ގިނަ ދުވަސްތަކަކަށް ފަހު އެމެރިކާ އާއި އީރާނުން އަނެއްކާވެސް ހަމަލާ ބަދަލުކޮށްފި

Aug 31, 2026, 1:05 PM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

ހޮރްމޫޒް ކަނޑުއޮޅީގައި އޮންނަ ލާރަކް އައިލެންޑްގައި ހުރި އީރާނުގެ ދެ ރޮކެޓް ލޯންޗަރަކަށް އެމެރިކާގެ ސިފައިން ހަމަލާދިނުމާ ގުޅިގެން، އީރާނާއި އެމެރިކާއިން އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުގެ ފަހުކޮޅަށް ފަހު އެމެރިކާއިން އީރާނަށް ދިން ފުރަތަމަ ހަމަލާތަކުގައި ދެ މީހަކު މަރުވެ، އިތުރު ދެ މީހަކު ވަނީ ޒަހަމްވެފަ އެވެ. އަދި މި ހަމަލާގެ ބަދަލުހިފައި، އެމެރިކާއަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް އައިއާރްޖީސީން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ، ހޮރްމޫޒް ކަނޑުއޮޅީގައި މައިން ވަޅުލާ ފައުޖުތަކާ ދެކޮޅަށް "އަމާޒަށް ވާސިލްވާ ފަދަ މަދު ހަމަލާތަކެއް" ދީފައިވާނެ ކަމަށެވެ.

އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ވަނީ ބުނެފަ އެވެ. އުރުދުންގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ ގައުމަށް އަމާޒުވި އަށް މިސައިލެއް ވަނީ ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ.

މީގެ އިތުރުން، އީރާނުގެ އަސްކަރިއްޔާއިން ޔޫއޭއީގައި ހުންނަ އެއާ ބޭހަކަށް ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ނަމަވެސް، ޔޫއޭއީގެ އަލް މިންހާދު އެއާ ބޭހަށް ހަމަލާދިން ކަމަށް ބުނާ ރިޕޯޓްތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ގައުމުގެ މިނިސްޓްރީ އޮފް ޑިފެންސް އިން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް، އެ ގައުމުގެ ސިފައިން ޑްރޯނެއް ވައްޓާލާފައިވާ ކަމަށް ޔޫއޭއީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ހަމަލާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޖުލައި މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެއްޓެވި އަސްކަރީ ކެމްޕޭން މެދުކަނޑާލެއްވި ފަހުން، އެމެރިކާއިން އީރާނަށް ދިން ކަމަށް އެނގިފައިވާ ފުރަތަމަ ހަމަލާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox