ފުރަތަމަ މެޗުގައި ރާއްޖޭން ބޫޓާންގެ މައްޗަށް ކުރިހޯދައިފި

Jun 22, 2023, 3:58 PM
ފުރަތަމަ މެޗުގައި ރާއްޖޭން ބޫޓާންގެ މައްޗަށް ކުރިހޯދައިފި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބޫޓާން އަތުން 2-0 އިން މޮޅުވެއްޖެ އެވެ.

ރާއްޖޭން މެޗުގެ ކުރީކޮޅުގައި ލީޑުނެގި ނަމަވެސް ބޮޑުބައި ކުޅެން ޖެހުނީ ޕްރެޝަރުގަ އެވެ. ބޫޓާނުން ރަނގަޅު ކުުޅުމެއް ދެއްކިއިރު، ރާއްޖެ އަށް ހަމަނޭވައެއް ލެވުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ދެ ވަނަ ގޯލު ޖެހުމުންނެވެ.

ބެންގަލޫރުގެ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި ރާއްޖޭން ވަނީ ލީޑުނަގައިފަ އެވެ. މިއީ ޕެނަލްޓީ އަކުން ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލެކެވެ. މިއީ، ހަމްޕު ހާފުގެ މެދެއްހާ ހިސާބުން ބޯޅަ ހިފައިގެން ބޫޓާންގެ އޭރިއާތެރެއަށް ވަނުމުން އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެެކެވެ.

މެޗުގެ 16 ވަނަ މިނިޓްގައި ރާއްޖޭގެ އެންމެ ކުރިއަށް ކުޅެމުންދިޔަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) ރަނގަޅު ހަމަލާއެއް ފޮނުވާލި އެވެ. ބޫޓާން ޑިފެންސް ފަހަތަށް އައި ބޯޅައަކަށް އަރައި، އޭރިއާތެރެއިން އިއްބެ އަށް ލިބުމުން އެއް ފަަހަރުން ފޮނުވާލިއިރު، ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މެޗުގެ ފުރަތަމަ 20 މިނިޓް ފަހުން، ފުރަތަމަ ހާފުގެ ކޮންޓްރޯލް ނަގައިގެން ކުޅުނީ ބޫޓާނުންނެވެ. އެ ޓީމުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، މެޗުގެ 24 ވަަނަ މިނިޓްގައި ބޫޓާންގެ ކެޕްޓަން، ކަރްމާ ޝެޑްރަޕް ޝެރިން އޭރިއާބޭރުން ޖެހި ޝޮޓެއް ރާއްޖޭގެ ގޯލުގައި ހުރި ކީޕަރު ހުސެއިން ޝަރީފް (ހުސެން) މަތަކުރިއިރު، އެ ބޯޅައިގެ ރީބައުންސަށް އަރައި، ބޫޓާނުގެ ޝެލްތުރިމް ނަންގްޔެލް ޖެހި ބޯޅަ ވެސް ކީޕަރު ހުސެން ހުއްޓުވީ އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނިޓްގައި ވެސް ބޫޓާނުން ފުލުފުލުގައި ޖެހި ދެ ބޯޅައެއް ކީޕަރު ހުސެން މަތަކުރި އެވެ.

ރާއްޖޭގެ އެއް ވަނަ ކީޕަރު، މުހައްމަދު ފައިސަލް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތަމްރީން ހަދަމުން އަންނަނިކޮށް ކަކުލަށް ލިބުނު އަނިޔާއަކާ ހެދި މުބާރާތުގައި ނުކުޅެ އެވެ. ރާއްޖޭގެ ގޯލު ބެލެހެއްޓި ހުސެން ވަނީ އެންމެ ފަހުން ރާއްޖޭން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅެފަ އެވެ.

ރާއްޖޭން ފުރަތަމަ ހާފުގެ ފަހު ކޮޅު ވަރަށް އުނދަގޫ ހާލަތަކަށް ވެއްޓި، ޕްރެޝަރުގައި ކުޅެން ޖެހުނުއިރު، މެޗުގެ 35 ވަނަ މިނިޓްގައި ބޫޓާނުގެ ނަންގްޔެލް ގޯލެއް ޖެހި އެވެ. އެކަމަކު އޭނާ ޖެހި ބޯޅައެއް ގޯލަށް ވަން ނަމަވެސް ރެފްރީ ނިންމީ އޮފްސަައިޑް ކަމަށެެވެ. އެއީ، އޮފްސައިޑްގައި ހުރި ބޫޓާންގެ ޑޯޖީ، ރާއްޖޭގެ ކީޕަރު ހުސެން އަށް ހުރަސް އެޅި ކަމަށް ބަލަ އެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ރާއްޖޭގެ ކީޕަރު ހުސެން ބޯޅަ ފޮނުވާލުން ލަސްކުރުމުން ލިބުނު ނުސީދާ ހިލޭ ޖެހުމެއްގައި ބޫޓާނުން ފޮނުވާލި ހަމަލާތައް ރާއްޖޭގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މެޗުގެ 58 ވަަނަ މިނިޓްގައި ރާއްޖޭން ވަނީ ދެ ބަދަލެއް ގެނެސްފަ އެވެ. އިއްބެ އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ބަދަލުގައި ރާއްޖޭން ވަނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރުވައިފަ އެވެ. ކުޅެން އެރިތާ މާގިނައިރެއްނުވެ، ސެންޓޭ އަށް ބޫޓާން ޑިފެންސް ފަހަތުން ލިބުނު ފުރުސަތަކުން އޭރިއާތެރެއިން ޖެހި ބޯޅަ އަމާޒުވީ ބޫޓާންގެ ކީޕަރު ޝެރިން ޑެންޑަޕް އަތަށެވެ.

މެޗުގެ 60 ވަނަ މިނިޓްގައި ހަމްޕު ބޯޅަ ހިފައިގެން އޭރިއާތެެރެއަށް ވަދެ، ދިން ބޯޅަ ޖައްސާލެވުނީ ހަންނަ އަށް ލިބޭ ވަރަށް ވުރެ ބާރަށެވެ.

ބޫޓާނުން ވަނީ މެޗުގެ ފަހު ވިއްސަކަށް މިނިޓަށް އެ ޓީމުގެ ތަރި، ޗެންޗޯ ގެޔެސްޓެން ކުޅެން ނެރެފަ އެވެ. އޭގެ ފަހުން، ބޫޓާނުން ވަނީ ދެ އެޓޭކެއްކޮށް ރާއްޖެ އަށް ނުރައްކާކޮށްފަ އެވެ.

ބަދަލަކަށް ކުޅެން އަރައި މި މެޗުގައި ތަފާތު ދެއްކި، ރާއްޖޭގެ ހަަސަން ނާއިޒު (ދާދު) ތަނަވަސްކުރި ފުރުސަތެއްގައި މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާތެރެއިން ސެންޓޭ ޖައްސާލުމުން، ހަންނަ މަސައްކަތް ކުރީ ބެކްހީލަކުން ގޯލަށް ބޯޅަ ފޮނުވާލުމަށެވެ. ހަންނަ ފޮނުވާލި ވަގުތު ބޫޓާންގެ ކީޕަރު ޑެންޑަޕް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

އޭގެ ހަތަރު މިނިޓް ފަހުން، ދާދު އަނެއްކާ ވެސް އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ހުސްކޮށް ހުރި ސެންޓޭ އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފޮނުވާލިއިރު، ބޫޓާން ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ. މެޗުގެ 85 ވަނަ މިނިޓްގައި ބޫޓާން އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ދާދު ޖެހި ބޯޅަ ކީޕަރު ޑެންޑަޕް ވަނީ މަތަކޮށްފަ އެވެ. އެ ބޯޅަ ރީބައުންސްވެގެން އައި ވަގުތު ހަންނަ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އޭގެ ދެ މިނިޓް ފަހުން، ބޫޓާންގެ ނަމްގްޔެލް އޭރިއާބޭރުން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ކުރިން އައި އެޓޭކެއްގައި ރަނގަޅު ވަގުތު ބޯޅަ އަށް ނުކުމެ، ކީޕަރު ހުސެން ވަނީ ބޯޅަ ސަލާމަތްކޮށްފަ އެެވެ.

ބޫޓާުނުގެ ނުރައްކާތެރި އެޓޭކްކަތަކަށް ފަހު، ރާއްޖޭން ވަނީ މެޗުގެ 89 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަހައިފަ އެވެ. އައިސަމް ދިން ބޯޅައަކަށް ހުސްކޮށް އަރައި، ކީޕަރު ޑެންޑަޕް ކައިރިން ނައްޓާފައި ދާދު ވަނީ ގޯލުގެ ދުރު ކަަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ އިތުރު ވަގުުުތުގައި ރާއްޖޭގެ ހަންނަ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ވަނީ ރަތް ކާޑެއް ދައްކައިފަ އެެވެ. ރާއްޖޭން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ.

ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ލެބަނަން އިން ވަނީ 2-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މި ގްރޫޕްގައި ދެން ކުޅޭ މެޗުތައް އޮންނާނީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު ރާއްޖޭން ބަންގްލަދޭޝާ ކުޅޭއިރު، ލެބަނަން ކުޅޭނީ ބޫޓާނާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާ ކޯޗާ އެކު އޮޑިން ގައްދޫ ބަލިކޮށް ވަރުގަދަކޮށް ފަށައިފި

އާ ކޯޗު ލޫޝިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ގައްދޫ އަތުން 4-0 އިން މޮޅުވެ، އޮޑި ސްޕޯޓްސް ކްލަބް ލީގު ތާވަލުގެ އެއް ވަނަ އަށް ޖެހިލައިފި. މި މެޗުގެ ފުރަތަމަ ހާފުގައި އޮޑިން ތިން ލަނޑު ޖަހާފައިވާއިރު، މިއީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެން އެ ޓީމުން ހޯދި މުހިންމު ކާމިޔާބީއެއް.

ބިސް ބުރުން ފަހު ވަގުތު ބުރު ބަލިކޮށް ފޯމުގައި ކުރިއަށް

ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު، އެއް ކުޅުންތެރިއަކު މަދުކޮށް ނިންމާލަން ޖެހުނު ނަމަވެސް، ބިސް ބުރުން ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްފި. މިއީ، ލީގުގައި ބިސް ބުރުން ޖެހިޖެހިގެން ހޯދި ދެވަނަ މޮޅު ކަމަށްވާއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަލިއޫ އޮވޮލާބީ އާއި މަޖުދާން ސޯލިހު

ވައުދުވި ގޮތާ ހިލާފަށް ޔުއެފާގެ ރައީސް އިތުރު ދައުރަކަށް

ޔުއެފާގެ ރައީސް ކަމުގައި 3 ދައުރަށް ވުރެ އިތުރަށް ނުހުރެވޭ ގޮތަށް ގަވާއިދު އޮތް ނަމަވެސް، އަލެކްސަންޑަ ކެފެރިން ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވަން ވަނީ ނިންމަވާފައި މީގެ ކުރިން އިތުރު ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، އޭނާ މިހާރު ވަނީ 2027 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވާނެކަން މެންބަރު ގައުމުތަކަށް އަންގަވާފައި

ޝަކާ، ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައިގައި އަދަބުދީފި

ސްވިޒަލެންޑްގެ ކެޕްޓަން ގްރޭނިޓް ޝަކާ ކޮވިޑް ވެކްސިންގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައިގައި، އޭނާ 150,000 ޑޮލަރުން ޖޫރިމަނާކޮށް ކޮމިއުނިޓީ ސާވިސް ފުރިހަމަކުރުމަށް ޕްރޮސެކިއުޓަރުން ވަނީ އަދަބުދީފައި. ޝަކާ މި ކުށަށް އިއުތިރާފުވެ އަދަބު ގަބޫލުކޮށްފައިވާއިރު، މި މައްސަލައާ ގުޅިގެން އޭނާ މިވަގުތު ހުރީ ގައުމީ ޓީމާ ދުރުގައި

ބިސް ބުރުން ވިސްނަން ޖެހޭ ކަންކަން ގިނަ: ނާދު

މާލެ ރީޖަން ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ބިސް ބުރު ސްޕޯޓްސް ކްލަބުން އެ ލެވެލްގައި ވާދަކުރާއިރު، ތަޖުރިބާކާރު ޓީމުތަކާ ކުޅެވޭ ފަދަ "ނަމެއް" ހޯދަން ޖެހޭ ކަމަށް ކޯޗު ނާދު ބުނެފި. ލީގުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗު ކާމިޔާބުކޮށްފައިވާ ބިސް ބުރު ޓީމަކީ ލީގުގެ މެދުފަންތީގައި ވާދަކުރާނެ ޓީމެއް

ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އައިހަމް އަށް

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި އެފްއޭއެމް އެވޯޑްސްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާގެ އަހުމަދު އައިހަމް (ފަތޯ) ހޯދައިފި. އައިހަމް މި ޝަރަފުވެރި މަގާމު ހޯދާފައިވަނީ ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދެއްކި މޮޅު ކުޅުމާ އެކުގައި. އައިހަމްއާ މި އެވޯޑަށް ވާދަކުރީ، ސެންޓޭ އާއި ހަމްޕު

އެފްއޭއެމް އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް އިންމި އަށް

އެފްއޭއެމް އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ކާމިޔާބުކޮށްފި. މި އެވޯޑަށް އިންމިއާ އެކު ގައުމީ ޓީމުގެ އިތުރު ހަތަރު ކުޅުންތެރިއަކު ވާދަކުރި

Newsletter

Get the latest news delivered straight to your inbox