ފ. ފީއަލީ ތެޔޮ ޖެޓީގައި އަޅާފައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާންގަނޑު ފެތުރި އެ ރަށު ބަނދަރުގައި އަޅާފައި އޮތް އިތުރު ހަތަރު އުޅަނދެއްގެ އިތުރުން ބަނދަރު ސަރަހައްދުގައި ހުރި އައިސްޕްލާންޓްވެސް އެއްކޮށް މިއަދު އަނދައި ހުލިވެއްޖެ އެވެ.
މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފްއަށް ލިބުމާއެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ އަދި ދ. ކުޑަހުވަދޫ ފަޔާ ސްޓޭޝަން ގުޅިގެން ކުރި މަސައްކަތުން ނިއްވާލީ 10:35 ގަ އެވެ.
ފީއަލީ ކައުންސިލް މެންބަރު އަހްޒަމް އަބްދުﷲ އަދަދު އަށް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ތެޔޮ ބޯޓާއެކު ފާނަމަސްވެރިކަންކުރާ ބޮޑު ދެ ދޯންނާއި ކުޑަ ދޯންޏެއް ވެސް އަނދައި ހުލިވިއިރު، އއައިސްޕްލާންޓްވެސް އަނދައި ހުލުވީ އެތަނުގައި ހުރި ސާމާނާކާ އެކު ކަމަށެވެ.
"އައިސް ޕްލާންޓް ނެތް ބޭނުންކުރެވެން. އައިސްޕްލާންޓް ދެން ޖެހޭނީ އާ ޕްލާންޓެއް ބަހައްޓަން. ހުރިހާ އެއްޗެއް އަނދައި ހުލިވެފައި. ރަށުގައި މަސްވެރިކަން ކުރާ ދެ އޮޑި ހަމަ އެއްކޮށް އަނދާ ހުލުވީ ގާތްގަނޑަކަށް. ބޭނުން ނުކުރެވޭ ވަރަށް،" އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންނެލި އޮޑިއަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ލިބުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

މި ހާދިސާގައި ދިވެއްސަކާއި ބަންގްލަދޭޝް މީހަކު ފިހިގެން އެ ރަށު ސިއްހީ މަރުކަޒުގައި ވަގުތުން ފަރުވާދޭން ފެށި އެވެ. އޭގެ ތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްކަމުން އޭނާ ސީ-އެމްބިއުލާންސްގައި މާލެ ގެނެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.













