މި ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ބުނެ މެންބަރު އަލީ މޫސާ ދޮގު ހަދައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ: މި ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވިކަމަށް ބުނެ އޭނާ ވަނީ ދޮގުހަދާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ: މި ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވިކަމަށް ބުނެ އޭނާ ވަނީ ދޮގުހަދާފަ ---- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިވި ކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ދޮގު ހައްދަވައިފި އެވެ.

އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަލީ މޫސާ ވިދާޅުވީ އެމްޑީޕީ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ މާލީ ގޮތުން އަނދަވަޅެއްގައި ކަމަށެވެ. އެ ހާލަތުން މިއަދު އަރައިގަނެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ ހެއްކެއްގެ ގޮތުގައި އަލީ މޫސާ ދެއްކެވީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ކަނޑައަޅާ ރާއްޖޭގެ ކްރެޑިޓް ރޭޓިން އެވެ.

"2018 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން އައި އިރު ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ބީ ޕްލަސް. ނަމަވެސް، އެމްޑީޕީ ސަރުކާރު ނިމުނުއިރު، 2023 ގައި ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން އަކީ ޓްރިޕްލް ސީ. ނަމަވެސް މިއަދުގެ ކްރެޑިޓް ރޭޓިން އަކީ ޑަބަލް ސީ. އެހެންވީމަ ކުރިއެރުންތަކެއް ހޯދަމުން އަންނަތަން ފެނޭ،" އަލީ މޫސާ ވިދާޅުވި އެވެ.

އަލީ މޫސާގެ ވާހަކައިގައި ފާހަގަކުރެއްވި ޓާމް ތަކަކީ ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗުން ބޭނުންކުރާ ޓާމްސް ތަކެވެ. ފިޗުގެ ރޭޓިން ތަކަށް ބަލާއިރު، އެމްޑީޕީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޓްރިޕްލް ސީ އަކު ނޫނެވެ. އެމްޑީޕީ ވެރިކަމުގައި ފިޗުން ރާއްޖޭގެ ރޭޓިން އެންމެ ފަހުން ނެރުނީ އޮކްޓޯބަރު، 2023، ގަ އެވެ. އޭރު ކްރެޑިޓް ރޭޓިން ހުރީ ބީ ނެގަޓިވް ގަ އެވެ.

އަލީ ވިދާޅުވި ޓްރިޕަލް ސީ އަށް ރާއްޖޭގެ ރޭޓިން ދަށްކުރީ މުއިއްޒުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އޭގެ މަހެއް ފަހުން މިދިޔަ އަހަރުގެ އޮގަސްޓު މަހު ފިޗުން ރާއްޖޭގެ ރޭޓިން ޑަބަލް ސީއަށް ދަށްކުރި އެވެ. އަދި މި އަހަރުގެ ޖޫން މަހުން ފިޗުން އެ ރޭޓިން ހިފެހެއްޓި އެވެ.

އަލީ މޫސާ ވިިދާޅުވިހެން މިހާރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ހުރީ ޑަބަލް ސީ ގަ އެވެ. ނަމަވެސް އެއީ އޭނާ ފުރަތަމަ ވިދާޅުވި ޓްރިޕަލް ސީ ރޭޓިން އަށްވުރެ ދަށް ރޭޓިން އެކެވެ. އެއީ ކުރިއެރުމެއް ނޫނެވެ.

ދެން އެންމެ ފާހަގަކޮށްލެވޭ ރޭޓިން އެޖެންސީ މޫޑީސް އިން ވެސް މި ސަރުކާރު އައި ފަހުން ރޭޓިން "ޖަންކް" ދަށްކުރި އެވެ. އެއީ ހަމަ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. މި އަހަރު ކުރީކޮޅު އެ ރޭޓިން ވަނީ ދަމަހައްޓައިފަ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން އާއި ބެހޭ ގޮތުން ބަޖެޓު ބަހުސްގައި ދޮގު ހެއްދެވި އަލީ މޫސާ އަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވެސް ހިމެނޭ މެންބަރެކެވެ.

ރާއްޖޭގެ ޖަންކް ރޭޓީން ދެމެހެއްޓުމަށްފަހު މި އަހަރުގެ ކުރީކޮޅު މޫޑީސް އިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް ރޭޓިން ރަނގަޅުވާނެ ކަމަށް ނުބެލެވޭ ކަމަށެވެ. މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ފަހަތު ފަޔަށް ބުރަވާނަމަ ރޭޓިން ދަށްކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މޫޑީސްއިން ފާހަގަކޮށްފައިވެ އެވެ.

މާލީ ރިފޯމުގެ ވާހަކަ ސަރުކާރުން ދެއްކި ނަމަވެސް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައެއް ނުވެ އެވެ. މިއަހަރުގެ ބަޖެޓުގައި ޖަހާފައިވާ ފިޔަވަޅުތައް ސަރުކާރުން ތަންފީޒުކޮށްފައިނުވާއިރު ދައުލަތުގެ ހަރަދުތައް ކުޑަ ކަމަށް ފިނޭންސްގެ ރިޕޯޓުތަކުން ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދަ ބޮޑުތަނުން ދަށްވެފައިވާތީ އެވެ.

އާމްދަނީ އާއި ހަރަދުގެ ސިޔާސަތުތައް ވަށާޖެހޭ ގޮތެއްގައި ރިފޯމްކޮށް، މެދުރާސްތާއަށް ދަރަނި ނަގަން ޖެހޭ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައި ތަންފީޒު ކުރަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރު މޫޑީސްއިން ރޭޓިން ދަށްކުރުމުން ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. ނަމަވެސް، މި ރިވިއުއިން ހާމަވެގެންދިޔައީ ސަރުކާރުގެ ފިޔަވަޅުތައް ލަސްވެ، މާލީ ހާލަތު ރަނގަޅު ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox