އިމްރާން ހާނަށް ފަރުވާ ދިނުމަށް ގޮވާލައި ކްރިކެޓް ލެޖެންޑުންގެ ސިޓީއެއް

Aug 24, 2026, 2:22 PM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ޖަލުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާނަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ކުރީގެ ކްރިކެޓް ކެޕްޓަނުންތަކެއް ޕާކިސްތާނު ސަރުކާރަށް ގޮވާލައިފި އެވެ. 

މި ބޭފުޅުންގެ ތެރޭގައި އިންޑިއާގެ ބެޓިން ލެޖެންޑް ސުނިލް ގަވާސްކަރާއި، އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް އެންމެ ގިނަ ދުވަހު ކެޕްޓަންކަން ކޮށްދެއްވި އެއް ކުޅުންތެރިޔާ ކަމަށްވާ ސާ އެލަސްޓެއާ ކުކް ހިމެނެ އެވެ.

ކްރިކެޓް ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގަތުމަށް ފަހު ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި އިމްރާން ހާން، ކޮރަޕްޝަންގެ ތުހުމަތުތަކުގައި ޖަލަށްލާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވަމުންނެވެ.

ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށް ފޮނުއްވި ސިޓީއެއްގައި، ކުރީގެ 21 ކެޕްޓަނުން ވަނީ އުމުރުފުޅުން 73 އަހަރުގެ އިމްރާން ހާންގެ ސިއްހީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފުތާގައި ސަރުކާރުން ކަނޑައެޅި ޑޮކްޓަރުންގެ ޓީމަކުން އިމްރާން ހާން ބެއްލެވުމަށް ހޮސްޕިޓަލުގައި ހޭދަކުރަން ދީފައިވަނީ "މަދު ގަޑިއިރުކޮޅެއް" ކަމަށެވެ.

އިމްރާން ހާންގެ އަމިއްލަ ޑޮކްޓަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް އެ ގައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، ސަރުކާރުން އެކަމަށް ހުރަސްއަޅަމުންދާތީ އެމަނިކުފާނުގެ ޕާޓީން ވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސަރުކާރާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފަ އެވެ.

ކުރީގެ ކްރިކެޓް ކެޕްޓަނުން ފޮނުއްވި ސިޓީގައި މައިގަނޑު ތިން ކަމަކަށް ވަނީ އެދިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން އެކުލަވާލާ މެޑިކަލް ބޯޑަކުން އިމްރާން ހާންގެ ސިއްހީ ހާލަތު ބެލުމެވެ. އަދި އެ ބޯޑުގައި އެމަނިކުފާނުގެ އަމިއްލަ ޑޮކްޓަރުން ހިމެނުމަށާއި، ހާއްސަކޮށް އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުން ދަށްވަމުންދާ ކަމަށް ބުނާ މައްސަލަ ބެލުމަށް ވަނީ އެދިފަ އެވެ.

މީގެ އިތުރުން، ކޯޓުން އަމުރުކޮށްފައިވާ ފަދައިން، އެއްވެސް ހުރަހެއް ނުވަތަ އިދާރީ ލަސްކަމެއް ނެތި ކޮންމެ ހަފުތާއަކު އެއްފަހަރު އިމްރާން ހާންގެ އާއިލާއަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ވެސް އެ ބޭފުޅުން ވަނީ ގޮވާލައްވާފަ އެވެ.

އަދި އެންމެ ފަހު ކަމެއްގެ ގޮތުގައި އެދިފައިވަނީ، މެޑިކަލް ބޯޑުން ލަފާދޭ އެއްވެސް ފަރުވާއެއް ލަސްކުރުމެއް ނެތި ފޯރުކޮށްދިނުމަށެވެ.

އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަން ގްރެގް ޗެޕަލް އިސްވެ ހުންނަވައި ފޮނުއްވި އެ ސިޓީގައި ބުނެފައިވަނީ، އިމްރާން ހާންގެ އުމުރުފުޅަކީ 73 އަހަރު ކަމަށާއި، އެމަނިކުފާނު ބަންދުގައި ހުންނަވާތާ މިހާރު ތިން އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ.

"އެމަނިކުފާނުގެ މައްސަލައިގައި ހުރި ގާނޫނީ އަދި ސިޔާސީ ބަހުސްތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، ކޯޓުން އަމުރުކޮށްފައިވާ ސިއްހީ ފަރުވާގެ ކަންކަން ފުރިހަމަކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުން ބަލާއިރު ބަހުސް ކުރަންޖެހޭ ފަދަ ކަމެއް ނޫން،" އެ ސިޓީގައި ބުނެފައިވެ އެވެ.

މި ސިޓީގައި ސޮއިކުރެއްވި އެހެން ބޭފުޅުންގެ ތެރޭގައި އިނގިރޭސިވިލާތުގެ މައިކަލް އެތަޓަން، މައިކަލް ބްރިއާލީ، ނާސިރު ހުސައިން، އެންޑްރޫ ސްޓްރައުސް އަދި ޑޭވިޑް ގޯވާ ހިމެނެ އެވެ. މީގެ އިތުރުން އިންޑިއާގެ ކަޕިލް ދޭވް އާއި ދިލިޕް ވެންގްސަކަރްގެ އިތުރުން އޮސްޓްރޭލިއާގެ ބެލިންޑާ ކްލާކް، އެޑަމް ގިލްކްރިސްޓް، ސްޓީވް ވޯ އަދި ކިމް ހިއުސް ވެސް ހިމެނެ އެވެ.

މި ސިޓީގައި ސޮއިކުރެއްވި ކެޕްޓަނުންގެ ތެރެއިން 14 ބޭފުޅަކީ، މި އަހަރުގެ ފެބްރުއަރީ މަހު އިމްރާން ހާނަށް "އިންސާނީ ގޮތުންނާއި އެކަށީގެންވާ ސިއްހީ ފަރުވާ" ދިނުމަށް ގޮވާލައި ހުށަހެޅި އިލްތިމާސްގައި ވެސް ބައިވެރިވި ބޭފުޅުންނެވެ.

އެ ދުވަސްވަރު އިމްރާން ހާންގެ ވަކީލު ވިދާޅުވެފައިވަނީ، ޖަލުގެ އިދާރާތަކުން ފަރުވާ ދިނުމުގައި އިހުމާލުވުމުގެ ސަބަބުން، އެމަނިކުފާނުގެ ކަނާތު ލޮލުގެ ފެނުމުގެ ތެރެއިން ބާކީ ހުރީ އެންމެ 15 އިންސައްތަ ކަމަށެވެ.

ޕާކިސްތާނުގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަންކަން ކުރެއްވި އިމްރާން ހާން، އެ ގައުމުގެ ބޮޑުވަޒީރުކަން ކުރެއްވީ 2018 އިން 2022 އަށެވެ.

އޮގަސްޓް 2023 ގައި އެމަނިކުފާނު ޖަލަށްލެވުނީ، ދައުލަތުގެ ސިއްރުތައް ހާމަކުރުމާއި ދައުލަތަށް ލިބުނު ހަދިޔާތައް ވިއްކާލުން ފަދަ 100 އަށްވުރެ ގިނަ މައްސަލައިގެ ތުހުމަތުގަ އެވެ. ނަމަވެސް އިމްރާން ހާން އާއި އެމަނިކުފާނުގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ބުނަމުންދަނީ އެއީ ސިޔާސީ މަގްސަދެއްގައި ކުރާ ތުހުމަތުތަކެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox