އެމްޑީޕީއިން މިރޭ ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހަކަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުންދާ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އަދަދު އާއި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާން ކަމަށެވެ.
"އޭނާގެ ހާލު ވަރަށް ސީރިއަސް" ޑޮކްޓަރުންނާ ހަވާލާދީ ފައްޔާޒު ވިދާޅުވި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ފުލުހުން ރަސްލާން އަށް އަނިޔާކުރި އެވެ. އަދި ޕަޕަސްޕޭރޭ ވެސް ޖެހި އެވެ.
މުޒާހަރާގެ އެހެން ބައިވެރިޔަކަށް ވެސް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އެއީ އޭނާ އަށް ނޭވާލާން އުނދަގޫވެގެންކަމަށް މައުލޫމާތު ލިބެ އެވެ.

މިރޭ ކުރިއަށްދާ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ސޮނިކް ވެޕަން ބޭނުންކޮށްފަ އެވެ. މިއީ މުޒާހަރާއެއް ރޫޅާލުމަށް ރާއްޖޭގައި ސޮނިކް ވެޕަން ބޭނުންކުރި ފުރަތަމަ ފަހަރެވެ.

މުޒާހަރާގެ ތެރެއިން ފުލުހުން ޕެޕާ ސްޕްރޭ ޖަހަނީ --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ސޮނިކް ވެޕަންއަކީ ލޯންގު ރޭންޖް އެކޮސްޓިކް ޑިވައިޒް ނުވަތަ އެލްއާރުއޭޑީ ބޭނުންކޮށްގެން އެއް ރިދަމަކަށް އުފައްދާ ގަދަ އަޑެކެވެ. މިއީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިން ބޭނުންކުރާ ނޮން-ލީތަލް ހަތިޔާރެކެވެ.
މިރޭގެ މުޒާހަރާ މެދުކަނޑާލީ ފުލުހުން ބާރު އަޑު ބޭނުންކުރަން ފެށުމާއެކު އާންމުންނަށް ކުރިމަތިވެދާނެ އުނދަގުލަކަށް ބެލުމަށްފަހު ކަމަށް އެމްޑީޕީން ބުންޏެވެ.
ސަރުކާރުން އަސާސީ ހައްގުތަކަށް އަރައިގަނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާތީ އެމްޑީޕީން ބޭއްވި މުޒާހަރާ ފެށިއިރު އާޓިފިޝަލް ބީޗުގައި ތިބި މީހުންގެ އަދަދު 3،000 އަށް ވުރެ ގިނަވާނެ ކަމަށް އެތަނުގައި ތިބި އަދަދު ގެ ނޫސްވެރިން ބުންޏެވެ.
މުޒާހަރާގެ ކުރީގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ މީހުން ބައިވެރިވި އެވެ.
މުޒާހަރާ އަށް އެތައް ސަތޭކަ ބަޔަކު އެކި ރަށްރަށުން ވެސް މާލެ އައެވެ.. ގިނަ މީހުން އެއްވާން މަސައްކަތް ކުރާތީ ސަރުކާރުން ދިޔައީ އެ ފުރުސަތު ހަނި ކުރަން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗަށް އެއްވުމަށް ފަހު، މަޖީދީ މަގުން ދިޔުމަށް މަސައްކަތް ކުރުމުން ފުލުހުން ހުރަސް އެޅި އެވެ. އެހެންވެ، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުން ހިންގައި، ފުލުހުންގެ ސަފުތައް ފަޅައިލުމަށް މަސައްކަތް ކުރި އެވެ.













