ކެންޔާގައި ބަލި ނުފެތުރެނީސް އެމެރިކާއިން އެބޯލާ ސެންޓަރެއް ހަދާތީ ހިނގި ހަމަނުޖެހުމުގައި ދެ މަރު

Jun 3, 2026, 2:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

ކެންޔާގެ މެދުތެރޭގައި އޮންނަ ނަންޔޫކީ އަވަށުގައި ހުންނަ އަސްކަރީ މަރުކަޒެއްގައި އެމެރިކާއިން އެބޯލާ އައިސޮލޭޝަން ސެންޓަރެއް ގާއިމުކުރަން އުޅޭތީ އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރޭގައި، ބަޑިޖަހައި ދެ މީހަކު މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރެއިން އެކަކުގެ ގަޔަށް ބަޑިޖަހާފައިވަނީ މުޒާހަރާ ކުރިއަށްދިޔަ ލައިކިޕިއާ އެއާބޭސް ކައިރިންނެވެ. އޭނާ މަރުވީ އެ އަވަށުގެ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ދެވަނައަށް މަރުވި މީހާ ސިފައިން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.

މި ދެ މީހުން މަރުވާން މެދުވެރިވި ސަބަބު އަދި ސާފުވެފައި ނުވާއިރު، ސަރުކާރުގެ އިސް އޮފިޝަލުން މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ފުލުހުންގެ ތަރުޖަމާނަކު ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނީ އެއްވެސް މީހަކު މަރުވިކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އެތައް ސަތޭކަ ބަޔަކު ވަނީ އެ އަވަށުގެ މަގުތަކަށް ނުކުމެ، މަގުތައް ބަންދުކޮށް އުޅަނދުތަކުގައި ރޯކޮށް މުޒާހަރާކޮށްފަ އެވެ. ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިން ރޫޅާލުމަށް ކަރުނަގޭސް ޖަހާފަ އެވެ.

ބީބީސީއިން ބުނީ ދެ މީހުންގެ މަރަށް ފަހު އަންގާރަ ދުވަހުގެ ހެނދުނު އެ އަވަށުގެ މަސްރަހު އޮތީ އަމާންކޮށް ނަމަވެސް، މަގުތަކުގައި ސަލާމަތީ ބާރުތަކުން ފޯރިމަރަމުންދާ ކަމަށެވެ. 

ކެންޔާގައި އެބޯލާ ފަރުވާދޭ މަރުކަޒެއް ގާއިމުކުރުމަށް އެމެރިކާއިން ގެންގުޅޭ ރޭވުމާ ގުޅިގެން، ބޯޑަރު ހުރަސްކޮށް ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން އާންމު ރައްޔިތުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ.

ފަންސާސް އެނދުގެ މި އައިސޮލޭޝަން ސެންޓަރުގައި މަސައްކަތް ކުރާނީ އެމެރިކާގެ މެޑިކަލް ޓީމުތަކުންނެވެ. މި ތަނަކީ މިހާރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލި ޖެހޭ އެމެރިކާގެ ރައްޔިތުންނަށް ފަރުވާ ދިނުމަށް ހަދާ ތަނެކެވެ.

ކެންޔާއިން މިހާތަނަށް އެބޯލާގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވެ އެވެ.

މިދިޔަ ހުކުރު ދުވަހު ކެންޔާގެ ހައިކޯޓުން ވަނީ އެ މަރުކަޒު ހުޅުވުން މަޑުޖައްސާލުމަށް އަމުރުކޮށްފަ އެވެ. އެއީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތަކުން، އެ މަރުކަޒުގެ ސަބަބުން އާންމު ސިއްހަތަށް "ބޮޑު އަދި ނުރައްކާތެރި ގޮންޖެހުންތަކެއް" ކުރިމަތިވެދާނެ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން، ހޯމަ ދުވަހުގެ ރޭ ރައީސް ވިލިއަމް ރޫޓޯ ވަނީ އެ ރޭވުން ދިފާއުކުރައްވައި، ގައުމު ރައްކާތެރިކުރުމަށް ކެންޔާއިން "ހުރިހާ ވަސީލަތެއް" ބޭނުންކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ވައިރަހާ ދެކޮޅަށް ކުރާ މަސައްކަތުގައި ކެންޔާގެ އެހީތެރިކަމަށް އެމެރިކާ ސަރުކާރުން އެދުނު ކަމަށާއި، އޭނާ އެކަން ވަގުތުން ގަބޫލުކުރެއްވީ އެއީ ދެ ގައުމުގެ ދެމެދުގައި ވެވުނު "އެއްބަސްވުމެއްގެ" ދަށުން ކަމަށެވެ.

އެބޯލާ ފަދަ "ނުރައްކާތެރި" މައްސަލައެއް ސިޔާސީ ނުކުރުމަށް ކެންޔާގެ ރައްޔިތުންނަށް ގޮވާލައްވަމުން، އެކަމާ ގުޅޭ ގޮތުން "ޒިންމާދާރުކަން ކުޑަ" ވާހަކަތައް ނުދެއްކުމަށް ސިޔާސީ ބޭފުޅުންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

ހައިކޯޓުން އަންގާރަ ދުވަހު ވަނީ އެ މަރުކަޒު ހުޅުވުން ހުއްޓުވުމަށް ނެރުނު އަމުރުގެ މުއްދަތު އިތުރުކޮށް، އެބޯލާ މަރުކަޒާ ގުޅޭ ހުރިހާ ތަފްސީލެއް ހާމަކުރުމަށް ސަރުކާރަށް އަމުރުކޮށްފަ އެވެ.

ކޯޓު އަމުރެއް އޮތް ނަމަވެސް، އަސްކަރީ މަތިންދާބޯޓުތައް އެ އެއާބޭސްއަށް ޖައްސައި ފުރަމުންދާ މަންޒަރު ފެންނަ ކަމަށާއި، މިއީ އެ ތަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ ހެއްކެއް ކަމަށް މާހިރުން ބުނެ އެވެ.

ކެންޔާގެ ޑޮކްޓަރުންގެ ޔޫނިއަނާއި ސަރުކާރު ޒިންމާދާރުކުރުވާ ފަރާތްތަކުން ވަނީ މި ރޭވުމާ ދެކޮޅު ހަދާފަ އެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ އާންމު ރައްޔިތުން ބައްޔަށް ހުށަހެޅުމުގެ ބޮޑު ނުރައްކަލެއް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox