ޗައިނާގެ ނިންބޯގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕަކީ ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ފާތިމަތު ނަބާހާ (ނަބާ) އަށް ގިނަ ގޮތްގޮތުން ކާމިޔާބު މުބާރާތެއް ކަމަށް ބުނެފި އެވެ.
ނަބާގެ އިތުރުން ބެޑްމިންޓަން އޭޝިއާ މުބާރާތުގައި ދެން ކުޅުނު ކުޅުންތެރިއަކީ، ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ އާއި އައިމިނަތު ނަބީހާ (ނަބީ) އެވެ.
ނަބާ ވަނީ މި މުބާރާތުގެ ތިން އިވެންޓްގައި ވާދަކޮށްފަ އެވެ. އެއީ، އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސް އަދި މިކްސް ޑަބަލްސް އެވެ. ނަބާ ވަނީ، އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖު ދެ މެޗުން މޮޅުވެ، ގަދަ 32 ކުޅުންތެރިންގެ ބުރުގައި ކުޅެފަ އެވެ. މިއީ، އޭޝިއާ މުބާރާތުގައި މިހާތަނަށް މި ވަރުގެ ރެކޯޑަކާ އެކު، ދިވެހި ކުޅުންތެރިއަކު ހޯދި އެންމެ ރަނގަޅު ކާމިޔާބެވެ.
ނަބާގެ ފުރަތަމަ މެޗުގައި އޭނާ ނުކުތީ ބަންގްލަދޭޝްގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ، އުރްމީ އަކްތަރުއާ ދެކޮޅަށެވެ. އެ ގޮތުން، އުރްމީއާ ދެކޮޅަށް ކުޅުނު މެޗުން ނަބާ މޮޅުވީ، 21-07، 21-17 އިން ސެޓުތައް ގެންގޮސްގެންނެވެ. ދެ ވަނަ މެޗުގައި، ނަބާ ނުކުތީ ކިރްގިސްތާންގެ މަތީ ރޭންކްގެ ކުުޅުންތެރިޔާ، ޒަސްމީން އައިސަރޯވާއާ ދެކޮޅަށެވެ. ޒަސްމީން ކައިރިން ވެސް ސެޓެއް ނުގެއްލި ނަބާ މެޗުން މޮޅުވިއިރު، އޭނާ ސެޓުތައް ގެންދިޔައީ، 21-05، 21-06 އިންނެވެ.
ރާއްޖޭގެ ނަބާ އޭޝިއާގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް
ޗައިނާގެ ނިންބޯގައި ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް ފުރިހަމަ މޮޅެއް ހޯދައި، ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ބެޑްމިންޓަން ޓީމުގެ ތަރި، ނަބާހާ (ނަބާ)، އޭޝިއާގެ ގަދަ 32 ކުޅުންތެރިންގެ ބުރުން ވަނީ ޖާގަ ހޯދައިފައި.
ނަބާ، "އަދަދު ސްޕޯޓްސް" އަށް ބުނީ، މިދިޔަ އަަހަރު، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) ސަސްޕެންޝަނުގެ ސަބަބުން ބެޑްމިންޓަން އޭޝިއާ މުބާރާތުގައި ވާދަނުކުރެވުނު ކަމަށާއި މި ފަހަރުގެ މުބާރާތަށް އެނބުރި އައިސް ވާދަކުރެވުމަކީ ވެސް ހިތްހަަމަޖެހުމެއް ކަމަށެވެ.
"ތިން އިވެންޓެއްގަައި ވާދަކުރާތީވެ، އެއް ދުވަހެއްގައި ފަސް މެޗު ކުޅެން ޖެހުނުއިރު ހުރިހާ މެޗެއްގައި ޖުމްލަކޮށް ދެއްކުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. އެންމެ ބޮޑު ހައިލައިޓަކީ މުބާރާތުގެ އަންހެން ސިންގަލްސްގެ ގަދަ 32 ކުޅުންތެރިންގެ ބުރަށް ކޮލިފައިވުން. މި ކާމިޔާބީ ވެގެން މިދިޔައީ ފުރަތަމަ ފަހަރަށް އަންހެން ކުޅުންތެރިއަކަށް މި ހިސާބަށް މި ދެވުނީ. މި ކާމިޔާބީ ރަމްޒުކޮށްދެނީ ކުޑަކަމެއް ނޫން، ވަރަށް ރަނގަޅު ރޭންކިން ޕޮއިންޓްތަކެއް ލިބި، އޮލިމްޕިކްސް އަށް ކޮލިފައިވުމަށް ކުރާ އުންމީދަށް ލިބުނު ބާރެއް،" ދާދި ފަހުން އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު ނަބާ ބުންޏެވެ.
މުބާރާތުގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުގައި، ނަބާ ކުޅުނީ ޖަޕާންގެ އަކާނޭ ޔަމަގޫޗީއާ ދެކޮޅަށެވެ. މި ވަގުތު ދުނިޔޭގެ ރޭންކިން ހަތަރު ވަނައިގައި އޮތް ޔަމަގޫޗީ ވަނީ ތިން ފަހަރު ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ކާމިޔާބުކޮށްފަ އެވެ. އެއީ، 2021، 2022 އަދި މިދިޔަ އަހަރު އެވެ. އަދި، އޭނާ ވަނީ 2019 ވަނަ އަހަރު އޭޝިއަން ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ އަންހެން ސިންގަލްސް އިން ރަން މެޑަލް ހޯދައިފަ އެވެ. ޔަމަގޫޗީ އަތުން ނަބާ ބަލިވީ 21-05 އަދި 21-09 އިން ސެޓުތައް ގޮސްގެންނެވެ.
"ދުނިޔޭގެ ހަތަރު ވަަނަ ޔަމަގޫޗީއާ ކެރިއަރުގައި ދެ ވަނަ ފަހަރަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ތަޖުރިބާއެއް އަދި ޝަރަފެއް. މި ކަަހަލަ ފުރުސަތު ލިބިގެންދިއުުމުން އެނގޭ ކަމަކީ އެންމެ މަތީ ފަންތީގައި ވާދަކުރުމުގެ މުހިންމުކަން، ކޮންމެ މެޗެއް ވެސް ކުރިއަރައިގެން ދިއުމަށްޓަކައި ކިހާ މުހިންމު ރޯލެއް ކުޅޭކަން،" ނަބާ ބުންޏެވެ.
ނަބާ ވަނީ ރިވައިވަލް ސްޕޯޓްސްގެ ކޯޗު ނަޝްފާން މުހައްމަދު އާއި ރިވައިވަލް ސްޕޯޓްސްގެ ފަރާތުން އޭނާގެ ކެރިއަރަށްޓަކައި ކޮށްދެމުން އަންނަ ކަންކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. މި ފަރާތްތަކުގެ އެހީތެރިކަން، ނަބާ، އޮލިމްޕިކްސް އަށް ކޮލިފައިވާން ކުރާ ދަތުރުގައި މުހިންމު ރޯލެއް ކުޅޭނެ ކަަމަށް އޭނާ ގަބޫލުކުރެ އެވެ.
ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕްގެ އަންހެން ޑަބަލްސްގައި ނަބާ އާއި ނަބީގެ ޕެއާ ކުޅުނު ފުރަތަމަ މެޗުން ސިންގަޕޫރުގެ ޓޭ އަންޑްރެއާ އާއި ޓިއޯ އެންގްގެ ޕެއާ އަތުން ވަނީ 21-08، 21-09 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުން ސްރީ ލަންކާގެ އެއް ވަނަ ޕެއާ، ހަސިނީ އަމްބަލަގޮންޑަގޭ އާއި ހަސާރާ ވިޖަޔަރަތުނޭ އަތުން ވަނީ ތިން ސެޓު ކުޅެގެން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ، 16-21، 21-13 އަދި 21-11 އިންނެވެ. މިކްސް ޑަބަލްސްގައި، ނަބާ އާއި ޒަޔާންގެ ޕެއާ ވަނީ، ބަންގްލަދޭޝްގެ ޖުމަރު އަލް އަމީން އާއި އުރްމީ އަކްތަރުގެ ޕެއާ އަތުން ތިން ސެޓަށް ކުޅެގެން ބަލިވެފަ އެވެ. އެ މެޗުގެ ފުރަތަމަ ސެޓު، 14-21 އިން ގެއްލިފައިވަނިކޮށް ދެ ވަނަ ސެޓުގައި، ނަބާ އާއި ޒަޔާންގެ ޕެއާ ކުޅުން ރަނގަޅުކޮށް، 21-14 އިން ސެޓު ގެންދިޔަ ނަަމަވެސް، ތިން ވަނަ ސެޓު، 08-21 އިން ގެއްލި މެޗުން ބަލިވީ އެވެ.













