ގަޒުފުގެ މައްސަލަ ބަލަން އިސްލާމްދީނުގައި އޮތީ ކިހިނެއް!

ފުލުހުންގެ މައި އިދާރާ

ފުލުހުންގެ މައި އިދާރާ

މިދިޔަ ހަފުތާ އަޅުގަނޑު އެންމެ ބޮޑަށް ސިއްސައިގެންދިޔައީ ރާއްޖޭގައި ހިނގަމުންދާ ނޫސް އިދާރާއަކަށް ފުލުހުން ވަދެ އެތަން ބަލައިފާސްކޮށް އެތަނުން ގިނަ އަދަދެއްގެ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަބަރުންނެވެ. ވެގެންއުޅޭ ގޮތް އެންމެންނަށް ވެސް ސާފެވެ. އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއެއްގައި ގަޒުފުގެ ކުށަށް ތުހުމަތުވާ ބާވަތުގެ ކަންތައްތަކެއް ހުރިކަމަށް ފުލުހުންނަށް ފެނިގެން އެމައްސަލަ ތަހުގީކުރަން ފެށީއެވެ.

އަޅުގަނޑުގެ މި ލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ ގަޒުފުގެ މައްސަލައެއް ބަލައި ތަހުގީގުކުރުމުގައި މުސްލިމުން އަމަލުކުރަމުންދާ ގޮތަށެވެ. އެގޮތާއި ދިވެހި ފުލުހުން އަމަލުކުރި ގޮތާ ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރީތީއެވެ.

ގަޒުފުކުރުމަކީ ކޮބާތޯއެވެ! ގަޒުފުކުރުމަކީ އިއްފަތްތެރި އިންސާނެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައިގެން މުޖުތަމައުގައި ވާހަކަދެއްކުމެވެ. އެއީ ސަރީހަ އިބާރާތުން އެމީހަކަށް ޒިނޭގެ ތުހުމަތުކުރުން ކަމަށް ވިޔަސް ސަރީހަ ނޫން އިބާރާތަކުން މީހަކަށް ޒިނޭގެ ތުހުމަތުކުރުން ކަމަށް ވިޔަސްވެހެވެ. ގަޒުފު ކުރުމަކީ ގަޒުފުކުރާ މީހާގެ މައްޗަށް އެކުށް ސާބިތުވެއްޖެނަމަ، އިސްލާމްދީނުގައި ހައްދުކަނޑައެޅިފައިވާ ކުށެކެވެ. މީހަކު އެހެން މީހަކާ ދިމާއަށް އޭނާ އެހެރީ ޒިނޭކޮށްފައިކަމަށް ބުނެ ތުހުމަތުކޮށް މީހެއްގެ އަބުރަށް އަރައިގަނެއްޖެ ނަމަ އެކަމުގައި ތުހުމަތު ލިބި އަބުރަށް ގެއްލުންވީ ފަރާތަށް އެ މައްސަލައެއް ޝަރުއީ ނިޒާމުގެ ތެރެއަށް ހުށަހެޅިދާނެއެވެ.

Advertisement

އަދި ޒިނޭގެ ތުހުމަތު ރައްދުވީ ފަރާތުން އެއީ ދޮގެއްކަމަށް ބުނެ ތުހުމަތަށް އިންކާރު ކުރާ ނަމަ، ތުހުމަތުކުރި ފަރާތަށް އޮތީ ހެކި ދެއްކުމެވެ. ހެކި ނުދެއްކޭނަމަ ތުހުމަތުކުރި ފަރާތަކީ ގަޒުފުގެ ކުށް ކުރި ފަރާތެއްކަމަށް ބެލެވިދާނެއެވެ.

މީހަކާ މެދު ޒިނޭގެ ތުހުމަތުކޮށް ވާހަކަ ދެއްކުމާއި އެގޮތަށް ތުހުމަތުކޮށް ވާހަކަ ދައްކާ މީހާގެ ވާހަކަ އެމީހާއާ ހަވާލާދީ ފެތުރުމާއި މިއީ ޝަރުއީ ގޮތުން ބަލާއިރު ދެކަމެކެވެ. ގަޒުފުކުރުމަށް ވަނީ ޒިނޭގެ ތުހުމަތުކުރުމަށެވެ. އަދި ގަޒުފުކުރި މީހަކަށްވާނީ ނުވަތަ ބަޔަކަށްވާނީ ސީދާ މިވެނި މީހަކު ޒިނޭކުރިކަމަށް ތުހުމަތުކޮށް އެވާހަކަ ދައްކާ މީހާއެވެ. ގަޒުފުކުރި މީހާއާ ހަވާލާދީ އެމީހާގެ ވާހަކަ ފަތުރާ މީހާއަކީ ޝަރުއީ ގޮތުން ގަޒުފުކުރާ މީހާއާ އެއްފަދަ މީހަކަށް ނުވެއެވެ.

ޝައްކެތް ނެތެވެ. ގަޒުފުކުރާ މީހާގެ ގަފުޒުގެ ތުހުމަތު ފަތުރައިދިނުމަކީ ހަރާން ކަމެކެވެ. އެހެނަސް އެއީ ގަޒުފުކުރުމެއް ނޫނެވެ. އެފަދަ މީހަކަށް ތުހުމަތުކުރާނީ ގަޒުފުކުރީކަމުގައެއް ނޫނެވެ. މީސްމީހުންގެ އަބުރު ވެއްޔާ މޮޑެވޭ ކަހަލަ ވާހަކަ ފަތުރައިދިނުމުގައި އެހީތެރިވެދިނުމަކީ ހަމަބޮޑުސިންގާ ފާފައެކެވެ. އަދި އަދަބު ދެވިދާނެ ކަމެކެވެ. އެކަމަކު އެއީ ޝަރުޢީ ގޮތުން ގަޒުފުކުރުންކަމުގައި ހަދައިގެން ތުހުމަތުކުރާނަމަ އެކަން އެކުރެވެނީ އިސްލާމްދީނާ އެއްގޮތަކަށް ނޫނެވެ.

އެއްގޮތަކަށްވެސް ޒިނޭގެ ތުހުމަތުކުރާ މީހުންގެ ވާހަކަތައް ފެތުރުން ހުއްދަވާނެ ކަމަށް އަޅުގަނޑު ދަންނަވަނީކީ ނޫނެވެ. އެއީ ކަނޑައެޅިގެން ހުރި ހަރާން ކަމެކެވެ. އެކަމަކު އަޅުގަނޑު މިދަންނަވަނީ ގަޒުފުކުރުމާއި ގަޒުފުކުރާ މީހާގެ ވާހަކަ ފެތުރުމާއި މިއީ ޝަރުއީ ގޮތުން މުޅިން ދެފާފައަކަށްވާތީ އެވާހަކައެވެ. އެއްފާފައަކީ ހައްދުކަނޑައެޅިފައިވާ ފާފައެކެވެ. އަނެއް ފާފައަކީ ވެސް އޭގެ ފާފަ ނިކަންބޮޑުކަމުގައި ބަޔާންވެފައިވާ އެހެނަސް ހައްދުގެ ކުށެއް ނޫނެވެ.

ގަޒުފުކުރުމުގެ ފާފައަކީ ސިއްރުން ކުރާ ކަމެއް ނޫނެވެ. އޭގައި މީހެއްގެ އަބުރު ކަތިލެވުން ހިމެނެނީ ވެސް އެޔަކީ ފާޅުގައި މުޖުތަމައުގެ ތެރޭގައި މީހަކު އެހެން މީހެއްގެ މައްޗަށް ކުރާ ތުހުމަތަކަށްވާތީއެވެ. އެތުހުމަތުކުރަނީ ކާކުކަން އެންމެންނަށް އެނގޭތީއެވެ. ގަޒުފުކުރުމަކީ އެއީއެވެ. ގަޒުފުގެ ކުށެއް ހިނގާއިރު، އެކުށްކުރީ ކާކުކަން އެއީ އެންމެންނަށް އެނގެން އޮންނާނެ ކަމެކެވެ. ސަބަބަކީ އެއީ ވައްކަންހެން ސިއްރުން ކުރެވޭނެ ފާފައަކަށް ނުވާތީއެވެ. އެހެންވީމާ ގަޒުފުގެ މައްސަލައެއް ބެލުމުގައި ވައްކަންކުރީ ކާކުތޯ ހޯދަން އުޅޭހެން ގަޒުފުކުރި މީހެއް ހޯދަން ފުލުހުން ކުރަންޖެހޭނެ މަސައްކަތެއް ނޯންނާނެއެވެ.

