ބަހާލި ޕްރޮޖެކްޓުތައް: 658 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު މެންބަރުންގެ ކުންފުނިތަކަށް

މިއަދު ބަހާލި މަޝްރޫއުތައް ލިބުނު ކުންފުނިތަކުގެ ހިއްސާ ނުވަތަ އާއިލީ ގުޅުން އޮތް މަޖިލިސް މެންބަރުން ---

މިއަދު ބަހާލި މަޝްރޫއުތައް ލިބުނު ކުންފުނިތަކުގެ ހިއްސާ ނުވަތަ އާއިލީ ގުޅުން އޮތް މަޖިލިސް މެންބަރުން ---

ބީލަމަށް ނުލައި ބަހާލި 206 ޕްރޮޖެކްޓުތަކުގެ ތެރެއިން 658.7 މިލިއަން ރުފިޔާގެ ޕްރޮޖެކްޓު، ވެރިކަންކުރާ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

އަދަދު ނޫހުން ހޯދި މައުލޫމާތުތަކުން މިހާތަނަށް އެނގުނު ގޮތުގައި މަޖިލިސް މެންބަރުންގެ މަސްލަހަތު އޮތް ފަސް ކުންފުންޏަކަށް 14 މަޝްރޫއެއް މިއަދު ހަވާލުކުރި އެވެ.

އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އަނބިކަނބަލުންގެ ނަމުގައި އޮތް ވައިޓު ލިންކްސް ޕްރައިވެޓް ލިމިޓެޑާއި، ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ދެ ކުންފުންޏެއް ކަމުގައިވާ ސްވިފްޓު އިންޖިނިއަރިން އަދި މިމްސް ކޮންސްޓަރަކްޝަން އާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު މައިނާ ސްޕޯޓްސް ފީލްޑް އަދި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމްގެ އަލްޓެކް ހިމެނެ އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމްގެ މަސްލަހަތު އޮތް ވައިޓު ލިންކްސްއާ ހަވާލުކޮށްފައި ވަނީ ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އެ މަޝްރޫއުގެ އަގަކީ 139.2 މިލިއަން ރުފިޔާ އެވެ.

އަލްޓެކް ކުންފުންޏާ ހަތަރު މަޝްރޫއުއެއް ހަވާލުކޮށްފައި ވަނީ 285.7 މިލިއަން ރުފިޔާ އަށެވެ. އެއީ ދ. މީދޫގައި 25 ހައުސިން ޔުނިޓު، އއ. އުކުޅަސްގައި 50 ހައުސިން ޔުނިޓު އަދި ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު އެޅުމަށެވެ. އަދި ގުރައިދޫގައި ހުންނަ ހާއްސަ އެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒު އަލުން ތަރައްގީކުރަން ވެސް ހަވާލުކުރީ އަލްޓެކާއެވެ.

  • ދ. މީދޫގައި 25 ހައުސިން ޔުނިޓު - 33.7 މިލިއަން ރުފިޔާ
  • އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު - 67.5 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު - 135 މިލިއަން ރުފިޔާ
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު - 49.4 މިލިއަން ރުފިޔާ

ސައުދުﷲގެ މިމްސް ކޮންސްޓަރަކްޝަންއާ ހަވާލުކުރީ ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓާއި ވާދޫ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށެވެ. އެ ދެ މަޝްރޫއުގެ އަގަކީ 71.5 މިލިއަން ރުފިޔާ އެވެ. ސްވިފްޓު އިންޖިނިއަރިންނާ ހަވާލުކުރި ފަސް މަޝްރޫއުގެ އަގަކީ 157.3 މިލިއަން ރުފިޔާ އެވެ. އެއީ؛

  • ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު - 64.79 މިލިއަން ރުފިޔާ
  • ށ. ފުނަދޫގައި ޔުނިވާސިޓީ ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ޅ. ނައިފަރުގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ޅ. ހިންނަވަރުގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ
  • ތ. ވޭމަންޑޫގައި ކެމްޕަހަކާއި ދަނާލެއް - 23.1 މިލިއަން ރުފިޔާ

ތޯރިގުގެ މައިނާ ސްޕޯޓްސް ފީލްޑްއާ ހަވާލުކުރީ ކުޅުދުއްފުށީގައި ހޭންޑް ބޯލް އަދި ފުޓްސަލް ކުޅެވޭ މަލްޓުޕާޕަސް ކޯޓަކާއި ރޮސްޓްރޮމްއަކާއެކު ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމެވެ. އެ ދެ މަޝްރޫއުގެ އަގަކީ ތިން މިލިއަން ރުފިޔާ އެވެ.

މިއަދު ބަހާލި 206 މަޝްރޫއުގެ ޖުމުލަ އަގަކީ 2.7 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން ބޯހިޔާވަހިކަމާއި ބަނދަރު ތަރައްގީކުރުމުގެ 13 މަޝްރޫއުއަކަށް 997 މިލިއަން ރުފިޔާ އަރާއިރު، ތައުލީމީ ދާއިރާގެ 26 މަޝްރޫއު އަށް 397 މިލިއަން ރުފިޔާ، ސިއްހީ ދާއިރާގެ 30 މަޝްރޫއުއަކަށް 312 މިލިއަން ރުފިޔާ އަރަ އެވެ.

މަޝްރޫއުތަކުގެ އަދަދު އެންމެ ގިނައީ ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާގަ އެވެ. އެ ދާއިރާއިން ސޮއިކުރި 52 މަޝްރޫއުތަކުގެ އަގު 197 މިލިއަން ރުފިޔާއަށް އަރަ އެވެ.

ފުލުހުންގެ މަރުކަޒުތައް ހެދުމަށް ހަވާލުކުރި 39 މަޝްރޫއުގެ އަގު 114.9 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި ކުނި މެނޭޖުކުރުމުގެ 24 މަޝްރޫއުއެއްގެ އަގު 204 މިލިއަން ރުފިޔާ އަށް އަރައެވެ.

ރައީސް މުއިއްޒުގެ މި ވައުދުތައް ފުއްދޭނެ ވަރަށް ސަރުކާރުގައި ލާރި ނެތިގެން މި މަޝްރޫއުތައް ހިންގަނީ ސަރުކާރުން ޔަގީންކަން ދީގެން، ބީއެމްއެލްއިން ކުންފުނިތަކަށް ދޭ ލޯނުންނެވެ. އެ ލޯނުތައް ދޫކުރަނީ 9 ޕަސެންޓު އިންޓަރެސްޓު ރޭޓުގަ އެވެ.

ބަހާލި މަޝްރޫއުތައް

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox