ހުޅަނގު އައްސޭރީގައި އަނެއްކާވެސް ފަލަސްތީނު އާއިލާއަކަށް ހަމަލާދީފި

Aug 30, 2026, 8:30 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުސްރާ އަވަށުގެ ވަށައިގެންވާ ގެތަކަށް، މޫނު ނިވާކޮށްގެން ތިބި ޔަހޫދީން ހޮނިހިރު ދުވަހު ހަމަލާދީފި އެވެ.

މިއީ މި މަހުގެ ކުރީކޮޅު އެ ސަރަހައްދަށް ވެރިވެގެން އުޅޭ ޔަހޫދީން ހިންގި މިފަދަ އަމަލުތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އަމާޒުވި ފަހުން ދިން ދެ ވަނަ ހަމަލާ އެވެ.

ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން މަންޒަރު ދުށް މީހުން ބުނި ގޮތުގައި، ޔަހޫދީން ވަނީ ފަލަސްތީނު އާއިލާއެއްގެ ގެއެއް ވަށާލައި، އެ ގޭގެ ތެރޭގައި ހަތް މީހަކު ތާށިވެފައި ތިއްބާ އެ ގެއަށް އަމާޒުކޮށް ގާ އުކާފަ އެވެ.

އެ ގޭގެ ތެރޭގައި ތާށިވި މީހުންގެ ތެރޭގައި ހިމެނޭ ސައްދާމް އޫދޭ ބުނި ގޮތުގައި، އިސްރާއީލު ސިފައިން ވަނީ އެ ގެއަށް ކަރުނަގޭސް ޖަހައި، ގޭގެ ތެރޭގައި ތިބި މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ ފަހުން ދޫކޮށްލި ކަމަށް އޭނާ ބުންޏެވެ.

ސައްދާމް އިތުރަށް ބުނި ގޮތުގައި، ޔަހޫދީންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި އެމީހުން އެ ތަނުން ދިއުމުގެ ފުރުސަތު ސިފައިން ވަނީ ދީފަ އެވެ.

އެ ގޭގެ ވެރިމީހާ ކަމަށްވާ ލުއައްޔު ބައިރޫދީ ބުނި ގޮތުގައި، އިސްރާއީލު ސިފައިން އެ ތަނަށް އައުމަށްފަހު ގޭގެ ތެރޭގައި ތިބި މީހުންގެ އަތުގައި ބިޑިއަޅުވައި، ލޯމަތީގައި ފޮތިގަނޑު އައްސައި، އެމީހުންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވެ އެވެ. އެމީހުން ދޫކޮށްލީ އޭގެ ފަހުންނެވެ.

އިސްރާއީލު ސިފައިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިފައިންނާއި ބޯޑަރު ފުލުހުން އެ ސަރަހައްދަށް ދިޔައީ "ހަމަނުޖެހުން ހިންގާ މީހުން" އެ ތަނުން ދުރުކުރުމަށާއި، ގޭގެ ތެރޭގައި ތިބި މީހުން ހިމާޔަތްކުރުމަށް ކަމަށެވެ.

ނަމަވެސް، އިސްރާއީލު ސިފައިން އެ ގެއަށް ކަރުނަގޭސް ޖަހައި، ގޭގެ ތެރޭގައި ތިބި މީހުން ހައްޔަރުކޮށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި ސުވާލުކުރުމުން، ސިފައިންގެ ފަރާތުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox