'އަހަރެންގެ ނަސީބު' ގެ ދީލަތި ހުށަހެޅުމަށް ދޭން އޮތީ ސުމެއް!

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

މިއީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ފޮޓޯއެއް

އިއްޔެ އަކީ މިއަހަރުގެ ޅެންވެރިންގެ ދުވަހެވެ. ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބު، އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ޝަރަފުގައި ރާއްޖޭގައި މި ދުވަސް ފާހަގަކުރަމުންދާތާ 38 އަހަރު ވެގެން ދިޔައީ އެވެ. މި ފާއިތުވެދިޔަ 38 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ޅެންވެރިކަމަށް ވެގެންދިޔަ ގޮތް އަމިއްލަފުޅަށް ވަޒަންކޮށްލައްވާށެވެ. ވީގޮތެއް ވެގެން މިއަދާ ހަމައަށް އައިއިރު އަޅުގަނޑުމެން މިހާރު މިތިބީ ޅެމުން ސިއްހީ ފަރުވާ ވެސް ދޭން ތައްޔާރުވެގެންނެވެ. ގައުމިއްޔަތު މިނިސްޓްރީން އެއޮތީ، ގަވާއިދާ ހިލާފަށް ނަމަވެސް އެކަމަށް ބޭނުންވާ ބޮޑު ދިރާސާއެއް ހަދައި، އެ މަސައްކަތަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. ދެން އިސާހިތަކު ޅެން ފަރުވާ ފެށި، އެ ދާއިރާއިން ޅެންވެރިންނަށް ވަޒީފާގެ ފުރުސަތުތައް ވެސް ލިބެން ފަށާފާނެ ތޯއްޗެކެވެ. އެހެންވީމާ ޅެންވެރިކަމުގައި ރާއްޖެއަށް ފަހުރުވެރި މަގާމަކަށް އާދެވިއްޖެކަމަށް އަޅުގަނޑު ހަމަ ޔަގީނުން ވެސް ދެކެމެވެ.

ޅެމުން ލިބޭން އުޅޭ ސިއްހީ ފަރުވާއާމެދު އުފާކޮށް، އެކަމާމެދަށް ދައްކާން ހުރި ވާހަކަތައް އެހެން ފަހަރަކަށް ބާއްވާނީ އެވެ. މިއަދު މިއުޅެނީ ޅެމެއްގެ ޝަރަހައެއް ލިޔެވޭތޯ އެވެ.

އަޅުގަނޑަށް ފެނުނު ޅެންވެރިންގެ ތެރެއިން ފަރެސް އާމިރަކީ ތަފާތު ޝާއިރެކެވެ. ޅެން ފޮތްތައް ނެރެ، އަމިއްލަ ވެބްސައިޓެއް ހަދައި ޅެން ޝާއިއުކޮށް، 'މާއްކޫ ޅެންވެރިއެއް' ކަމަށް އިއުލާނު ނުކުރާތީ ވަރަށް ގިނަ މީހުންނަށް އެކަން ނުފިލައި އޮވެދާނެޔޭ ހީވެ އެވެ. އޭނާގެ ހިތަށް އުނދަގޫ ކުރި ލައްކަ ކަމަކަށް ޅެމުން ޖަވާބު ދީފައި ހުރީތީ ދެކެފީމެވެ. އެއީ އެވެނިމިވެނި ކަމަކާ މެދަށް ވީ ފޫއްސަކުން ބުނި އެއްޗެއްކަން އެނގޭނީ ވެސް އެނގޭ މީހުންނަށެވެ. އެ ނޫން މީހުން ލިބެނީ ކިޔާލަން ރީތި އަސަރު ގަދަ ޅެމެއް އެކަންޏެވެ.

ހިތާމޭ ހިބައިން ލިޔެ ދިނީމާ ނުވީހޭ

ފިތާ ހިތުގެ ހިތި ނާތުލާ ހަމަ ނުވީހޭ

ލެޔާ ނާރު އެކުގައި ވެދުންކޮށް ހެދީމާ

ހެޔާ ބުއްދި އެކުގައި ނުގެންގޮސް ނުވީހޭ

ލޯބީގައި ދީވާނާ ވެފައި ހުރި އާޝިގެއްގެ ބަސްމަގޭ ހީވާ މި ބައިތަކީ، ސަރުކާރުގައި އެދުނު ހުއްދައެއް ނުދީ، ކުރި ދުއްޕާނަށް އާމިރު ދެއްވި ޖަވާބެވެ. އެއީ އެތައް ޒަމާނެއް ވަންދެން އެ ދާއިރާއަކުން ކުޅަ ހިދުމަތްތައް ބަލައިނުގަނެ، ސަރުކާރުން ކުރި ޖެއްސުންތަކުން ހިތުގައި އުފެދުނު ޝުއޫރު ފާޅުކުރި ގޮތެވެ. ޅެމުން ފަރުވާ ލިބޭ ގޮތަކީ މިއީ ތޯއްޗެކެވެ.

މިކަންކަން މިމަގަށް ހުރިތަން ފެންނާތީ އާމިރުގެ ޅެންތައް ކިޔާލެވެނީ މި ޅެމުގެ ފަހަތުގައި އޮންނާނީ ކޮން ވާހަކައެއްބާއޭ ހިތަށް އަރުވައިގެންނެވެ. މޮޅެތި ޅެމަކީ އެއީ ނޫންތޯ އެވެ. ދެން މިއަދުގެ ޅެމަށް ނަޒަރެއް ދޭން ހިނގާށެވެ. ޝަރަހަ ލިޔާނީ ފުރަތަމަ މީހާގެ ނަޒަރުންނެވެ.

އަހަރެން ހުންނަނީ އަހަރެންގެ ގޮތުގަ އެވެ. އަހަރެންގެ ގޮތަކީ ދީނާއި މުޖުތަމައުގެ އާންމު ގަބޫލުކުރުންތަކާއި އިހުގެ އާދަކާދަތަކާއި ޒަމާނީ ތަރައްގީގެ އަސަރާއި އުއްމީދު ހިމެނޭ، މެދުމިނުގެ މަސްހުނި ދިރިއުޅުމެކެވެ. މީހަކު ބުނެލާހާ ގޮތަކަށް ދީލާލުމަކީ އަހަރެންގެ ގޮތެއް ނޫނެވެ. އަހަރެންނަކީ މީހެއް ކަމަށް ދެކި، ކަންކަމުގައި އަހަރެންގެ ބަހަކީ ކޮބައިތޯ ބަލައި، އެގޮތާ މީހުން ރުހެނީ އަހަރެންނަށް ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވޭތީކަން ގައިމެވެ. ރަށުގައި އަހަރެންގެ ބަހަށް ނުފޫޒެއް ލިބިފައި އެއޮތީ އަހަރެންގެ ތަނަވަސް ކަމަކުން ނޫނެވެ. އަހަރެންގެ ގޮތުންނެވެ.

އަހަރެންގެ އަމިއްލަ މަސައްކަތުން ބިނާކުރި މެދުފަންތީގެ ގޭގެ މިނިވަން ޖައްވުގައި، އަރާމު ނިދީގައި ވަނިކޮށް ދޮރުގައި މީހަކު ޓަކި ދީފި އެވެ. ނިދި މޫނާއެކު ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި އެހުރީ އަހަރެންގެ ނަސީބެވެ. ހައިބަތާއި އަހުލާގާއި މަތީ ފެންވަރު އޭނާގެ އަލި މޫނުން ވިދައި ބަބުޅަ އެވެ. ސަލާމެއް ހާލެއް އަހުވާލެއްގެ ހަބަރު އެހުމެއް ނެތި އޭނާ އައި ބޭނުމުގެ ވާހަކައިން ފަށައިގަތެވެ. ތިމަންނާ މިހުރީ ކަލޭގެ ހުރިހައި މުހުތާދުތައް ފުއްދުމަށް ވަސީލަތަކަށް ވެދޭން ތައްޔާރަށް ކަމަށް ބުނުމާއެކު އެ ހާއްސަ އިނާޔަތުގެ ޝަރުތު ވެސް އިއުލާނުކޮށްފި އެވެ. އެއީ އަހަރެންގެ ޖަމާއަތުގައި އަހަރެންގެ ބަސްމަގު ބަދަލުކުރުމެވެ. އޭނާގެ ބަސް ގަބޫލުކޮށް އޭނާގެ ލަވައަށް ފައިހަމަ ކުރުމެވެ. އަހަރެންގެ ގޮތް ދޫކޮށްލުމެވެ.

ނަސީބު، މިރޭ ވަރަށް ދަންވީފަހުން ޓަކިދީފި ގޭ ދޮރުގައި

ޚަޞީލަތް ރީތި އިންސާނެއްގެ މޫނާއިގެން މި ދަންވަރުގައި

ވަސީލަތަކަށް ވެދޭން އޭނާ ހުރީ އަހުރެންގެ ކުރިމަގުގައި

ނަސޭހަތަކީ މަގޭ ބަސްމަގު ބަދަލުކުރުމޭ ޖަމާއަތުގައި

އަހަރެންގެ ނަސީބުގެ ސިފައިގައި އައި މީހަކީ މިރަށަށް ގަދަ މީހެކެވެ. ރަށުގެ ވެރިންނާއި ރައްޔިތުންނަށް އޭނާގެ ފުށުން ފޯރުކޮށްދޭ އިނާޔަތްތަކާއި ހަދިޔާބަދިޔާތަކުގެ ސަބަބުން އޭނާއަކީ މަގުބޫލު މީހެކެވެ. މި ރަށުގައި އޭނާއަށް މަރުހަބާ ނުކިޔާނޭ ގެއެއް ނެތެވެ. އޭނާ ރަށަށް އައިސްފިނަމަ ރައްޔިތުން އެތިބެނީ އޭނާ ޒިޔާރަތެއް ކޮށްލާތޯ އިންތިޒާރުގަ އެވެ. އެހެންވިޔަސް އޭނާ އެއައީ ހާއްސަ ދަތުރެއްގަ އެވެ. ހަމައެކަނި އަހަރެންނާ ބައްދަލުކޮށްލާށެވެ. ރަށުގައި މަޑުކުރުމެއް ވެސް ނެތެވެ. އަހަރެންނާ ވާހަކަ ދައްކާލުމަށްފަހު، ހަމަ މިރޭ ފަތިހު ފުރަންޖެހޭ ވާހަކަ ވެސް ބުނެފި އެވެ. ރަށުގައި އެހައި މަގުބޫލު، ހާއްސަ މީހަކު، ރަށުގެ ހުރިހައި ގެއެއް ދޫކޮށް އަހަރެންގެ ގެއަށް ޒިޔާރަތްކުރުމަކީ އަހަރެންނަށް ލިބޭ ކުޑަ ޝަފަރެއް ނޫނެވެ. އެކަން ވެސް އޭނާ އަހަރެންނަށް އަންގައި ދިނެވެ.

މިރަށުގައި އޭނަ މަގުބޫލޭ ކަތީބުން، ރައްޔިތުން މެދުގައި

މިރަށު ހުރިހައި އަތެއް މައްޗަށް އުފުލި އާދޭސް ވެވޭއިރުގައި

މިރަށުގައި މަޑުނުކޮށް އޭނާ ފުރަންވާތީ ފަތިސް ދަމުގައި

މިރަށު ހުރިހައި ގެއެއް ދޫ އައީ މިގެއަށް މިފުރުސަތުގައި

އޭނާގެ ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އޭނާގެ ލަވަޔާ ފައިހަމަކުރުމުގައި ހުރި މޮޅުކަމާއި އަހަރެންނަށް ލިބޭނޭ ފުރުސަތުތަކުގެ ވާހަކައިން ބަޔާންކޮށްދިނެވެ. އަހަރެންގެ ގޮތް ބަދަލުކުރުމަށް ޖެހިލުން ނުވާންވީ ސަބަބުތައް ކިޔައިދިނެވެ. ނަސީބުގެ އެންމެ އުހަށް އަރަން ބޭނުންނަމަ ބިރުފަހަނައަޅައި ދާންޖެހޭކަމަށް ބުންޏެވެ. އޭނާގެ ބަސް ގަބޫލުކޮށްފިނަމަ އަހަރެންގެ ދިރިއުޅުން ޖަރީވެގެންދާނޭ ގޮތާއި، އެކަމުގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެންދާނޭ ގޮތް އޭނާ ކިޔައިދިނެވެ. އެ ހުރިހައި ވާހަކައެއްގެ ހުލާސާއަކީ، ފަގީރުކަމުގެ އަޅުވެތިކަމުން މިންޖުވުމަށް ދިން ނަސޭހަތެވެ. އޭނާ އެ ނަސޭހަތް ދިނީ އަހަރެންނަށް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން، އޭނާގެ ޒިންމާ އަދާކުރުމުގެ އިހުލާސްތެރި ނިޔަތުގަ އެވެ.

ނަސީބުގެ ހުންނަ ކުރިބޯށްޓަށް އެދޭނަމަ ތަންޑު ނައްޓައި ދޮރު

ވަސީލަތްތައް މިހިރަ ބޭނުންކުރަން އަންނާށެ ހީނުވެ ޑަރު

ކަސީދާ ދިރިއުޅުން ވީމާ ބަދަލު ކުރެވޭނެ މުޅި މަންޒަރު"

އަސީރުނުވާން ފަގީރުކަމުން ނަސޭހަތްދިން ނަޒާހަތުގައި

އަހަރެން ހަމަ ޗުއްޕުއޭ ވެސް ނުބުނެ ހުރީ އެވެ. އޭނާ ދުލެއް ނުކުރި އެވެ. މުޖުތަމުގައި އަހަރެންގެ ހަގީގީ ފެންވަރު އަހަރެންނަށް ދައްކައި ލަދުގަންނަވާން ކަމަށް، ރާގުލާފައި ބުންޏެވެ. ކަލޭ ނިކަން ވިސްނަބަލާށެވެ. ލިބިފައި ތިބިހައި ދަރީން، މި ރަށުގައި މި ހުރި ދެރަވަރު މަދަރުސާގަނޑަށް ފޮނުވައިގެން އެކުދިންގެ ދިރިއުޅުން ހަރާބުކުރުން ނޫންކަމެއް އެބަ ކުރެވޭ ހެއްޔެވެ؟ ކަލޭ އެދޭނަމަ އެކުދިން މާދަމާ ވެސް ތިބޭނީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީއެއްގަ އެވެ. އެކުދިންނަށް ލިބޭން އޮތް ފުރުސަތަށް ތިޔަ ހުރަސް އަޅަނީ ކީއްވެގެން ހެއްޔެވެ؟ މިކަހަލަ އެތައް ސުވާލަކުން، އަހަރެންގެ މަގާމާއި ފެންވަރާއި، އަހަރެންގެ ދަރިންނަށް އަހަރެންގެ ސަބަބުން ގެއްލިގެންދާ ފުރުސަތުތަކާއި، އެކަމުގެ މައްޗަށް އަހަރެން ކުރާ ހިތާމައާއި ގަންނަ ލަދު އަހަރެންނަށް ހަނދާންކޮށްދިނުމުގައި އޭނާ ކާމިޔާބު ހޯދައިފި އެވެ. ތަދު ނުފިލަނީ ލަދާ ހެދިކަން އޭނާ ހަމަ ހަގީގަތުގައި ވެސް އަހަރެން އިހުސާސުކުރުވައިފި އެވެ.

"މަދަރުސާގަނޑު ތިގެންދާ އަޅެ ކުދިންނަށް ކޮށްދިނީ ފަހެ ކީއް؟

ގަދަރުހުރި ކޮލެޖަކަށް ވައްދާން ނުއުޅެ ތިހުރީ އަޅޭ ފަހެ ކީއް؟

މަދަދު އަންނާނެ މަގުމަގު އަތްއަޅައި ތިޔަ ބައްދަނީ ފަހެ ކީއް؟"

ލަދަކުގައި އޮންނަ ތަދު އޭނާ ބޮލަށް ލައިދިން ހަގީގަތުގައި

ދެން ބުނި ބަހުން ޖެހީ ސީދާ އަހަރެންގެ ހިތުގަ އެވެ. ފެންވަރު ރަނގަޅު ގެދޮރު ލިބެން އޮއްވައި ޖިފުޓިއެއްގައި އުޅެންވީ ކީއްވެގެންތޯ އޭނާ ސުވާލު އުފެއްދީ އަހަރެންގެ މުޅި ދިރިއުޅުން ހޭދަކޮށްގެން، އަހަރެންގެ ފެންވަރުން ހެދި، އަހަރެންގެ ގޭގައި އިނދެގެންނެވެ. ގެދޮރުވެރިކަން ލިބުމަށް އަހަރެން ބޭނުން ނުވަނީކީ ނޫނެވެ. އެ ފުރުސަތުތައް ދޫކޮށްލީ އިންސާފުވެރިވުމަށްޓަކަ އެވެ. އޭނާ ސުވާލު އުފައްދައި ނަސޭހަތް ދިނީ އިންސާފުގެ މައްޗަށް އަހަރެންގެ ފައިދާ އިސްކުރުމަށެވެ. ތަކުރާރުކޮށް އަހަރެންގެ ހާލަތު އަހަރެންނަށް ހަނދާންކޮށްދީ، މި ހާލަތު ބަދަލުކުރުމަށް އަހަރެންގެ އަތުގައި ހިފުމަށް އޭނާ ތައްޔާރަށް ހުރި ވާހަކަ ބުންޏެވެ.

"ގެދޮރުވެރިކަން ލިބެން އޮއްވައި ޖިފުޓި ކުއްޔަށް ހިފަންވީ ކީއް؟

އަދުލު އިންސާފު ކިޔަނީ، ގެއްލުމަށް ވިސްނައިނުލައި އަޅެ ކީއް"

މިދުލިފަށު އެތެރެއިން ނަސްރާ ނަސީބާ ނުދެކެނީ ފަހެ ކީއް؟"

ބަދަލުކޮށްލަން މިހާލަތު އައިސް ނަސީބު ހިފީ މަގޭ އަތުގައި

އަހަރެންގެ 'ނަސީބު' އަހަރެންގެ ކުރިމަތީގައި އިނދެ، އެ ހުޅުވާލި ފުރުސަތުތަކާއި ލިބޭން އުޅޭ ނިއުމަތްތައް އަހަރެންނަށް ސާފެވެ. އެ ބުނަނީ އަހަރެންގެ މިނިވަން ވިސްނުން ދޫކޮށް، މީހެއްގެ އަޅަކަށް ވާން ރުހިއްޖެނަމަ އަހަރެންގެ ދިރިއުޅުން ތަނަވަސް ވެގެން ހިނގައިދާނެ ވާހަކަ އެވެ. އެ ތަނަވަސްކަން ހޯދުމަށްޓަކައި އަހަރެން ގުރުބާންކޮށްލަން ޖެހެނީ އަހަރެންގެ ނަފުސުގެ އަގެވެ.

އަހަރެންގެ ފެންވަރަކީ ކޮބައިކަން އަހަރެންނަކަށް އޮޅިފައެއް ނެތެވެ. ތެދެކެވެ. މަގޭ ކިބައިގައި ތަނަވަހޭ ބުނާވަރުގެ ތަނަވަސްކަމެއް ނެތެވެ. އުޅެނީ އާދައިގެ މެދުފަންތީގެ ދިރިއުޅުމެކެވެ. އެހެނަސް އެއީ ތިންއިރު ކައިގެން މީހަކަށް ނުދަރައި އުޅެވޭ، އޮޅުންބޮޅުމާއި ނުތަނަވަސްކަން ކުޑަ ސާދާ ދިރިއުޅުމެކެވެ.

އަހަރެންގެ 'ނަސީބު' ދެއްކި ވާހަކަތައް އެ ހިސާބަށް ދިޔައިރު އަހަރެންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ދެއްކި އެއްވެސް ވާހަކައަކަށް ނުވަތަ ހުށަހެޅި އެއްވެސް އިނާޔަތަކަށް ވެސް އަހަރެންނަށް އެއްބަސްވެވޭކަށް ނެތެވެ. އެ ހުށަހެޅުންތައް ގަބޫލުކުރާނޭތޯއާއި، ގަބޫލުކޮށްފިނަމަ ދެންވާނީ ކިހިނެއްތޯ ވެސް ވިސްނާކަށް ބޭނުމެއް ނޫނެވެ. ދަހިވެތިކަން ފަތުރައި އާންމުކުރުމަށް 'އަހަރެންގެ ނަސީބު' އެކުރި ބޭކާރު މަސައްކަތަށް ޖަވާބު ދިނީ އަހަރެންގެ ހިތުގެ ކަނެއްގައި ފޮރުވި އޮތް ނަފުރަތެވެ. އަހަރެންގެ އަމިއްލަވަންތަކަން ގުރުބާންކޮށްލުމުގެ އަގަކީ އަސޭކަރައިގެ ރަސްކަން ކަމަށް ވިޔަސް އެކަމެއް ބޭނުމެއް ނޫނޭ އަހަރެން ބުނީ ސާބިތުކަމާއެކުގަ އެވެ. މި ދަންވަރުގައި އަހަރެންނާ ބައްދަލުކޮށް، އަހަރެން ގަނެލާންކަމަށް 'އަހަރެން ނަސީބު' ކުރި މަސައްކަތަށް އަހަރެންގެ ފުށުން ލިބޭނަމަ ލިބޭނީ ބޮޑު ސުމެކެވެ.

ނަސޭހަތުގައި އެހިނދު ކަންފަތް ފަޅައިގެންދިޔަ ހިތާއެކުގައި

ނަސީބާ އަހުރެނާއި ދެބަސްވުމުން، ނަފުރަތު ބުނީ ހުރެފައި

"އަސޭ ރަސްކަން ވިޔަސް ބޭނުން ނުވޭ ތިޔަބުނި އަގެއް ދީފައި"

ނަސީބާއޭ މައާފުކުރާށެ މިދަނީ ބޮޑު ސުމެއްދީފައި

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox