އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސައިން ދީދީ ވަކިކޮށްފި އެވެ.
އަދަދު ނޫހަށް ކަށަވަރު ވެފައިވާ ގޮތުގައި އޭނާ ވަކިކުރީ މިއަދު އެވެ. އޭނާއަކީ އެ ކުންފުނީގެ ބޯޑު މެންބަރެއް ކަމަށްވާއިރު ބޯޑު ޑިރެކްޓަރުކަމުން ވެސް ވަނީ ވަކިކޮށްފަ އެވެ.
މިއީ މިއަދު ވަކިކުރި ދެވަނަ އެމްޑީ އެވެ. ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވަކިކޮށްފައިވާއިރު އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނަށް ވެސް ވަނީ އިސްތިއުފާ ދިނުމަށް އަންގާފަ އެވެ.
މިއީ މިދިޔަ އިންތިހާބުތަކުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން ގެންނަމުންދާ ބަދަލުތަކެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ބައެއް މީހުން ވެެސް މަގާމުން ވަކިކުރާނެ އެވެ.
އެގްރޯނެޓް އުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ދަނޑުވެރިކަމުގެ އިކޮނޮމިކް ޒޯނު ތަރައްގީ ކުރާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރަން މި ސަރުކާރުން ނިންމި އެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް އެ ނިންމުން އަނބުރާ ގެންދިޔައީ އެވެ.













