ސްޓޮކްހޯލްމް، ސްވިޑެން (އޮކްޓޫބަރު 8) - އާސެނަލަށް ކުޅެމުން އަންނަ ސްވިޑެންގެ ފޯވާޑް، ވިކްޓަ ޔޯކެރޭޝް އަށް ފާޑުކިޔަނީ ފުޓްބޯޅަ ނޭނގޭ މީހުން ކަމަށް ސްވިޑެންގެ ކޯޗު އަދި ކުރީގެ ފޯވާޑް ޔޮން ދާލް ތޮމަސަން ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ސްޕޯޓިން ލިޒްބަން އަށް 54 ގޯލު ޖަހައިދިން ޔޯކެރޭޝް މި ސީޒަނުގައި، އާސެނަަލަށް ބަދަލުވީ ޖުމްލަ އެކު، 80 މިލިއަން ޑޮލަރު ދައްކާ ޑީލެއްގެ ދަށުންނެވެ. އެ ގޮތުން، 27 އަހަރުގެ ޔޯކެރޭޝް ވަނީ އާސެނަލަށް ފުރަތަމަ ކުޅުނު ހަތަރު މެޗުން ތިން ލަނޑު ޖަހައިފަ އެވެ. އެކަމަކު، އޭގެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލަނޑު ނުޖެހި ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ސްވިޑެން ގައުމީ ޓީމާ އެކު، މި ވަގުތު ހުރި ޔޯކެރޭޝްއާ ބެހޭގޮތުން، ތޮމަސަން ފާހަގަކުރީ ލަނޑު ނުޖެހިޔަސް މެޗަށް އޭނާގެ ސަބަބުން ކުރާ ފައިދާތަކަށެވެ.
"އަހަރެން ދެކޭގޮތުގައި ޔޯކެރޭޝް އެ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި. އޭނަގެ ފަރާތުން މެޗުތަކުގައި ތަފާތެއް ނުފެންނަ ކަމަށް، މީހުން ބުނަންޏާ އެ ބަޔަކަށް ފުޓްބޯޅަ ނޭނގެނީ، އެއްވެސް މައުލޫމާތެއް ލިބިފައި ނެތީ،" ތޮމަސަން ބުންޏެވެ.
އޭނާ ބުނީ، ޔޯކެރޭޝްގެ ސބަަބުން އާސެނަލްގެ އެހެން ކުޅުންތެރިންނަށް އެޓޭކުގައި ޖާގަތައް ލިބެމުންދާ ކަމަށާއި އޭގެ ސަބަބުން އެ ކުޅުންތެރިންގެ ފަރާތުން ލަނޑު ފެންނަ ކަމަށެވެ. އަދި، އާ ކްލަބަކަށް ގޮސް ސިސްޓަމަށް ހޭނެން ބޭނުންވާނެ ވަގުތު ޔޯކެރޭޝް އަށް ވެސް ދޭން ޖެހޭ ކަމަށް ތޮމަސަން ވަނީ ބުނެފަ އެވެ.












