އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދަން އުޅޭތީ ސެންޓާ އެންޓްޕްރައިޒަސް މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަން ލަފާ ދީފި

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ކޯޓަށް އޮޅުވާލުމަށް ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތް ކުރާ ކަމަށް ބެލެވޭތީ ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހަދައި އެ ކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް ހުށަހެޅުމަށް އޮޑިޓު އޮފީހުން ލަފާ ދީފި އެވެ.

ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ސެންޓާ އެންޓަޕްރައިޒަސްއަށް ދައްކަން ޖެހޭ ފައިސާގެ މައްސަލަތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން ކުރަމުންދާ ހާއްސަ އޮޑިޓުގެ އޮޑިޓު ރިޕޯޓު މިއަދު ވަނީ ނެރެފަ އެވެ. އެ ރިޕޯޓުގައި ވަނީ އެ ކުންފުނިން ވަގު ލިޔުން ހުށަހަޅައިގެން ދައުލަތުން ފައިސާ ހޯދަން މަސައްކަތް ކުރާ ކަމުގެ ބައެއް ހެކިތައް ހިމަނާފަ އެވެ.

ސެންޓަ އެންޓަޕްރައިޒަސް އުފެއްދީ އެޕްރީލް 13، 2006 ގަ އެވެ. އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ އުފުލީ 2006 އިން 2021 އަށް ފޯރުކޮށްދިން ތަކެއްޗަށް ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އެވެ. ތަފާތު ހަ މައްސަލައެއް 2020 ވަނަ އަހަރުން ފެށިގެން ދައުލަތާ ދެކޮޅަށް އެ ކުންފުނިން ހުށަހަޅާފައިވެ އެވެ.

ޖުމުލަ 175،155،034ރ. ގެ މުދާ ދައުލަތަށް ފޯރުކޮށްދިނުމުން ފައިސާ ނުލިބޭ ކަމަށް ބުނެ ސެންޓަ އެންޓަޕްރައިޒަސްއިން ހަ މައްސަލައެއް ކޯޓަށް ވައްދާފައިވެ އެވެ. އެ މައްސަލަތަކުގައި ޖޫރިމަނާ ފައިސާ ހިމަނައިގެން 410،391،976ރ. ދައުލަތުން ނަގައިދިނުމަށް އެ ކުންފުނިން ދައުވާތަކުގައި އެދިފައިވެ އެވެ.

ނަމަވެސް، އެ ކުންފުނީގެ 2008، 2009 އަދި 2010 ވަނަ މާލީ އަހަރުގެ އޮޑިޓު ކުރެވިފައިވާ މާލީ ބަޔާންތަކުގައި އެ ކުންފުނީގެ ވިޔަފާރިއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާގެ ގޮތުގައި ހޯދަން ދައުވާކުރި ފައިސާއާ ގާތްކުރާ މިންވަރުގެ އަދަދެއް ވެސް ހިމަނާފައި ނުވެ އެވެ. ނުލިބި ހުރި ފައިސާ ކަމަށް ރެކޯޑުތަކުން ދައްކަނީ 11،756،510ރ. އެވެ. އެއީ ހޯދަން ދައުވާކުރި ފައިސާގެ ގާތްގަނޑަކަށް 2.8 ޕަސެންޓެވެ.

އޮޑިޓު ރިޕޯޓުގައި މައިގަނޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސް (ޑީއެމްއެސް) އަށް ފޯރުކޮށްދިން ސިއްހީ އާލާތްތަކާއި ކޮންސިއުމަބަލްސްގެ އަގަށް ލިބެން ޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނާ މައްސަލަ އެވެ.

ސެންޓަ އެންޓަޕްރައިޒަސްއިން އެދުނީ ބަދަލުގެ ގޮތުގައި 79،404،534ރ. ނަގައިދިނުމަށެވެ. މި ދައުވާ އުފުލީ ފެބްރުއަރީ ހަތެއް، 2022 ގަ އެވެ. މާޗު 28، 2023 ގައި ސިވިލް ކޯޓުން ހުކުމް ކުރީ އޭގެ ތެރެއިން 31،017،499ރ. ދައުލަތުން އެ ކުންފުންޏަށް ދިނުމަށެވެ. އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ފެބްރުއަރީ 11، 2025 ގައި ނިންމީ ވެސް ސެންޓަ އެންޓަޕްރައިޒަސް އާ އެއްކޮޅަށެވެ.

މި މައްސަލާގައި ސެންޓަ އެންޓަޕްރައިޒަސްއިން ސިވިލް ކޯޓަށް ހުށަހެޅި ބައެއް ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި "އައިޝަތު ހަލީމް" ގެ ނަމުގައި ސޮއިކޮށްފައި ހުރި ނަމަވެސް އެ ނަން ކިޔާ މުވައްޒަފަކު އެއްވެސް އިރެއްގައި ޑީއެމްއެސް ނުވަތަ ހެލްތު މިނިސްޓްރީގައި ވެސް މަސައްކަތް ކޮށްފައި ނުވާކަން އޮޑިޓަށް ވަނީ ހޯދިފަ އެވެ. އަދި، މަގާމުގެ ނަން ވެސް އެކި ނަންނަމުގައި ބޭނުންކޮށްފައި ހުރިކަން އޮޑިޓަށް ވަނީ ހޯދިފަ އެވެ.

ރީޖަނަލް ހޮސްޕިޓަލްތަކާއި ރަށްރަށުގައި ހުރި ހެލްތު ސެންޓަރު/ޕޯސްޓް ތަކަށް ތަކެތި ފޯރުކޮށްދިނީ ވަކިވަކިން ޑެލިވަރީ ނޯޓު ސެންޓަ އެންޓަޕްރައިޒަސްއިން ބުނި ނަމަވެސް އެ ތަންތަނުން ތަކެތި ބަލައިގަނެ ސޮއިކޮށްފައިވާ ކަމުގެ އެއްވެސް ޑެލިވަރީ ނޯޓެއް އެ ކުންފުނިން ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި ކޮމްބައިންޑް ޑެލިވަރީ ނޯޓުގައި ވެސް ސޮއިކޮށްފައި އޮތީ "އައިޝަތު ހަލީމް" އެވެ.

ދައުވާ ސާބިތު ކުރުމަށް ސެންޓަ އެންޓަޕްރައިޒަސްއަށް 2007 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ދޫކުރި ކަމަށް ބުނާ 150،000 ޑިލަރުގެ ބޭންކް ގެރެންޓީއެއްގެ ލިޔުން ވެސް ފޯޖުކޮށްފައިވާ ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފަ އެވެ. އެއީ 2007 ގައި އެސްބީއައިން ދޫކުރި ބޭންކް ގެރެންޓީތަކުގައި ނަންބަރު ލިޔާ ފޯމެޓާ މުޅިން ތަފާތުކޮށް ލިޔެފައިވާ ގެރެންޓީއެއް ކަމަށް އެ ބޭންކުން އޮޑިޓަށް މައުލޫމާތު ދީފައިވާތީ އެވެ. އަދި އެ ގެރެންޓީގައި އޮތް ފިނޭންސް މިނިސްޓްރީގެ އިއުލާން ނަންބަރަކީ ވެސް މުޅިން . ފޭކު ނަންބަރެއްކަން އޮޑިޓުން ފާހަގަކުރެ އެވެ.

އޭގެ އިތުރުން، އެ ކުންފުންޏާއި ޑީއެމްއެސްއާ ދެމެދު ސޮއިކުރި އެއްބަސްވުމާއި އެ މަސައްކަތް ހަވާލުކުރިކަން ސާބިތުކުރަން ހުށަހެޅި ސިޓީގައި ވެސް ދޮގު މައުލޫމާތު ހުރިކަން އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

ސެންޓާ އެންޓަޕްރައިޒަސްއިން މި މައްސަލަ ސާބިތުކުރަން ހުށަހެޅި ލިޔުންތަކުގެ ތެރެއިން، މައްސަލަ އެކޮޅަށް ނިމުނު މުހިންމު އެއް ލިޔުމަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއިން ފޮނުވާފައިވާ ސިޓީއެކެވެ. މި ސިޓީގައި ވަނީ އެ ކުންފުންޏަށް ބީލަން އެވޯޑު ކުރެވިފައިވާ ކަމާއި، އެ ކުންފުނިން ފޮނުވާފައިވާ ކޯޓޭޝަންގައި ހިމެނޭ މުދާ ފޯރުކޮށްދިނުމުން އެ ޑިޕާޓްމަންޓުން ފައިސާ ދޭނެ ކަމަށެވެ.

މައްސަލަ ސެންޓާ އެންޓަޕްރައިޒަސް ކޮޅަށް ނިންމަމުން ސިވިލް ކޯޓުގެ ގާޒީ ފާހަގަކުރި ގޮތުގައި، މި މުއާމަލާތުގައި ހިމެނޭ ދެ އިންވޮއިސްގައިވާ މުދާ ފޯރުކޮށްދީފައިވާކަން ހުށަހެޅި ހެކިތަކުން ސާބިތުވާ ކަމަށެވެ. އެއް އިންވޮއިސްގެ އަގަކީ 26 މިލިއަން ރުފިޔާ އެވެ. އަނެއް އިންވޮއިސްގެ އަގަކީ 6 މިލިއަން ރުފިޔާ އެވެ.

އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ހެލްތު މިނިސްޓްރީގެ މުވައްޒަފަކާއި ޑީއެމްއެސްގައި ކުރި މަސައްކަތްކުރި ދެ މުވައްޒަފުން 2006 އާއި 2010 އާ ދެމެދު ތިބި ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެ މީހުންގެ ނަންތަކެއް އޮޑިޓު ރިޕޯޓުގައި ހިމަނާފައި ނުވެ އެވެ.

އޭގެ ތެރެއިން ހެލްތު މިނިސްޓްރީގެ މުވައްޒަފަކާއި ޑީއެމްއެސްގެ މުވައްޒަފަކީ ސެންޓާ އެންޓްޕްރައިޒަސްއިން ހުށަހެޅި އެހެން ދައުވާއެއްގައި ބިޑް އިވެލުއޭޝަން ސަމަރީ ޝީޓެއް ޗެކުކޮށް އެޕްރޫވްކުރި ދެ މީހުންނެވެ. އެހެންކަމުން، އެ މައްސަލަތަކުގައި ހިމެނޭ ލިޔެކިޔުންތައް އެ މީހުންގެ ބެލުމުގެ ދަށުގައި ހުރުމުގެ ފުރުސަތު އޮތުމުން ލިޔުންތައް ފޯޖު ކުރުމުގެ ފުރުސަތު އޮތް ކަމަށް ބެލެވޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox