މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ރައީސް މުހައްމަދު ރަސްލާން އަށް ހާޓް އެޓޭކެއް ޖެހުނީ ފުލުހުން އޭނާގެ މޫނަށް ޕެޕާ ސްޕްރޭ ޖެހުމުންނެވެ.
ރަސްލާން އަށް ނޭވާ ލާން އުނދަގޫވެ، ހަރަކާތްތައް މަދުވީ އޭގެ ފަހުން ކަމަށް މަންޒަރު ދުށް މީހުންނާ ހަވާލާދީ އޭނާގެ އަނބިމީހާ މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
މުޒާހަރާގައި އަނިޔާވާ މީހުންނަށް އެހީތެރިވެދޭން އުޅުނު ރެޑް ކްރެސެންޓުގެ ޓީމުން އޭނާއަށް އަވަސް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމުން އެނގުނީ، ރަސްލާންއަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށެވެ. ރަސްލާނުގެ ހިތުގެ މައި ދެ ނާރު ހުރީ ބެދިފަ އެވެ.
އެ މައްސަލައިގައި ރައްޔިތުން ކަންބޮޑުވުމުން އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ރޭ މަސައްކަތް ކުރީ، ރަސްލާން އަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭގެ ސަބަބުން ނޫން ކަމަށް ދެއްކުމަށެވެ.
އެ ބަޔާނުގައި އައިޖީއެމްއެޗް އިން ބުނީ ޕެޕާ ސްޕްރޭއަކީ "ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭ ފަދަ އެއްޗެއް ނޫން" ކަމަށެވެ. ނަމަވެސް އޭގެ ސަބަބުން "ނޭވަޔަށް އުނދަގޫކޮށް، ކެއްސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް" ކުރިމަތިވެދާނެ ކަމަށް ބަޔާނުގައި ބުނެފައި އޮތެވެ.
ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި އޮތީ، ހިތުގެ މައްސަލައެއް ހުރި މީހެއްގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފި ނަމަ، އޭނާއަށް ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު އޮވެދާނެ ކަމަށެވެ.
އެކަމަކު، އައިޖީއެމްއެޗް އިން ނެރުނު ބަޔާނުގައި، ޕެޕާ ސްޕްރޭއާ ހާޓް އެޓޭކްއާ ދެމެދު އޮތް ގުޅުން، ރަނގަޅަށް ކިޔައިދީފައެއް ނުވެ އެވެ. އަދި ޕެޕާ ސްޕްރޭގެ ސަބަބުން ހިތުގެ މައްސަލައެއް ނެތް މީހަކަށް ވެސް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އޮތް ވާހަކަ ބަޔާނުގައި ވަނީ ސިއްރުކޮށްފަ އެވެ.
މި ލިޔުމުގައި މި ބަލައިލަނީ، ޕެޕާ ސްޕްރޭއަކީ ކޮބައިކަމާއި ޕެޕާ ސްޕްރޭއާ ހާޓް އެޓޭކްއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.
ޕެޕާ ސްޕްރޭއަކީ ކޮބާ؟
ޕެޕާ ސްޕްރޭ ހަދަނީ މިރުސް މުގުރުމުން ނުކުންތަ ތެލަކުން ނަގާ މާއްދާއަކުންނެވެ. އެ މާއްދާއަކީނަމަކީ އޮލިއޯރެސިން ކެޕްސިކަމް (އޯސީ) އެވެ. ކުޅިވަނީ، މި ބުނާ އޯސީގައި އެކުލެވޭ ކެޕްސައިސިން ނަމަކަށް ކިޔާ ކޮމްޕައުންޑަކުންނެވެ. ކެޕްސައިސިން އަކީ ރަހައެއް، ވަހެއް އަދި ކުލައެއް އެކުލެވޭ އެއްޗެއް ނޫނެވެ.
ޕެޕާ ސްޕްރޭ ހަދަނީ ތެލެއް ނުވަތަ ފެނަކާ މި ބުނާ އޯސީ އެއްކޮށްގެންނެވެ. އަދި އޭގެ ތެރެއަށް ޕްރޮޕެލަންޓެއް ވެސް އަޅަ އެވެ. ޕްރޮޕެލަންޓަކީ ދިޔާ އެއްޗެއް ފުޅިއަކަށް އެޅުމުން އެ ޖަހަން އެހީތެރިވެދޭ މާއްދާއެކެވެ.
ޕެޕާ ސްޕްރޭ އާންމު ގޮތެއްގައި ޑިސްޕެލް ކުރާ ދެ ގޮތެއް އޮވެ އެވެ. ބައެއް ފުޅިތަކުގައި ހުންނަ ޕެޕާ ނުކުންނާނީ ފޮގެއް ނުވަތަ މިސްޓެއްގެ ގޮތުގަ އެވެ. އެހެން ބައެއް ޕެޕާ ސްޕްރޭ ނުކުންނާނީ ސްޓްރީމެއްގެ ގޮތުގަ އެވެ.
ފޮޓޯތަކަށް ބަލާއިރު، ރާއްޖޭގައި ބޭނުން ކުރާ ޕެޕާ ސްޕްރޭ ނުކުންނަނީ ސްޓްރީމެއްގެ ގޮތުގަ އެވެ. އެގޮތަށް ސްޕްރޭ ނުކުތުމުން ވަކި މީހަކަށް ޓާގެޓުކޮށް ނުވަތަ މިސާލަކަށް މީހެއްގެ ލޮލަށް އަމާޒުކޮށް ސްޕްރޭ ޖެހުމަށް ފަސޭހަ ވާނެ އެވެ.
ޕެޕާ ސްޕްރޭ ބާރު ވަޒަން ކުރަނީ މިރުސް ފަދަ ތަކެތީގެ ކުޅިކަން މިން ކުރާ މިންގަނޑުންނެވެ. އެ މިންގަނޑަށް ކިޔަނީ ސްކޯވައިލް ހީޓް ޔުނިޓްސް (އެސްއެޗްޔޫ) އިންނެވެ. އާދައިގެ މިރުހެއްގެ ކުޅިމިން ހުންނަނީ 8،000 އެސްއެޗްޔޫގަ އެވެ. އެންމެ ކުޅި މިރުހުގައި އާންމުކޮށް 350،000 އެސްއެޗްޔޫ ހުރެ އެވެ.
އާދައިގެ މިރުސް ނުވަތަ އެންމެ ކުޅި މިރުހަށްވުރެ ޕެޕާ ސްޕްރޭގެ ބާރު އެތައް ގުނައެއް ބޮޑެވެ. ޕެޕާ ސްޕްރޭގައި އެސްއެޗްޔޫ ހުންނަނީ 500،000 އާއި 5،000،000 އެސްއެޗްޔޫ އާ ދެމެދުގަ އެވެ.
ޕެޕާ އާއި ހާޓް އެޓޭކް
ޕެޕާ ސްޕްރޭގެ ޝިކާރައަކަށްވާ މީހުންނަށް ތަފާތު އެކި އަސަރު ކުރުމުގެ ފުރުސަތު ބޮޑެވެ. އޭގެ ތެރޭގައި ސީރިއަސް އަނިޔާގެ އިތުރުން ކުދި އަނިޔާ ވެސް ހިމެނެ އެވެ. ޕެޕާ ސްޕްރޭ އިން ކުރާ އަސަރުތައް ހޯދުމަށް އެކި ދިރާސާތައް ވަނީ ހަދައިފަ އެވެ. ޕެޕާ ސްޕްރޭއިން ކުރާ އަސަރު އެ ދިރާސާތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ ހުއްޓެވެ.
ޕެޕާ ސްޕްރޭގެ ސަބަބުން އާންމުކޮށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް ބައެއް ހާލަތްތަކުގައި އެއިން މީހާގެ ފުރާނައަށް ނުރައްކާވެދާނެކަން ދިރާސާތަކުން ދައްކަ އެވެ. އަދި ހިތުގެ މައްސަލަ ހުންނަ މީހުންނަށް ޕެޕާ ސްޕްރޭއިން ކުރާ އަސަރު ބޮޑު ކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.
ޕެޕާ ސްޕްރޭއިން ލިބޭ ކުދި އަނިޔާ
- ހިކި ކެއްސުން
- ނޭވާ ކުރުވުން
- މެޔަށް ތަދުވުން
- ބޯއެނބުރުން
- ހާސްވުން
- ހޭނެތުން
- ހަންގަނޑު ހަލާކުވުން
- ލޮލުގެ ކޯނިއާ ހަލާކުވުން
އެމެރިކާގެ ނެޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި ބުނެފައިވާ ގޮތުން ޕެޕާ ސްޕްރޭގެ ސަބަބުން މަދުވެގެން 27 މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި، ހިތުގެ އެއްވެސް މައްސަލައެއް ނެތް އުމުރުން އެންމެ 21 އަހަރުގެ ޒުވާނަކު ވެސް ހިމެނެ އެވެ.
ޕެޕާ ސްޕްރޭގެ ސަބަބުން ހިތުގެ ތެޅުމަށް ވެސް ނުރަނގަޅު އަސަރު ކުރާ ކަމަށް ދައްކަ އެވެ. އަދި ހިތަށް ލޭ ފޮނުވާ ހޮޅިތައް ހިމަވުމަކީ ވެސް ޕެޕާ ސްޕްރޭގެ ސަބަބުން ކޮށްފާނެ އަސަރެކެވެ. އޭގެ ސަބަބުން ހަށިގަނޑުން ހިތަށް ފޮނުވާ ލޭ ކުއްލިއަކަށް މަދުވެ، މެޔަށް ވަރަށް ބޮޑަށް ތަދުވުން އެކަށީގެންވެ އެވެ.
އޭގެ އިތުރުން، ހިތަށް ފޮނުވާ ލޭގެ މިންވަރު ކުއްލިއަކަށް މަދުވެ، ހިތުގެ ތެޅުމަށް އަސަރު ކުރުމުން، ފުރާނައަށް ނުރައްކާ ހިސާބަށް ވެސް ކަންކަން ދެ އެވެ. މިކަމުގެ ނުރައްކާ އެންމެ ބޮޑީ ކުރިން ވެސް ހިތުގެ މައްސަލަ ހުންނަ މީހުންގެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ޕެޕާ ސްޕްރޭގެ ސަބަބުން ބްލަޑް ޕްރެޝަރު އަދި ކާޑިއޯވެސްކިއުލާ ސްޓްރެސްގެ ސަބަބުން ހާޓް އެޓޭކެއް ޖެހުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. ޕެޕާ ސްޕްރޭގެ ސަބަބުން ކޮންމެ މީހަކަށް ހާޓް އެޓޭކެއް ނުޖެހުނު ނަމަވެސް އެފަދަ ކަމެއް ދިމާވުމުގެ ފުރުސަތު އޮވެ އެވެ.












