ކޮންގްރެސްގެ ހުއްދައަކާ ނުލައި އިޒްރޭލާއި އަރަބި ގައުމުތަކަށް 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި

May 3, 2026, 3:24 PM
ޕޭޓްރިއަޓް މިސައިލް މޮބައިލް ލޯންޗަރެއް -- ފޮޓޯ: އޭޕީ

ޕޭޓްރިއަޓް މިސައިލް މޮބައިލް ލޯންޗަރެއް -- ފޮޓޯ: އޭޕީ

އިޒްރޭލާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއިން، މެދުއިރުމަތީގެ ބައިވެރިންނަށް 8.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް އެމެރިކާ އިން ހުއްދަ ދީފި އެވެ.

މި ހަތިޔާރުތައް ވިއްކުމަށް ނިންމާފައިވަނީ، އެމެރިކާގެ ކޮންގްރެސްގެ ހުއްދައާ ނުލައި، ކުއްލި ހާލަތްތަކަށް ރިއާޔަތްކޮށް ހަތިޔާރު ބަދަލުކުރުމުގެ ކަންކަން އަވަސްކުރުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އެދިވަޑައިގަތުމާ ގުޅިގެންނެވެ.

ފެބްރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނީއްސުރެ، އިޒްރޭލާއި ގަލްފުގެ ގައުމުތަކަށް އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން، އެ ގައުމުތަކުގައި ހުރި އެމެރިކާގެ ހަތިޔާރުގެ ރަސްމީ ރިޒާވް ހުސްވެ، ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ ބާރުބޮޑުވެފަ އެވެ.

މި މުއާމަލާތުގެ ދަށުން 992 މިލިއަން ޑޮލަރުގެ އެޑްވާންސް ޕްރެސިޝަން ކިލް ވެޕަން ސިސްޓަމް އާއި އެއާ ގުޅޭ ސާމާނު އިޒްރޭލަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކުވެއިތުން 2.5 ބިލިއަން ޑޮލަރުގެ ބެޓްލް ކޮމާންޑް ސިސްޓަމްތައް ގަތުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން، ގަތަރުން އޭޕީކޭޑަބްލިއުއެސް ގަތުމަށާއި އެ ގައުމުގެ ޕެޓްރިއަޓް އެއާ އެންޑް މިސައިލް ޑިފެންސް ސިސްޓަމްތައް އަލުން ގާއިމްކުރުމަށް ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރުގެ ހުއްދަ ދީފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް 148 މިލިއަން ޑޮލަރުގެ އޭޕީކޭޑަބްލިއުއެސް ގަތުމުގެ ހުއްދަ ވަނީ ދީފަ އެވެ.

މިދިޔަ މާޗް މަހު ވެސް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޔޫއޭއީ، ކުވެއިތު އަދި އުރުދުންއަށް 16.5 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމަށް ވަކިވަކިން ހުއްދަ ދީފަ އެވެ.

އެ ފަހަރުގެ އެއްބަސްވުންތަކުގެ ތެރޭގައި ޔޫއޭއީއަށް ބޭނުންވާ ޑްރޯން، މިސައިލް، ރާޑަރު ސިސްޓަމް އަދި އެފް-16 މަތިންދާބޯޓުތަކުގެ އިތުރުން، ކުވެއިތުގެ ވައިގެ އަދި މިސައިލް ދިފާއީ ރާޑަރު ސިސްޓަމްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޔަމަނުގެ ރިޔާސީ ގަނޑުވަރަށް ހަމަލާދީ ފަސް މީހަކު މަރާލައިފި

ޔަމަނުގެ އަދަނުގައި ހުންނަ ރިޔާސީ ގަނޑުވަރަށް ހޫތީން ދިން މިސައިލް ހަމަލާއެއްގައި ފަސް މީހުން މަރުވެ، ސޯޅަ މީހުން ޒަހަމްވެއްޖެއެވެ. މި ހަމަލާ ދިން ވަގުތު ބޮޑުވަޒީރާއި ވަޒީރުން ގަނޑުވަރުގައި ތިއްބެވި ނަމަވެސް، އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެއެވެ. ޔަމަނުގެ ސަރުކާރުން މި ހަމަލާ ކުށްވެރިކޮށް، ހޫތީންނާ ދެކޮޅަށް ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށް ވަނީ ބުނެފައެވެ.

އިޒްރޭލުން އަލްޖަޒީރާގެ ނޫސްވެރިންނަށް ޖާސޫސުކޮށްފި

އިޒްރޭލުގެ ކުންފުނިތަކަކުން އުފެއްދި "ޒީރޯ-ކްލިކް" ސްޕައިވެއާ ބޭނުންކޮށްގެން އަލްޖަޒީރާގެ ނޫސްވެރިންގެ ފޯނުތަކުން މައުލޫމާތު ވަގަށްނަގައި ޖާސޫސުކޮށްފައިވާކަން ސިޓިޒަން ލެބުގެ ތަހުގީގަކުން ހާމަވެއްޖެއެވެ. އިޝްތިހާރުތަކެއް މެދުވެރިކޮށް ފޮނުވި މި ނުރައްކާތެރި ސޮފްޓްވެއާގެ ސަބަބުން، ފޯނުގައި ހުންނަ ޕާސްވޯޑްތަކާއި މެސެޖުތައް ނެގުމުގެ އިތުރުން ކެމެރާއާއި މައިކްރޯފޯން ބޭނުންކޮށްގެން އަޑާއި މަންޒަރު ރެކޯޑްކުރުމުގެ ފުރުސަތު ހަމަލާދިން ފަރާތްތަކަށް ލިބިފައިވެއެވެ.

މުޒާހަރާ ކުރުމުން އެކްޓަރު އިމްރާން ޚާން އިންޑިއާއިން ބޭރުކުރަނީ

އިންޑިއާގެ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ކުރި ސިޔާސީ މުޒާހަރާއެއްގައި ބައިވެރިވެ، ވިސާގެ ގަވާއިދާ ޚިލާފުވުމުން އެމެރިކާގެ ރައްޔިތެއް ކަމަށްވާ އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އިންޑިއާއިން ފުރުމަށް އަންގައިފިއެވެ. އޭނާ ގައުމުން ބޭރުކުރަން ނިންމީ ބޭރު ގައުމުތަކުގެ މީހުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރާ ގާނޫނާ ޚިލާފުވުމާ ގުޅިގެންނެވެ.

ސްކޫލެއްގެ ފުރާޅު ވެއްޓި 27 ކުދިންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ޕެޝާވަރުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި 27 ދަރިވަރުންނާއި މުދައްރިސަކު މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ. އިމާރާތުގެ ބައިތަކުގެ ދަށުގައި ތާށިވި ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ޔޫކްރޭނުގެ ޑްރޯންތަކަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން: މަސްކް

ޔޫކްރޭނުގެ ޑްރޯންތަކަށް ބޭނުންވާ ސްޓާލިންކް އިންޓަނެޓްގެ ދުވެއްޔަށް ހުރަސްއަޅަނީ އެމެރިކާ ސަރުކާރުން ކަމަށް އެލޮން މަސްކް ބުނެފިއެވެ. މި ބަދަލުގެ ސަބަބުން ޔޫކްރޭނުގެ އަސްކަރީ މިޝަންތަކަށް ބުރޫއަރަމުންދާއިރު، މިއީ އެމެރިކާގެ އަސްކަރިއްޔާއިން ގަސްތުގައި ކުރާ ކަމެއް ކަމަށް މަސްކް ތުހުމަތުކުރެއެވެ.

އިޒްރޭލަށް ތާއީދުކުރާތީ ބޮޗެލީގެ ކޮންސަޓް ހުއްޓުވަން ގޮވާލައިފި

އިޓަލީގެ ލަވަކިޔުންތެރިޔާ އެންޑްރިއާ ބޮޗެލީ އިޒްރޭލަށް ތާއީދުކުރާތީ، އިންޑޮނޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭނާގެ ކޮންސަޓްތައް ކެންސަލްކުރުމަށް އެ ގައުމުގެ އެންމެ މަތީ އިސްލާމީ ކައުންސިލުން ގޮވާލައިފިއެވެ. އެ ކައުންސިލުން ބުނާގޮތުގައި އިޒްރޭލުގެ އަސްކަރިއްޔާއަށް ފަންޑު ހޯދައިދިނުމުގައި ބައިވެރިވެފައިވާ ފަރާތަކަށް ފުރުސަތު ދިނުމަކީ އިންޑޮނޭޝިއާގެ ގައުމީ މިންގަނޑުތަކާއި ދީނީ އިރުޝާދުތަކާ ޚިލާފު ކަމެކެވެ.

ބާލީގައި ތެލުގެ ދަތިކަން ދިމާވެ ސްޓޭޝަންތަކުގައި ދިގު ކިއޫތައް

އިންޑޮނޭޝިއާގެ ބާލީއަށް ތެލުގެ ދަތިކަން ކުރިމަތިވެ، ތެޔޮ ލިބުން ލަސްވުމުގެ ސަބަބުން ޕެޓްރޯލް ޝެޑްތައް ކައިރީގައި ދިގު ކިއޫތަކެއް ވަނީ ހަދާފައެވެ. މި މައްސަލަ ދިމާވީ ތެޔޮ އުފުލާ ޓޭންކަރަކަށް ދިމާވި ފަންނީ މައްސަލައަކާއި މޫސުން ގޯސްވުމުގެ ސަބަބުން ތެޔޮ ބޭލުން ލަސްވުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. މިހާރު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، މެދުނުކެނޑި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

Newsletter

Get the latest news delivered straight to your inbox