މޫސުމީ ކާރިސާގެ ސަބަބުން ކުދި ގައުމުތައް ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު —— ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ރައީސް މުހައްމަދު ނަޝީދު —— ފޮޓޯ: މުހައްމަދު ޝަރުހާން

ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ދުނިޔޭގެ ގައުމުތަކުން ނުކުޅެދުމުގެ ނަތީޖާއެއްގެ ގޮތުން، ކުދި ޖަޒީރާ ގައުމުތައް، ތިމާވެށި ހަލާކުވުމާއި މާލީ ބަނގުރޫޓުވުމުގެ ނުރައްކާތެރި ދަލެއްގައި ބެދިފައިވާ ކަމަށް ކުރީގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އިންގްލެންޑް އެންޑް ވޭލްސް ބާ ކައުންސިލްގައި "ކުދި ޖަޒީރާ ގައުމުތަކާއި މޫސުމީ ކާރިސާ" މި މައުލޫއަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޕެރިސް އެގްރީމަންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ މިންގަނޑަކީ ކުރިމަގުގައި އޮތް ބިރެއް ނޫން ކަމަށާއި، އެއީ މިހާރު ކުރިމަތިވެފައިވާ ހަގީގަތެއް ކަމަށެވެ.

އެހެންކަމުން، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ (މިޓިގޭޝަން) ސިޔާސަތުތަކުގެ ބަދަލުގައި، އެ ބަދަލުތަކަށް ހޭނުމުގެ (އެޑަޕްޓޭޝަން) މަސައްކަތްތަކަށް ވަގުތުން އިސްކަންދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުއްޓުވަން އުޅުނު ކަންތައް މިހާރު މިވަނީ ވެ ނިމިފައި. ދެން އޮތް ހަމައެކަނި ހަމަޖެހޭ ސުވާލަކީ، ދެން ކުރާނީ ކީއްހޭ؟ މުޅި ޖީލެއްގެ އަޅުގަނޑުމެން ހޭދަކުރީ ގެއްލުން ކުޑަކުރުމުގެ ވާހަކަ ދެއްކުމުގައި. އަދިވެސް އެ ވާހަކަ އެބަދެކެވޭ. އެކަމަކު ހަމައެކަނި ގެއްލުން ކުޑަކުރުމަކުން މިހާރު ފުދޭކަށް ނެތް. މިހާރު މިވަނީ އެ ބަދަލުތަކަށް ހޭނުމުގެ ވާހަކަ ދައްކަން މަޖުބޫރުވެފައި،" ނަޝީދު ވިދާޅުވި އެވެ.

މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް ނާކާމިޔާބުވަމުންދާކަން ހާމަވަނީ، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތައް ވަރަށް ހަލުވިކަމާއެކު މަރުވަމުންދާތީ ކަމަށް ނަޝީދު އެ މަޖިލީހުގައި ވިދާޅުވި އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ފަރުތަކަކީ ރާޅުތަކުގެ ބާރު ކަނޑުވައިދޭ ގުދުރަތީ ހުރަހަކަށް ވާއިރު، ފަރުތައް ހަލާކުވުމުން ގިރާ މިންވަރު އިތުރުވެ، ރާއްޖޭގެ މައިގަނޑު ސިނާއަތްތަކަށް ނުރައްކާވެ އެވެ. އަދި ފަރުތައް ނެތިދިއުމުން މަސްވެރިންނަށް ބޭނުންވާ އެންވެރިކަން ގެއްލި، ފަތުރުވެރިންގެ މެދުގައި ރާއްޖެއަށް އޮތް މަގުބޫލުކަން ކުޑަވެ، މުޅި އިގްތިސާދުގެ ބިންގާ ބަލިކަށިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ބަދަލުތަކަށް އިޖާބަދިނުމަށް ކުރަންޖެހޭ މާލީ ހޭދަ އަތްނުފޯރާ ފަށަށް ދަނީ އަރަމުންނެވެ. ތޮށިލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން ފަދަ އިންޖިނިއަރިންގެ ބޮޑެތި މަސައްކަތްތަކަށް މީޓަރަކަށް ގާތްގަނޑަކަށް 7،000 އެމެރިކާ ޑޮލަރު ހޭދަވާކަން ފާހަގަކުރައްވައި، ރާއްޖޭގެ 2،000 ރަށް ރައްކާތެރިކުރުމަށް އެފަދަ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަކީ މާލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް ނަޝީދު ތަފްސީލުކޮށްދެއްވި އެވެ. އެމަނިކުފާނު ބާރުއެޅުއްވީ "ބަޔޮލޮޖިކަލް އިންޖިނިއަރިން" ނުވަތަ ގުދުރަތީ ހައްލުތަކަށެވެ. އެގޮތުން ހޫނަށް ހޭނިފައިވާ މުރަކައިގެ ބާވަތްތައް އާލާކުރުން ފަދަ ކަންކަން ހިމެނެ އެވެ.

"ފަރެއް އާލާކުރުމަށް ހޭދަވަނީ މީޓަރަކަށް އެންމެ 20 ޑޮލަރު. އެހެންކަމުން ގުދުރަތީ ހައްލުތައް މެދުވެރިކޮށް މާ އަގުހެޔޮކޮށް ރަށްރަށުގެ އައްސޭރިފަށް ރައްކާތެރިކުރެވިދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންނަމަވެސް، މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އިތުރުވަމުންދާ ދަރަނީގެ މައްސަލަ އެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި، ރާއްޖޭގެ ބަޖެޓުގެ 30 އިންސައްތަ މިހާރު ވެސް ހޭދަކުރަނީ މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރާ މަސައްކަތްތަކަށެވެ. މީގެ ސަބަބުން ބަޖެޓުން 10 އިންސައްތައިގެ ޑެފިސިޓެއް ދައްކަ އެވެ. މިކަން ފޫބެއްދުމަށްޓަކައި، މޫސުމީ ނުރައްކަލަށް ހުށަހެޅިފައިވާ ގައުމުތަކަށް މަޖުބޫރުވަނީ ޗައިނާ ފަދަ މުއްސަނދި ގައުމުތަކުން ދަރަނި ނެގުމަށް ނުވަތަ ކެޕިޓަލް މާކެޓްތަކުން ބޮޑު އިންޓްރެސްޓްގައި ލޯނު ނެގުމަށެވެ.

މި ދަރަނީގެ ދަލުގައި ޖެހި، މޫސުމީ ނުރައްކާ އޮތް 27 ގައުމެއް ދަރަނި ނުދެއްކޭ ފަދަ ހާލަތަކަށް ގޮސްފައިވާތީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އާންމުކޮށް ހުށަހަޅާ އިގްތިސާދީ ފިޔަވަޅުތަކަށް ނަޝީދު ފާޑުވިދާޅުވި އެވެ. ޓެކްސް ބޮޑުކުރުމާއި ސަބްސިޑީ ކަނޑާލުން ފަދަ ފިޔަވަޅުތަކަކީ ތިމާވެށީގެ މަޖުބޫރުކަމެއްގެ ސަބަބުން ދިމާވި މާލީ ކާރިސާއަކަށް އޮތް ނުރަނގަޅު ހައްލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

"މޫސުމީ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވާ ދަރަނީގެ ކާރިސާއާއެކު ގައުމުތަށް ބަނގުރޫޓުވުމަކީ ދެން އަޅުގަނޑުމެންނަށް ފެންނާނެ އޮތް އެންމެ ބޮޑު މައްސަލަ،" ނަޝީދު އިންޒާރު ދެއްވި އެވެ.

ތަގުރީރު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، މޫސުމީ ކާރިސާއަކީ ހަމައެކަނި ތިރި ޖަޒީރާ ގައުމުތަކަށް އޮތް މައްސަލައެއް ނޫން ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތް ހިމެނޭހެން ކުރިއަރާފައިވާ ގައުމުތަކަށް ކުރިމަތިވަމުންދާ އާދަޔާ ހިލާފު ހޫނުގެ ސަބަބުން، އެ ގައުމުތަކުގެ އުމްރާނީ ވަސީލަތްތައް ވެސް ދަނީ ފެއިލްވަމުންނެވެ.

"މި ހޫނަކީ ހަމައެކަނި ޖަޒީރާތަކަށް އޮތް މައްސަލައެއް ނޫން. މިއީ މިހާރު ތިޔަބޭފުޅުންގެ ރަށަށް ވެސް އޮތް މައްސަލައެއްކަން ކަށަވަރު. ތިޔަބޭފުޅުންގެ ހޮސްޕިޓަލްތަކާއި، ގެދޮރާއި، ކަރަންޓު ވިއުގަތަކަކީ މިފަދަ ހޫނަކަށް ކެތްކުރެވޭ ގޮތަށް ބިނާކޮށްފައިވާ ތަންތަނެއް ނޫން،" އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި އެދެނީ އަޅުގަނޑުމެން ސަލާމަތްކޮށްދޭކަށް ނޫން. އާޅުގަނޑުމެން މި ދަންނަވަނީ، އެންމެ ފަހުން މި ފެންގަނޑު އެންމެންނާ ހަމައަށް ވެސް ފޯރާނެއޭ. ތިޔަބޭފުޅުންނާ ހަމައަށް މިކަން މި ފޯރީ ހޫނުގެ ސިފައިގައި، ހީކުރި ވަރަށް ވުރެ މާ އަވަހަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox