މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފޯރިގަދަ "ދިރާގު 3X3 ޗެލެންޖް" ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު މިއަދު ހަމަވާނެ އެވެ.
ޓައިޓަންސް ބާސްކެޓް އެކެޑެމީން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް ކުރިއަށްދާނީ އަންނަ މާޗު 1 އިން 7 ގެ ނިޔަލަށް، ސޯޝަލް ސެންޓަރުގެ އައުޓްޑޯ ކޯޓުގަ އެވެ.
މިއީ ބާސްކެޓްބޯޅައަށް ޝައުގުވެރިވާ ކުދިންނާއި ޒުވާނުންގެ ހުނަރުތައް ތަރައްގީކޮށް، ވާދަވެރި މާހައުލެއްގައި އެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ހޯދައިދިނުމަށް ބާއްވާ މުބާރާތެއް ކަމަށް ދިރާގުން ބުނެ އެވެ.
މިދިޔަ އަހަރު ބޭއްވި މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، 103 ޓީމަކުން ޖުމްލަ 408 ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. މި އަހަރުގެ މުބާރާތް އޮތީ ދެ ކެޓަގަރީއަކަށެވެ. އެއީ:
އެކެޑެމީ ކެޓެގަރީ: 8 އަހަރުން ދަށް، 10 އަހަރުން ދަށް އަދި 12 އަހަރުން ދަށުގެ އަންހެން/ފިރިހެން ޑިވިޝަންތައް.
އޯޕެން ކެޓެގަރީ: 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށުގެ އިތުރުން ފިރިހެން ޑިވިޝަން 1 އާއި 2، އަންހެން ޑިވިޝަން އަދި ބެލެނިވެރިންނަށް ޚާއްސަ ޑިވިޝަންތައް.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފީބާގެ ރަސްމީ 3x3 ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ރާއްޖޭގައި ބާސްކެޓްބޯޅަ ފަދަ ކުޅިވަރުތައް ކުރިއަރުވައި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.







