ދަގަނޑޭގެ ގޯލުތަކާ އެކު ނިއު އިން އީގަލްސް ބަލިކޮށްފި

Jan 22, 2026, 1:31 PM
މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.---- ފޮޓޯ: އެފްއޭއެމް

މިއަދުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ދަގަނޑޭ އުފާފާޅުކުރަނީ.---- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކުރި ލަނޑުތަކާ އެކު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން 8-4 އިން ކްލަބް އީގަލްސްގެ މައްޗަށް ކުރިހޯދައިފި އެވެ.

މިއީ، 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު، ކްލަބް ވެލެންސިއާ އަށް ކުޅެމުން ދިވެހި ޕްރިމިއާ ލީގުގައި ގޯލެއް ޖެހިފަހުން، ދަގަނޑޭ، ޕްރިމިއާ ލީގުގައި ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. ދަގަނޑޭ، މި ސީޒަނުގައި ނިއު އަށް ބަދަލުވިއިރު، އޭނާ ވަނީ ފާއިތުވި އަހަރުތަކުގައި ލިބިފައިވާ އަނިޔާތަކުން ރިކަވާވުމަށްޓަކައި، ކަކުލުގެ ދެ އޮޕަރޭޝަނެއްކޮށްފަ އެވެ.

އަނިޔާއިން ރިކަވާވެ، ނިއު އިން ދަގަނޑޭ، މެޗުތަކަށް ނެރެން ފެށި މި މަސްތެރޭގަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، މެޗަކަށް ފަހު މެޗެއް ގިނަ ވަގުތު ކުޅެމުން އަންނަ ދަގަނޑޭ، މި މެޗުގައި ވެސް ކުޅެން ނުކުތީ ދެ ވަނަ ހާފުގައި ބަދަލަކަށެވެ.

މި މޮޅާ އެކު، ނިއު އިން ތިން ވަނައިގައި އޮތީ 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ. އަދި، ފަސް ވަނައިގައި އޮތް އީގަލްސް އަށް ވަނީ، 16 މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އިމޭޖަސް.އެމްވީ

ގަލޮޅު ދަނޑުގައި މިއަދު ކުުޅުނު މެޗުގައި ނިއު އިން ހަތަރު ވަނަ މިނިޓްގައި ލައިބީރިއާގެ އަބްދުﷲ ބިލިޓީ ޖެހި ގޯލުން ލީޑުނެގި އެވެ. އެކަމަކު، އޭގެ ހަ މިނިޓް ފަހުން އީގަލްސްގެ ސިއެރަ ލިއޯންގެ މިޑްފީލްޑަރު، އިބްރާހިމް ލެބީ ވަނީ ލަނޑު ޖަހައި އެއްވަރުކޮށްފަ އެވެ.

ނަތީޖާ އެއްވަރުކުރިތާ ހަތަރު މިނިޓް ފަހުން، ބިލިޓީ ވަނީ ދެ ވަނަ ފަހަރަށް ނިއު އަށް ލީޑުނަގައިދީފަ އެވެ. އަދި، މެޗުގެ 34 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ލީޑުފުޅާކޮށްދީފަ އެވެ. އަދި، ފުރަތަމަ ހާފުގެ އިތުރު ވަގުުތުގެ ފުރަތަމަ މިނިޓްގައި، ނިއުގެ ނައިޖީރިއާ ފޯވާޑް، އަލްހާޖީ ގޭރޯ ވަނީ ނިއުގެ ހަަތަރު ވަނަ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ ފުލްބެކް، ޔޫސުފް ސިދާމް އަލީ (ސިއްކޮ) ވަނީ އީގަލްސްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ދެ ވަނަ ހާފުގައި، ނިއުގެ ގޯމޭސް ޑަ ސިލްވާ އާއި ސެންޓޭ އިތުރު ލަނޑުތަކެއް ޖެހިއިރު، ފަހު 15 މިނިޓަށް ކުޅެން އެރި ދަގަނޑޭ ވެސް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އީގަލްސް އަށް މި ހާފުގައި ލަނޑުތައް ޖަަހައިދިނީ، އިބްރާހިމް މަހުދީ ހުސެެއިން (ފޭދޫ އިއްބެ)ގެ އިތުރުން، ޕެނަލްޓީ އަކުން އަލީ ހާފިޒް (ހާއްޕެ) އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox