ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓް: މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިފައި!

Mar 5, 2026, 10:05 AM
ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓް: މިލިއަން ރުފިޔާގެ ހިޔާނާތާ ގުޅިފައި!

ހުޅުމާލޭ ފޭސް ވަންގައި ފުޓްބޯޅަ ސްކޫލެއް ގާއިމްކުރަން މީގެ އަށް ވަރަކަށް އަހަރު ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް) އަށް ދިން ބިމުގެ ބޭނުންކޮށްގެން އެތައް މިލިއަން ރުފިޔާ އަކަށް އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން ހިޔާނާތްތެރިވެފައިވާ މައްސަލަތަކެއް އޮޑިޓް އޮފީހުން ފެންމަތިކޮށްފި އެވެ.

އޮޑިޓް އޮފީހުން އިއްޔެ ނެރުނު ރިޕޯޓްގައިވަނީ ފުޓްބޯޅަ ސްކޫލާ ގުޅުން ހުރި ގިނަ ކަންތައްތަކެއް ތަފްސީލުކޮށް ހާމަކޮށްފަ އެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ފުޓްބޯލް ޓްރެއިނިން ފެސިލިޓީއެއް (ސްކޫލެއް) އެޅުމަށްޓަކައި، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ގުޅިގެން އެފްއޭއެމް އިން އޭރު އިޢުލާންކުރި މަޝްރޫއުގެ އެއްބަސްވުމުގައި އެފްއޭއެމް އާއި އެޗްޑީސީން ސޮއިކުރީ 11 ޖުލައި 2018 ގަ އެވެ.

އެ އެއްބަސްވުމުގެ ދަށުން ފުޓްބޯލް ސްކޫލް ތަރައްޤީކޮށް ހިންގުމަށްޓަކައި، ހުޅުމާލެ އިން އެފްއޭއެމް އަށް ދޫކުރި 230,000 އަކަފޫޓުގެ ބިމުގެ ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އެފްއޭއެމް އިން އެކި ފަރާތްތަކާ އެކު 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް 15 ސަބްލީސް އެއްބަސްވުމެއް ހެދިކަން ވަނީ އެނގިފަ އެވެ. އަދި، އެ އެއްބަސްވުންތަކުގެ ދަށުން ޖުމުލަ 52,210,000 ރުފިޔާ، 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމް އަށް ލިބިފައިވާ ކަމަށް ބެލެވޭއިރު، އެ ފައިސާ ގެ ތެރެއިން ޖުމުލަ 29,598,200 ރުފިޔާ ގެއްލިފައިވާކަން އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ.

އޮޑިޓް އޮފީހުން ފާހަގަކުރާ ގޮތުގަައި، ގެއްލުނު މި ފައިސާގެ ތަފްސީލަކީ، ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ނެގި ފަސް ފަރާތަކުން ނަގުދު ފައިސާއިންނާއި ޗެކުން އެފްއޭއެމް ފައިސާ ދެއްކި ކަމަށް ބުނެ ހުށަހަޅާފައިވާ އެފްއޭއެމްގެ ސްޓޭމްޕް އަދި އިސްފަރާތްތަކުގެ ސޮއި ހިމެނޭ ރަސީދުތަކާއި ޕޭމަންޓް ވައުޗަރުތަކެވެ. އެ ފައިސާ އަކީ، 14,100,000 ރުފިޔާ އާއ،ި އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ބިމުގެ ސްލޮޓްތަކުގެ ކުލީގެ ގޮތުގައި ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ، އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ފޮނުވިފައިވާ 14,074,060 ރުފިޔާ އާއ،ި އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން ކޮން ބޭނުމަކަށްކަން ނޭނގި އެކި ފަހަރު މަތިން ނަގުދު ފައިސާގެ ގޮތުގައި ނަގާފައިވާ ޖުމުލަ 1,424,140 ރުފިޔާކަން އޮޑިޓް އޮފީހަށް ވަނީ ފާހަގަކުރެވިފަ އެވެ.

"ސަބްލީސް އެއްބަސްވުންތަކުގެ ދަށުން ބިމުގެ ސްލޮޓްތަކާއި އިމާރާތުގެ ފްލޯތައް ކުއްޔަށް ހިފި ފަރާތްތަކުން 2025 ވަނަ އަހަރުގެ ނިޔަލަށް އެފްއޭއެމް އަށް ޖުމުލަ 52,210,000 ރުފިޔާ ދައްކާފައިވާ ކަމަށް ބެލެވޭއިރު، އެ ފައިސާގެ ތެރެއިން އެފްއޭއެމްގެ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފައިވަނީ ހަމައެކަނި ޖުމުލަ 38,110,000 ރުފިޔާކަން ފާހަގަކުރެވުން،" އޮޑިޓް އޮފީހުން ބުނެފައިވެ އެވެ.

އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލުގެ ފައިސާގެ ތެރެއިން، ޑޮލަރު ގަތުމަށްޓަކައި ކަންކަން ކޮށްފައިވާއިރު، އެއީ ވެސް އުސޫލެއްގެ ގޮތުން ބަލާއިރު، ޑޮލަރުން ފައިސާ ލިބޭ އެސޯސިއޭޝަނެއްގެ ފަރާތުން ކަންކަން ކުރަން ޖެހޭ ގޮތެއް ނޫން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން، ފުޓްބޯޅަ ސްކޫލް ހިންގުމަށް އެފްއޭއެމަށް ދޫކުރި ބިމުގެ ސްލޮޓްތައް ކުއްޔަށް ދިނުމަށް އެފްއޭއެމް އިން ހަދާފައިވާ ސަބްލީސް އެއްބަސްވުންތަކުގެ ތެރެއިން ތިން ފަރާތަކަށް ދޫކޮށްފައިވާ ތިން ސްލޮޓެއްގެ އެއްބަސްވުންތަކަށް ގެނައި އިސްލާހުތަކުގެ ދަށުން އެފްއޭއެމަށް އެއްވެސް އިތުރު ފައިސާ އެއް ދައްކަންނުޖެހޭ ގޮތަށް ވަނީ ހިމަނައިފަ އެވެ. އަދި، އެ ފަރާތްތަކަށް ކުރިން ދޫކޮށްފައިވާ ސްލޮޓްތަކުގެ ސައިޒް ބޮޑުކުރުމުންނާއި، މުއްދަތު އިތުރުކުރުމުުގެ އިތުރުން، އެފްއޭއެމަށް ދައްކަންޖެހޭ ޖުމުލަ ކުލި ކުޑަކޮށްދިނުމުގެ ސަބަބުން އާމްދަނީގެ ގޮތުގައި ލިބުމުގެ ފުރުސަތު އޮތް ޖުމުލަ 14,434,152 ރުފިޔާ ލިބުމަށް ހުރަސްއެޅިގެން ގޮސްފައިވާ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

ފުޓްބޯޅަ ސްކޫލްގެ ތަރައްގީކޮށް، ހިންގުމަށް ދޫކުރި ބިމުގެ 74,958 އަކަފޫޓު އެކި ފަރާތްތަކަށް ސަބްލީސްކުރުމަށް އެފްއޭއެމުން ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން (އެޑްވާންސްކޮށް) ލިބޭނެކަމަށް ބެލެވޭ ފައިސާގެ ޢަދަދަކީ ގާތްގަނޑަކަށް 66,500,000 ރުފިޔާ އެވެ. މި ސަބްލީސް އެއްބަސްވުންތަކުގެ ދަށުން އެފްއޭއެމް އިން ސްލޮޓްތައް ކުއްޔަށް ދީފައިވަނީ އަކަފޫޓަކަށް މަހަކު އެވްރެޖްކޮށް 2.91 ރުފިޔާގެ ރޭޓުން ކަމަށްވާއިރު، އެ ރޭޓަކީ ކޮމާޝަލް ބޭނުންތަކަށް ހުޅުމާލެ ފޭސް 1 އިން އެޗްޑީސީއިން 2017 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދެމެދު ބިން ކުއްޔަށް ދޫކޮށްފައިވާ އެވްރެޖް ރޭޓް ކަމަށްވާ މަހަކު އަކަފޫޓަކަށް 20.23 ރުފިޔާއާ އަޅާބަލާއިރު ވަރަށް ކުޑަ ރޭޓެކެވެ. އެ ސްލޮޓްތައް މާކެޓް ރޭޓުގައި ކުއްޔަށް ދޫކުރިނަމަ ސަބްލީސް އެއްބަސްވުންތަކުގެ މުއްދަތުގެ ތެރޭގައި އެފްއޭއެމް އަށް "ފްރީ ކޭޝް ފްލޯ" ގެ އެކައުންޓިން ހަމަތަކުން 590,598,666 ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭތީ އެ އުސޫލުން ބަލާއިރު މާކެޓް ރޭޓަށް ވުރެ ކުޑަ ރޭޓްތަކުގައި ސަބްލީސް އެއްބަސްވުންތަކުގެ ދަށުން ބިމުގެ ސްލޮޓްތައް ކުއްޔަށް ދީފައިވުމުގެ ސަބަބުން އެ އެއްބަސްވުންތަކުގެ މުއްދަތުގެ ތެރޭގައި 524,098,066 ރުފިޔާގެ ގެއްލުމެއް އެފްއޭއެމަށް ލިބޭނެ ކަމަށް ވެސް އޮޑިޓް އޮފީހުން ލަފާކުރެ އެވެ.

ސަބްލީސް އެއްބަސްވުންތަކުގެ ދަށުން މާކެޓް ރޭޓްގައި އެފްއޭއެމް އިން ބިމުގެ ސްލޮޓްތައް ކުއްޔަށް ދޫކުރިނަމަ ލިބޭނެކަމަށް ލަފާކޮށްފައިވާ ޢަދަދު ހިސާބުކުރުމުގައި ބޭނުންކޮށްފައިވާ އެވްރެޖް ރޭޓަކީ މަހުން މަހަށް ކުލި ދައްކާ ގޮތަށް ހަދާފައިވާ އެއްބަސްވުންތަކުގެ އެވްރެޖް ރޭޓްކަމަށްވާއިރު، އެފްއޭއެމް އިން ކުއްޔަށް ދޫކުރި ގިނަ ސްލޮޓްތައް ދޫކޮށްފައިވަނީ އެއްބަސްވުމުގެ ޖުމުލަ އަގު އެޑްވާންސްކޮށް ނެގުމަށް ކަނޑައަޅައިގެން ކަމަށްވާތ،ީ މާކެޓް ރޭޓްގައި ސްލޮޓްތައް ކުއްޔަށް ދޫކޮށްގެން މުސްތަޤްބަލުގައި ލިބޭނެކަމަށް ލަފާކުރެވޭ ފައިސާގެ މިހާރުގެ އަގު (ޕްރެސެންޓް ވެލިއު) 12 ޕަސެންޓް ގެ ޑިސްކައުންޓް ރޭޓެއްގައި ހިސާބުކުރުމުން އަންނަ އަގަކީ 146,403,411 ރުފިޔާ ކަމާއ،ި އެފްއޭއެމް އިން ހަދާފައިވާ ސަބްލީސް އެއްބަސްވުންތަކުގެ ދަށުން ލިބޭނެކަމަށް ލަފާކުރެވޭ އަގަކީ ގާތްގަނޑަކަށް 66,500,000 ރުފިޔާ ކަމަށް ވުމުން، މާކެޓް ރޭޓަށްވުރެ ކުޑަ ރޭޓެއްގައި ސްލޮޓްތައް ކުއްޔަށް ދޫކުރުމުން ޑިސްކައުންޓެޑް "ކޭޝް ފްލޯ" ގެ އެކައުންޓިން ހަމަތަކުން ބަލާއިރު ގާތްގަނޑަކަށް 79,903,411 ރުފިޔާގެ ގެއްލުން އެފްއޭއެމަށް ވާނެ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

އެފްއޭއެމް އާއި އެޗްޑީސީއާ ދެމެދު، 11 ޖުލައި 2018 ގައި ހެދުނު އެއްބަސްވުމަށް 7 ޑިސެންބަރު 2022 ގައި ފުރަތަމަ އިސްލާހު ގެނެވުނުވެ. އެ ގޮތުން، އެ އިސްލާހާ އެކު، ކޮމާޝަލް ބޭނުންތަކަށް ކުއްޔަށް ދޫކުރެވޭ ގޮތަށް ހަމަޖެއްސި ސަރަޙައްދަށް އެފްއޭއެމް އިން އެޗްޑީސީ އަށް ބިމު ކުލި ދައްކަންޖެހޭއިރު އެފްއޭއެމް އިން ކުލީގެ ގޮތުގައި އެއްވެސް ފައިސާ އެއް މިހާތަނަށް ދައްކާފައިނުވާކަމާއ،ި 2025 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ ބިމު ކުއްޔާއި ޖޫރިމަނާ ހިމެނޭހެން ޖުމުލަ 10,528,598 ރުފިޔާ އެފްއޭއެމް އިން އެޗްޑީސީ އަށް ނުދައްކާ ހުރި ކަމަށް އޮޑިޓް އޮފީހުން ވަނީ ބުނެފަ އެވެ.

ފުޓްބޯޅަ ސްކޫލުގެ ފެސިލިޓީގެ އިނީޝިއަލް ޕްލޭންގައިވާ އޮފީސް ޢިމާރާތާއ،ި އެކޮމަޑޭޝަން ބްލޮކް އަދި ދެ ފުޓްބޯލް ޕިޗް ހެދުމަށް އެފްއޭއެމް އިން 4 ޖުލައި 2018 ގައި އަމިއްލަ ކުންފުންޏަކާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ވެސް ހިޔާނާތަށް މަގުފަހިވާ ކަންތައްތަކެއް ވަނީ ކޮށްފަ އެވެ. އެ ގޮތުން، އެ ކުންފުނިން ނިންމާފައިވާ މަސައްކަތުގެ ގޮތުގައި ފާހަގަކުރެވެނީ ހަމައެކަނި އެކޮމަޑޭޝަން ބްލޮކްގެ 90 ޕަސެންޓް މަސައްކަތްކަމާއ،ި އެ އެއްބަސްވުމުގެ ދަށުން ނިންމަންޖެހޭ އޮފީސް ޢިމާރާތާއި ފުޓްބޯލް ޕިޗްތަކުގެ އެކަށީގެންވާ މަސައްކަތެއް ފެށިފައި ނުވިނަމަވެސ،ް އެފްއޭއެމް އިން މިހާތަނަށް އެ ކުންފުންޏަށް 32,304,143 ރުފިޔާދީފައިވެ އެވެ. އޭގެ ތެރޭގައި ނިމިފައިވާ މަސައްކަތުގެ އަގަށް ވުރެ އިތުރަށް ދީފައިވާ 14,277,082 ރުފިޔާ ހިމެނެ އެވެ.

ފުޓްބޯލް ސްކޫލް ގާއިމުކުރުމަށް އެފްއޭއެމް އަށް ދޫކުރި ބިމުގެ ސްލޮޓްތައް ސަބްލީސް އެއްބަސްވުންތަކުގެ ދަށުން ކުއްޔަށް ނަގާފައިނުވާ ދެ ފަރާތަކުން ވެސް އެތައް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެ ގޮތުން، އެ ފަރާތްތަކުން ފުޓްބޯލް ޓްރެއިނިން ފެސިލިޓީގެ ފުޓްބޯލް ޕިޗް އެޅުމަށް ކަނޑައެޅިފައިވާ ސަރަޙައްދު އެކިކަހަލަ ކޮންސްޓްރަކްޝަން ސާމާނު ގުދަން ކުރުމަށާއ،ި ބަރު އުޅަނދު ބެހެއްޓުމަށާއ،ި ބިދޭސީ މަސައްކަތު މީހުން ބޭތިއްބުމަށް ބޭނުން ކުރަމުންދާކަމާއ،ި ނަމަވެސް، އެ ބިމުގެ ސްލޮޓްތައް ސަބްލީސްކުރުމަށް ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގެ ދަށުން ފުޓްބޯލް ޕިޗް އެޅުމަށް ކަނޑައަފައިވާ ސަރަޙައްދުން އެއްވެސް ފަރާތަކަށް ސްލޮޓް ދޫކޮށްފައި ނުވާކަން ވެސް ވަނީ ފާހަގަކުރެވިފަ އެވެ.

ފުޓްބޯލް ސްކޫލް ގާއިމުކުރުމަށް އެފްއޭއެމް އަށް ބިން ދޫކުރުމަށް އެފްއޭއެމް އާއި އެޗްޑީސީއާ ދެމެދު ހެދި އެއްބަސްވުމަށް ދެ ވަނަ އިސްލާހެއް ވެސް ގެނެވުނެވެ. އެ އިސްލާހުގެ ދަށުން ކަނޑައެޅި އާ ކޮންސެޕްޓް ގުޅިގެން ފުޓްބޯލް ސްކޫލުގައި އަޅާ ޕިޗްތަކުގެ ޖާގައިން ގާތްގަނޑަކަށް 30 ޕަސެންޓް ކުޑަވެ، މި މަޝްރޫޢުގެ އިނީޝިއަލް ކޮންސެޕްޓްތަކުގައި ކަނޑައަޅާފައިވާ ގޮތަށް 90,000 އަކަފޫޓުގެ 2 ފުޓްބޯލް ޕިޗް އެޅުމަށް ބޭނުންވާ ޖާގަ ނެތެވެ.

އެފްއޭއެމް އިން ފުޓްބޯޅަ ސްކޫލުގެ ބިމުގެ ސްލޮޓްތައް އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފައިވަނީ ކޮން އުސޫލެއްގެ ދަށުންކަން އެފްއޭއެމްގެ އެއްވެސް ލިޔެކިޔުމަކުން އެނގެން ނެތެވެ. އަދި، ބިމުގެ ސްލޮޓްތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާނުކޮށްފައިނުވާއިރު، ބިމުގެ ސްލޮޓްތައް ކުއްޔަށް ހިފި ފަރާތްތަކުން ދައްކަންޖެހޭ ކުލީގެ ޢަދަދު ކަނޑައެޅުމުގައި ބަލަންޖެހޭ އުސޫލެއް ތައްޔާރުކޮށްފައި އަދި ބޭނުންކޮށްފައިވާކަން ވެސް ފެންނަން ނެެތެވެ.

މި ހުރިހާ ކަންކަން މިހެން ހުރިއިރު، ފުޓްބޯޅަ ސްކޫލުގެ އެކި ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް އެފްއޭއެމް އިން އެކި ފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ބައެއް މާއްދާތައް އެކުލަވާލާފައިވަނީ އިއާދަނުކުރެވޭ ފަދަ ބޮޑު މާލީ ގެއްލުމަކަށް އެފްއޭއެމް ހުށަހެޅޭ ގޮތަށެވެ. އެ ގޮތުން، ބަލާއިރު، އެ ސްލޮޓްތައް، ކުއްޔަށް ހިފި ފަރާތްތަކަށް ނާޖާއިޒު މާލީ މަންފާ ލިބޭގޮތަށް ކަންކަން ރޭވިފައިހުރިއިރު، އެ އެއްބަސްވުންތައް ބާތިލުކުރެވޭ ހާލަތެއްގައި އާދަޔާޚިލާފު ބޮޑު މާލީ ބަދަލެއް ނަގައިދިނުމަށް އެ އެއްބަސްވުންތަކުގައި ހިމަނާފައި ވެސް ވެ އެވެ. އެއްބަސްވުމުގައި ހިމަނާފައިވާ އެ ޝަރުތުތަކަކީ މި ކޮންޓްރެކްޓްތަކުން ސަލާމަތްވުމުގެ ދޮރު އެފްއޭއެމަށް ބަންދުކުރުމުގެ ބޭނުމުގައި ހިމަނާފައިވާ ޝަރުތުތަކެއްކަމަށް ބެލެވޭއިރު، އެކަމުގެ ސަބަބުން އެ އިދާރާ ބޮޑު ދަރަންޏެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށް ވެސް އޮޑިޓް އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރުން ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި

ދިވެހި ޕްރިމިއާ ލީގުގައި ހދ. ދިއްދޫ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، ބިސް ބުރު ސްޕޯޓްސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި. ބާނަބާސް ފްރައިޑޭ ކާމިޔާބުކޮށްދިން ލަނޑާއެކު ބިސް ބުރުން މި މޮޅު ހޯދިއިރު، މި މެޗަށްފަހު ގައުމީ ޓީމުގެ މެޗުތަކަށް ލީގުގެ ކުޅުން ވަނީ އަންނަ މަހުގެ ނުވަވަނަ ދުވަހާ ހަމައަށް މެދުކަނޑާލައިފައި

ސިޓީ އެއް ވަނަ އަށް، ލިވަޕޫލަށް މޮޅެއް، ޔުނައިޓެޑް އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ސަންޑަލެންޑް ބަލިކޮށް މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލިއިރު، ލިވަޕޫލުން ވަނީ ބޯންމައުތު އަތުން މޮޅުވެފައި. މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އާސެނަލް ބަލިވުމުގެ ފައިދާ ނަގައި ސިޓީން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ހޯދާފައި

އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ބަލިކޮށްލައިފި

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި. މި ނަތީޖާއާއެކު ރެއާލް ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތަށް ގޮސް، ތާވަލުގެ ހަތަރުވަނައަށް ވެއްޓިފައި

ގައްދޫ ބަލިކޮށް އީގަލްސް އަށް ލީގުގައި ދެ ވަނަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ އަތުން 2-0 އިން މޮޅުވެ، ކްލަބް އީގަލްސް އިން ލީގުގައި އެޓީމުގެ ދެ ވަނަ މޮޅު ހޯދައިފި. މި ނަތީޖާއާއެކު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ތިން މެޗުން ވެސް ބަލިވެ ގައްދޫ އަށް ވަނީ އިތުރު ނުތަނަވަސްކަމަކާ ކުރިމަތިލާން ޖެހިފައި

ވީއޭއާރް އަށް އަދިވެސް އިތުބާރު އެބައޮތް: ކެރިކް

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ވީއޭއާރުން ނިންމި ނިންމުމަކާ މެދު ސުވާލު އުފެދުނު ނަމަވެސް، އެ ސިސްޓަމަށް އަދިވެސް އިތުބާރު އެބައޮތް ކަމަށް ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކް ބުނެފި. ކެރިކް ފާހަގަކުރި ގޮތުގައި ވީއޭއާރުގެ ނިންމުންތައް ރަނގަޅު ކުރެވޭނީ ގަވާއިދުތައް މާނަކުރުމުގައި ހުރި ތަފާތުތައް ނައްތާލައިގެން

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމުއްޓެ އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ބޭންޑް އަލުން ސަމޫހު އަލީ (ސަމުއްޓެ) އަށް ދޭން ނިންމީ، އޭނާގެ ކިބައިގައި ޓީމު ލީޑުކުރުމުގެ ގާބިލުކަން ހުރުމުންނާއި ކުރިން ދިމާވި މައްސަލަތަކުން އަރައިގަންނަން ފުރުސަތު ދިނުމަށެވެ. ކޯޗު އުރްބާނީ ބުނިގޮތުގައި ސަމުއްޓެ އަތުން ބޭންޑް ނެގި ސަބަބަކީ ޓީމުގެ "އާއިލީ" ކަމެއް ކަމަށާއި، މިހާރު މުހިންމީ އެކަންކަން އިސްލާހުކޮށް ޒުވާން ކުޅުންތެރިންނަށް ނަމޫނާ ދެއްކުމެވެ.

ޓީ20 ޕްރެޒިޑެންްޓްސް ކަޕްގެ ޗެމްޕިއަންކަން ސީބީއެލް ސްޕޯޓްސް އަށް

ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާލެ ސްޕޯޓްސް ކްލަބް 56 ލަނޑުން ބަލިކޮށް، ސީބީއެލް ސްޕޯޓްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. ސީބީއެލް އިން 20 އޯވަރުގެ ތެރޭގައި 185 ލަނޑު ހެދިއިރު، މާލެ ސްޕޯޓްސް ކްލަބަށް 20 އޯވަރު ހަމަވިއިރު ކުރެވުނީ 127 ލަނޑު. މި މުބާރާތަކީ މޯލްޑިވްސް ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގައި ބޭއްވުނު މުބާރާތެއް

Newsletter

Get the latest news delivered straight to your inbox