އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ބާރުގަދަ އަޑު އިއްވާ "ސޮނިކް ވެޕަން" ބޭނުންކުރުމުން އާންމު ދިރިއުޅުމަށް ވެސް ބުރޫއެރި ކަމަށް ބައެއް އާންމުން ބުނެފި އެވެ.
މުޒާހަރާ ރޫޅާލުމަށް ތަކުރާރުކޮށް ސޮނިކް ވެޕަން ފުލުހުން ބޭނުން ކުރި އެވެ. އޭގެ އަޑު، ޖެޓެއްގެ އިންޖީނުގެ އަޑު ކައިރިން އިވޭ މިންވަރަށް ވުރެ ވެސް ބާރެވެ.
މުޒާހަރަ ކުރި ސަރަހައްދުގައި ހުރި ގެއެއްގައި ދިރިއުޅޭ މީހަކު އަދަދު އަށް ބުނީ ބާރުގަދަ އަޑުގެ ސަބަބުން ސިޓިން ރޫމުގައި ހުންނަން އުނދަގޫވެގެން ކޮޓަރިއަށް ވަތް ކަމަށެވެ.
އޭނާ ބުނީ އަޑުގަދަކަމުން ދެ އަހަރުގެ ދަރިފުޅު ވެސް ނިންދަވަން ޖެހުނީ އެންމެ އެތެރެއަށް ހުންނަ ކޮޓަރީގައި ކަމަށެވެ.
"އެ އަޑު ވަރަށް ގަދައަށް އިވުނު. ސިޓިން ރޫމުގައި ނުހުރެވިގެން ކޮޓަރިއަށް ވަނީ. ދަރިފުޅު ނިންދަވަން ޖެހުނީ އެންމެ އެތެރެއަށް ހުންނަ ކޮޓަރީގައި. ވަރަށް އުނދަގޫވި،" އޭނާ ބުންޏެވެ.

އެ ސަރަހައްދުގައި ހުންނަ ގެއެއްގައި ދިރިއުޅޭ ބިދޭސީއަކު ބުނީ ބާރު އަޑު ގިނައިރުތަކެއް ވަންދެން އިވުމުން ކަންފަތަށް ވަރަށް އުނދަގޫވި ކަމަށާއި މުޅި އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ގެއިން ބޭރަށް ވެސް ދެވޭ ގޮތެއް ނުވެ ތާށިވި ކަމަށެވެ.
"ވަރަށް ބާރަށް އަޑުހުރި. އުނދަގޫވެގެން ގެއިން ބޭރަށް ނިކުންނަން ވެސް ބޭނުންވި. އެކަމަކު ދެވޭނެ ގޮތެއް ނެތް. މުޅި އެ ސަރަހައްދު އޮތީ ބަންދުކޮށްފައި. ދެން އަހަރުމެން ތިބީ ގޭގައި،" އޭނާ ބުންޏެވެ.
އޭގެއިތުރުން މުޒާހަރާކުރި ސަރަހައްދު ކައިރީގައި ހުރި ގެސްޓްހައުސްއެއްގައި މަސައްކަތްކުރާ ބިދޭސީއަކު ބުނީ ރޭގައި އިވުނު ބާރު އަޑު އެތަނުގައި ތިބި މީހުންނަށް ވެސް އިވިގެން އުނދަގޫވި ކަމަށެވެ.
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.
ހަތިޔާރު ބޭނުންކުރުމުގައި ފުލުހުން އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެއް އޮންނަން ޖެހެ އެވެ. ޕެޕާ ސްޕްރޭ އާއި ކަރުނަ ގޭސް އަދި މުގުރު ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ނުވަތަ އެސްއޯޕީ ހަދާފައި އޮވެ އެވެ.
ނަމަވެސް ސޮނިކު ވެޕަން، ނުވަތަ ބާރު އަޑު ބޭނުންކުރަން ޖެހޭ ހާލަތާއި ބޭނުންކުރާ ގޮތް ފުލުހުން އާންމުކޮށްފައެއް ނެތެވެ.
ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމާ ގުޅޭ ފުލުހުންގެ ގަވާއިދުގައި ބުނާ ގޮތުން ހަތިޔާރެއް ބޭނުންކުރުމުގެ ކުރިން އިންޒާރު ދޭން ޖެހެ އެވެ. ގަވާއިދު ބުނާ ގޮތުން ފުލުހުން އިންޒާރުގެ ގޮތުން "ހަތިޔާރު ބޭނުންކުރަނީ" މި އިބާރާތް ބޭނުންކުރަން ޖެހޭނެ އެވެ. އެކަމަކު ފުލުހުން ސޮނިކް ވެޕަން ބޭނުންކުރަން މިފަދަ އިންޒާރެއް ނުދެ އެވެ.













