ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ހަމައެކަނި ގާނޫނުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، މައިގަނޑު މައްސަލައަކީ މުޖުތަމައުގެ ތެރޭގައި ކަންކަން ބަލައިގަންނަ ގޮތާއި އާންމު ވިސްނުމެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދެހާހެއްހާ ވަކީލުން ތިބި ނަމަވެސް، ޖިނާއީ މައްސަލަތަކުގައި ދީފާޢީ ވަކީލުންގެ ގޮތުގައި އަމަލީ ގޮތުން މަސައްކަތް ކުރަނީ ގިނަވެގެން ތިރީހަކަށް ވަކީލުންނެވެ. މި މަދު ނިސްބަތަކީ އިއްތިފާގަކުން ދިމާވެފައިވާ ކަމެއް ނޫނެވެ. މިއީ ދިފާއީ ވަކީލެއްގެ ދައުރާ މެދު މުޖުތަމައުގައި އޮތް ނުތަނަވަސްކަމާއި، އިންސާފު ގާއިމުކުރުމުގެ އަސްލު މާނަ އޮޅިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ މީހަކަށްމެ އިންސާފްވެރި ޝަރީއަތެއް ލިބުމާއި ވަކީލެއްގެ އެހީތެރިކަން ލިބުމުގެ މުހިންމުކަމުގެ މައްޗަށެވެ. ގިނަ ފަހަރަށް އާންމުންގެ މެދުގައި އޮންނަނީ ތުހުމަތުކުރެވޭ މީހާއަކީ ކުށްވެރިއެއް ކަމަށް ބަލައި، ޝަރީއަތުގެ ކުރިން ގޮތް ނިންމުމުގެ ނުރައްކާތެރި އާދަ އެވެ. މިއީ އިންސާނީ ޖަޒުބާތާއި ނަފުރަތުގެ ސަބަބުން އުފެދޭ ކަމެއް ނަމަވެސް، އިންސާފު ގާއިމުކުރުމާއި އަދުލުވެރިކަން ދެމެހެއްޓޭނީ ހަމައެކަނި ހެއްކާއި ގާނޫނީ އިޖުރާއަތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ.
ދިވެހި މުޖުތަމައުގައި ދިފާއީ ވަކީލުންގެ ދައުރާމެދު އޮންނަ ނޭދެވޭ ވިސްނުން ބަދަލުވަނީ އަމިއްލަ މީހަކަށް ނުވަތަ އާއިލާގެ މީހަކަށް ކަމެއް ދިމާވުމުންނެވެ. މީޑިއާގެ ތެރޭގައި ފެތުރޭ ޖަޒުބާތީ ވާހަކަތަކުގެ ސަބަބުން ހަގީގީ އިންސާފަށް ހުރަސްއެޅޭއިރު، ދިފާއީ ވަކީލުންނަށް މުޖުތަމައުގެ ފާޑުކިއުންތަކާއި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް، އިންސާފުވެރި ނިޒާމެއްގެ އަސާސަކީ ދިފާއުވުމުގެ ފުރުސަތު ދިނުން ކަމަށްވާތީ، ކޮންމެ ހާލަތެއްގައި ވެސް ދިފާއީ ވަކީލުންގެ ދައުރަކީ އަދުލުވެރިކަން ގާއިމުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ނުރައްކާތެރި ކުށެއް މުޖުތަމައުގައި ހިނގުމާއެކު، ފުރަތަމަވެސް ނޫސްތަކުގައި ޝާއިއުކުރާ ހަބަރަކީ އެ ކުށުގެ ވާހަކައާއި، އެކަމާ ގުޅިގެން އަދިވެސް އެއްވެސް މީހަކު ހައްޔަރުނުކުރާ ވާހަކަ އެވެ. ދާދިފަހަކުން މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލައެއްގައި، ފުލުހުންނަށް ނުފޫޒު ފޯރާ ގޮތަށް، މީހަކު ހައްޔަރުނުކުރެވި ލަސްވާކަމަށް ތަކުރާރުކޮށް ލިޔެފައިވެ އެވެ. ނޫސްވެރިންނަށް ގަބޫލުކުރެވެނީ ކުށެއް ހިނގުމާއެކު ފުލުހުން އެންމެ އިސްކަމެއް ދޭންޖެހޭނީ މީހަކު ހައްޔަރުކުރުމަށް ކަމަށެވެ. މީގެ ނަތީޖާއަކީ، މައްސަލައިގައި އެކަށީގެންވާ ހެކި ނުލިބި ވަނިކޮށް މީހުން ހައްޔަރުކުރަން މަޖުބޫރުވުމެވެ.
މިފަދަ ހާލަތްތަކުގައި ފުލުހުން ހައްޔަރު އަމުރަކަށް އެދުމުން، ގާޒީ ވެސް އަމުރު ނުދީ ހުންނާކަށް ނުކެރެ އެވެ. ސަބަބަކީ، އަމުރު ނުދީފިނަމަ ޖެހިގެން އަންނަ ދުވަހު "ކޯޓުން ހައްޔަރު އަމުރު ނުދިން" ކަމުގެ ހަބަރު ފެތުރި، އެ ގާޒީއާ މެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީ އަށް ހުށަހަޅާނެތީ އެވެ. އަދި އެމީހާ ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލަން ވެސް ގާޒީއަށް ނުކެރެނީ އާންމުންގެ ޖަޒުބާތުތައް ހުރި ގޮތުންނެވެ.
ނަމަވެސް، ހަގީގަތަކީ ހެކި ނެތްނަމަ ވަކި ހިސާބަކުން އެމީހަކު ދޫކޮށްލަން ގާޒީއަށް މަޖުބޫރުވާނެ ކަމެވެ. އާންމުންނާއި ނޫސްވެރިންނަށް ގިނަ ފަހަރަށް އޮޅެނީ، ހައްޔަރު އަމުރު ނެރުމުގައި ބަލާ މިންގަނޑާއި، ޝަރީއަތުގައި ކުށް ސާބިތުކުރުމަށް ބަލާ މިންގަނޑު ތަފާތުކަމެވެ.
ނުރައްކާތެރި ކުށެއް ހިނގުމުން، ފުލުހުން އަވަސްއަރުވާލައިގެން އަމަލުކުރުމުގެ ނަތީޖާއަކަށް ވަނީ، މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރުމަށް ހުރަސްތަކެއް ކުރިމަތިވުމެވެ. އާންމުންގެ ތަސައްވުރާއި ފުލުހުންގެ ވިސްނުމާ ދެމެދު ބޮޑެތި ފަރަގުތަކެއް ހުރެ އެވެ. މަދު ފުލުހަކު ވީހާވެސް އަވަހަކަށް މީހުން ހައްޔަރުކުރުމަށް އިސްކަންދިން ނަމަވެސް، ރާއްޖެ އާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކޮށްފައިވާ އޮފިސަރުންގެ ވިސްނުން ތަފާތެވެ. އެ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މީހަކު ހައްޔަރުކުރަންވާނީ އެކަށީގެންވާ މިންވަރަށް ހެކި އެއްކުރުމަށްފަހުގަ އެވެ.
ނަމަވެސް، މިފަދަ ތައުލީމީ އޮފިސަރުންނަށް ވެސް، ވެރިންގެ ފަރާތުން ކުރިމަތިވާ ސިޔާސީ ފިއްތުންތަކާއި މީޑިއާގެ ޕްރެޝަރުގެ ސަބަބުން، ހަމަޖެހިފައިވާ އުސޫލުތަކާ ހިލާފަށް އަމަލުކުރަން މަޖުބޫރުވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، އެކަށީގެންވާ ހެކި ނެތި މީހުން ހައްޔަރުކުރެވި، މުހިންމު ހެކިތައް ގެއްލި، ބޮޑެތި މައްސަލަތައް ބޭކާރުވެގެންދާ މަންޒަރު ފެނެއެވެ. ހަމަ މި މައްސަލަ ޕްރޮސިކިއުޓަރުންނަށްވެސް ކުރިމަތިވެއެވެ.
އަވަސްއަރުވާލައިގެން ދައުވާ އުފުލަން ޖެހުމުން، ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުރަންޖެހޭ ހަގީގީ ދައުވާގެ ބަދަލުގައި، ސާބިތުކުރުން އުނދަގޫ ދައުވާތައް ކުރެވޭ ފަހަރު އާދެއެވެ. މީހަކު ހައްޔަރުކުރުމާއެކު ދައުވާކުރުމަށް އޮންނަ ހަރުކަށި މުއްދަތުތައް ގުނަން ފެށުމުން، ތަހުގީގު ފުރިހަމަ ނުވި ނަމަވެސް ކޮންމެވެސް ދައުވާއެއް ކުރަން މަޖުބޫރުވެ އެވެ.
ފަނޑިޔާރުންނަށް ވެސް މިފަދަ ހާލަތްތަކުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހެ އެވެ. އެކަށީގެންވާ ހެކި ނެތުމުން ނުވަތަ އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭ ކަންކަން ފުރިހަމަނުވުމުގެ ސަބަބުން، ކުށްވެރިޔާ މުޖުތަމައަށް ދޫވެގެންދާ ހާލަތްތައް މެދުވެރިވެ އެވެ. އަދި ބައެއް ފަހަރު، ކުށެއް ނެތް މީހަކު ނުވަތަ އެ މީހަކު ނުކުރާ އަމަލަކަށް ދައުވާ އުފުލި، މުޅި މައްސަލަ އޮޅުންބޮޅުންވެގެން ދެ އެވެ. މި ހުރިހާ ކަމެއްގެ މުގުލުގައި އޮތީ ސިޔާސީ ނުފޫޒާއި މުޖުތަމައުގެ ފަރާތުން ކުރިމަތިވާ ފިއްތުންތަކެވެ.
މިކަމަށް އޮތް ހައްލަކީ ނޫސްވެރިން ވެސް ހަބަރު ފެތުރުމުގައި ޒިންމާދާރުވުމެވެ. ނޫސްވެރިން ލިޔާ ލިޔުންތަކަކީ އިންސާފަށް މަގުފަހިވާ އެއްޗަކަށް ވާންޖެހޭއިރު، އޭގެ ސަބަބުން މައުސޫމު މީހަކަށް އަނިޔާއެއް ލިބިދާނެތީ ސަމާލުވާންޖެހެ އެވެ. ނޫސްވެރިންގެ ހަގީގީ ޒިންމާ އަދާކުރާށެވެ. ފުލުހުންނާއި، ޕްރޮސިކިއުޓަރުން އަދި ފަނޑިޔާރުން މަސައްކަތް ކުރަންވީ ގޮތް ކިޔައިދީ، ގާނޫނީ އިންސާފު ގާއިމުކުރުމަށް ހުރަސް ނާޅާށެވެ. މިއަދު ފަތުރާ ނުބައި ހަބަރެއްގެ ސަބަބުން، މާދަމާ ތިމާ އަމިއްލައަށް ވެސް ބޭއިންސާފާ ކުރިމަތިލާން ޖެހިދާނެކަން ހަނދާންކުރާށެވެ. ސިޔާސީ އެދުންތަކަށްޓަކައި މުއައްސަސާތަކަށް ނުސީދާ ފިއްތުންތައް ކުރިމަތިނުކޮށް، އެންމެންވެސް ތިމާގެ ހަގީގީ ޒިންމާ އިހުލާސްތެރިކަމާއެކު އަދާކުރަންޖެހެ އެވެ.
މި މައުޟޫއަށް ވާހަކަދައްކާއިރު، ހިތަށް ސިފަވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ ގޮތުން ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން، އެކި ފަހަރުމަތިން ހައްޔަރުކުރެވުނު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވާހަކަތަކެވެ. އެގޮތުން ކުރީގެ ފަނޑިޔާރުން ތަކެއްގެ މައްޗަށް ހިނގުނު ޝަރީއަތް، ރޭދުވާލެއް، ރޯދައެއް ނުވަތަ އީދެއް ބެލުމެއްނެތް ގޮތަށް ބާރުސްޕީޑުގައި ކުރިއަށްގެންދިޔަ ހަނދާންތަކެވެ.
އެ ޝަރީއަތުގެ މަޖިލީހެއްގައި އެ ދެ ފަނޑިޔާރުން ކުރެއްވި ޝަކުވާއަކީ، އެފަދަ ގޮތަކަށް ޝަރީއަތް ހިންގުމަކީ އިންސާފު ނޫން ކަމަށެވެ. އެ ޝަކުވާއަށް މައްސަލަ ބެއްލެވި ޤާޟީ ދެއްވީ ވަރަށް ބުއްދިވެރި ޖަވާބެކެވެ. ގާޒީ ވިދާޅުވީ، ރައީސް ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެއްގައި، މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ އިންސާފު ކަމަށާއި، ރައީސް ނަޝީދުގެ މައްސަލަ ކުރިއަށްގެންދިޔަ ގޮތަކީ އިންސާފުވެރި ގޮތެއް ކަމަށް އޭރުގެ ސްޕުރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެދުވަހު އެ ފެންނުނީ ތަޤްދީރުގެ ނިޔާއެވެ. އޭރު އެ ފަނޑިޔާރުން އިންސާފުން އެއްކިބާވެ، ވެރިންގެ ރުހުން ހޯއްދެވުމަށްޓަކައި ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ނިންމެވި ނިންމެވުންތަކުގެ ހިތި ނަތީޖާއާ، ހަމަ އެ ބޭފުޅުންނަށް މިއަދު ކުރިމަތިލައްވަން މިވަނީ ޖެހިފައެވެ. އޭގެ އަހަރުތަކެއް ކުރިން، އެތަނުން ފަނޑިޔާރަކާއި އެނާގެ އާރާބާރުގައިހުރިއިރު ނުރަސްމީ ބައްދަލުވުމަކުން ދިމާވެ، އޭނާގެ އަޚުންނަށް އަޅުގަނޑު ތަޢާރަފްކޮށްދެއްވީ "ރާއްޖޭގެ ކުށްވެރިން ހިމާޔަތްކޮށްދޭ މީހާ" ގެ ގޮތުގަ އެވެ. އެދުވަހު އަޅުގަނޑު ދެންނެވީ، އަޅުގަނޑު ކުރާ މަސައްކަތަކީ ކުށުގެ ތުހުމަތު ކުރެވޭ ފަރާތްތަކަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތައް ހޯދައިދިނުން ކަމަށެވެ. އެ މަނިކުފާނަކީ މަތީ މަޤާމެއްގައި ހުންނެވި ފަނޑިޔާރަކަށް ވެފައި، އަޅުގަނޑަކީ ވަކީލަކަށް ވާތީ، އެދުވަހު އަޅުގަނޑަށް ޖެހުނީ ހިނިތުންވުމަކާއެކު އެ ބަސްތައް ބަރުދާސްތުކޮށް، ހިތްދިރުވާލައިގެން ދާށެވެ.
އޭގެ ފަހުން ދިމާވި އެހެން ހާދިސާއެކެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރުމާ ގުޅިގެން، އޭނާވެސް "ކުށްވެރިން ހިމާޔަތްކުރާ" ވަކީލެއްގެ ގޮތުގައި ފައިލް ހިފައިގެން ކޯޓަށް ނުކުންނަވަން ޖެހިވަޑައިގަތެވެ. އެއް ދުވަހަކު ޝަރީއަތުގެ މަޖިލީހެއްގައި އޭނާއާއެކު ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ. އެ ބޭފުޅާ ވަރަށް ފުރިހަމައަށް ގާނޫނީ ހުއްޖަތްތައް ދައްކަވައި، އޭނާގެ މުވައްކިލު ބަންދުގައި ބަހައްޓަން ނުޖެހޭނެ ސަބަބުތައް ތަފްސީލުކޮށްދެއްވި އެވެ.
ނަމަވެސް، ބައިގަޑިއިރު ވަންދެން ދެއްކެވި ވާހަކަތަކަށް އެއްވެސް ބެލުމެއް ނެތް ގޮތަށް ފަނޑިޔާރު ދެތިން މިނެޓެއްގެ ތެރޭގައި، ނިންމެވީ އޭނާ 15 ދުވަހަށް ބަންދުކުރުމަށެވެ. އެ ނިންމުމަށްފަހު ފަނޑިޔާރު ވަރަށް އަވަހަށް ތެދުވެވަޑައިގެން ހިނގައްޖެ އެވެ. ކުރީގެ ފަނޑިޔާރު ހައިރާންވެފައި ހުރެ ބުންޏެވެ. "ޝާއިރުއެވެ! މިހާ ގިނަ ހުއްޖަތްތައް ދެއްކީމަވެސް އެ ނިންމީ 15 ދުވަހަށް ބަންދުކުރާށެވެ." އަޅުގަނޑު ގާތަށް އައީ ހިންޏެވެ. އަދި ދެންނެވީމެވެ. "މަނިކުފާނަށް މިއީ ހައިރާންކުރުވަނިވި ކަމަކަށް ވިޔަސް، މިއީ އަޅުގަނޑުމެން ކޮންމެ ދުވަހަކު ތަޖުރިބާކުރާ ކަންކަމެވެ.
ކުރީގެ ޕީޖީ އެއް ފަނޑިޔާރުކަމުގައި ހުންނެވިއިރު، ޒުވާން ޖޯޝުގައި ނިންމެވި ހަރުކަށި ނިންމުންތަކާއި، ބަންދާމެދު އަމަލުކުރެއްވި ގޮތް އަދިވެސް ހަނދާން އެބަހުއްޓެވެ. ފަހުން އޭނާގެ މައްޗަށް ބަންދުގެ މުއްދަތު އިތުރުކުރަން ޖެހުނު ހިނދު، އޭނާގެ ގާތް އެކުވެރި ފަނޑިޔާރުންވެސް އެނާއާއިމެދު އަމަލުކުރެއްވީ ހަމަ އެފަދަ ހަރުކަށި ބަހުރުވައިންނެވެ. އޭނާ ޕީޖީ ކަމުގައި ހުންނެވިއިރު، ރައީސް ނަޝީދުގެ މައްޗަށް ކުރިން އޮތް ދަޢުވާ ބަދަލުކޮށް އަދަބު ބޮޑުވާ ގޮތަށް ޓެރަރިޒަމްގެ ދަޢުވާ އުފުއްލެވި އެވެ. އޭރު އަޅުގަނޑުމެން ދެއްކި އެއްވެސް ޤާނޫނީ އިޢުތިރާޒަކަށް އޭނާ ސަމާލުކަމެއް ނުދެއްވަ އެވެ. ނަމަވެސް، ވަގުތު އެނބުރި އައިސް އޭނާއާވެސް ކުރިމަތިލާން ޖެހުނީވެސް ހަމަ އެފަދަ ޓެރަރިޒަމްގެ ދަޢުވާއަކާއެވެ.
ހަމަ އެ ދުވަސްވަރު، ކުރީގެ ސީޕީ އެއް ދޫނިދޫގައި ބަންދުގައި ހުންނެވިއިރު، ގޮޅީގެ ހޫނުގަދަކަމާއި ފަންކާއެއް ނެތުމުގެ ޝަކުވާ ކުރެއްވި އެވެ. ޖަލު އޮފިސަރުގެ ޖަވާބަކަށްވީ، "ސަރއެވެ! މި ގޮޅިތަކުގައި ދުވަހަކު ވެސް ފަންކާއެއް ނުހުރެ އެވެ. ތިއީ އަބަދުވެސް ބަންދުގައި ތިބޭ މީހުން ކުރާ ޝަކުވާއެކެވެ." އޭނާ ސީޕީއަކަށް ހުންނެވިއިރު އަޅުގަނޑު ވެސް ހަމަ މި ޝަކުވާ އޭނާއަށް ހުށަހެޅުމުން، އެކަން ބައްލަވާނެ ކަމަށް އޭރު ވިދާޅުވި އެވެ. ނަމަވެސް، އޭގެ އަށް މަސް ފަހުން އޭނާއަށް ޖެހިވަޑައިގަތީ ހަމަ އެ ހިތްދަތި ހާލަތު އަމިއްލައަށް ތަޙައްމަލު ކުރައްވާށެވެ. ކުރީގެ އެހެން ސީޕީ އަކަންވެސް މިފަދަ އިބްރަތްތެރި ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގަތެވެ.
މީގެ އިތުރުން، 2006 ވަނަ އަހަރު އަޅުގަނޑު ވަކީލުކަމުގެ މަސައްކަތް ފެށި ދުވަސްވަރު، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ހުރި މުވައްކިލަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް ތަޙުޤީޤު އޮފިސަރުގެ ކިބައިން ތަކުރާރުކޮށް އެދުނީމެވެ. އޭރު އެ އޮފިސަރު ބުނީ، "މީހުން ގޮޅިއަށް ލުމުން އަބަދުވެސް ބަލިވާނެ ކަމަށާއި، އެއީ ފޭކެއް" ކަމަށެވެ. ނަމަވެސް 2011 ވަނަ އަހަރު އެ އޮފިސަރު ހައްޔަރުކުރެވުނު ދުވަހު، އަތޮޅުވެހިން އޭނާއާ ދިމާވުމުން ވަރަށް ދެރަވެފައި ހުރެ، އޭނާ ޑޮކްޓަރަށް ނުދައްކާތީ އެކަން ބަލައިދިނުމަށް އަޅުގަނޑުގެ ކިބައިން އެދުނެވެ. އެވަގުތު އަޅުގަނޑުގެ ހިތަށް އައީ މީގެ އަހަރުތަކެއް ކުރިން އޭނާ އަޅުގަނޑާ ދިމާލަށް ބުނި ބަސްތަކެވެ.
ދާދިފަހުން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރަކު ވެސް މިފަދަ ވާހަކައެއް ވިދާޅުވި އެވެ. އެ މަނިކުފާނުގެ މަޤާމުގެ ނުފޫޒުގައި، އެއްވެސް ރަޙުމެއް ނެތް ގޮތަށް ބިދޭސީން ޑީޕޯޓްކޮށް ޖަލުގައި ބަންދުކުރަމުން ދަނިކޮށް، ކުއްލިއަކަށް އަމިއްލަފުޅަށް ޖަލު ގޮޅީގައި އެތައް ދުވަހެއް ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. މިނިވަންވުމަށްފަހު އެ މަނިކުފާނު އިއުތިރާފްވެވަޑައިގަތީ، އެއްވެސް އިންސާނަކަށް އެފަދަ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހިގެން ނުވާނެ ކަމަށެވެ.
މިއީ އަޅުގަނޑުގެ ހަޔާތުން ހިނގާފައިވާ ތަފާތު ހާދިސާއެކެވެ. 2013 ވަނަ އަހަރަ އޭނާއަކީ އަޅުގަނޑު ސްކޫލުގައި އުޅުނު ދުވަސްވަރުގެ ސީނިއަރ ބެޗެއްގެ ދަރިވަރެކެވެ. އޭނާއަކީ އޭރު ފުލުހުންގެ މުއައްސަސާގެ އިސް އޮފިސަރެކެވެ. އޭނާގެ މިޒާޖަކީ ސަކަ އަދި މަޖާ މިޒާޖަކަށް ވުމުން، މަގުމަތިން ނުވަތަ ނުރަސްމީ ބައްދަލުވުމަކުން ފެނުނަސް، އަޅުގަނޑުމެންގެ މެދުގައި އޮންނަ ގާތްކަމެއްގެ ސަބަބުން ވަރަށް ގިނައިން ވާހަކަދައްކައި އުޅެ އެވެ. އޭނާ އަބަދުވެސް ބުނާނެ އެވެ. "ޝާއިރުއެވެ! ތިޔަ މީހުން (ކުށްވެރިން) ހިމާޔަތްކުރަން ނޫޅޭށެވެ. އެމީހުންނަކީ އަބަދުވެސް ޖަލުގައި ތިބެންޖެހޭނެ ބައެކެވެ. އެމީހުންގެ އަސްލު ތަނަކީ ޖަލެވެ. މަސްތުވާތަކެތި ބޭނުންކުރާ ކުދިންނަށް ފަރުވާ ދިނަސް އެމީހުން ރަނގަޅެއް ނުވާނެ އެވެ." މިއީ އޭނާގެ އޭރުގެ ވިސްނުން ހުރި ގޮތެވެ.
2013 ގައި ކުރީގެ ރައީސް ނަޝީދުގެ މައްސަލައިގެ ޝަރީއަތް ހިނގަމުންދިޔަ ދުވަސްވަރުގެ އެއްރެއަކު، ދަންވަރު 2:00 ޖެހިފަހުން އެ އޮފިސަރު އަޅުގަނޑަށް ތަކުރާރުކޮށް ގުޅަމުންދިޔަ އެވެ. ފޯނު ނެގިއިރު، އޭނާގެ އަޑުގައި ހުރި ނުތަނަވަސްކަމުން ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އަޅުގަނޑަށް އިހްސާސްވި އެވެ. އޭނާ އާދޭހާއެކު އެދުނީ، އޭނާ މިއޮތީ އަޅުގަނޑު ދިރިއުޅޭ ގޭގެ ކައިރީގައި ކަމަށްވުމުން، އަވަހަށް ތިރިއަށް ފޭބުމަށެވެ. އޭނާއާ އޮތް ގާތްކަމެއްގެ ބޮޑުކަމުން، ނިދާ ހެދުމުގައި ހުރެގެންވެސް އަޅުގަނޑު ތިރިއަށް ގޮސް އޭނާގެ އަމިއްލަ ކާރަށް އެރީމެވެ.
އޭނާ ވަރަށް ދެރަވެފައި އިނދެ ބުންޏެވެ. އޭނާގެ ދައްތަގެ ދަރިއަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. އެހެންކަމުން، އެ ކުއްޖާގެ ދިފާއުގައި މަސައްކަތްކޮށްދިނުމަށް އޭނާ އެދުނެވެ. އަޅުގަނޑު ހައިރާންވެފައި ބުނީމެވެ. "މަނިކުފާނަކީ ފުލުހުންގެ އިސް އޮފިސަރެއް ނޫންތޯ އެވެ؟ މަނިކުފާނު ވިދާޅުވާއިރަށް އެ ކުއްޖާ ދޫކޮށްލާނެ ނޫންތޯ އެވެ؟"
ނަމަވެސް، އޭނާގެ އަމާނާތްތެރިކަން ހުރި ގޮތުން، އެއްވެސް ނުފޫޒެއް ފޯރުވަން ބޭނުންނުވާތީ، ގާނޫނީ އިމުގެ ތެރެއިން ކުރެވެން އޮތް ކަމެއް ކޮށްދިނުމަށް އެދުނީ އެވެ. އެގޭ ދެތިން ދުވަހެއް ފަހުން އޭނާ ބުންޏެވެ. "ޝާއިރުއެވެ! ތިޔަ ކުރަނީ ކިހާ ބިރުވެރި، އަދި މީހުންގެ ނުރުހުން އަމާޒުވާ ފަދަ މަސައްކަތެއްކަން މިއަދު އިހްސާސްވެއްޖެ އެވެ. އެކަމަކު ތުހުމަތުކުރެވޭ ކުއްޖާގެ އާއިލާއަށް ތިޔަ މަސައްކަތުގެ ސަބަބުން ކިހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭކަން ވެސް މިއަދު އެނގިއްޖެ އެވެ."
މި އެކުވެރިޔާ މިދުނިޔެއާ ވަކިވެދިޔައީ ވެސް އޭނާގެ އެ އުސޫލުތަކުގައި ސާބިތުވެ ހުރެގެންނެވެ. ގާނޫނީ އިމުން ބޭރުން އޭނާގެ ނުފޫޒު އެއްވެސް މިންވަރަކަށް ބޭނުންކޮށްފައެއް ނުވެ އެވެ. އަދި ގާނޫނާ ހިލާފަށް ބަންދުގައި ހުންނަ މީހަކާ މެދު ނޭދެވޭ އެއްވެސް އަމަލެއް އޭނާ ހިންގާފައި ނުވާ ކަމަށް، އެ ދުވަސްވަރު ބަންދުގައި ތިބި މީހުން މިއަދުވެސް ހެކިދެ އެވެ. މާތްﷲ އެ އެކުވެރިޔާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި އެވެ.
ވިލިއަމް ބްލެކްސްޓޯން އިބާރާތްކުރައްވާފައިވާ "ބްލެކްސްޓޯންސް ރޭޝިއޯ" އެވެ. އޭނާ ވިދާޅުވެފައިވަނީ "އެއްވެސް ކުށެއް ނެތް މައުސޫމު އެކަކަށް އަދަބު ލިބުމަށްވުރެ، ކުށްވެރި ދިހަ މީހުން ސަލާމަތްވުން މާ ރަނގަޅު" ކަމަށެވެ. މީގެ މާނައަކީ، އަދުލު އިންސާފުގެ ނިޒާމަކީ ހުރިހާ ކަމަކަށްވުރެ ބޮޑަށް މައުސޫމު މީހުން ރައްކާތެރިކޮށްދޭންޖެހޭ ނިޒާމެއް ކަމެވެ. އެގޮތުން، ކުށްވެރިއަކު ސަލާމަތްވި ކަމުގައިވިޔަސް، ކުށެއްނެތް މީހަކަށް އަދަބު ދިނުމަކީ ބޮޑުވެގެންވާ ބޭއިންސާފެކެވެ.
ދައުވާ ސާބިތުކުރުމަށްޓަކައި ވަރުގަދަ ހެކި ބޭނުންވާ ސަބަބަކީވެސް މިއީ އެވެ. މި އުސޫލަކީ ކުށެއް ނެތްކަމުގެ އިހުތިމާލު (Presumption of Innocence)، އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރުން (Proof beyond reasonable doubt) އަދި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ފަދަ ގާނޫނީ މުހިންމު އަސާސްތަކުގެ ބިންގަލެވެ. މިފަދަ ވިސްނުންތައް އެހެން ފަރާތްތަކުންވެސް ފާޅުކޮށްފައިވެ އެވެ. މިސާލަކަށް، ބެންޖަމިން ފްރޭންކްލިން ވިދާޅުވެފައިވަނީ "ކުށެއް ނެތް އެކަކަށް އަދަބު ލިބުމަށްވުރެ، ކުށްވެރި ސަތޭކަ މީހުން ސަލާމަތްވުންވެސް މާ އައުލާކަން ބޮޑު" ކަމަށެވެ.
އެކަށީގެންވާ ޝައްކު އުފެދޭ ހާލަތްތަކުގައި ޙައްދުތަކާއި އަދި ތައުޒީރީ އަދަބު ގާއިމުނުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ނިޒާމުގެ މުހިންމު އަސާސެކެވެ. މި ގާއިދާގެ ބޭނުމަކީ ކުށެއް ސާބިތުކުރުމުގައި އެކަށީގެންވާ ޝައްކެއް އުފެދިއްޖެ ނަމަ، އިންސާނީ ކަރާމާތަށްޓަކައި އެ އަދަބު ނުދީ ދޫކޮށްލުމެވެ. ޙައްދުތަކާ ޚިލާފަށް، ތައުޒީރީ އަދަބުކަނޑައެޅުމުގައި ކުށް ސާބިތުކުރުން ބިނާވަނީ ކަން ހިނގާފައިވާކަން ބޮޑަށް ބުރަވެވޭ ބުރަވުމުގެ މައްޗަށެވެ. މިފަދަ މައްސަލަތަކުގައި ގަރީނާތަކާއި ތަފާތު ވަސީލަތްތައް ހެކީގެ ގޮތުގައި ބަލައިގަތުމުގެ ފުޅާ އިޚުތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ބޭނުންކުރާ "އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް" ކުށް ސާބިތުވާންޖެހޭނެ ކަމުގެ އުސޫލަކީވެސް މި ފިޤުހީ ގާއިދާގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މީގެ މައިގަނޑު މަގްސަދަކީ "އަޞްލުލް ބަރާއާ" ނުވަތަ ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ އަސާސް ދެމެހެއްޓުމާއި، ނުހައްގުން މީހަކަށް އަދަބެއް ލިބުނަ ނުދީ އިންސާފު ގާއިމުކުރުމެވެ. އެހެންކަމުން، ކުށެއް ސާބިތުކޮށްދިނުމުގެ މުޅި ޒިންމާ އޮންނަނީ ދައުވާކުރާ ފަރާތުގެ މައްޗަށެވެ. ޖުމްލަ ގޮތެއްގައި ބަލާއިރު، ބްލެކްސްޓޯންގެ ނަޒަރިއްޔާ (Blackstone’s Ratio) އާއި އިސްލާމީ ފިޤުހުގެ މި އުޞޫލު ބިނާވެފައިވަނީ އެއް ފަލްސަފާއެއްގެ މައްޗަށެވެ. އެއީ، އިންޞާފުގެ ނަމުގައި ކުށެއް ނެތް މައުޞޫމް މީހަކަށް ނުޙައްޤުން އަދަބެއް ލިބުމަށްވުރެ، ކުށްވެރިއަކު އަދަބުން ސަލާމަތްވެގެން ދިޔުން މާ އައުލާކަން ބޮޑުވެގެންވާ ކަމެވެ.









