ފެނަކައަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެ، ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖިލީހުން އަންގައިފި

Jul 28, 2026, 1:12 PM
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް: ފެނަަކައިން އަންނަނީ މުވައްޒަފުން ކަނޑައި. އޮޕަރޭޝަންތައް ކުޑަކުރުމުން --- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް: ފެނަަކައިން އަންނަނީ މުވައްޒަފުން ކަނޑައި. އޮޕަރޭޝަންތައް ކުޑަކުރުމުން --- ފޮޓޯ: ފެނަކަ

ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ދަރާފައިވާ އެއް ކުންފުނި ކަމަށްވާ ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަމްގެ އަމަލުތައް ހުއްޓުވުމަށް އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އަންގައިފި އެވެ. 

މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ 2021 އިން 2023 އަށް ފެނަކައިގެ އައްޑޫ ސިޓީ ބްރާންޗުން ހިންގި ޕްރޮޖެކްޓުތަކުގެ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާކުރުމަށް ފަހު މާލިއްޔަތު ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ މިއަދުގެ މަޖިލިސް ޖަލްސާގައި ނެގި ވޯޓުގައި ބައިވެރިވި 53 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރަން އެންގުމުގެ އިތުރުން އެ ރިޕޯޓުގައި ވަނީ ފެނަކައިގެ ހިންގުމަށް ވެސް ބަދަލުތަކެއް ގެނައުމަށް އަންގާފަ އެވެ. އެގޮތުން، އެ ކުންފުންޏަށް ބޭނުންވާނެ މުވައްޒަފުންގެ އަދަދު ދެނަގަނެ، އާ އޮނިގަނޑެއް އެކުލަވާލައި 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. 

ފެނަކައަށް ހޯދާ މުދަލާއި ހިދުމަތް ހޯދާއިރު އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓު ޕޮލިސީ އިސްލާހުކުރުމަށް ވަނީ އަންގާފަ އެވެ. އެ ކަމަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ. 

އޭގެ އިތުރުން، ފެނަކައިގެ އިންޓާނަލް ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ) ތައް 45 ދުވަހުގެ ތެރޭގައި އިސްލާހުކޮށް މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

ޕެޓި ކޭޝް ގަވާއިދު ވެސް ހަރަދުނާކޮށް އިސްލާހުކުރުމަށް ފަހު 30 ދުވަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވަނީ އަންގާފަ އެވެ. ފެނަކައިގެ ކޮންމެ ބްރާންޗަކަށް އެކައުންޓެއް ހުޅުވުމަށް ވެސް ވަނީ އަންގާފަ އެވެ. 

މި ފިޔަވަޅުތައް އަޅަން މަޖިލީހުން އަންގާފައި މިވަނީ ފެނަކައިން އައްޑޫ ސިޓީގައި ހިންގި ހަތަރު ޕްރޮޖެކްޓެއްގައި އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ގޮތަށް އަމަލުކޮށްފައިވާކަން އޮޑިޓުން ހާމަވުމުންނެވެ. 

އޮޑިޓު އޮފީހުން ބުނި ގޮތުގައި މިއިން އެއްވެސް ޕްރޮޖެކްޓެއް މިހާތަނަށް ނިމިފައި ނުވާއިރު، 2024 ވަނަ އަހަރުގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކަށް 117 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. އަދި މި ޕްރޮޖެކްޓުތައް ނިންމަން 68 މިލިއަން ރުފިޔާ އިތުރަށް ހަރަދު ވެގެން ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އޮޑިޓަރުން ބުނެފައިވެ އެވެ.

މި ހަތަރު ޕްރޮޖެކްޓު ހިންގުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާއިރު، ވައްކަމަށް ތުހުމަތުކުރެވޭ އެތައް ކަމަކާއި އަގު ބޮޑުކޮށް މުދާ ގަތުމުގެ ކަންކަން ވެސް ހިންގާފައިވެ އެވެ. އަދި ބައެއް ތަކެތި އަގު ބޮޑުކޮށް ކުއްޔަށް ނެގުމަށް ފަހު، އެއްވެސް ވަރަކަށް ބޭނުންކޮށްފައި ނުވާ ކަމަށް ވެސް އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން މި ޕްރޮޖެކްޓުތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާއިރު، މިކަން ކުރީ ޕްރޮޖެކްޓުތަކަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކުގެ މިންވަރު ބެލުމެއް ނެތި، ފެނަކައިގެ މުވައްޒަފުންގެ ގަވާއިދާއި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް ކަމަށް ވެސް އޮޑިޓަރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox