ދާއޫދުގެ އެކައުންޓަށް "ގޮތް ނޭނގޭ" ފައިސާ ޖަމާކުރި، ވިޔަފާރިއެއް ނުކޮށް 14 މިލިއަން ރުފިޔާގެ އެސެޓު އޭނާ އުފެއްދި

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު -- ފޮޓޯ: ހުރިހާ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު -- ފޮޓޯ: ހުރިހާ

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދުގެ އެކައުންޓަށް، ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާ ކޮށްފައިވާކަމާއި އޭނާއާ ގުޅޭ ނުހައްގު މުއްސަނދިކަމުގެ މައްސަލައެއް އިތުރަށް ބަލަން ނިންމާފައި އޮތް ކަމަށް މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

މާލިއްޔަތު ކޮމިޓީއަށް ވިސްލްބްލޯވަރަކު ހުށަހެޅި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އެކުލަވައިލި ސަބް ކޮމިޓީގައި، އެ މައްސަލަތަކުގެ ރިޕޯޓު އިއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރިއިރު، ދާއޫދުގެ މައްސަލައެއް ބަލާފައިވާ ކަމަށާއި އެ ތަހުގީގުން ފާހަގަ ކުރެވުނު ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑަށް ވެސް ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އޮތީ އެހާހިސާބުން ނިންމާލާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ފުލުހުންގެ ތަހުގީގަށް ވަރަށް ބައިވަރު މައުލޫމާތު އޭރު ވެސް ލިބިފައި ހުރި ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ކާކުކަން ނޭނގޭ ގޮތަށް ފައިސާތަކެއް ޖަމާކުރަމުން ގޮސްފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ސޯސް އޮފް އިންކަމް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރާ ދޭތެރޭގައި މުހައްމަދު ދާއޫދުގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށާއި އޭނާ ހިއްސާވާ އެއްވެސް ވިޔަފާރި ކުންފުންޏެއް ނެތުމުންނާއި އޭނާގެ އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ނުކުރާއިރު، ސޯސް އޮފް ފަންޑްސް ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ އެ ފަރާތުގެ އެކައުންޓަށް ޖަމާކުރަމުން ގޮސްފައިވާކަން ފާހަގަކޮށްފައިވޭ،" ނާޒިމް ވިދާޅުވި އެވެ.

އޭގެއިތުރުން ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓުގެ ތަފުސީލުތައް ބެލިއިރު، 2016 އިން ފެށިގެން މއ. ތަޅަމުދިގޭގެ ކުލި ދާއޫދު އާއި އޭނާގެ އަނބިމީހާގެ އެކައުންޓަށް ޖަމާވަމުންދާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަން ވެސް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ.

އެހެންނަމަވެސް އެ ގެއަކީ ދާއޫދު ނުވަތަ އޭނާގެ އަނބިމީހާގެ ގެއެއް ނޫންކަމުން އެ ގޭގެ ކުލި ދާއޫދުއަށް ލިބޭނެ ހަމައެކަނި ގޮތަކީ އެ ގެ ހެދުމަށް ދާއޫދު އިންވެސްޓު ކޮށްފައި އޮތުން ކަމަށް ތަހުގީގު ހޯދުންތަކާ ހަވާލާދީ ނާޒިމް ވިދާޅުވި އެވެ. އެހެންކަމުން އެހާ ގިނަ އަދަދެއްގެ ފައިސާ ދާއޫދަށް ލިބުނު ގޮތެއް އިތުރަށް ބަލަންޖެހޭ ކަމަށް އޭރު ނިންމާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ދާއޫދު އިތުރު އެޕާޓްމަންޓުތަކެއް ވެސް އެފްޑަބްލިއު ރެޒިޑެންސްއިން ގަނެފައި އެބަހުރި. 4.1 މިލިއަން ރުފިޔާ 10 އިންސްޓޯލްމަންޓުން ނަގުދު ފައިސާ ދައްކާފައި ހުރި ކަމަށް ބެލެވެނީ. މިކަން ކޮށްފައި އޮތީ އާއިލާގެ މެންބަރެއްގެ ނަމުގައި މިހާރު އެޕާޓްމަންޓު ވަނީ ދާއޫދުގެ ދަރިފުޅެއްގެ ނަން މައްޗަށް ބަދަލުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.

ދާއޫދުއަށް ލިބުނު ފައިސާއިން 14.6 މިލިއަން ރުފިޔާގެ މުދާ ގަނެފައިވާ ކަމަށާއި އެ މުދަލަކީ އެމްއެމްޕީއާރުސީގެ ފައިސާއިން ގަނެފައިވާ މުދާ ކަމަށް ބެލެވޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ދާއޫދުއާ ގުޅޭ ގޮތުން އެ ރިޕޯޓުގައި ދެން ހުރި ކަންކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ސިއްރު ރިޕޯޓަކުން ނަގާފައިވާ މައުލޫމާތުތަކަށް ވާތީ އެ މައުލޫމާތު މިއަދު ނާޒިމް ހިއްސާއެއް ނުކުރައްވަ އެވެ.

މުހައްމަދު ދާއޫދު އަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ތަހުގީގު ކުރި މައްސަލައަކާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް މީހުންގެ ތެރޭގައި ހިމެނުނު މީހެކެވެ. ނަމަވެސް ކޯޓަށް މަރުހަލާގައި އޭނާއަށް ވަނީ ކާމިޔާބުވެފަ އެވެ. އޭރު ދާއޫދު ހުންނެވީ ސުޕްރިޑެންޓް އޮފް ޕޮލިސްގެ މަގާމުގަ އެވެ.

އެ ހުރިހާ ތުހުމަތުތަކެއް އޭނާއަށް ކުރެވިފައި އޮއްވައި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އޭނާ ޕްރޮމޯޓު ކޮށްދިނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 17، ގަ އެވެ. އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްއަކީ ފުލުހުންގެ މުއައްސަސާއިން ޕްރޮމޯޝަން ލިބިގެން އާދެވޭ އެންމެ މަތީ މަގާމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox