ޑެމްބެލޭގެ ހެޓްރިކާ އެކު ފްރާންސުން ނޯވޭ ބަލިކޮށްފި، ސެނެގާލް އުންމީދުގައި

Jun 27, 2026, 2:02 AM
ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮސްމާން ޑެމްބެލޭ އުފާފާޅުކުރަނީ: ޑެމްބެލޭ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފައި.

ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮސްމާން ޑެމްބެލޭ އުފާފާޅުކުރަނީ: ޑެމްބެލޭ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފައި.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 27) - އޮސްމާން ޑެމްބެލޭ ފުރަތަަމަ ހާފުގައި ހެދި ހެޓްރިކާ އެކު 4-1 އިން ނޯވޭ ބަލިކޮށް ފްރާންސް އިން ފުރިހަމަ ރެކޯޑަކާ އެކު ގްރޫޕް ސްޓޭޖު ނިންމާލިއިރު، ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު އިރާގު، 5-0 އިން ބަލިކޮށް ސެނެގާލުން ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދުމުގެ އުންމީދު ދަމަހައްޓައިފި އެވެ. 

ފަހު މެޗުތަކަށް ނުކުތްއިރު ވެސް، ގްރޫޕް އައި އިން ފްރާންސާއި ނޯވޭ ވަނީ ދެ ވަނަ ބުރުގެ ޖާގަ ޔަގީންކޮށްފަ އެެވެ. ނޯވޭ ބަލިކޮށް ފްރާންސް އިން ގްރޫޕްގެ އެއް ވަަނަ ހޯދީ ނުވަ ޕޮއިންޓާ އެކު އެެވެ. ފްރާންސަކީ މެކްސިކޯ އަށް ފަހު މި ފަހަރުގެ ވޯލްޑް ކަޕްގައި ގްރޫޕްގެ ތިން މެޗުން މޮޅުވި ދެ ވަނަ ޓީމެވެ. ނޯވޭ އިން، ގްރޫޕް އައިގެ ދެ ވަނަ ހޯދީ ހަ ޕޮއިންޓާ އެކު އެވެ.

ތިން ވަނަ ހޯދި ސެނެގާލަށް ޖުމްލަ އެކު، ތިން ޕޮއިންޓް ލިބުނުއިރު، އެ ޓީމުން އެންމެ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއްގައި ގަދަ 32 ގައި ވާދަކުރުމުގެ ފުރުސަތު ހޯދަން އުންމީދުކުރާނެ އެވެ. 

Advertisement

ސާޅީސް އަހަރަށް ފަހު، ވޯލްޑް ކަޕަށް އެނބުރި އައި އިރާގު ކެޓީ ތިން މެޗުން ވެސް ބަލިވެގެންނެވެ. 

ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮސްމާން ޑެމްބެލޭ އުފާފާޅުކުރަނީ: ޑެމްބެލޭ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފައި.
ނޯވޭ ކޮޅަށް ލަނޑު ޖެހުމަށް ފަހު ފްރާންސްގެ އޮސްމާން ޑެމްބެލޭ އުފާފާޅުކުރަނީ: ޑެމްބެލޭ ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި ހެޓްރިކެއް ހަދައިފައި.

ނޯވޭ އިން އާންމުކޮށް ފުރަތަމަ 11 ގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ނުލައި ފެށި މެޗުގައި، ފްރާންސްގެ ކެޕްޓަން، ކީިލިއަން އެމްބާޕޭ ވަނީ 20 ސިކުންތުގެ ތެރޭގައި އޭރިއާތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އެކަމަކު، މެޗުގެ ހަތް ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 20 ވަނަ މިނިޓްގައި އެމްބާޕޭ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ. އެކަމަކު، އެ ލަނޑު ޖެހިތާ، މިނިޓެއް ވެސް ނުހިނގަނީސް ނޯވޭ އިން ލަނޑެއް ޖެހި އެވެ. އޭރިއާތެރެއިން ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ޖެހީ ތެލޯ އަސްގާޑް އެވެ. 

މެޗުގެ 32 ވަނަ މިނިޓްގައި އައުރެލިއަން ޗުއަމަނީ ދިން ބޯޅައަކުން ޑެމްބެލޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ފުރިހަމަަކޮށްފަ އެވެ. މިއާ އެކު، ޑެމްބެލޭ ވެފައި ވަނީ، 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕްގައި ކެމަރޫން ކޮޅަށް ރަޝިއާގެ އޮލެގް ސަލެންކޯ ފުރަތަމަ ހާފުގައި ހެދި ހެޓްރިކަށް ފަހު މި މުބާރާތުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފުރަތަމަ ހެޓްރިކަށެވެ. އަނެއްކޮޅުން، މިއީ ބެލޮންޑިއޯ އެވޯޑް ހޯދި ޑެމްބެލޭ އަށް ބޮޑު މުބާެރާތެއްގައި ފްރާންސަށް ހަދައިދިން ފުރަތަމަ ހެޓްރިކް އެވެ. 

ނޯވޭ އަށް މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަރަގުކުޑަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ގޮތުން، ނޯވޭގެ އޮސްކާ ބޮބް އަށް ފްރާންސްގެ އޭރިއާެތެރެއިން އެ ޓީމުގެ ލޫކަސް ހެނާންޑޭޒް ކުރި ފައުލަކަށް ދިން ޕެނަލްޓީ ކާމިޔާބެއްނުވި އެވެ. ނޯވޭގެ ފޯވާޑް، ޖޯގަން ސްޓްރޭންޑް ލާސަން ފޮނުވާލި ޕެނަލްޓީ ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ މަތަކޮށްފަ އެވެ. 

އާއިލީ ކަމެއްގައި ޓީމާ ދުރުގައި ހުރި ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބެންޗުގައި ނެތި އެ ޓީމުން ކުޅުނު މި މެޗުގައި ފަސް ވަނަ ލަނޑު ޖެހީ އިތުރު ވަަގުުތުގައި ޑެޒީރޭ ޑޫއޭ އެެވެ. މިއީ، އޭރިއާތެރެއަށް ހުރަސްކުރި ބޯޅައަކުން ޑޫއޭ ބޮލުން ޖެހި ގޯލެކެވެ. 

ސެނެގާލްގެ އިސްމާއިލަ ސާ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކަމާރާއާ އެކު އުފާފާޅުކުަރަނީ.
ސެނެގާލްގެ އިސްމާއިލަ ސާ ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ ކަމާރާއާ އެކު އުފާފާޅުކުަރަނީ.

ގިނަ ލަނޑުތަކަކާ އެކު މޮޅުވުން މަޖުބޫރު މެޗަކަށް ނުކުމެ ސެނެގާލުން ހަތަރު މިނިޓް ތެރޭގައި ލީޑުނެގި އެވެ. މިއީ، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ހަބީބް ޑިއާރާ ޖެހި ގޯލެކެވެ. 

މެޗުގެ 12 ވަނަ މިނިޓްގައި އިރާގުގެ ޑިފެންޑަރު، ރެބިން ސުލަންކާ އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ސުލަންކާ އަށް ރަތެއް ދެއްކީ ސެނެގާލްގެ ސަޑިއޯ މާނޭ، ގޯލަށް ޖަހަން އުޅެނިކޮށް ފައުލެއް ކުރުމުންނެވެ. 

ފުރަތަމަ ހާފަށް ވުރެން ރަނގަޅަށް ދެ ވަނަ ހާފުގައި ކުޅެން އަރައި، ސެނެގާލުން އިތުރު ލަނޑުތަކެއް ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން، ސެނެގާލުގެ ދެ ވަނަ ލަނޑު އިސްމާއިލާ ސާ ކާމިޔާބުކުރިއިރު، އޭނާ ދިން ބޯޅައަކުން ތިން ވަނަ ލަނޑު ޖެހީ ޕާޕޭ ގޭއި އެވެ. އަދި، އޭގެ ފަހުން، ޕާޕޭ ގޭއި އޭނާގެ ދެ ވަނަ ލަނޑު އަދި ސެނެގާލްގެ ހަތަރު ވަނަ ލަނޑު ޖެހީ އިލިމަން އެންޑިއާއޭ ދިން ބޯޅައަކުންނެވެ.  

ސެނެގާލްގެ ފަސް ވަނަ ލަނޑު ޖެހީ އިލިމަން އެންޑިއާއޭ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

އެފްއޭއެމްގެ އޮފިޝަލެއް ނެތް، ޓްރޮފީއާ ހަވާލުވީ ނޫސްވެރިއެއް!

ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ފެއާ ޕްލޭ ޓްރޮފީ ރާއްޖެއަށް ލިބުނުއިރު، އެފްއޭއެމްގެ އޮފިޝަލަކު ނެތުމުން އެއާ ހަވާލުވީ ދިވެހި ނޫސްވެރިއެއް. އެފްއޭއެމް އިން ބުނި ގޮތުގައި ޓްރޮފީ ލިބޭކަން ސާފް އިން އެންގީ ވަރަށް ކުޑަ ވަގުތުކޮޅެއް އޮއްވާ ކަމަށާއި، ނޫސްވެރިއަކު ސްޓޭޖަށް އެރީ ސާފްގެ އޮފިޝަލުން އެދިގެން

އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ ގާނޫނީ ގޮތުން ބެލި

ފީފާގެ ރައީސްކަމަށް ހަތަރުވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ޖިއާނީ އިންފަންޓީނޯގެ ޝަރުތު ހަމަވޭތޯ އިނގިރޭސި އެފްއޭއިން ގާނޫނީ ގޮތުން ބަލައިފި. ފީފާ ކައުންސިލުން ނިންމާފައިވަނީ އިންފަންޓީނޯގެ ފުރަތަމަ ދައުރަކީ ބާކީ އޮތް މުއްދަތެއް ފުރިހަމަކުރުން ކަމަށްވާތީ، އޭނާއަށް އިތުރު ދައުރަކަށް ކުރިމަތިލެވޭނެ ކަމަށް

އުމުރުން 38 އަހަރުގައި މަޓާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ސްޕެއިނާއެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް، ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑެތި ކްލަބްތަކަށް ކުޅުނު ހުއާން މަޓާ އުމުރުން 38 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ. ކުޅުމުން ރިޓަޔާކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ފުޓްބޯޅައިގެ ދާއިރާއިން ފެންނާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާން ފުޓްބޯޅަ ކުރިއަރާނީ ޕްރޮފެޝަނަލް ލީގެއް އޮވެގެން

ޕާކިސްތާން ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެ ގައުމުގައި ވަރުގަދަ ޕްރޮފެޝަނަލް ލީގެއް އޮތުން މުހިންމު ކަމަށް ގައުމީ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ހަމައެކަނި ބޭރުގައި ކުޅޭ ކުޅުންތެރިންނަށް ބަރޯސާވުމުގެ ބަދަލުގައި، ލޯކަލް ކުޅުންތެރިން ކުރިއެރުވޭނީ ގަވާއިދުން ކުޅޭނެ ލީގެއް އޮވެގެން

Newsletter

Get the latest news delivered straight to your inbox