ސިޔާސީ އުއްމީދުން އުފެދުނު ޒާތީ ދެކޮޅުވެރިކަން ނައްތާލި ސިޓީތަކުގެ ސިލްސިލާ

ސުލްހަވެރިކަމާއި އެކުވެރިކަމުގެ ތާރީހީ ސިޓީތައް

ސުލްހަވެރިކަމާއި އެކުވެރިކަމުގެ ތާރީހީ ސިޓީތައް

ގައުމެއްގެ ގޮތުގައި އެމެރިކާގެ ތާރީހު ނިކަން ރަނގަޅަށް ލިޔެވި ރައްކާކުރެވިފައި އެބައޮތެވެ. އޭގެ އެންމެ އައްވަލު ސަބަބަކީ އެ ގައުމުގެ ހަގުކަމެވެ. ގައުމެއްގެ ގޮތުގައި އެމެރިކާގެ ތާރީހު ކިޔަން ފެށުނުއިރު އެ ހާދިސާތަކުގެ ތާރީހު ލިޔެ ރައްކާކުރެވޭނޭ މިންވަރަށް ދުނިޔެ އޮތީ ތަރައްގީ ވެފަ އެވެ. މިހާރު މުޅި ދުނިޔޭގައި ވަކި ހިއްޕާލައިގެން އެއުޅޭ، އެންމެ ބާރުގަދަ ގައުމުގެ އުމުރަކީ އެންމެ 250 އަހަރެވެ. މި 250 އަހަރު ދުވަހުގެ ތެރޭގައި އެއީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމަށްވީ، އެތައް ގައުމެއްގެ ތާރީހާއި ތަޖުރިބާގެ މައްޗަށް، އެ ގައުމުގެ މިނިވަންކަމުގެ ބާނީން ލިޔުނު ހަރުދަނާ އުސޫލުތަކާއި، އެ އުސޫލުތައް ތަންފީޒުކުރުމަށް ގެންގުޅުނު ސިޔާސަތުގެ ސަބަބުންނެވެ. އެމެރިކާގެ 'މިނިވަންކަމުގެ ބަޔާން' ލިޔުނު އާރުކާޓީން އެ ބަޔާން ލިޔުނީ ލައްކަ ތަޖުރިބާއެއްގެ އަލީގަ އެވެ. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ގައުމު ބިނާކުރުމަށް ގަސްތުކޮށްގެން އެޅި ފުރަތަމަ ފިޔަވަޅެވެ.

އެމެރިކާގެ މިނިވަންކަމަށް ދަތުރުކުރި އަހަރުތަކާއި، އެކަމުގައި ޝާމިލުވި އިސް މޭސްތިރިންގެ ތާރީހަކީ ޝައުގުވެރި ވާހަކަތަކެކެވެ. އެމެރިކާގެ މިނިވަންކަމުގެ ބަޔާނުގައި ސޮއިކުރި 56 މީހުންނަކީ އެގައުމުގެ ބައްޕައިންނެވެ. އެހެންނަމަވެސް، މިހާރު ފައުންޑިންގ ފާދަރސްގެ ގޮތުގައި ބަލަނީ ތާރީހު އިލްމުވެރިޔާ ރިޗަރޑް ބީ. މޮރިސް، އޭނާގެ 'ސެވެން ހޫ ޝޭޕްޑް އަވަ ޑެސްޓިނީ' ގައި ހޮވާލި ހަތް ޝަހުސިއްޔަތެވެ. މި ލިޔުމުގައި ބަލާލަން މިއުޅެނީ އޭގެ ތެރެއިން ޖޯން އެޑަމްސް އާއި ތޯމަސް ޖެފަރސަންގެ މެދުގައި ބަދަލުކުރެވުނު އާދަޔާ ހިލާފު ސިޓީތަކަށެވެ.

ތާރީހުގައި ޖޯން އެޑަމްސް އާއި ތޯމަސް ޖެފަރސަން ފާހަގަކުރެވެނީ އެމެރިކާގެ މިނިވަންކަމުގެ ބާނީންގެ ގޮތުގަ އެވެ. އެޑަމްސްއަކީ އިނގިރޭސިވިލާތުގެ އިސްތިއުމާރުން އެމެރިކާގެ 13 ކޮލޮނީ މިނިވަންވާންޖެހޭނެކަމަށް ވަކާލާތުކުރެއްވި ހިތްވަރުގަދަ ޝަހުސިއްޔަތެކެވެ. ޖެފަރސަންއަކީ އެމެރިކާގެ މިނިވަންކަމުގެ ބަޔާން ނުވަތަ "ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސް" ލިޔުއްވި އަދީބެވެ.

ރައްޔިތުންގެ މަދަނީ ހައްގުތައް ހޯދައިދިނުމާއި، އެ ބޭނުމަށްޓަކައި ގައުމެއް ބިނާކުރުމުގެ މުހިންމު މަސައްކަތުގައި މި ދެބޭފުޅުން ގުޅިގެން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެބޭފުޅުންގެ ވާހަކަ މުހިންމުވަނީ ހަމައެކަނި އެ ދެބޭފުޅުން އެއްބަސްވި ކަންކަމުގެ ސަބަބަކުން ނޫނެވެ. އޭގެ ބަދަލުގައި، އެބޭފުޅުންގެ މެދުގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކުގެ ވެސް ސަބަބުންނެވެ.

ސިޔާސީ ގޮތުން ނުހަނު ބޮޑު ވާދަވެރިކަމެއް އުފެދި، 10 އަހަރަށްވުރެ ގިނަ ދުވަސްވަންދެން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ  ބަހެއް ވިދާޅުނުވެ ތިއްބެވުމަށްފަހު، އެންމެ ފަހުން އެ ދެބޭފުޅުންގެ ގުޅުން އަލުން ބަދަހިވީ ސިޓީބިޓީގެ ޒަރީއާއިންނެވެ. މައްސަލަ ޖެހިފައި އޮތް މުއްދަތުގެ ތެރޭގައި އެ ގުޅުން ރަނގަޅު ކަމަށް ދައްކަވަން އެއްވެސް ބޭފުޅަކު މަސައްކަތެއް ނުކުރައްވަ އެވެ. ދޭތެރެއަކުން އެކުގައި ފޮޓޯއެއް ނަންގަވައިގެން، ނުވަތަ އެއްތަށްޓަކުން ފަރިއްކުޅުވާ މަންޒަރު އާންމުކޮށް ދައްކަވައިގެން އާންމުންނަށް ހަގީގަތް އޮޅުވާލާކަށެއް ވެސް ނޫޅުއްވަ އެވެ.

ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ދާއިމީ ހަތުރުވެރިކަމަށް މަގުފަހިވަމުންދާ މި ޒަމާނުގައި، މި ދެބޭފުޅުންގެ މެދުގައި ބަދަލުކުރެވުނު ސިޓީތަކަކީ ސިޔާސީ ދާއިރާގައި ހިޔާލުތަފާތުވުންތަކާއެކު ކުރިއަށްދާނެ ގޮތުގެ ނުހަނު އަގުހުރި ފިލާވަޅެކެވެ.

ދެބޭފުޅުން އެކުގައި ކުރެވުނު މުހިންމު މަސައްކަތްތައް

ޖޯން އެޑަމްސް އާއި ތޯމަސް ޖެފަރސަން ފުރަތަމަ ބައްދަލުވީ 1775 ވަނަ އަހަރު ފިލަޑެލްފިއާގައި ބޭއްވުނު ކޮންޓިނެންޓަލް ކޮންގްރެސްގަ އެވެ. މި ދެބޭފުޅުންގެ މިޒާޖު އުޑާއި ބިމާހާ ތަފާތު ނަމަވެސް، އެއް އަމާޒަކަށް ކުރެއްވި މަސައްކަތުގައި ގެންގުޅުއްވި ހިޔާލުގެ އެއްގޮތްކަމުގެ ސަބަބުން ދެބޭފުޅުން ވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ނުހަނު އިހުތިރާމު ކުރެއްވި އެވެ.  

އެޑަމްސްއަކީ ވަރަށް ހީވާގި، ފާޅުގައި ވާހަކަދައްކަވާ އަދި ބަހުސްކުރެއްވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އޭނާ ގަބޫލުކުރެއްވި ގޮތުގައި ކޮންމެ ހިޔާލެއްވެސް ނިކަން ވަރުގަދަ ބަހުސްތަކުގެ ތެރެއިން ތަޖުރިބާކުރެވެން ޖެހެ އެވެ. މިއާ ހިލާފަށް ޖެފަރސަންއަކީ މަޑުމައިތިރި، ފަލްސަފާވެރި އަދި ލިޔުންތެރިކަމުގެ ހާއްސަ ހުނަރެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މި ދެބޭފުޅުންގެ ގުޅުން އެމެރިކާގެ މިނިވަންކަމަށް ނުހަނު މުހިންމުވި އެވެ. އެޑަމްސް ކޮންގްރެސްގެ ތެރޭގައި މިނިވަންކަމަށް ވަކާލާތު ކުރެއްވިއިރު، އެޑަމްސްގެ ބާރުއެޅުއްވުމުގެ މަތިން ޖެފަރސަން މިނިވަންކަމުގެ ބަޔާން ލިޔުއްވި އެވެ.

ސަތާރަސަތޭކަ އަށްޑިހައިގެ އަހަރުތަކުގައި ޔޫރަޕްގައި ޑިޕްލޮމޭޓުންގެ ގޮތުގައި މަސައްކަތްކުރެއްވި ދުވަސްވަރު އެބޭފުޅުންގެ އެކުވެރިކަން އިތުރަށް ބަދަހިވި އެވެ. އެކުގައި ފަރިއްކުޅުއްވުމާއި، ދަތުރުކުރެއްވުމާއި، ފޮތް ބަދަލުކުރެއްވުމުގެ އިތުރުން ދައުލަތް ހިންގުމުގެ ފަލްސަފާތަކާ ބެހޭގޮތުން އެ ދުވަސްވަރު މަޝްވަރާކުރެއްވި އެވެ. ދެ އެކުވެރިޔަކު ކޮށްއުޅޭނޭ ޒާތުގެ ހުރިހައި ކަމެއް އެ ދެބޭފުޅުން އެކުގައި ކުރެއްވި އެވެ.

އެކުވެރިން ހަތުރުންނަށް ބަދަލުވުން

އެމެރިކާގެ އިންގިލާބުގެ ދުވަސްވަރު އެ ދެބޭފުޅުންގެ މެދުގައި އޮތް އެކުވެރިކަން މަޑުމަޑުން ރޫޅެންފެށީ އެމެރިކާއަށް މިނިވަންކަން ލިބުނު ފަހުންނެވެ. މިނިވަން ދައުލަތަކަށްވުމާއެކު، ނުހަނު އަވަހަށް އެމެރިކާގެ ސިޔާސީ މަސްރަހު ދެބަޔަކަށް ބެހިގެންދިޔަ އެވެ. އެޑަމްސް އިސްވެ ހުންނެވީ ފެޑަރަލިސްޓުންގެ ފިކުރުގަ އެވެ. އެމީހުން ބޭނުންވީ މަރުކަޒީ ސަރުކާރު ވަރުގަދަކުރުމަށާއި އިނގިރޭސިވިލާތާއެކު ގާތް ގުޅުމެއް ބޭއްވުމަށެވެ. ޖެފަރސަން އިސްވެ ހުންނެވީ ޑިމޮކްރެޓިކް-ރިޕަބްލިކަން ފިކުރުގަ އެވެ. އެބައިމީހުން ބޭނުންވީ މަރުކަޒީ ބާރުތައް ކުޑަކޮށް، ސްޓޭޓްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށެވެ.

ފަލްސަފާގެ ތެރެއިން ފެށުނު މި ހިޔާލުތަފާތުވުން، ފަހުން ޒާތީ ހަސަދަވެރިކަމަކަށް ބަދަލުވި އެވެ. އެކަމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އެ ދެބޭފުޅުންގެ 'އެކުވެރިންނާއި' މީޑިއާ އެވެ.

މީލާދުން 1800 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވިއިރު، ވެރިކަން ކުރައްވަމުން ގެންދެވީ ޖޯން އެޑަމްސް އެވެ. އޭނާ އެ އަހަރުގެ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވި އެވެ. ވާދަކުރައްވަން ޖެހިވަޑައިގަތީ އޭނާގެ ގާތް މިތުރު، ތޯމަސް ޖެފަރސަންއާ އެވެ. މި އިންތިހާބަކީ އެމެރިކާގެ ތާރީހުގައިވެސް އެންމެ ހިތްދަތި އެއް ކެމްޕޭނު ކުރަންޖެހުނު އިންތިހާބުކަމަށް ތާރީހީ އިލްމުވެރިން ތަކުރާރުކޮށް ލިޔުއްވާފައި ވެއެވެ.

ވަރަށް ވާދަވެރި، އަދި ޒާތީ އިންތިހާބަކަށްފަހު، އެ އިންތިހާބު ކާމިޔާބު ކުރެއްވީ ޖެފަރސަން އެވެ. އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވުމުން، މަގާމާ ހަވާލުވެވަޑައިގަތުމުގެ ރަސްމިއްޔާތު ބޭއްވުމުގެ ކުރިން އެޑަމްސް، ވޮޝިންޓަން ދޫކުރައްވައި ވަޑައިގެންނެވީ އެވެ. އެއާއެކު އެބޭފުޅުންގެ އެކުވެރިކަން މުޅިން ނިމުމަކަށް އައެވެ. ދެން އައި 11 އަހަރު ދުވަހު، މި ދެބޭފުޅުންގެ މެދުގައި އެއްވެސް މުއާމަލާތެއް ނުހިނގަ އެވެ. ދެބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާވެސް، އަދި އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބެހޭ ގޮތުން ވެސް ބަސްފުޅެއް ވިދާޅެއް ނުވެ އެވެ. ދެ ބޭފުޅުންގެ ގުޅުން ގޯސްވީ 'އެއް ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަން ބޭނުންފުޅުވި ހިސާބުން'ނެވެ.

ހުރިހާ ކަމެއް ބަދަލުކޮށްލި ސިޓީ

މި ދެބޭފުޅުންގެ ގުޅުން އަލުން އާލާވުމުގެ މެދުވެރިވެރިޔަކަށްވީ އެބޭފުޅުންގެ އެކުވެރި ޑރ. ބެންޖަމިން ރަޝް އެވެ. ރަޝް ގަބޫލުކުރެއްވި ގޮތުގައި، މި ދެ ޝަހުސިއްޔަތު ސުލްހަވުމަކީ ހަމައެކަނި އެބޭފުޅުންނަށްޓަކައި ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މުޅި ގައުމުގެ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ޑރ.ރަޝް ގެންދެވީ މި ދެބޭފުޅުންގެ ގުޅުން ރަނގަޅު ކުރެވޭތޯ ދެ ބޭފުޅުންނާ ވެސް ތަކުރާރުކޮށް މަޝްވަރާކުރައްވަމުންނެވެ.

އެންމެ ފަހުން ޖެނުއަރީ 1، 1812 ގައި، ޖޯން އެޑަމްސް އިސްވެ ޖެފަރސަންއަށް ސިޓީއެއް ފޮނުއްވި އެވެ. އެ ސިޓީގައި އެއްވެސް ޝަކުވާއެއް ނެތެވެ. ކުރީގެ ސިޔާސީ ދެކޮޅުވެރިކަމުގެ ވާހަކައެއްވެސް ނެތެވެ. މައާފަކަށް ވެސް އެދިފައެއް ނެތެވެ. އޭގެ ބަދަލުގައި ސިޓީގައި އޮތީ އޭނާއާ އާއިލާގެ ހާލުގެ ވާހަކައާއި، އަބަދުވެސް ޖެފަރސަންއަށް ހެޔޮއެދޭ ވާހަކަ އެވެ. އޭގެ އިތުރުން އަމިއްލަ ގޭގައި ވިޔެފައިވާ ދެ ގަނޑު ފޮތި ފޮނުވި ވާހަކަ އެވެ. އެއީ ސުލްހައިގެ އަތެއް ދިއްކޮށްލުމެކެވެ.

ޖެފަރސަންގެ ފުރިހަމަ ޖަވާބު

ޖެފަރސަން ވަގުތުން އެޑަމްސްގެ އެ އިޝާރާތް ބަލައިގަތެވެ. އޭނާގެ ޖަވާބުގައި، ކުރީގެ ހިޔާލުތަފާތުވުންތަކުގައި ކުށްވެރިއަކީ ކާކުތޯ ބެލުމުގެ ބަދަލުގައި، އެބޭފުޅުން އެކުގައި ކުރެއްވި އިންގިލާބީ މަސައްކަތްތައް ހަނދާންކޮށްދެއްވި އެވެ.

ޖެފަރސަން ލިޔުއްވި ގޮތުގައި އެބޭފުޅުންނަކީ އެމެރިކާގެ މިނިވަންކަމަށްޓަކައި އެއް އޮޑިއެއްގައި، އެއް މިސްރާބަކަށް ފަލިޖެއްސެވި ދެބޭފުޅުންނެވެ. ވަގުތީ ސިޔާސީ ކާމިޔާބީތަކަށްވުރެ، އެބޭފުޅުން އެކުގައި ކުރެއްވި ގައުމީ ހިދުމަތް މާ ބޮޑުކަން އެ ސިޓީން ހަނދާންކޮށްދިނެވެ. ޖެފަރސަންގެ މި ޖަވާބާއެކު، އެގާރަ އަހަރުވީ ހިމޭންކަން ނިމުމަކަށް އައެވެ.

އޭގެ ފަހުން ވެސް އެ ދެބޭފުޅުން ދުވަހަކުވެސް ބައްދަލެއް ނުވެ އެވެ. ނަމަވެސް ސިޓީގެ ޒަރީއާއިން އެކުވެރިކަން ދެމެހެއްޓެވި އެވެ. މީލާދުން 1812 ވަނަ އަހަރުން ފެށިގެން 1826 އާ ދެމެދު އެބޭފުޅުން 158 ސިޓީ ބަދަލުކުރެއްވި އެވެ. މި ސިޓީތަކުގައި ނުހިމެނޭ ޒާތުގެ ވާހަކައެއް ނެތެވެ. އެކުވެރިކަމުގެ ސަމާސަ ބަސްމަގުން ފެށިގެން ޑިމޮކްރަސީއާ ބެހޭގޮތުން ކުރެވުނު ފުން މަޝްވަރާތަކެވެ. އެމެރިކާގެ މުސްތަގުބަލާމެދު ކުރާ އުއްމީދުތަކާއި، ކުރިމަތިފައިވެފައިވާ ގޮންޖެހުންތައް ފަދަ ހުރިހައި މައުލޫއަކަށް މި ސިޓީތަކުގައި ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ދެން އޮތީ އާދަޔާ ހިލާފު އިއްތިފާގެކެވެ. މި ދެބޭފުޅުންވެސް އަވަހާރަވީ ޖުލައި 4، 1826 ގަ އެވެ. އެއީ އެމެރިކާގެ މިނިވަންކަމަށް 50 އަހަރު ފުރުނު ދުވަހެވެ.

ސިޔާސީ ދެކޮޅުވެރިކަމާހެދި ގުޅުން ކެނޑުނު 11 އަހަރަށްފަހު، ޖުމުލަ 14 އަހަރު ވަންދެން ސިޓީގެ ޒަރީއާއިން ދެމެހެއްޓި އެކުވެރިކަން ނިމުމަކަށް އައި ސަބަބަކަށްވީ މަރެވެ. ދެބޭފުޅުން ދުނިޔެއިން ވަކިވެގެން ދިޔައީ އެކުއެކީގައި، އެއް ފުރާނައެއް ހެންނެވެ.

އެބޭފުޅުން ދޫކުރެއްވި ފިކުރުތައް

ދެ ބޭފުޅުންގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތަކުގައި، ކުރިންވެސް ދެންނެވި ފަދައިން ތަފާތު އެކި މައުލޫތަކަށް ވާހަކަދެކެވިފައި ވެ އެވެ. މިނިވަންކަމާއި ބާރުގެ މެދުގައި އޮންނަންޖެހޭ ހަމަހަމަކަމާއި، ތައުލީމާއި، ދީނާއި އަދި އަހުލާގާ ބެހޭގޮތުން އެބޭފުޅުން ހިޔާލު ބަދަލުކުރެއްވި އެވެ. އެންމެ ދިގުކޮށް މަޝްވަރާ ކުރެވުނީ ދީނީ މިނިވަންކަމާ ގުޅޭ ގޮތުންނެވެ. ދީނީ ހިލާފުތަކަކީ، ފާއިތުވެދިޔަ ތަނުގައި އެތައް ހަނގުރާމައަކަށް މަގުފަހި ކުރުވި ސަބަބެއްކަން މި ބޭފުޅުން ދެނެވަޑައިގަންނަވަ އެވެ. އެ މަޝްވަރާގައި ޖެފަރސަންގެ ސިޓީގައި ވިދާޅުވެފައި އޮވެ އެވެ. "އިންސާނާގެ ފިކުރާއި ބުއްދީގެ މައްޗަށް ހިންގޭ ކޮންމެފަދަ އަނިޔާވެރިކަމަކާ އަބަދަށްދެމިގެންވާ ގޮތެއްގައި ދެކޮޅުވެރިވުމަށް ކަލާނގެ ގަންދީ އަހުރެން ހުވާކުރަމެވެ."

ތައުލީމާ ބެހޭގޮތުން ޖެފަރސަން ވިދާޅުވި އެވެ. 'އެއްވެސް ޖުމްހޫރިއްޔާއަކަށް ދެމިއޮވެވޭނީ އެ ޖުމްހޫރިއްޔާގެ ރައްޔިތުންނަކީ އެބައިމީހުންގެ ދިރިއުޅުން އަމިއްލައަށް ހިންގޭ ވަރަށް ތައުލީމު ލިބި ތަންދޮރު ފިލާފައި ތިބި ބަޔަކަށް ވެގެންނެވެ.'

އެމެރިކާގެ އިންގިލާބާ ގުޅޭ މުހިންމު ލިޔެކިޔުންތައް އަތްޕުޅުގައި ނެތްކަމުގެ މައްޗަށް ހިތާމަކުރައްވައި އެޑަމްސް ވިދާޅުވި އެވެ. 'އެމެރިކާގެ އިންގިލާބުގެ ތާރީހު ލިޔާނީ ކާކު ހެއްޔެވެ؟ އެ ތާރީހު ލިޔެވޭނީ ކާކަށް ހެއްޔެވެ؟ އެ އިންގިލާބުގައި 1774 އިން 1783 އާ ހަމައަށް ކުރެވުނު އެންމެ މުހިންމު ބަހުސްތަކާއި ދެކެވުނު ވާހަކަތައް ދެކެވުނީ ސިއްރިއްޔާތުގަ އެވެ. އެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ވީ ހިސާބެއް ވެސް ނޭނގެ އެވެ."

އަފުލާތޫނާއި އަރަސްތޫ ފަދަ ފަލްސަފާވެރިންގެ ފޮތްތަކާއި އެ ބޭފުޅުންގެ ފަލްސަފާތަކާ ބެހޭގޮތުން ވެސް މި ދެބޭފުޅުން މަޝްވަރާކުރައްވާފައި ވެއެވެ. އެޑަމްސް ލިޔުއްވި ސިޓީއެއްގައި ވިދާޅުވި އެވެ. "އިންސާނީ ހަޔާތުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟ އެއީ އަވާމެންދުރެކެވެ. ދުރުން ފެންނަ ފުސްގަނޑެކެވެ. ފަތިހުގެ ޝަބްނަމް ތިއްކެކެވެ. އުޑުމަތީގައި ދައުރުވާ ކުޑަ ވިލާކޮޅެކެވެ. ފޮޅިފައިވާ ނަލަ މަލެކެވެ. ފަރިވެފައިވާ ފިނިފެންމަލެކެވެ. ދިރުމެއް ނެތް ބިމެއްގައި ފެޅި ތޮނަ އެވެ. އަދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަޅައިގެން ހިނގައިދާނޭ ނާޒުކު ސައިބޯނި ބޮތްކެކެވެ."

މެދުކެނޑުމެއް ނެތި 14 އަހަރު ވަންދެން ސިޓީ ބަދަލުކުރެވުނުއިރު، އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ކުރާ އިހުތިރާމު ދުވަހަކު ވެސް ކުޑަނުވާކަމެވެ. ހިޔާލުތަފާތުވުމަކީ ދެކޮޅުވެރިވާންޖެހޭނޭ ސަބަބެއް ނޫންކަން އެ ސިޓީތަކުގެ ޒަރީއާއިން އެބޭފުޅުން ސާބިތުކޮށްދެއްވި އެވެ.

މިއަދު މި ސިޓީތަކުގެ މުހިންމުކަން

އެޑަމްސް އާއި ޖެފަރސަންގެ މި މުއާމަލާތްތަކަކީ ހަމައެކަނި އެމެރިކާގެ އިންގިލާބީ ތާރީހަށްވުރެ މާ ފުން ފިލާވަޅެކެވެ. މިހާރުގެ ޑިމޮކްރަސީތަކުގައި ފެންނަނީ މަޝްވަރާކުރުމުގެ ބަދަލުގައި، ދެކޮޅުވެރިކަމަށް އިސްކަންދެވޭ ތަނެވެ. ސިޔާސީ ގޮތުން ހިޔާލު ތަފާތު މީހުންނަކީ ބަލިކޮށްލަންޖެހޭ ދުޝްމަނުންގެ ގޮތުގައި ދެކުމަކީ، ޒަމާނީ ޑިމޮކްރެސީގެ ވާހަކަ މާ އަޑުހަރުކޮށް ދައްކަވާ ސިޔާސީންގެ ހަޔާތުގެ ހަގީގަތެވެ.

އެޑަމްސް އާއި ޖެފަރސަން ދައްކަވައިދެއްވީ މިއާ މުޅިން ތަފާތު މަގެކެވެ. އެއިން އެއްވެސް ބޭފުޅަކު އަމިއްލަ ގަބޫލުކުރުންތަކެއް ދޫކޮށެއް ނުލައްވަ އެވެ. އަދި ސުލްހަވުމުގެ ކުރިން އަނެކާގެ ފިކުރު ބަދަލުކުރުމަކަށްވެސް ޝަރުތެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި، އެބޭފުޅުން ދައްކަވައިދެއްވީ ދެ މީހެއްގެ މެދުގައި ސިޔާސީ ގޮތުން ކިތަންމެ ބޮޑު ހިޔާލުތަފާތުވުމެއް ހުރި ނަމަވެސް، އެކަކު އަނެކަކުގެ އިހުލާސްތެރިކަމާއި، ކަރާމާތާއި އަދި އިންސާނިއްޔަތުކަމަށް އިހުތިރާމު ކުރެވިދާނެ ކަމެވެ. ޑިމޮކްރަސީއަކީ ހުރިހާ ކަމެއްގައި އެންމެން އެއްބަސްވުމެއް ނޫނެވެ.

މިހާރު ދެ ގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ މި 158 ސިޓީން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، ގައުމެއް ވަރުގަދަވަނީ ސިޔާސީ ވާދަވެރިން އެކަކު އަނެކަކު ނައްތާލުމުން ނޫންކަމެވެ. އޭގެ ބަދަލުގައި، ތަހުޒީބީ ގޮތެއްގައި، ހިތްތިރިކަމާއެކު އަދި އެކަކު އަނެކަކަށް ކުރާ އިހުތިރާމާއެކު ހިޔާލު ބަދަލުކުރުންމަތީ ދެމިތިބެގެން ކަމެވެ.

ޖޯން އެޑަމްސް އާއި ތޯމަސް ޖެފަރސަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ހަމައެކަނި ޖުމްހޫރިއްޔާއެއް ބިނާކުރުމެއް ނޫނެވެ. ސިޔާސީ ކަންކަމުގެ ސަބަބުން އެބޭފުޅުންގެ މެދުގައި އުފެދުނު ބޮޑު ފަރަގު ނައްތާލައި، އިދިކޮޅު ސިޔާސީ ވާދަވެރިންނަށް އަލުން އެކުވެރިންނަށް ވެވިދާނެކަން އަންނަން އޮތް ޖީލުތަކަށް ދައްކަވައިދެއްވުމަކީ އެ ބޭފުޅުން ދޫކުރެއްވި، އެ ބޭފުޅުންގެ ހަޔާތުގެ ހަގީގީ ފިލާވަޅެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު: ހުވަފެނީ ވާހަކަތަކާއި ޖަވާބު ނުލިބޭ ސުވާލުތައް

މި ލިޔުމަކީ ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ސަރުކާރުން ގެންގުޅޭ ތަސައްވުރަކީ ހަގީގަތާ ދުރު، ހިޔާލީ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް ލިޔެފައިވާ ލިޔުމެކެވެ. މީގެ އިތުރުން، އެ މަޝްރޫއަށް ބޭނުންވާ ބޮޑު ހޭދަ ކުރާނެ ފަރާތަކާއި، ފައިސާ ހޯދާނެ ގޮތަކާ މެދު މި ލިޔުމުގައި ވަނީ ސުވާލު އުފައްދާފަ އެވެ.

ފަތުވާދޭ މަޖިލީހުގެ މެންބަރުންވެސް މަޙްޝަރުގެ ބިން ދެކޭނެ!

ވަރަށް ޔަގީންވާތީ ދަންނަވަމެވެ. އަޅުގަނޑު ވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ އިލްމުވެރިންވެސް މަޙްޝަރުގެ ބިން ދެކޭނެ އެވެ. އަދި ސުވާލުކުރެވޭނެ އެވެ. ރަސްމާލޭގައި ޔަހޫދީން ވަޒަންވެރިވުމާމެދު ބަހެއް ނުބުނެ ތިބެގެން ޒިންމާއިން ބަރީއަވެވޭ ހަމަ އެއްވެސް ހުއްޖަތެއް އިލްމުވެރިންމަކަށް ނެތެވެ.

މިސްރުގެ 'މަރާސީ' އާ ބެހޭ ގޮތުން އަލައްބާރު ނުދައްކާ ވާހަކަ

މިސްރުގެ 'މަރާސީ' މަޝްރޫއު ހިންގި މުހައްމަދު އަލްއައްބާރުގެ ކުންފުންޏާ ރަސްމާލެ ތަރައްގީކުރަން ހަވާލުކޮށްފައިވާއިރު، މިސްރުގެ މަޝްރޫއުގައި ވައުދުތަކާ ހިލާފުވުމާއި އާންމުންނަށް ބީޗު މަނާކުރުން ފަދަ ގިނަ މައްސަލަތަކެއް ކޯޓުތަކުގައި އެބަހުއްޓެވެ. އެހެންކަމުން، ރަސްމާލެއިން ބޮޑު ސަރަހައްދެއް 99 އަހަރަށް އެ ކުންފުންޏަށް ދިނުމަކީ މިސްރުގެ ތަޖުރިބާއަށް ބަލާއިރު ދިވެހިންނަށް އޮތް އިންޒާރެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ބޭރު މީހުނާއި އެކުވުން، ދިވެހީންގެ ދިވެހިކަން ތަނަވަސްކުރުން

ދިވެހި ބިމުގެ ނަފާ ލިބެންޖެހޭނީ ހަމައެކަނި ދިވެހި މުސްލިމުންނަށް ކަމަށް ބައެއް މީހުން ދެކުނު ނަމަވެސް، އެހެން ދީންތަކުގެ މީހުންނާ އެކަހެރިވެގެން އުޅުމަކީ ދީނީ އަގީދާ ވަރުގަދަވާނެ ކަމެއް ނޫނެވެ. އިސްލާމްދީނަކީ ތަރައްޤީއަށް ބާރުއަޅާ، އެހެން މީހުން އެކަހެރިކުރުމަށް ވަކާލާތުކުރާ ދީނެއް ނޫންކަން ފާހަގަކޮށް، ދިވެހި ތާރީޚުގައިވެސް ބޭރުގެ އެކި ނަސްލުތަކުގެ މީހުން ދިވެހިންގެ ތެރޭގައި އުޅެފައިވާކަން މި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

Newsletter

Get the latest news delivered straight to your inbox