ގަޒުފުގެ މައްސަލައެއް ބަލަން ކަމަށް ބުނެ ނޫސް އިދާރާއަކަށް ވަދެ ބަލައިފާސްކުރުމަކީ ގަޒުފުގެ ފާފައާ ގުޅިގެން އަންނާނެ ހާލަތެއް ނޫނެވެ. އެހެނީ ގަޒުފުކުރީ ކާކުކަން ނޭނގި ގަޒުފުގެ މައްސަލައެއް އުފަންވެފައި ނޯންނާނެއެވެ. ވައްކަމުގެ މައްސަލައަކާއި ގަޒުފުގެ މައްސަލައަކާ ތަފާތުވެއެވެ. އެފާފަތަކުގެ ތަބީއަތާއި ކުރާގޮތާއި އެކަން ހިނގާގޮތުންނެވެ.

ގަޒުފުގެ މައްސަލައެއް ފެންމަތިވަނީ ފާޅުގައި މީހަކު އެހެން މީހަކަށް ޒިނޭގެ ތުހުމަތުކުރާ ހިސާބުންނެވެ. އެމައްސަލަ ބެލުމުގައި މުސްލިމުން އަމަލުކުރަމުން އައި ގޮތަކީ، އެ ތުހުމަތު ރައްދުވީ ފަރާތުން އެ ތުހުމަތަށް އިންކާރުކުރާނަމަ، ތުހުމަތުކުރި ފަރާތަށް ހެކި ދެއްކުމަށް އެންގުމެވެ. އޭނާއަށް ހެކި ނުދެއްކޭނަމަ، އޭނާ ކުރީ ދޮގު ތުހުމަތެއްކަމަށް ބަލައި އެމީހަކަށް ގަޒުފުގެ ހައްދުގެ އަދަބު ދޭނީއެވެ. އޭގައި އިތުރަށް ބަލަން އޮންނަ ކަމަކީ، އެމީހަކު ބޭނުންކުރި އިބާރާތަކީ ޒިނޭގެ ތުހުމަތުވާ އިބާރާތެއްތޯ ބަލައި ތަހުގީގުކުރުމާއި ގަޒުފުގެ ހައްދު ކަނޑައެޅުމުގައި ބަލަންޖެހޭ އިތުރު ކަމެއް ހުރިނަމަ އެކަމެއް ބަލައި ދިރާސާކުރުމެވެ.

ގަޒުފުގެ ކުށުގެ ތަބީއަތަށް ބަލާއިރު، އެކުށް ތަހުގީގުކުރުމަށް ނޫސް އިދާރާއަކަށް ވަދެ އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނުތައް ގެންދަންޖެހޭނެ ޝަރުއީ އެއްވެސް ސަބަބެއް ނާންނާނެއެވެ. އިސްލާމީ ތާރީހުގައި ގަޒުފުގެ ކުށެއްގެ ތަހުގީގަކަށް ގަޒުފުކުރި މީހެއްގެ ގެ ބަލައިފާސްކުރިކަން ފެންނާކަށް ނޯންނާނެއެވެ. ސަބަބަކީ މީގައި ބަލަންޖެހެނީ މީހަކު މީހަކަށް ޒިނޭގެ ތުހުމަތު ފާޅުގައިކުރީމާ، އެމީހަކު އެކުރި ތުހުމަތު އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ އެމީހަކަށް ސާބިތުކޮށްދެވޭތޯއެވެ.

އެކަން ބެލުމަށް ނޫސް އިދާރާއެއްގައި ހުރި ހުރިހާ ކޮމްޕިއުޓަރަކާއި ލެޕްޓޮޕަކާއި އަތުޖެހުނުހާ ބައެއްގެ ފޯނު ގެންދިއުމަކީ ގަޒުފުގެ ފާފައާ އެއްވެސް ގުޅުމެއް ހުރި ކަމެއްނޫނެވެ. ކިއެއްތަ އެއީ ހަމަކަނޑައެޅިގެން މާތް ﷲ މަނާކުރައްވާފައިވާ އަނިޔާވެރިކަމުގެ އަމަލުތަކެކެވެ.

ދީނީގޮތުން ބަލާއިރު ފުލުހުން ކުރަންޖެހޭ ކަމަކީ ގަޒުފުކުރި މީހާ އެކިޔަނީ ކީކޭތޯ ބެލުމާއި، އެ ތުހުމަތު ރައްދުވީ ފަރާތުގެ ބަސް ހޯދުމާއި، ތުހުމަތުކުރި ފަރާތަށް ހެކިދެއްކޭތޯ ބަލައި ތަހުގީގުކުރުމެވެ. އެކަން ކުރުމަށްޓަކައި އެވާހަކަ ފެތުރި ބަޔަކު ތަހުގީގަށް ހާޒިރުކޮށް ސުވާލުކުރުމަކީ ވެސް ފުލުހުންނަށް ކުރެވިދާނެ ކަމެކެވެ. އެޔަކު މައްސަލައެއް ނެތެވެ. އެކަމަކު ގަޒުފުކުރި މީހާގެ ވާހަކަ ފެތުރި މީހުންނަކީ ގަޒުފުކުރި މީހުންކަމަށް ބަލައިގެން އެމީހުންގެ މައްޗަށް ގަޒުފުގެ ތުހުމަތުކުރުމަކީ ޝަރުޢީގޮތުން އެކަން އޮތްގޮތެއް ނޫނެވެ. އަދި އެމީހުންގެ ލެޕްޓޮޕްތަކާއި ފޯނުތައް ނެގުމަކީ ގަޒުފުގެ ތަހުގީގަކާ ގުޅުމެއް ހުންނާނެ ކަމެއް ނޫނެވެ.

އަލްމާއިދާ ސޫރަތުގެ އަށްވަނަ އާޔަތް ބައްލަވާށެވެ! "...އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން އަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން އަދުލުވެރިވާށެވެ! އެގޮތް ތަގުވާވެރިކަމާ ގާތްކަން ބޮޑެވެ..."

ގަޒުފުގެ މައްސަލައެއް ބެލުމުގައި ފުލުހުން ހަދާން ނައްތާލައިގެން ނުވާނެ އަނެއް ކަމަކީ، މި ޒަމާނަކަށް އައިސް ޖިންސީ އަނިޔާވެރިކަމުގެ އަމަލުތަކާ ކުރިމަތިވާ ފަރާތްތަކަށް އެފަދަ މައްސަލަތައް ހުށަހެޅުމުގެ މަގު ބަންދުވެގެން ނުދާނެ ގޮތަކަށް ފުލުހުންގެ އުސޫލުތައް ބައްޓަންކުރުމެވެ. އެހެނީ އަނިޔާ ލިބޭ މީހާއަށް އެވާހަކަ ދެއްކުން އިސްލާމްދީން ވަނީ ހުއްދަކުރައްވާފައެވެ. އެއީ ޖިންސީ އަނިޔާއެއް ވިޔަސް ނުވަތަ އެނޫން ބާވަތަކުގެ އަނިޔާއެއްވިޔަސް އަނިޔާއެއްގެ ވާހަކަ ނަމައެވެ. ސިއްރުން ލިބޭ އަނިޔާއަކީ އަނިޔާލިބޭ ފަރާތަށް ފުލުހުންގެ އެހީތެރިކަމާ ނުލައި ހެކިދެއްކެން ހުންނާނެ ކަންކަމެއް ނޫނެވެ.

އަންނިސާއު ސޫރަތުގެ 148 ވަނަ އާޔަތް ބައްލަވާށެވެ! "އަނިޔާ ލިބިގެންވާމީހާ މެނުވީ، ނުބައިބަސްބުނެ، ފާޅުކުރުމަކަށް ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކުމުގެ ރިފަރެންޑަމެއް ނަގަން ބިރުގަންނަނީ ކީއްވެ؟

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވުމަކީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވި ވައުދާ ހިލާފުވުމެއް ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ބޭރުގެ ފަރާތްތަކަށް ބިން ނުދޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، މިހާރު މި މަޝްރޫއުގެ ދެބައިކުޅަ އެއްބައި ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށްވެސް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

ކުށުގެ ވާހަކަ: ދަރިފުޅަށް ގޯނާކުރަން ވާގިވެރިވި މަންމަގެ ހިޔާނާތް

އުތުރުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމަށް އެ ކުއްޖާގެ މަންމަ މަގުފަހިކޮށްދިން. އަދި މި ލާއިންސާނީ އަމަލުގައި، ދަރިފުޅު ރައްކާތެރިކުރުމުގެ ބަދަލުގައި މަންމަ ވަނީ ގަސްދުގައި އެހެން ފިރިހެނަކަށް އެ ކުއްޖާ ޖިންސީ ގޮތުން ބޭނުންކުރުމަށް އެހީތެރިވެ، އެންމެ އަސާސީ އިތުބާރުގެ ގުޅުމަށް ހިޔާނާތްތެރިވެފަ.

އެމްއޭސީއެލްގެ ރެކޯޑު ފައިދާގެ ފަރުދާގައި ބޮޑު ދަރަނި

އެމްއޭސީއެލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، ނަގުދު ފައިސާ މަދުވެ އެ ކުންފުނީގެ މާލީ ހާލަތަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ. މިދިޔަ އަހަރު ނިމުނުއިރު ކުންފުނީގެ ތިޖޫރީގައި ހުރި ފައިސާ ދެބައިކުޅަ އެއްބަޔަށް މަދުވެފައިވާއިރު، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމުގައި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ.

އަހަރެމެން މި ތަކުރާރުކުރަނީ މާޒީ ހެއްޔެވެ؟

އިންސާނީ ދަހިވެތިކަމާއި، ހަމަ އެ ފޮނި ވާހަކައާއި، މުސްތަޤްބަލުގެ ޖީލުތަކުން ބަލަން ބޭނުންނުވާ ހަމަ އެ ނުރައްކާ މިއަދުވެސް މިވަނީ އަޅުގަނޑުމެންގެ ކުރިމަތީގައި. 2026 ގެ ރާއްޖެއަކީ 1887 ގެ ރާއްޖެއެއް ނޫނެވެ. އެކަމަކު، ސަރުކާރެއްގެ މިހާރުގެ ވަގުތީ ސަލާމަތަށްޓަކައި ޤައުމުގެ މުސްތަޤްބަލު ސޮއިކޮށް ދޫކޮށްލައިފިނަމަ، ނަތީޖާ ނުކުންނާނީ ހަމަ ކުރީގެ ގޮތަށް.

ތިޔަ އެއްޗެއްގައި ސޮއިކުރުމަށްވުރެ ޝަހީދުވުންވެސް ރަނގަޅޭ

ޔަހޫދީންގެ މިތުރަކާ ގުޅިގެން ވާނެ ހެވެއް ނޯންނާނެ އެވެ. އިނގިރޭސިންގެ މުށުތެރެއަށް ވެއްޓިގަތުމާ ނައިބުތުއްތު ދެކޮޅުހެއްދެވިހިނދު، ދިވެހި ދައުލަތުގައި ތިބި ވެރިން އޭރުކީ ލަވަޔަކީ ހަމަ މިހާރުވެސް މި އިވޭ ލަވަޔެވެ. މިއީ އިގުތިސާދީ ކަމެކެވެ. ސިޔާސީ ކަމެކެވެ. ލައްކަ މަންފާވީނަމަ، އަހަރުތަކެއް ފަހުން އިނގިރޭސިންގެ އަތުން މިނިވަންވާކަށް ނުޖެހުނީސްތާ އެވެ!

ރަސްމާލެ މައްސަލައިގެ ނުރައްކާތައް ދިރާސާކުރުމުގެ އިލްތިމާސް

ނޮވެމްބަރު 3 ގައި ގައުމު ދިފާއުކުރި ސިފައިން، ފުރާނަ ގުރުބާންކުރީ ވަކި ތަރައްގީގެ މޮޑެލްއަކަށް ނުވަތަ އިގުތިސާދީ ސިޔާސަތަކަށް ނޫނެވެ. އެމީހުން ދިފާއުކުރީ ދިވެހިންގެ މުސްތަގުބަލުގެ ސާހިބުންނަކީ ދިވެހިން ކަމުގައިވުމުގެ ހައްގެވެ. އެ ހައްގަކީ މިއަދު ވެސް ހަމަ އެ ދަރަޖައިގައި ދިފާއުކުރަންޖެހޭ ހައްގެކެވެ.

ރަސްމާލެ: ވަތަން ވިއްކާލުން އަދި ޑިޖިޓަލް އިސްތިއުމާރު

ރަސްމާލެ މަޝްރޫއާއި ބިދޭސީންނަށް ރެސިޑެންސީ ވިއްކުމަކީ ގައުމުގެ އަމިއްލަވަންތަކަމާއި ބިމުގެ މުގައްދަސްކަން ގެއްލި، ބޭރުގެ ނުފޫޒުގަދަ ފަރާތްތަކުގެ އިސްތިއުމާރީ ބާރުގެ ދަށަށް ރާއްޖެ ހިނގައިދާނެ ކަމެކެވެ. ކުރު މުއްދަތުގެ މާލީ މަންފާއަށްޓަކައި ގައުމުގެ ވަސީލަތްތައް ދިގު މުއްދަތަށް ދޫކޮށްލުމަކީ އަމިއްލަ ވަތަނަށް ވެވޭ ހިޔާނާތެއްގެ ގޮތުގައި މި ލިޔުމުގައި ސިފަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox