އެފްރިކާ ޓުއާ ކާމިޔާބު، ރިވައިވަލް އިން އަންނަ އަހަރަށް ތައްޔާރުވަނީ

Dec 6, 2025, 8:17 AM
އެފްރިކާ ޓުއާ ކާމިޔާބު، ރިވައިވަލް އިން އަންނަ އަހަރަށް ތައްޔާރުވަނީ

ރިވައިވަލް ސްޕޯޓްސް އިން ދުނިޔޭގެ ބެޑްމިންޓަން ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުންދީފައިވާ އެފްރިކާގެ ތިން މުބާރާތެއްގައި، މަދު ދުވަސްކޮޅެއްގެ ތައްޔާރީތަކާ އެކު ވާދަކޮށް ހޯދީ ރަނގަޅު ކާމިޔާބެއް ކަމަށާއި އަންނަ އަހަރުގެ ތައްޔާރީތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ޓީމުގެ ކޯޗު، ނަޝްފާން މުހައްމަދު ބުނެފި އެވެ.

މިދިޔަ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުގައި ވާދަކުރަން އެންޓްްރީ ހަދައި، ބައިވެރިވުން ޔަގީންކޮށްފައި އޮތް ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވަނީ ބާކީކޮށްފަ އެވެ. އޭގެ ފަހުން، މިދިޔަ ސެޕްޓެމްބަރު މަހު، ބީޑަބްލިއުއެފް އިން ވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ސަސްޕެންޝަނަށް ލުއިތަކެއްް ދީފަ އެވެ. އެއާ އެކު، ރިވައިވަލްގެ ކުޅުންތެރިން ތައްޔާރީތައް ފަށައި، އެފްރިކާގެ ތިން މުބާރާތް ކަމަށްވާ ޒެމްބިއާ، ބޮޓްސްވާނާ، އަދި ދެކުނު އެފްރިކާގައި، ބީޑަބްލިއުއެފް މުބާރާތްތަކުގައި ކުޅެ، ހަތް މެޑަލް ހޯދައިފަ އެވެ.

ރިވައިވަލްގެ ކޯޗު ނަޝްފާން، "އަދަދު ސްޕޯޓްސް" އަށް ބުނީ، އަހަރެއް ވަރުގެ މެދުކެނޑުމަކަށް ފަހު، ބީޑަބްލިއުއެފް މުބާރާތްތަކެްގައި ކުޅެ، ލިބުނު ކާމިޔާބީ ރަނގަޅު ކަމަށެވެ.

"މި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މުބާރާތަށް ތައްޔާރުވާން ލިބުނު ފުރުސަތާ ބަލާފައި ހަތް މެޑަލް އެއީ، ހަމަ ވަރަށް ރަނގަޅު ކާމިޔާބެއް ކަމަށް އަޅުގަނޑު މި ބަލަނީ،" ނަޝްފާން ބުންޏެވެ.

ޒެމްބިއާ އިންޓަނޭޝަނަލް އާއި ބޮޓްސްވާނާ އިންޓަނޭޝަނަލްގެ އިތުރުން މިއަދު ނިމުނު، އަކުއާސްޕްރިންގް ސައުތު އެފްރިކާ އިންޓަނޭޝަނަލް އެވެ. މި މުބާރާތްތަކުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕާފޯމަންސް ޓީމުގެ ހަ ކުޅުންތެރިއަކު ފެނިގެންދިޔަ އެވެ. އެއީ، ނަބާގެ އިތުރުން، ނިބާލް އަހުމަދު، ޒަޔާން ޒަކީ، އައިމިނަތު ނަބީހާ (ނަބީ)، ހަަސަން ޒަޔާން މުހައްމަދު، އަދި ހައިޝަމް އިބްރާހިމް އަލީ އެވެ.

ޒެމްބިއާ އިންޓަނޭޝަނަލް މުބާރާތުގެ މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ރަން މެޑަލާއި އަންހެން ޑަބަލްސް އިން، ނަބީ އާއި ނަބާގެ ޕެއާ އިން ރިހި މެޑަލް ހޯދި އެވެ. ބޮޓްސްވާނާ އިންޓަނޭޝަނަލް އިން، އަންހެން ޑަބަލްސް އިން ނަބާ އާއި ނަބީގެ ޕެއާ އިން ރިހި މެޑަލެއް ހޯދިއިރު، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ ވަނީ ލޯ މެޑަލެއް ހޯދައިފަ އެވެ. ސައުތު އެފްރިކާ އޯޕަންގައި، ނަބާ ވަނީ އަންހެން ސިންގަލްސް އިން ލޯ މެޑަލެއް ހޯދައިފަ އެވެ. އަދި، މިކްސް ޑަބަލްސް އިން ޒަޔާން އާއި ނަބާގެ ޕެއާ އިން ލޯ މެޑަލެއް ހޯދިއިރު، މި ތިން މުބާރާތުގައި ވެސް ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަަބަލްސްގައި ލިބިފައިވަނީ ރިހި މެޑަލް އެވެ.

ރިވައިވަލް ކުޅުންތެރިން އެފްރިކާ ޓުއާ އަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.--- ފޮޓޯ: އަދަދު ސްޕޯޓްސް

ނަޝްފާން ބުނީ، އެންމެ ފުރަތަމަ ވާދަކުރި ޒެމްބިއާ މުބާރާތުގައި ދިޔައީ ދަށްކޮށް ކަމަށާއި ސަބަަބަކީ އެހާ ގިނަ ދުވަސްތަކަކަށް ފަހު ބީޑަބްލިއުއެފް މުބާރާތެއްގައި ކުޅެން ޖެހުމުން ތިބެން ޖެހުނީ، "ކުޑަކުޑަކޮށް ޖެހިލުންވެފައި،" ކަމަށެވެ.

"ދެން އައި ދެ މުބާރާތް ހަމަ ވަރަށް ރަނގަޅު އެ އަޅުގަނޑުމެންނަށް ލިބުނު ހަތަރު ފައިނަލް، ހަތަރު ފައިނަލުން އެއް ގޯލްޑް މެޑަލް، ދެން މި ލިބުނީ ތިން ސިލްވާ،" ނަޝްފާން ބުންޏެވެ.

އޭނާ ބުނީ، ކޮންމެ މުބާރާތަކީ ވެސް އާ ކަންތައްތަކެއް ދަސްވާނެ ކަމަށާއި މި ފަހަރުގެ އެފްރިކާ ޓުއާ ތިން މުބާރާތުން ވެސް ވަރަށް ބައިވަަރު ކަންތައްތަކެއް އެނގިގެންދިޔަ ކަމަށެވެ. އެ ގޮތުން، ކުޅުންތެރިންގެ ރަނގަޅު ކުރަން ގިނަ ކަންތައްތަކެއް ފެނިފައިވާކަން ނަޝްފާން ފާހަގަކުރި އެވެ.

"ވަކިވަކި ޕްލޭޔަރުންގެ ވަކި ވަކި ކަންތައް ވީކް ޕޮއިންޓްތައް ފެނިއްޖެ، ކުރިއަށް އޮތްތަނުގައި، އެ ކަންތައްތައް ރަނގަޅު ކޮށްލައިގެން މި އަށް ވުރެން މާ ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރާނަން،" ނަޝްފާން ބުންޏެވެ.

"މިހާރު ކުރިއަށް އޮތް އަހަރަށް ކަލަންޑަރު މި ދަނީ ބަލަމުން، ކޮންކޮން މުބާރާތްތަކެއްތޯ އަޅުގަނޑުމެންނަށް ދާން އެންމެ ރަނގަޅުވާނީ އެ މުބާރާތްތައް ބަލާފައި، އަޅުގަނޑުމެން އިތުރަށް ރަނގަޅު ނަތީޖާ ނެރެވޭނެ ވަރުގެ މުބާރާތް ބަލާފައި އަޅުގަނޑުމެން ދާ ގޮތަށް މި ރާވަނީ،"

ރާއްޖޭގައި އެންމެ ޕްރޮފެޝަނަލްކޮށް ހިންގާ ބެޑްމިންޓަން ކްލަބް، ރިވައިވަލް އިން 2019 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު ވުޖޫދުވި ފަހުން، މިވީ މުއްދަތުގެ ތެރޭގައި، ރާއްޖޭގެ ބެޑްމިންޓަނަށް ގިނަ ގުނަ ހިދުމަތްތަކެއް ކޮށްދީފައިވެ އެވެ. އަދި، މި އަހަރުގެ މެއި 16 އިން ޑިސެމްބަރު 3 އަށް ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން، ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގައި ރާއްޖެ އޮތްއިރު ވެސް ރިވައިވަލް އިން މަސައްކަތްތަކެއް ކުރިކަން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox