ދެމަފިރިން ވަކިވުމަށްފަހު، އެކަކު އަނެކަކަށް ޖެއްސުންކުރުން

ދަރިންގެ ބެލެނިވެރިކަމުގެ މައްސަލަތައް

ދަރިންގެ ބެލެނިވެރިކަމުގެ މައްސަލަތައް

އަޅުގަނޑު މިއަދު މި ހިއްސާކޮށްލަނީ ނުހަނު ނާޒުކު، އަދި އެހާމެ ހިތްދަތި މައުޟޫއެކެވެ. އެއީ ދެމަފިރިން ވަކިވުމަށްފަހު، އެކަކު އަނެކަކަށް ޖެއްސުންކުރުމުގެ ގޮތުން ނުވަތަ ބަދަލުހިފުމުގެ ރޫހެއްގައި، ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކޮށް، އެކަމަށް ހުރަސްއެޅުމުގެ ސަބަބުން ކުރިމަތިވާ ހިތްދަތި ކަންކަމެވެ. ކައިވެނި ރޫޅުމަކީ އޭގެ ހިތި ނަތީޖާ ދަރިފުޅު ތަހައްމަލުކުރަންޖެހޭ ސަބަބަކަށް ވެގެންނުވާނެއެވެ. އަޅުގަނޑުގެ ގާނޫނީ ވަކީލުކަމުގެ ހަޔާތުން ތަޖުރިބާކުރަންޖެހުނު ވަރަށް ހާއްސަ އަދި އެހާމެ އަސަރުގަދަ ކަންކަމުގެ ވާހަކަ މިއަދު ހިއްސާކޮށްލަން ބޭނުމެވެ.

އަޅުގަނޑުގެ މަސައްކަތުގެ ތަޖުރިބާގެ އަލީގައި، މުޖުތަމަޢުގެ ތެރެއިން މިފަދަ ހިތްދަތި އެތައް މަންޒަރެއް ވަނީ ފެނިފައެވެ. މިއަދުގެ މައުޟޫއާ ކުޑަކޮށް ތަފާތު ނަމަވެސް، ހިތުގެ ފުންމިނުން އަސަރުކުރުވި ހާއްސަ ހާދިސާއެއް ހިއްސާކޮށްލާނަމެވެ. އެއީ އަޅުގަނޑާ ބައްދަލުވި 15 އަހަރުގެ ކުޑަކުއްޖެއްގެ ވާހަކައެވެ. އޭރު އެއީ ފުލުހުންގެ ބެލުމުގެ ދަށަށް އެ ކުއްޖާ ގެނެވުނު ހަވަނަ ފަހަރެވެ. އެ ކުއްޖާ ކައިރީ ސަމާސާއަކަށް "މިފަހަރު ދޫކޮށްލުމުން އިސްލާހުވާނަން ހެއްޔޭ" އަޅުގަނޑު އެހުމުން، ގާތްގަނޑަކަށް ފަނަރަ މިނިޓު ވަންދެން ބަހެއް ނުބުނެ އިސްޖަހާލައިގެން އިނދެފައި އެ ކުއްޖާ ބުންޏެވެ.

"އަޅުގަނޑު ގެއިން ނުކުމެގެން މަގުމަތިވަނީ، މިދެ ފުރޭތަ (މައިންބަފައިންނަށް އިޝާރާތްކޮށް) ހުއްޓުމެއްނެތި ކުރާ ޒުވާބުތަކަށް ކެތްނުކުރެވިގެންނެވެ."

އެ ދުވަހު އެ ކުއްޖާ ބުނި މި ކުރު ބަސްތަކުން މުޅި މުޖުތަމައުގެ އިޖުތިމާއީ ބަލިމަޑުކަމެއްގެ ބޮޑު މަންޒަރު ކުރަހައިދިނެވެ. މިއީ ހަގީގަތުގައިވެސް ހިތްފަޅައިގެންދާ ފަދަ ހަގީގަތެކެވެ. މައިންބަފައިންގެ މެދުގައި ހިނގާ ދެބަސްވުންތަކުގެ ނޭދެވޭ އަސަރު، ދަރިންގެ ނަފުސަށް ކުރަނީ އިންތިހާއަށް ފުންކޮށެވެ. ބައެއް ފަހަރު އެ ކުދިންގެ ހިތާމަތަކަކީ ބޭރަށް ފެންނަ އަޑުގަދަ ކަންތައްތަކެއް ނޫނެވެ. އެއީ އެ ކުދިންގެ ހިތުގެ ފުންމިނުގައި ފޮރުވިފައިވާ، އިންތިހާ ވޭންދެނިވި އަދަބުތަކެކެވެ.

މިއީ މީގެ އަހަރުތަކެއް ކުރިން، 2000 ވަނަ އަހަރު އަޅުގަނޑު ވަކީލުކަމުގެ ދާއިރާއަށް އަލަށް ނުކުތް ދުވަސްވަރު ދިމާވި ހާދިސާއެކެވެ. އެދުވަސްވަރު އަޅުގަނޑު މަސައްކަތްކުރަމުންދިޔައީ ކުރީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބުދުﷲ ޝަޢީދު އާ އެކުގައިއެވެ. އަޅުގަނޑު ވަކާލާތު ކުރަމުންދިޔައީ ހައިކޯޓުގައި އޮތް، އެންމެ ހަ މަހުގެ ތުއްތު ކުއްޖެއްގެ ބެލެނިވެރިކަމާ ގުޅޭ މައްސަލައެއްގައެވެ. އެ ކުއްޖާގެ ބައްޕަ ބޭނުންވީ ކުއްޖާގެ ބެލެނިވެރިކަން އޭނާގެ ދަށަށް ގެނައުމަށެވެ. އަޅުގަނޑު ކޯޓުގައި ހުއްޓި ހުރީ އެ ބައްޕަގެ ފަރާތުން ވަކާލާތު ކުރުމަށެވެ. ނަމަވެސް، އެއީ ވަރަށް ހިތްދަތި ދަނޑިވަޅެކެވެ. އެ ކުއްޖާއަކީ އޭރުވެސް މަންމަގެ ގާތުން ކިރުބޯ ތުއްތު ކުއްޖެކެވެ. އެހެންނަމަވެސް، ކޯޓުގެ ނިންމުން އައީ މަންމަގެ އަތުން ކުއްޖާ ވަކިކޮށް، ބައްޕައާ ހަވާލުކުރުމަށެވެ. މި ތަޖުރިބާއިން އަޅުގަނޑަށް ވަރަށް މުހިންމު ފިލާވަޅެއް ދަސްވިއެވެ. ވަކާލާތުކުރާ މައްސަލައަކުން ކާމިޔާބީއެއް ލިބުނު ކަމުގައިވިޔަސް، ބައެއް ފަހަރު އެއީ ހަގީގީ އުފާވެރިކަން ކަމުގައި ނުވެދާނެއެވެ. ސަބަބަކީ، ހަގީގީ ކާމިޔާބީއަކީ ހަމައެކަނި މޮޅުވުން ނޫން ކަމަށްވެފައި، އޭގެ ތެރޭގައި އޯގާތެރިކަމާއި، އިންސާފުވެރިކަމުގެ އިތުރުން އިންސާނީ ކަރާމާތާއި އިހުސާސްތަކަށް އިހުތިރާމްކުރުން ފަދަ މަތިވެރި ސިފަތައް އެކުލެވިގެންވާތީއެވެ.

މިއީ އިތުރު ހާދިސާއެކެވެ. އެހީތެރިކަމަށް އެދި އަންހެނަކު އަޅުގަނޑުގެ ގާތަށް އައީ އޭނާގެ ފަސް ދަރިންނާ ވަކިވާންޖެހި، އެ ކުދިންނާ މުއާމަލާތް ކުރުމުގެ ހުރިހާ ދޮރުތަކެއް ބަންދުވެފައިވާ ހާލަތެއްގައެވެ. ގާނޫނީ ގޮތުން ކުރިމަތިވި ތަފާތު ގޮންޖެހުންތަކާ ހުރެ، އެ ކުދިންނާ ފޯނުން ވާހަކަދައްކާލުމުގެ ފުރުސަތުވެސް އޭނާއަށް އޮތީ ގެއްލިފައެވެ. ކުދިންގެ ބައްޕަ ދިޔައީ، މަންމަ ނުވަތަ މަންމަ ފަރާތުގެ އާއިލާއާ އެއްވެސް ގުޅުމެއް ބޭއްވުމުގެ ފުރުސަތު ނުދީ ހުރަސްއަޅަމުންނެވެ.

މި މައްސަލަތައް އުފެދެން ފެށީ، ކައިވެނީގެ ދިރިއުޅުމުގައި އުފާވެރިކަމެއް ނެތުމުން، އާ ފެށުމަކުން ދިރިއުޅުން ބައްޓަންކުރުމަށް އެ އަންހެންމީހާ ވަރިވާން އެދުމާ ގުޅިގެންނެވެ. ނަމަވެސް، ކުދިންގެ ބައްޕައަށް މި ނިންމުން ބަލައެއް ނުގަނެވުނެވެ. ނަތީޖާއެއްގެ ގޮތުން، ވަރިވުމަށްފަހު އޭނާ ސިއްރުން ކުދިން ގޮވައިގެން ރާއްޖޭއިން ބޭރަށް ފުރައިގެން ދިޔައީއެވެ. މީގެ ސަބަބުން އެ ކުދިންނަށް މަންމަގެ އޯގާތެރިކަމާއި ލޯތްބާ ދުރުގައި ހަތް އަހަރު ހޭދަކުރަން ޖެހުނެވެ.

އަޅުގަނޑު މި މައްސަލައިގައި މަސައްކަތް ކުރީ އެ ކަނބުލޭގެ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުންނެވެ. ކޯޓުގައި ވަކާލާތުކޮށް، މަންމައަށް ދަރިންނާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކޯޓު އަމުރެއް ހޯދައިދިނީމެވެ. އެއަށްފަހު، އެ މަންމައާއި އޭނާގެ އާއިލާއާއެކު އެ ގައުމަށް ދަތުރުކޮށް، ކޯޓު އަމުރު ތަރުޖަމާކޮށްގެން އެ ގައުމުގެ ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު އެމީހުން ދިރިއުޅޭ ގެއަށް ދިޔައިމެވެ. ހަތް އަހަރުގެ ދިގު އިންތިޒާރަކަށްފަހު، އެ މަންމައަށް އޭނާގެ ލޮލުގެ ނޫރު ފަދަ ދަރިން ފެނުނު ހިނދު، އެކުދިންގެ ގައިގައި ބައްދާލައި ރޮމުންދިޔަ މަންޒަރަކީ ފިލްމަކުން ފެންނަ މަންޒަރަކަށްވުރެވެސް މާ އަސަރުގަދަ، ހިތްދަތި މަންޒަރެކެވެ. އެ އުފާވެރި ބައްދަލުވުމުގެ ސަބަބުން އަޅުގަނޑުގެ ހިތަށް ލިބުނު ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި އިހުސާސެކެވެ.

މިއީ އިތުރު ހާދިސާއެކެވެ. ކޮވިޑް-19 ގެ ދަތި ދުވަސްވަރު، ޓެސްޓު ކުރުމަށްޓަކައި ސާމްޕަލް ނަގާ މަރުކަޒަކަށް އަޅުގަނޑު ދިޔައީމެވެ. އަޅުގަނޑުގެ ސާމްޕަލް ނެގުމަށް އައީ ދާދި ފަހުން ކިޔަވައި ނިމިގެން ހިދުމަތަށް ނުކުމެ ހުރި ޒުވާން އަންހެން ޑޮކްޓަރެކެވެ. ސާމްޕަލް ނަގާ ނިމުމަށްފަހު، އޭނާ ބުނެލި ވާހަކައަކުން އަޅުގަނޑު ނުހަނު ބޮޑަށް ހައިރާންވިއެވެ. އޭނާ ބުނި ގޮތުގައި، އޭނާ މިއަދު ޑޮކްޓަރަކަށް ވުމުގެ އަސްލަކީ އަޅުގަނޑެވެ. އޭނާގެ އުމުރުން އެންމެ ހަ އަހަރުގައި، އޭނާގެ މަންމަގެ ފަރާތުން ލިބެމުންދިޔަ އިހުމާލުން ސަލާމަތްކޮށް، މާމަގެ ބެލުމުގެ ދަށަށް އޭނާ ބަދަލުކޮށްދިނުމުގައި އިސްކޮށް އުޅުނީ އަޅުގަނޑު ކަމުގައި އޭނާ ކިޔައިދިނެވެ. އޭނާގެ ނަން ބުނުމާއެކު، މީގެ އަހަރުތަކެއް ކުރިން އަޅުގަނޑު އެހީތެރިވި އެ ކުޑަކުއްޖާގެ ސޫރަ ހިތަށް ސިފަވެގެން ދިޔައެވެ. އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނި ގޮތުގައި، އެ ދުވަހު މަންމަގެ ގާތުގައި އޭނާ ބެހެއްޓިނަމަ، މިއަދު އޭނާގެ ހާލަތުވެސް ހުންނާނީ ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ އޭނާގެ އެއްބަނޑު އެހެން ކުދިންނެކޭ އެއްފަދައިންނެވެ. އެ ވަގުތު އޭނާ ފާޅުކުރި އިހުލާސްތެރި ޝުކުރުގެ ބަސްތަކުން އަޅުގަނޑަށް ބަހެއް ބުނާނެ ހިތްވަރެއްވެސް ނުލިބުނެވެ. އެއީ އުފަލުން ހިތް ފުރިގެންދިޔަ އަސަރުގަދަ ވަގުތުކޮޅެކެވެ.

ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރާއިރު، ކުދިންގެ ބެލެނިވެރިކަމާ ގުޅޭ ގިނަ މައްސަލަތަކުގެ ވާހަކަ އަޑުއިވެއެވެ. ކޮންމެ މަހަކުވެސް މަދުވެގެން ދެތިން ބެލެނިވެރިން މިފަދަ ކަންކަމުގައި ގާނޫނީ ލަފަޔާއި އިރުޝާދު ހޯދުމަށް އަޅުގަނޑަށް ގުޅައެވެ. މީގެ ތެރޭގައި ގިނައީ މައިން ކަމުގައި ވީނަމަވެސް، ދަރިންގެ ހައްގުތައް ހޯދުމަށް އެދި ބަފައިންވެސް މަޝްވަރާ ހޯދައެވެ. މިފަދަ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، ދަރިންނާ ބައްދަލުކުރުމުގެ ގާނޫނީ ހައްގު ނުލިބޭކަމުގެ ޝަކުވާއެވެ. ފެމެލީ ކޯޓުން މަތިމަތީން އަމުރުނެރުނަސް އެ ބައްޕަ ނުވަތަ އެ މަންމަ ބައްދަލުކުރަން އެކިބަހާނާ ދެއްކުމަށްފަހު ނުދޭކަމުގެ ޝަކުވާއެވެ. ގޮތް ހުސްވާ ވާހަކައެވެ. 

ދެމަފިރިން ވަކިވުމަށްފަހު، އަނެއް ބެލެނިވެރިޔާއަށް ދަރިންނާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކޮށް، ހުރަސްތައް ކުރިމަތިކުރުމަކީ ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރި އަދި އުފާވެރި މާހައުލު ގެއްލިގެންދާ ކަމެކެވެ. މިއީ ހަމައެކަނި މައިންބަފައިންނަށް ލިބޭ ހިތާމައެއް ނޫނެވެ؛ މީގެ ސަބަބުން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަމަށްވެސް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރެއެވެ. މިފަދަ މައްސަލަތަކަކީ ނަފުސާނީ ގޮތުން ނުހަނު އަސަރުގަދަ އަދި ތަހައްމަލު ކުރަން ދަތި ކަންކަމަށް ވާތީ، މި ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކަށް ހާޒިރުވެ ވަކާލާތު ކުރުމަކީ އަޅުގަނޑަށް ނުހަނު އުނދަގޫ ކަމެކެވެ. އެހެންކަމުން، މިފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމަށް ކޯޓަށް ދިއުމުން އަޅުގަނޑު ދުރުހެލިވީމެވެ.

ކުޑަކުއްޖަކު ފަނޑިޔާރަކާ ވާހަކަ ދައްކާ ވީޑިއޯއެއްގައި ބުނެފައިވާ ފުން މާނައެއް އެކުލެވޭ ވާހަކައެއް ހަނދާނަށް އާދެއެވެ. އެ ކުއްޖާ ބުންޏެވެ: "އަހަރެންގެ ބައްޕައަކީ އައިސްކްރީމް ކަހަލަ މީހެކެވެ. އަދި މަންމައަކީ ޗޮކްލެޓް ކަހަލަ މީހެކެވެ. އަހަރެން މި ދެމީހުންވެސް ބޭނުމެވެ. އަހަރެން ބޯހިތްވަނީ ޗޮކުލެޓް އައިސްކުރީމެވެ، މީގެން އެކަކު ނެތަސް އަހަރެން އުފަލެއް ނުވާނެއެވެ." މި ވާހަކައިން އެނގެނީ ކޮންމެ ކުއްޖަކަށްވެސް މަންމައާއި ބައްޕަގެ ލޯތްބާއި އަޅާލުން އިންތިހާއަށް ބޭނުންވާ ކަމެވެ. މަންމައާއި ބައްޕައާ ދެމެދު އެކަކު އިހުތިޔާރުކުރުމަށް ކުއްޖާއަށް ދުވަހަކުވެސް މަޖުބޫރުކޮށްގެން ނުވާނެއެވެ. 

މިއަދު އަޅުގަނޑު ވާހަކަދައްކަން ބޭނުންވަނީ އަޅުގަނޑުމެންގެ މުޖުތަމައުގައި އިތުރުވަމުންދާ، ނަމަވެސް ގިނަ ބަޔަކަށް ނޭނގި އޮތް ހިތާމަވެރި މައްސަލައަކާ ބެހޭގޮތުންނެވެ. އެއީ އަމިއްލަ ދަރިން ފެނުމުގެ ހައްގުން މަހުރޫމުވެފައިވާ މައިންބަފައިންގެ އުދާސްތަކެވެ. ފެމިލީ ކޯޓަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި ޤާނޫނު އޮތީ ވަރަށް ސާފުކޮށެވެ. ކުއްޖާގެ ބެލެނިވެރިކަން ނެތް ފަރާތަށް، ހަފުތާއަކު އެއްފަހަރު ދަރިފުޅާ ބައްދަލުކުރުމުގެ ފުރުސަތު ކޯޓުން ދެއެވެ. ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި އިންސާފު ގާއިމުވެއްޖެއެވެ. ނަމަވެސް، ހަގީގަތުގައި އެ އިންސާފު އޮންނަނީ ހަމައެކަނި އެ ކަރުދާސްކޮޅުގައެވެ. އޭގެ ފަހުން ކަންވަނީ ކިހިނެއްތޯއެވެ؟ ދަރިފުޅު ކައިރީގައި ހުންނަ ފަރާތުން ބައްދަލުކުރުވުމަށް ދެކޮޅު ހަދައި، ކޯޓު އަމުރަށް ނުކިޔަމަންތެރިވަނީއެވެ. ސްކޫލްތަކުގެ ދޮރުމަތީގައި، ގަދަ އަވީގައި، އެންމެ ސިކުންތުކޮޅަކަށް ނަމަވެސް ދަރިފުޅު ފެނިލާނެ ކަމުގެ އުއްމީދުގައި ތިބޭ މައިންބަފައިން އަޅުގަނޑަށް އެގެއެވެ. ތިޔަ ފަރާތަށް މި ލިޔުން ކިޔަމުންދާއިރު، އެފަދަ ކަންތައް މި ކުޑަކުޑަ މުޖުތަމައުގައި ހިގަމުންދާނެއެވެ މިކަމުގައި އެހީއަކަށް އެދި ދިޔުމުން ދެން ދިމާވަނީ ކޯޓުތަކާއި މިނިސްޓްރީތަކާ ދެމެދު ޖެހެނީ ހިނގާށެވެ. ބައެއް ފަހަރު ފުލުހުންގެ ފަރާތުންވެސް ޖަވާބަކަށްވަނީ "ކުރެވޭނެ ކަމެއް ނެތް" އަދުލު އިންސާފު ގާއިމުކުރުމުގައި ފެއިލްވެ، ޒިންމާދާރުކަން ކުޑަކަން ހާމަވާ ކަމެކެވެ. ހަގީގަތަކީ އަޅުގަނޑުމެންގެ ގާނޫނުތަކަކީ ބަލިކަށި އެއްޗެއް ނޫނެވެ. އާއިލާއާބެހޭ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މިފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ބާރުތައް ލިބިދީފައިވެއެވެ. ނަމަވެސް، މައްސަލައަކީ މި ގާނޫނުތަކުގެ ބޭނުން ފުރިހަމައަށް ނުހިފުމެވެ.

އާއިލާއާބެހޭ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން، ކުއްޖަކު ބެލެހެއްޓުމުގެ އެންމެ އިސް އިސްކަމެއް ނުވަތަ ހައްގެއް ލިބިގެންވަނީ ކުއްޖާގެ މައިމީހާއަށެވެ. ނަމަވެސް މައިމީހާގެ ގާތުގައި ކުއްޖާ ބެހެއްޓުމަކީ ކުއްޖާގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ޝަރީއަތަށް ސާބިތުވާނަމަ، ކުއްޖާގެ މަސްލަހަތަށްޓަކައި އެހެން ފަރާތަކާ ކުއްޖާ ބެލެހެއްޓުން ހަވާލުކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެއެވެ. އައިލާއާއިބެހޭ ގާނޫނުގެ 41 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، ކުއްޖާ ބަލަހައްޓާ ފަރާތަކީ ކުއްޖާއަށް ބޭނުންވާ ލޯތްބާއި، އަޅާލުމާއި، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ކުޅެދުންތެރިކަން ހުރި މީހަކަށް ވާންޖެހެއެވެ. މީގެއިތުރުން، 42 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ކުއްޖާ ބެލެހެއްޓުމުގެ ހައްގު ގެއްލިދާނެ ހާލަތްތަކުގެ ތެރޭގައި؛ ބަލަހައްޓާ ފަރާތުގެ އަހުލާގީ މިންގަނޑު ދަށްވުމާއި، އަނެއް ބެލެނިވެރިޔާއަށް ކުއްޖާ ފެނުމުގެ ފުރުސަތަށް ގަސްދުގައި ހުރަސްއެޅުން ހިމެނެއެވެ. 

އާއިލާއާއިބެހޭ ގަވައިދުގެ 62 ވަނަ މާއްދާގެ ދަށުންވެސް ކުއްޖާ ބެލެހެއްޓުމުގެ ހައްގު ނެތް ބެލެނިވެރިޔާއަށްވެސް ކުއްޖާއާ ބައްދަލުކޮށް މުއާމަލާތުކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ކަށަވަރުކޮށްދެއެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކުދިން ރައްކާތެރިކުރުމުގައި އާއިލާއާއި ދައުލަތާއި މުޖުތަމައުގެ ޒިންމާތައް ކަނޑައެޅުމެވެ. މީގެ އިތުރުން، އެހީތެރިކަން ބޭނުންވާ ކުދިންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ނިޒާމެއް ގާއިމުކޮށް، ހަމައެހެންމެ، ކުޑަކުދިންނަށް އިހުމާލުވާ ނުވަތަ ގޯނާކުރާ ފަރާތްތަކާމެދު ޖިނާއީ ދަޢުވާކުރުމާއި އިދާރީ ފިޔަވަޅު އެޅޭނެ މަގު މި ގާނޫނުން ފަހިކޮށްދެއެވެ. މި ގާނޫނުގެ ބައިތައް މި މަޒްމޫންގައި މި ލިޔަނީ އާއިލާގެ ބައިއެކަނިއެވެ. 

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މި ގާނޫނުގެ ކަށަވަރުކޮށްދޭ އެންމެހައި ހައްގުތަކަކީ، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ކުއްޖަކަށްމެ ހަމަހަމަކަމާއެކު ލިބިދޭންޖެހޭ ހައްގުތަކެކެވެ. އަދި ކުއްޖާގެ އުމުރާއި ބުއްދީގެ ގާބިލުކަން ހުރި މިންވަރަކުން އެ ހައްގުތައް ބޭނުންކުރުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ ފަހިކޮށްދޭންވާނެއެވެ. މީގެ އިތުރުން، ކުއްޖާގެ އުމުރާއި ފެންވަރަށް ރިޢާޔަތްކޮށް، އެ ހައްގުތައް ލިބިގަތުމުގައި ބޭނުންވާނެ އެކަށީގެންވާ މަގުދެއްކުމާއި އިރުޝާދު ފޯރުކޮށްދިނުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ޒިންމާއެކެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން، ނަފުސާނީ ގޮތުން ކުރެވޭ އެންމެހައި އަނިޔާތަކުން ރައްކާތެރިވުމުގެ ފުރިހަމަ ހައްގު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ. އަދި އެ ގާނޫނުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގައި، ކުއްޖާގެ މަސްލަހަތަށާއި، ކަރާމާތަށާއި، ޖިސްމާނީ އަދި ނަފްސާނީ ހެދިބޮޑުވުމަށް އުނިކަން އަތުވެދާނެ ފަދަ ނޭދެވޭ އިޖްތިމާޢީ ކަންކަމުން ރައްކާތެރިކަން ލިބުމަކީ ކޮންމެ ކުއްޖެއްގެވެސް އަސާސީ ހައްގެކެވެ. މައިންބަފައިން ނުވަތަ ގާނޫނީ ބަލަދުވެރިންގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ ވަގުތުތަކުގައިވެސް، އެއްވެސް އިސްތިސްނާއެއް ނެތި މި ހައްގުތައް ކަށަވަރުކޮށްދޭންޖެހެއެވެ. ހަމައެއާއެކު، ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން، ކޮންމެ ކުއްޖަކަށްމެ އެކުއްޖެއްގެ މައިންބަފައިންނަކީ ކޮބައިކަން އެނގުމުގެ ހައްގާއި، މައިންބަފައިންގެ އަޅާލުމާއި ބެލުމުގެ ދަށުން ހެދިބޮޑުވުމުގެ ހައްގު ލިބިދީފައިވެއެވެ. ކުއްޖާގެ މަސްލަހަތަށްޓަކައި މައިންބަފައިންނާ ދުރުގައި ބެހެއްޓުމަށް ގާނޫނީ ގޮތުން މަޖުބޫރުވާ ހާލަތެއްގައި މެނުވީ، މައިންބަފައިންނާއެކު ދިރިއުޅުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްމެ އޮންނަންވާނެއެވެ. އަދި ކުއްޖާގެ މަސްލަހަތަށް ނޭދެވޭ އަސަރެއް ނުކުރާނެ ނަމަ، މައިންބަފައިންނާ ގަވާއިދުން ގުޅުން ބޭއްވުމުގެ އިޚްތިޔާރުވެސް އެ ކުއްޖަކަށް އޮންނަންޖެހެއެވެ. މީގެ އިތުރުން، ގާނޫނުގެ 24 ވަނަ މާއްދާގެ ދަށުން، ކުއްޖާގެ މަސްލަހަތަށް އުނިކަމެއް ނާންނާނެ ކޮންމެ ހާލަތެއްގައި، މައިންބަފައިންގެ އިތުރުން ގާތްތިމާގެ މީހުންނާއި އާއިލީ ގުޅުން އޮންނަ ފަރާތްތަކާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަކީ އެ ކުއްޖަކަށް ގާނޫނީ ގޮތުން ކަށަވަރުކޮށްދީފައިވާ ހައްގެކެވެ. މިއިން އެއްވެސް ހައްގަށް އަރައިގުމަކީ މި ގާނޫނުގެ ދަށުން ޖިނާޢި ދައުވާއެއްކުރުމުގެ އިހްތިޔާރު ލިބިގެންވާކަމެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.  

ނަމަވެސް، ހިތާމަވެރި ހަގީގަތަކީ، ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ސަބަބުން ކުއްޖާގެ ކުރިމަތީގައި ހިންގާ ޒުވާބުތަކާއި، ހަޅޭލަވައި ކުއްޖާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާ ފަދަ އަމަލުތައް މައިންބަފައިންގެ ފަރާތުން ފެންނަމުންދާ ކަމެވެ. ހާއްސަކޮށް ސްކޫލް ދޮށާއި އާންމު ތަންތަނުގައި ކުއްޖާގެ ކުރިމަތީގައި ދެބަސްވެ ހަޅޭލެވުމަކީ ގާނޫނުން ކުއްޖާއަށް ކަށަވަރުކޮށްދޭ ނަފްސާނީ ރައްކާތެރިކަމުގެ ހައްގަށް އުނިކަން އަންނަ، އަދި ކުއްޖާގެ ކުރިމަގަށް ނުހަނު ނޭދެވޭ އަސަރުކުރާނެ ކަންކަމެވެ. މިފަދަ އަމަލުތަކަކީ ހަމައެކަނި ގާނޫނީ ކުށެއް ނޫނެވެ. މިއީ އިސްލާމީ ރިވެތި އުސޫލުތަކާވެސް މުޅިން ހިލާފު ކަންކަމެވެ. މާތް ނަބިއްޔާ މުޙައްމަދު ﷺ ހަދީސްކުރައްވާފައިވާ ބަހަފުޅެއްގެ މާނައިގައިވެއެވެ. "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީވެސް މަސްއޫލުވެރިއެކެވެ. އަދި އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ފަރާތްތަކާ މެދު އެމީހަކާ ސުވާލުކުރެވޭނެއެވެ." ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ހަވާލުކުރައްވާފައިވާ މަތިވެރި އަމާނާތަކަށްވާއިރު، އެކުދިންނަށް ކުރެވޭ ނަފްސާނީ އަނިޔާތަކަކީ އާޚިރަތް ދުވަހުން އެކަމާ މެދު ސުވާލުކުރެވޭނެ ފާފައެކެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުއްޖެއްގެ ހައްގަކަށް އުނިކަން އަންނާނެ އެއްވެސް އަމަލެއް ނުކުރުމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މިފަދަ އަމަލެއް ހިނގައިފި ނަމަ، އެކަން ތަހުގީގު ކުރުމުގެ ބާރު ކަމާއިގުޅޭ އިދާރައަކަން ލިބިގެންވެއެވެ. މައްސަލައިގެ ކުޑަބޮޑުމިނަށާއި ތަކުރާރުވާ މިންވަރަށް ބަލައި، އެ ފަރާތްތައް ޖޫރިމަނާކުރުމުގެ ބާރުވެސް ލިބިގެންވެއެވެ. އަދި ފެމެލީ ކޯޓަށް އާއިލާއާބެހޭ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކޯޓު އަމުރުތައް ތަންފީޒުކުރުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ ބާރު އަދި ފެމެލީ ކޯޓަށާއު އަދި ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންވެއެވެ. އާއިލީ މައްސަލަތަކުގައި ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ހައްގަކަށް އުނިކަން އަތުވެއްޖެ ނަމަ، އެ ކުއްޖަކަށް ނުވަތަ ބެލެނިވެރިޔާއަށް ދައުލަތުގެ މުއައްސަސާތަކާއި ކޯޓުތައް މެދުވެރިކޮށް އިންސާފު ހޯދުމުގެ ހައްގު ލިބިގެންވެއެވެ. މީގެ މާނައަކީ މިފަދަ މައްސަލަތައް ފުލުހުންނަށާއި ކަމާބެހޭ އެހެނިހެން އިދާރާތަކަށް ހުށަހެޅިދާނެ ކަމެވެ. ނަމަވެސް، މިފަދަ ހާލަތްތަކުގައި ބެލެނިވެރިން ކައިރީގައި އަބަދުވެސް "ކޯޓަށް ދިއުމަށް" ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox