން ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާގެ ދެ ޕްރޮގްރާމެއްގައި ބައިވެރިވެ، 2028ގެ ނިޔަލަށް 77000 ސްކޫލް ކުދިންނަށް ފުޓްބޯޅަ ދަސްކޮށްދިނުމުގެ މަަސައްކަތުގައި ކުރިއެރުންތަކެއް ހޯދައިފި އެވެ.
ފީފާ ފޯވާޑް ޕްރޮޖެކްޓްގެ ތެރެއިން ބޫޓާނަށް ލިބުނު 1.2 މިލިއަން ޑޮލަރުގެ އިތުރުން، ބޫޓާން ސަރުކާރުން ހޯދި ފައިސާއާ އެކު، ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން އިސްކަން ދިނީ ފުޓްބޯޅަ ދަނޑުތައް އެޅުމަށާއި އެކަޑަމީތަކަށް ފުޓްބޯޅައިގެ ޕްލޭނެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށެވެ.
އެ ގޮތުން، އަންހެން ކުދިންނަށާއި ފިރިހެން ކުދިންނަށް ގިނަ މުބާރާތްތަކެއް ބޭއްވޭނެ ގޮތަށް ދަނޑުތައް ގާއިމްކުރުމަށް ފަަހު، 10 ޓީީމު ހިމެނޭ ވިމެންސް ނެޝަނަލް ލީގެއް ވެސް ފެށި އެވެ.
އެއަށް ފަހު، 2023 ވަނަ އަހަރު ބޫޓާނުން ވަނީ ފީފާގެ ޓެލަންޓް ޑިވެލޮޕްމަންޓް ސްކީމް އާއި ފީފާ ފުޓްބޯލް ފޯ ސްކޫލްސް ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ. އަދި، މިދިޔަ އަހަރު، ފީފާ ފައުންޑޭޝަން ޑިޖިޓަލް އެޑިއުކޭޝަން ޕްރޮގްރާމް ވެސް ބޫޓާނުގައި ފެށިގެންދިޔައިރު، ގާތްގަނޑަކަށް 400 އެއްހާ ޕްރައިމަރީ ސްކޫލްތަކުގައި ފުޓްބޯޅަ އުނގަނައިދޭނެ އެވެ. މީގެ ދުރު ރާސްތާ ޕްލޭނަކީ، 2028 ގެ ނިޔަލަށް 77،000 ކުދިން ފުޓްބޯޅަ އުނގެނިގެން ޑިވެލޮޕްވުން ކަމަށް ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.
ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއްގެ ތެރެއިން، ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން ކުރަމުން އަންނަ މަސައްކަތުގައި ބޫޓާނުގެ ފުޓްބޯޅަ އަށް ފާއިތުވި ފަސް ވަރަކަށް އަހަރު ތެރޭ ވަނީ ބޮޑެތި ކުރިއެރުންތަކެއް އަތުވެފަ އެވެ.
ބޫޓާންގެ އޮލިމްޕިކް ކޮމިޓީއާ ގުޅިގެން، ބޫޓާންގެ ފުޓްބޯޅަ ފެޑެރޭޝަން ފެށިގެން އައީ 1983 ވަނަ އަހަރު އެވެ. އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ)ގެ މެމްބަރުކަން 1993 ވަނަ އަހަރު ހޯދުމަށް ފަހު، ބޫޓާން ފުޓްބޯޅަ ފެޑެރޭޝަނުން ދެން އަމާޒުހިފީ ފީފާގެ މެމްބަރުކަން ހޯދުމަށެވެ. އެ ގޮތުން، 2000 ވަނަ އަހަރު ބޫޓާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާގެ ފުލް މެމްބަރުކަން ހޯދައި، ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އާ ގުޅުނެވެ.











