ރިޕޯޓުޝިމަންގެ އިންޓަވިއު: ފުލުހުން ފޮޓޯ ލީކުކޮށްލީ ބިރު ދައްކައިގެން އަނގަ ބަނދުކުރަން، ފަހަތަކަށް ނުޖެހޭނަން

ޝިމަންގެ އިންޓަވިއު: ފުލުހުން ފޮޓޯ ލީކުކޮށްލީ ބިރު ދައްކައިގެން އަނގަ ބަނދުކުރަން، ފަހަތަކަށް ނުޖެހޭނަން

"އަސްލު ވަރަށް ގިނަ ދުވަސް ވެއްޖެ ސަރުކާރުގެ އެކި މައުތު ޕީސްތަކުން މިހެން ބިރު ދައްކަމުންދާތާ. ކައޭމެންގެ އޮރިޔާން ހުރިތޯ ބަލާނަމޭ. ހުރިއްޔާ ލީކް ވެސް ކުރާނަމޭ. އެކި ޕްލެޓުފޯމްތަކުގައި އެބަހުރި އެ މީހުންގެ މީހުން އެކަހަލަ ވާހަކަ ދައްކާފައި"

އައިޝަތު ޝިމަން
އައިޝަތު ޝިމަން

ސިޔާސީ ގޮތުން އޭނާއަށް ކޮންމެ ފަދަ ލަނޑެއް ވެސް ސަރުކާރުން ދީފާނެކަން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް ޒުވާން ލީޑަރު، އައިޝަތު ޝިމަން، 20، އަށް އެނގެ އެވެ.

ސިޔާސީ ވާދަވެރިންނާ ދެކޮޅަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޭނުން ކުރާ އެންމެ ވަރުގަދަ ހަތިޔާރަކީ ދައުލަތުގެ ވަސީލަތްތައް ކަން ޝިމަންއަށް އެނގެ އެވެ. ދައުލަތުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތައް ތިބޭނީ ސަރުކާރުން "ބުނާހާ ގޮތެއް" ހަދަން ތައްޔާރަށްކަން ޝިމަންއަށް އޮތީ ވިސްނިފަ އެވެ.

އެކަމަކު، އޭނާގެ ފޯނު ޖަހައިގަނެ، އޭގައި ހުރި ޒާތީ މައުލޫމާތާއި ފޮޓޯތައް، މުޅި ދުނިޔެއަށް ލީކުކޮށްލައިފާނެ ކަމަކަށް، އެކަން އެގޮތަށް ހިނގައިދިޔުމާ ހަމައަށް ޝިމަން ހިތަކަށް ނާރަ އެވެ. ވެރި މީހާގެ އޯޑަރަށް ނަމަވެސް އެހާ ދަށު ދަރަޖައަށް ފުލުހުން ވެއްޓިދާނެ ކަމަކަށް ޝިމަންއަށް ހީވެފައެއް ނެތެވެ.

"[ބުރާސްފަތި ދުވަހުގެ] ވަގުތެއްގައި ... ޝޯޝަލް މީޑިއާގައި ފޭކް އެކައުންޓެއް ހަދައިގެން 'ޝިމަންގެއައިފޯނު'، އަޅުގަނޑު ހަނދާނެއް ނެތް އެގްޒެކްޓްލީ، ޖަހާފައި އިން އެކައުންޓަކުން އަޅުގަނޑުގެ ފޯނުގައި ހުރި މައުލޫމާތުތަކެއް ލީކްކުރަން ފެށީ،" އަދަދު އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޝިމަން ބުންޏެވެ.

ޝިމަން ބުނާ ގޮތުން، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ހަމަ ބުރާސްފަތި ދުވަހު ހުޅުވި އެކައުންޓަކުން ލީކުކޮށްލި ޒާތީ ފޮޓޯގަނޑަކީ، ފުލުހުން އަތުލި ޝިމަންގެ ފޯނުން އޭނާގެ އުމުރުން އެންމެ 16 އަހަރުގައި އަމިއްލައަށް ނަގާފައި އިން، އެ ފޯނުގައި ނޫނީ ނޯންނާގެ ފޮޓޯއެކެވެ.

"އެ އެކައުންޓު މިހާރު ވަނީ ރިޕޯޓުކޮށްގެން ރިމޫވްކޮށްލާފައި. އެއީ ފޯނުގައި އެކަނި ހުރި މައުލޫމާތެއް. އެއީ އެހެން އެއްވެސް ތަނެއްގައި ހުންނާނެ އެއްޗެއް ނޫން. އެއީ އެހެން އެއްވެސް ތާކު ހުންނާނެ ފޮޓޯއެއް ނޫން. ފުލުހުން ފޯނު ނަގައިގެން ކޮންފިސްޓިކޭޓުކޮށްގެން ގެންދިޔަ ފަހުން، 24 ގަޑިއިރު ވެސް ނުވަނީސް އެ އެއްޗެހި ލީކްވިކަމަށް ފެންނަނީ. އެއީ އިތުރު އެއްވެސް ތަނެއްގައި ހުންނާނެ އިންފޮމޭޝަނެއް ނޫން އެއީކީއެއް،" ޝިމަން ކިޔައިދިނެވެ.

ޝިމަން އާއި މަހުޒޫމް ޒުވާނުންގެ މުޒާހަރާގައި. -- ފޮޓޯ: އަދަދު
ޝިމަން އާއި މަހުޒޫމް ޒުވާނުންގެ މުޒާހަރާގައި. -- ފޮޓޯ: އަދަދު

ޝިމަން އާއި މަހުޒޫމް ޒުވާނުންގެ މުޒާހަރާގައި. -- ފޮޓޯ: އަދަދު

ވަރަށް ޔަގީންކަމާއެކު ޝިމަން ބުނީ، އޭނާގެ ފޯނުގައި ހުރި މައުލޫމާތު ލީކުކޮށްލީ ފުލުހުން ކަމަށެވެ. އަދި އެކަން ކުރުމުގެ މަގުސަދަކީ ބިރު ދައްކައި، އޭނާގެ އަނގަ ބަންދު ކުރުން ކަމަށް ޝިމަން ދެކެ އެވެ.

"ޝިމަންނަށް ގަބޫލުކުރެވޭ ގޮތުގައި ބިރު ދެއްކުމުގެ ގޮތުން ފޯނު ހިފަހައްޓައިގެން ގެންގޮސްފައި ... ފޯނުގައި ހުރި މައުލޫމާތު ނަގާފައި އެ މީހުން އެ މަސައްކަތް އެ ކުރަނީ މިހާރު ބިރު ދެއްކުމުގެ ގޮތުން، ފޮޓޯތައް ލީކްކޮށް، ސައިލެންސްކުރުމަށް. [އެ ފޮޓޯ ލީކްކުރުމަކީ] އެ މީހުން ކުރި ކަމެއްކަން ވަރަށް ސާފު. އެއަކާމެދު އެއްވެސް ސުވާލެއް ނުއުފެދޭ. އެއާމެދު އެއްވެސް އޮޅުމެއް ނެތް،" ޝިމަން ބުންޏެވެ.

ފުލުހުންގެ މަގުސަދަކީ ޝިމަންއަށް ބިރު ދެއްކުން ކަން ހާމަވާ އެހެން ކަންކަން ވެސް އެބަ ހުއްޓެވެ. ޝިމަންގެ ގެ ކައިރީ ހުއްޓައި، އޭނާގެ ފޯނު ޖަހައިގަތުމަށް ވިއްސަށް ވުރެ ގިނަ ފުލުހުން ދިޔަ އެވެ. ފުލުހުން ގިނަކަމުން މުޅި މަގު އޮތީ ފުރިފަ އެވެ.

"އެރޭ ވީ ގޮތަކީ ގެޔަށް ދިޔައިރު ގޭ ދޮރުމަތީގައި ހުރީ ކުލަ ހެދުން ލާފައި ހުރި ފުލުހެއް. އޭނަ އައިޑެންޓިފައިކޮށްފައި، ޕޮލިސް އޮފިސަރެކޭ ބުނެފައި [އަހަރެންގެ] ނަން އަހާފައި ބުނަނީ ކޯޓު އަމުރެއް އެބަ އޮތޭ ބަލައިފާސްކުރުމުގެ، ކިޔާފައި އޭތި ދިނީ. [އެވަގުތު އަންހެން ފުލުހުން ނެތީމަ] އޭނަ ބުނީ މަޑުކޮށްލާށޭ އެ މީހުން އަންނަންދެން. އެމީހުން އަންނަންދެން މަޑުކޮށްގެން ހުރެފައި، އެ މީހުން އައިއިރު އެ މީހުންނާއެކު އައީ ސީދާ ބުނާކަށެއް ނޭނގޭ، އެކަމަކު އަހަރެން ބުނާނީ ވިއްސަށްވުރެ ގިނަ ފުލުހުން އެތާ ތިއްބޭ. މަންޒަރު ބަލަން ތިބި މީހުންނަށް ވެސް ފެންނާނެ،" ޝިމަން ބުންޏެވެ.

ފުލުހުން އައިސް އެންމެ ފުރަތަމަ ކުރި ކަމަކީ، މަގުމަތީ ބަހައްޓައިގެން، ބޮޑު ކުށްވެރިއެއް އަތުލައިގަނެވިގެން އުޅޭ ގޮތަށް، ޝިމަންގެ ހަށިގަނޑު ބަލައި ފާސް ކުރުމެވެ. ދެން ޖަހައިގަތީ ޝިމަންގެ ފޯނެވެ. ފޯނު ޖަހައިގަތް އިރު ވެސް، ފޯނު އަތުލަން ކޯޓުން ނެރެފައި އޮތް އަމުރެއް ޝިމަންއަކަށް ނުދައްކަ އެވެ.

"[ހަށިގަނޑު] ޗެކްކޮށް ނިންމާފައި ބުނީ ފޯން ކޮންފިސްޓިކޭޓު ކުރަނީއޭ. އެކަމަކު އޭރު ވެސް ފޯނު ހިފެހެއްޓުމުގެ އަމުރެއް ނުދޭ، ނުވެސް ދައްކާ އޭރު. ދެން ޝިމަން ބުނިން ޝިމަންއާ ހަވާލުކޮށްފައި އޮތީ ބަލައި ފާސްކުރުމުގެ އަމުރޭ، އޭގައެއް ނެތޭ ފޯނު ހިފަހައްޓާ ވާހަކައެއް. [އެހެންވެ] ފޯނެއް ނުގެންދެވޭނޭ [ފުލުހުންނަކަށް]،" ފުލުހުން ކަންތައް ކުރި ގޮތް ކިޔައިދެމުން ޝިމަން ބުންޏެވެ.

"އެހެން ބުނީމަ ބުނީ އެ މީހުންގެ އަތުގައި ކޯޓު އަމުރު އެބަ އޮތޭ. އެކަމަކު އޭރުވެސް އަމުރެއް ނުދައްކާ. ދެން އެ މީހުން އެ މީހުންނާ ވާހަކަ ދައްކަން ހުރެފައި އެ މީހުންގެ އަތުގައި އޮތް ކޯޓު އަމުރު ނަގާފައި ދިނީ. އެކަމަކު އޭރު އޮތީ ފޯނު އަތުލާފައި. އަތުލާ ނިންމާފައި ކޯޓު އަމުރު ދެއްކީ."

ޝިމަން ދެކޭ ގޮތުގައި، ފުލުހުން ޝިމަންގެ ފޯނުގައި ހުރި ޒާތީ މައުލޫމާތު ލީކުކޮށްލުމުން، ބޭޒާރުވީ ފުލުހުންނެވެ. އެކަމުން ހާމަވީ ފުލުސް އޮފީސް ސިޔާސީވެފައި އޮތް މިންވަރާއި ވެއްޓިފައިވާ ހަޑިމުޑުދާރު ދަރަޖަ އެވެ.

"އެމީހުންގެ ބެލުމުގެ ދަށުގައި މިވަގުތު އޮތް ފޯނެއްގައި ހުރި ޑޭޓާތަކެއް ލީކްވުމަކީ އެ މީހުން ޒިންމާ ނަގަންޖެހޭނެ ކަމެއް. އެމީހެއްގެ ފޯނު ގުޅިފައި ވަނީ ޕްރައިވެޓު ލައިފްއާ [ޒާތީ ދިރިއުޅުމާ]. ފޯނުގައި ހުންނާނެ މީހާގެ ޒާތީ މައުލޫމާތު، ޒާތީ ފޮޓޯތައް، ހުރިހާ އެއްޗެއް ވެސް. ބޭންކު މައުލޫމާތު ވެސް، ވަޒީފާ އާއި މަސައްކަތާއި ކިޔެވުމާ ގުޅޭ މައުލޫމާތު ވެސް. އެހެން ހުރިހާ އެއްޗެއް ވެސް،" ޝިމަން ބުންޏެވެ.

"ފޯނު ކޮންފިސްޓިކޭޓުކޮށްގެން ގެންގޮސް އެކަހަލަ ކަންކަން ކުރުމުން ފެންނަނީ ފުލުހުންގެ އިދާރާ ސިޔާސީ ވެފައި އޮތް ވަރު ހަގީގަތުގައި."

ޝިމަންގެ ފޯނުން ފޮޓޯ ލީކު ކޮށްލީ ފުލުހުންކަން ޔަގީންވާ އެހެން ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ. އެއީ ޝިމަން އާއި ޝިމަންގެ ގާނޫނީ ވަކީލު އައިކު އަހުމަދު އީސާ ކައިރީ ފުލުހުން ދެއްކި ވާހަކަ އެވެ. ފޮޓޯ ލީކުކޮށްލި ފަހުން، ފުލުހުން އަވަސްވެގަތީ ޝިމަންގެ ފޯނު ހަވާލު ކުރުމަށެވެ. ޝިމަން ކައިރި ބުނީ "އަހަރުމެން ބޭނުން ކަންތައްވެއްޖެ" ކަމަށެވެ.

"އަހަރެމެން ބުނިން އަހަރެމެން ތިބި ތަނަކަށް ފޯނު ގެނެސްދޭށޭ. އެމީހުންނެއް ނައި. އޭގެ އިރުކޮށްގެން ފަހުން، އިރު އޮއްސުމުގެ އިރުކޮޅެއް ކުރިން ގުޅާފައި ބުނީ ފޯނު ބަލައި އަންނާށޭ. އަނބުރާ ފޯން ރިޓާން ކުރަނީއޭ. ދެން އަހަރެމެން ބުނިން ތިވީ ކިހިނެއްހޭ. ފޯނެއް އާންމުކޮށް ނަގައިފިއްޔާ އާންމުކޮށް ހަފުތާއެއް ވާނެ ފޮރިންސިކް ތަހުގީގަށް،" އައިކު ކިޔައިދިނެވެ.

"އެހެން ބުނީމަ އަހަރެމެންނަށް ހީވި ކަމެއް ގޯސްވެގެން އުޅޭހެން. އެހެންވެ އަހެރެމެން ވެސް އިތުރަށް ސުވާލުކުރީ. ކީއްވެހޭ ތި ފޯނު ދޫކޮށްލަނީ. އެހެން ބުނީ ސީދާ އައިއޯ ބުނި 'އަހަރެމެން ބޭނުންވާ ކަންތައް ވެއްޖޭ'."

ޝިމަންގެ ފޯނު އަތުލައި މައްސަލަ ތަހުގީގުކުރަން ފެށީ އެކްސްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނެފައިވާ ވާހަކައަކީ މުއިއްޒު އަވަހާރަކޮށްލަން ހިތްވަރު ދިނުން ފަދަ ވާހަކައެއް ކަމަށް ފުލުހުންނަށް މޭރުންވުން ނުވަތަ ދޭހަވުމެވެ. އެއީ ބޮޑު އަދި ސީރިއަސް ތުހުމަތެކެވެ. އެކަމަކު، ފޮޓޯ ލީކުކޮށްލި ފަހުން، އެ ތުހުމަތު ފެނަށް ގޮސްފި އެވެ. ޝިމަންގެ ބަޔާނެއް ނަގާކަށް ވެސް ފުލުހުން މިހާރު ބޭނުމެއް ނުވެ އެވެ. ފުލުހުން "ބޭނުންވާ ކަންތައް" ހާސިލުވެއްޖެ އެވެ.

"އަހަރެމެން އެހިން ތުހުމަތާ ގުޅިގެން ބަޔާނާ އެއްޗިއްސަށް ކިހިނަކުންހޭ ތިޔަ ވަނީ. ކޮންމެހެނެއްވިޔަސް އެއީ ސީރިއަށް ތުހުމަތެއް ނޫންހޭ. އެހެންވީމަ ބަޔާން ނުނަގަނީހޭ. އެހެން ބުނީމަ ބުނީ މިހާރު ދެން ބަޔާނެއް ވެސް ބޭނުމެއް ނޫނޭ، މައުލޫމާތު ބަޔާނެކޭ ނަގާނީ. ނަގާފަ ދޫކޮށްލާނީއޭ ފޯނު،" އައިކު ބުންޏެވެ.

މޭ 1، 2025 ގައި މާލޭގައި ޒުވާނުންގެ މުޒާހަރާއިން ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އަތޮޅުވެހީގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަދަދު
މޭ 1، 2025 ގައި މާލޭގައި ޒުވާނުންގެ މުޒާހަރާއިން ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އަތޮޅުވެހީގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަދަދު

މޭ 1، 2025 ގައި މާލޭގައި ޒުވާނުންގެ މުޒާހަރާއިން ޝިމަން އާއި މަހުޒޫމް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން އަތޮޅުވެހީގެ ބޭރުގައި ފޮޓޯއަކަށް ހުއްޓިގެން. -- ފޮޓޯ: އަދަދު

ފުލުހުން މަސައްކަތް ކުރީ ސިޔާސީ މަގުސަދެއްގައިކަން ހާމަވާ އަނެއް ކަމަކީ، މީގެ ކުރިން ޝިމަންއަށް ލިބިފައި ހުރި އިންޒާރުތަކެވެ. ޝިމަން "ބޭޒާރު ކޮށްލާނެ" ކަމަށް ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއާ ގުޅުން އޮތް މީހުން އެކި ފަހަރު މަތިން ވަނީ އިންޒާރުތަކެއް ދީފަ އެވެ.

"އަސްލު ވަރަށް ގިނަ ދުވަސް ވެއްޖެ ސަރުކާރުގެ އެކި މައުތު ޕީސްތަކުން މިހެން ބިރު ދައްކަމުންދާތާ. ކައޭމެންގެ އޮރިޔާން ހުރިތޯ ބަލާނަމޭ. ހުރިއްޔާ ލީކް ވެސް ކުރާނަމޭ. އެކި ޕްލެޓުފޯމްތަކުގައި އެބަހުރި އެ މީހުންގެ މީހުން އެކަހަލަ ވާހަކަ ދައްކާފައި. ދައްކާފައި އެންމެ ފަހުން ކަލްމިނޭޓުވި ގޮތް މިއީ،" އައިކު ކިޔައިދިނެވެ.

ފުލުހުން ބޭނުންވީ ޝިމަންގެ ހިތްވަރު ކަތިލުމަށެވެ. ބޭނުންވީ ކިތަންމެ ހަޑިކޮށް މަސައްކަތްކޮށްގެން ނަމަވެސް ޝިމަންގެ އަނގަ ބަންދު ކުރުމަށެވެ. އެކަމަކު، ފުލުހުން ބޭނުންވާ ކަންތައް ހާސިލެއް ނުވި އެވެ. ޝިމަން އަދިވެސް ހުރީ ގަދަކޮށެވެ. އޭނާގެ ހިތްވަރަކަށް ބަދަލެއް ނާދެ އެވެ. ބޭޒާރުވެ، ހާމަވީ ފުލުހުންނާއި ފުލުހުންނަށް އަމުރު ކުރާ ވެރިންގެ ހުތުރު ސިފަ އެވެ. މި ސަރުކާރުގެ ނުބައި ރޭވުމެވެ.

އަހުމަދު އާއިދު

ޖާނަލިސްޓް

އަހުމަދު އާއިދު ނޫސްވެރިކަމުގެ ދާއިރަށް ވަނީ މީގެ ދެ އަހަރު ކުރިންނެވެ. ސިޔާސީ ދާއިރާއިން ފެށިގެން ކުޅިވަރުގެ ދާއިރާގައި އޭނާގެ ގަލަން ހިނގަ އެވެ. އެންމެ ފަހުން އޭނާ އުޅުނު "ވޮއިސް" ނޫހުގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox