ފްރާންސް ބަލިކޮށް އިންގްލެންޑުން ވޯލްޑް ކަޕްގެ ތިން ވަނަ ހޯދައިފި

Jul 19, 2026, 4:02 AM
އިންގްލެންޑްގެ ސަކާ, ފްރާންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިންގްލެންޑްގެ ސަކާ, ފްރާންސް ކޮޅަށް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މަޔާމީ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 19) - ފްރާންސް އަތުން 6-4 އިން މޮޅުވެ، އިންގްލެންޑުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ހޯދައިފި އެވެ. 

މިއީ، ވޯލްޑް ކަޕެއްގައި މިހާތަނަށް އިންގްލެންޑްގެ ދެ ވަނަ އަށް އެންމެ ރަނގަޅު ނަތީޖާ އެވެ. އިންގްލެންޑުން 1966 ވަނަ އަަަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިިއިރު، އެ ޓީމު ވަނީ 1990 އާއި 2018 ވަނަ އަހަރުގެ ތިން ވަނަ ހޮވާ މެޗުން ބަލިވެފަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ތިން ވަނަ ހޮވި މެޗުގައި ބެލްޖިއަމުން ވަނީ 2-0 އިން އިންގްލެންޑް ބަލިކޮށްފަ އެވެ. 

މަޔާމީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ތިން ވަނަ މިނިޓްގައި އިންގްލެންޑުން ލީޑުނެގީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުންދިޔަ ޑެކްލަން ރައިސް ޖެހި ގޯލުންނެވެ. މިއީ، އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ރައިސް ޖެހި ގޯލެކެވެ. މެޗުގެ 18 ވަަނަ މިނިޓްގައި ރައިސް ނެގި ކޯނަރަކުން، އެޒްރީ ކޮންސާ ވަނީ ބޮލުން ގޯލެއް ޖަހައި، އިންގްލެންޑްގެ ލީޑުފުޅާކޮށްދީފަ އެވެ. 

އިންގްލެންޑުން ތަފާތު ކުޅުމެއް ދެއްކި މި ހާފުގައި ފްރާންސްގެ ފަރާތުން ޑިފެންސްކުރުމުގައި ފެނުނީ ފަރުވާ ކުޑަކަމެވެ. މެޗުގެ 37 ވަނަ މިނިޓްގައި، ފްރާންސް ފަހަތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ ވަގުތެއްގައި މާކަސް ރަޝްފޯޑް ދިން ބޯޅައެއްްގައި އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހީ ބުކާޔޯ ސަކާ އެެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، އެބެރެޗީ އެޒޭ ދިން ބޯޅައަކުން ސަކާ ވަނީ އިތުރު ގޯލެއް ޖަަހައި، ހަތަރު ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. 

އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް
އިންގްލެންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާފާޅުކުރަނީ.---- ފޮޓޯ: ގެޓީއިމޭޖަސް

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ ފްރާންސް އިން ދެ ވަނަ ލަނޑު ޖެހި އެވެ. ފްރާންސުން ހަތަރު ބަދަލުގެނެސްގެން ދެ ވަނަ ހާފު ކުޅުން ފެށިއިރު، މި ހާފުގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ، މައިކަލް އޮލީސޭ ދިން ބޯޅައަކުން، ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހައިފަ އެވެ. މިއާ އެކު، މުބާރާތުގެ ލަނޑު ލިސްޓުގެ ކުރިއަށް، ނުވަ ގޯލު ޖަހައިގެން ޖެހިލައިފަ އެވެ. 

މެޗުގެ 54 ވަނަ މިނިޓްގައި ފްރާންސްގެ ދެ ވަނަ ލަނޑު ޖެހީ، ދެ ވަނަ ހާފުގައި ކުޅެން އެރި ބްރެޑްލީ ބާކޮލާ އެެވެ. އަދި، މެޗުގެ 66 ވަނަ މިނިޓްގައި އޮލީސޭ ދިން ބޯޅައަކުން އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މި ލަނޑާ އެކު، އެމްބާޕޭ ވަނީ ވޯލްޑް ކަޕް ތާރީހުގައި 22 ވަނަ ލަނޑު ޖަހައި، ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މުގުރާލައިފަ އެވެ.

އަނެއްކޮޅުން، އޮލީސޭ ވަނީ މި ވޯލްޑް ކަޕްގައި ހަތް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީ ބްރެޒިލްގެ ލެޖެންޑަރީ ތަރި، ޕެލޭގެ ރެކޯޑެއް މުގުރާލައިފަ އެވެ.  ފީފާ ވޯލްޑް ކަޕެއްގެ އެއް މުބާރާތެއްގައި، އެންމެ ގިނަ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހަ ލަނޑު ޖަހަން ފުރުސަތު ހޯދައިދިން ޕެލޭ އެވެ. 

ބަދަލަކަށް ކުޅެން އަރައި، އިންގްލެންޑްގެ ޖޫޑް ބެލިންހަމް އަށް ލަނޑު ޖަހަން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ބްލޮކްވިއިރު، ފްރާންސަށް އެއްވަރުކޮށްދޭން އޭރިއާތެރެއިން މުޅިން ހުސްކޮށް އޮލީސޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ޝޮޓް ދިޔައީ ބޭރުންނެވެ. 

އިންގްލެންޑަށް ޕްރެޝަރު ކަނޑުވާލައިދީ، އަލުން ދެ ގޯލުގެ ލީޑެއް ނަަގައިދިނީ 87 ވަނަ މިނިޓްގައި ސަކާ އެވެ. މިއީ، އިންގްލެންޑްގެ ޖެޑް ސްޕެންސް އަށް ފްރާންސް އޭރިއާތެރެއިން، އެ ޓީމުގެ ލޫކަ ޑީންޏާ ކުރި ފައުލަކަށް ދިން ޕެނަލްޓީން މި ލަނޑު ޖަހައި، ސަކާ ވަނީ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސަކާ އަކީ ވޯލްޑް ކަޕްގައި އިންގްލެންޑަށް ހެޓްރިކެއް ހަދައިދިން ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. 

އިތުރުު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނިޓްގެ ތެރެއިން ހަ ވަނަ މިނިޓްގައި ފްރާންސްގެ ހަތަރު ވަނަ ލަނޑު ޖެހީ އޮސްމާން ޑެމްބެލޭ އެވެ. އޭގެ މިނިޓެއް ފަހުން، ބެލިންހަމް ވަނީ އިންގްލެންޑްގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ.

މިއީ، ފްރާންސްގެ ކޯޗަކަށް ޑިޑިއޭ ޑެޝޯމްޕްސް ހުރި ފަހު މެޗެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox