ފާއްޓެގެ ގޯލާ އެކު ނިއު އިން ވެލެންސިއާ އަތުން މޮޅުވެއްޖެ

Dec 12, 2025, 12:54 PM
ނިއު އަށް ލަނޑު ޖަހައިދިނުމަށް ފަހު ފާއްޓެ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

ނިއު އަށް ލަނޑު ޖަހައިދިނުމަށް ފަހު ފާއްޓެ އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅުނު މުހައްމަދު ފާސިރު (ފާއްޓެ)ގެ ގޯލާ އެކު، 3-1 އިން ކްލަބް ވެލެންސިއާ ބަަލިކޮށް، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު، ނިއު އިން މޮޅަކުން ފަށައިފި އެވެ.

ނިއު އިން ލީގުގެ ފުރަތަމަ ބުރު ނިންމާލިއިރު، ފަހު ތިން މެޗުން މޮޅެއް ނުލިބި އެވެ. ކްލަބް ގްރީން ސްޓްރީޓްސްއާ އެއްވަރުވިއިރު، އޮޑި ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ވީ ބައްޔެވެ. ލީގުގެ ތިން ވަަނައިގައި ނިއު އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު އެވެ. އެއީ، ދެ ވަަނައިގައި އޮތް އޮޑި އަށް ވުރެން ފަސް ޕޮއިންޓް އަދި އެއް ވަނައިގައި އޮތް މާޒިޔާ އަށް ވުރެން 10 ޕޮއިންޓް ފަހަތުގަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ކުޅުުނު މެޗުގެ ފުރަތަމަ ފަސް މިނިޓް ތެރޭގައި، ވެލެންސިއާ އަށް ލިބުނު ދެ ކޯނަރެއްގައި، ރަނގަޅު ފުރުސަތުތަކެއް ހޯދި ނަމަވެސް، މި ފަހަރުގެ ޓްރާންސްފާގައި ނިއުއާ ގުޅުނު ގައުމީ ޓީމުގެ ގޯލްކީޕަރު، މުހައްމަދު ފައިސަލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނެވެ.

ނިއު އިން މެޗުގައި ލީޑުނެގީ އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ޖެހި ގޯލުންނެވެ. ވެލެންސިއާގެ ޑިފެންޑަރުން ސަލާމަތްކުރި ބޯޅައެއް އޭރިއާބޭރުގައި ހުރި ޑަ ސިލްވާ އަށް ލިބުމުން އޭނާ ވަނީ ބާރު ހަމަލާއަކުން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

ދެ ވަނަ ހާފަށް ނިއު އިން ނުކުތީ ބަދަލަކާ އެކު އެވެ. އެ ގޮތުން، ފާއްޓޭ ވަނީ ކުޅެން ނުކުމެފަ އެވެ. ކުޅެން އެރިތާ މާ ލަސްތަކެއް ނުވެ، ފާއްޓޭ ވަނީ ނިއުގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި، ދުވެފައި އައިސް އެއް ފަަހަރުން ފާއްޓެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ، 2009 ވަަަނަ އަހަރު އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް) އަށް ކުޅުނު ފަހުން ފުރަަތަމަ ޑިވިޝަނުގައި ފާއްޓެ ކުޅުނު ފުރަތަމަ މެޗެވެ.

ވެލެންސިއާގެ ކެޕްޓަން، އީތަން އިބްރާހިމް ޒަކީ އަރިމަތިން އަަރައި ނަގައިދިން ހުރަހެއް ނިއުގެ ޑިފެންޑަރުން ތެރެއިން އައިސް ގޯލު ކުރިމަތީގައި ހުރި، އައިދު މުހައްމަދު ޖަވީޒަށް ލިބުނުއިރު އޭނާ ވަނީ އެ ބޯޅަ ގޯލަށް ވައްދާލައިފަ އެވެ.

ނިއު އަށް މެޗުގެ ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު ޖަހައިދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ކޯނަރަކުން ހުރަސްވި ބޯޅައެއްގައި، އޭރިއާތެރެއިން ނިއުގެ އިރުފާން މުހައްމަދު (އިރޭ) ފޮނުވާލި ޝޮޓެއް ރީބައުންސްވެގެން އައި ވަގުތު ހަންނަ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބުރު ސްޕޯޓްސް ކްލަބުން ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox