އަދަދުގެ ނޫސްވެރިން ޖަލަށްލައި، ޖިނާއީ ދައުވާކުރާ މައްސަލަ އދ. އަށް ހުށަހަޅައިފި

May 16, 2026, 4:38 PM
އަދަދުގެ ނޫސްވެރިންނާއި ސީއީއޯ ފިޔާޒު ހުޅުމާލޭގައި ކްްރިމިނަލް ކޯޓު ހުންނަ ސަރަހައްދުގައީ: ނޫސްވެރިންނަށް އަޅާފައިވާ ފިޔަވަޅުތަކާއި ގެގް އޯޑަރުގެ މައްސަލަ އެމްޖޭއޭގެ ހުށަހެޅުމުގައި ފާހަގަކުރި --- ފޮޓޯ: އަދަދު

އަދަދުގެ ނޫސްވެރިންނާއި ސީއީއޯ ފިޔާޒު ހުޅުމާލޭގައި ކްްރިމިނަލް ކޯޓު ހުންނަ ސަރަހައްދުގައީ: ނޫސްވެރިންނަށް އަޅާފައިވާ ފިޔަވަޅުތަކާއި ގެގް އޯޑަރުގެ މައްސަލަ އެމްޖޭއޭގެ ހުށަހެޅުމުގައި ފާހަގަކުރި --- ފޮޓޯ: އަދަދު

އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އާއީ ލީވާން އަލީ ނާސިރު ޖަލަށް ލައި، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ މައްސަލަ އދ. ގެ ކަމާ ބެހޭ އިދާރާތަކަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ހުށަހަޅައިފި އެވެ.

އެމްޖޭއޭއިން ވަނީ އދ. ގެ ސްޕެޝަލް ޕްރޮސީޖާސްގެ ހަ މެންޑޭޓަކަށް މި މައްސަލަ ހުށަހަޅާފަ އެވެ. އެއީ އދ. ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާ އާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ބެހޭ ރެޕަޓުއާގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޖަމާއަތް ހެދުމުގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާއަށެވެ.

މިކަމާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މުޅި މުޖުތަމައުއަށް ރައްދުވާ ގޮތަށް ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) ބަޔާންކޮށްފައިވެ އެވެ. ޝަހުޒާން އާއި ލީވާން ޖަލުގައި ބަންދުކުރަން ކޯޓުން ހުކުމްކުރީ ކޯޓުގެ މި އަމުރާ ހިލާފުވީ ކަމަށް ނިންމާފަ އެވެ. ކޯޓުން މި ހުކުމް ކުރީ ވަކީލަކު އައްޔަނުކުރަން ދެ ގަޑިއިރު ދިނުމަށް ފަހު، ވަކީލަކު ނުލިބުމުން ކޯޓުން އެ ފުރުސަތު ވެސް ނުދީ އެވެ.

އެމްޖޭއޭއިން ވަނީ، ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒުއަށް ފާޑުކިޔާ ކުރަމުންދާ ރިޕޯޓިންތަކާ ގުޅިގެން އަދަދު ނޫހާއި ނޫސްވެރިންނާ ދެކޮޅަށް ބަދަލު ހިފުމުގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށް  ބުނެފަ އެވެ. 

އެމްޖޭއޭއިން ހުށަހެޅި މައްސަލައިގައި ތުހުމަތުކުރި ކަންކަން

  • ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރުން
  • ސިއްރު ޝަރީއަތްތައް ހިންގުން
  • ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކުން މަނާކުރާ އަމުރު ނެރުން
  • ނިއުސްރޫމުގެ ވަސީލަތްތައް ހިފެހެއްޓުން
  • ދަތުރުފަތުރުކުރުން މަނާކުރުން
  • ގާނޫނީ ވަކީލެއްގެ އެހީތެރިކަން އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ހުރަސްއެޅުން
  • މިނިވަން މީޑިއާއަކަށް އަމާޒުކޮށް ބަދަލުހިފުމުގެ އަމަލުތައް ހިންގުން

އަނގަބަންދުކުރުމުގެ އަމުރާ ހިލާފުވީ މައްސަލައިގައި ޖަލުގައި ބަންދުކުރި ދެ ނޫސްވެރިންގެ މައްސަލަ އެމްޖޭއޭގެ ހުށަހެޅުމުގައި ފާހަގަކޮށްފައި ވަނީ އާބިޓްރަރީ ޑިޓެންޝަން (ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރުން) ގެ މައްސަލައެއްގެ ގޮތުގަ އެވެ.

އެމްޖޭއޭގެ ހުށަހެޅުމުގައި ވަނީ އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދޭން އެދިފަ އެވެ. އޭގެ އިތުރުން ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި މި ނޫހުގެ ތަކެތި ދޫކޮށްލާށާއި، މި ނޫހުގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދާށާއި، ނޫސްވެރިންނަށް އިންސާފުވެރި ޝަރީއަތެއް ކަށަވަރުކޮށްދިނުމުގެ އިތުރުން އަނގަބަންދުކުރުމުގެ އަމުރު އުވާލަން ނުވަތަ މުރާޖައާކޮށް އަމުރުގެ ދާއިރާ ހަނިކުރަން ސަރުކާރަށް ގޮވާލަން ވެސް ނޫސްވެރިންގެ ޖަމިއްޔާއިން އެދުނެވެ.

އދ. އަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެމްޖޭއޭއިން ވަނީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox