މުންކަރާތްތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރުން

މުންކަރާތްތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގެ ސިޔާސީ މައިދާނާ ގުޅިފައި އޮންނަ ބާވަތެއްގެ ނަމަވެސް ރަނގަޅު އެއްކަމެއް އަޅުގަނޑަށް ފެނެއެވެ. އެއީ ކިތަންމެ އާރަކާއި ބާރެއްގައި، ދެތަންނުވާނެ ޖާހާއި ޖޯޝުގައި އާދަޔާ ހިލާފު ސިއްރިއްޔާތުގައި ކުރާ ވައްކަމާއި ކޮރަޕްޝަންގެ ބިތު ފަންގި ހަމަ އިސާހިތަކު ނެގިގެންދާ ކަމެވެ. އެޔާއެކު އިހުތިބި މީހުން ކެޔޮކޭވަރު ހާމަވެ ބޭޒާރުވެގެންދާކަމެވެ. މިހާރު ކެޔޮކަމުންދާ ވަރެއްވެސް ދެތިން އަހަރު ފަހުން ނެގޭ ބިތުފަންގިއާއެކު އެނގޭނެކަމީ ދިވެހި ސިޔާސީ މަސްރަހު ޔަގީންކޮށްދީފައިވާ ހަގީގަތަކަށްވާކަމެވެ. މިއީ ދިވެހި ސިޔާސީ މަސައްކަތުގައި ފެންނާން އޮތް ރަނގަޅު ސިފައެއްކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ.

އާއެކެވެ. ކަމުންދާއިރު ހުއްޓުވޭނެ ގޮތެއް ނެތުމަކީ ދެރަވަރެވެ. ބަލަހައްޓައިން ތިބެން ޖެހޭކަމީ ކޮޅުނެތްކޮޅުގެ ބަދުނަސީބެވެ. އަދި އިހު ކޭ ވަގުންގެ ބިތުފަންގި ނެގި ފަލީހަތްވާއިރު، އެކަން ހިނގަނީ ދެން ކާންހުރި މީހާއަށް ލިބޭ ނަސްރެއްގެ ގޮތުގައި ކަމަށްވާ ކަމީ ވެސް ހިތާމަހުރި ކަމެކެވެ.

އަހަރެމެންނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގުކަމުގައިވާ އިސްލާމްދީނުގެ އަހުލުވެރިންނަށްވާއިރު، މި ދިވެހިރާއްޖެއަށްވެފައި މިވަނީ ކިހިނަކުންތޯއެވެ؟ މިތަނުގައި މަދުވެގެން އުޅެނީ ކޮން އެއްޗެއްތޯއެވެ؟ ހާއްސަކޮށް މިފަހަކަށް އައިސް ބަދަލުވަމުންދާ ކޮންމެ ވެރިކަމަކާއެކު ހިއްލޭ ފަރުދާގެ ފުރަގަހުގައި މިހުންނަނީ ކޮންހާ ވައްކަމެއްތޯއެވެ؟ އަދި އެފަރުދާ އެހެން ހިއްލާން ތިބެގެން އެ ހިއްލަމުންދާ ވަގުތުގައި މިހާރުގެ ވަގުން ވެސް އެޔަށްވުރެ ދެގުނަޏަށް ބޮޑުކޮށް ވައްކަންކޮށްފައި، އަހަރު ދެކޮޅު އުމުރާއަށް ވެސް ދެއެވެ. އަހަރެމެން މުސްލިމް ދިވެހިންނަށް ވެފައި މިވަނީ ކިހިނެއްހެއްޔެވެ؟

ކޮންމެ ސަރުކާރެއް ބަދަލުވެގެންދަނީ، އެ ސަރުކާރަކާމެދު އިތުބާރު ގެއްލިގެންނެވެ. ކޮންމެ ސަރުކާރަކަށް ނިމުން އައުމުގައި ވައުދު ނުފުއްދާކަމުގެ ތުހުމަތާއި އިންތިހާއަށް ދޮގުހެދިކަމުގެ ތުހުމަތާއި ދައުލަތުން ވައްކަންކުރާކަމުގެ ތުހުމަތު އޮވެއެވެ. އަލަށް ހޮވާ ސަރުކާރާއި އެސަރުކާރުގެ ބައިވެރިން ދިވެހިން މި ހޮވަނީ އެކަންކަން ބަދަލުކޮށް ރަނގަޅުކުރާށެވެ. އެޔާއެކު ފެންނަންނީ އިހުނަށްވުރެ ބޮޑަށް އެހާރަށްވުރެ މޮޅަށް ވައްކަމުގެ ކުޅިބައި އެތުރެމުން ކުރިން ހިނގަމުންދިޔަ ހިޔާނާތުގެ ސިލްސިލާ ގެތެމުންދާ ތަނެވެ.

މާތް ނަބިއްޔާގެ މަޝްހޫރު ހަދީސްފުޅަށް ވިސްނުން ހިންގަވާށެވެ! "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ އެކަމެއް އެމީހެއްގެ އަތުން މަނާކުރާށެވެ. އަތުން މަނާކުރުމަށް ނުކުޅެދިއްޖެ މީހާ ދުލުން މަނާކުރާށެވެ! ދުލުން މަނާކުރަން ނުކުޅެދިއްޖެ މީހާ ހިތުން އެކަމަކަށް ނުރުހިގެން ހުންނާށެވެ!"

ދަންނަވަންތޯއެވެ! ދުލުން މަނާކުރުމުގެ ގާބިލުކަން ހުރި މީހާ، ތިމަންނާގެ ފެންވަރަކީ ހިތުން މަނާކުރުންކަމަށް ދެކޭހާ ދުވަހަކު މިރާއްޖެ ހިނގަމުންދާނީ ހަމަ މިހާރު ހިނގަމުންދާ މިސްރާބަށެވެ. އަތުން މަނާކުރުމުގެ ގާބިލުކަން ހުރި މީހާ ތިމަންނާގެ ފެންވަރަކީ ކަމާ ނުބެހޭ މީހުންގެ ތެރޭގައި ފަސާދަވެރިން ކުރާ ކަންކަމުގެ ވާހަކަދައްކާލުން އެކަނިކަމަށް ދެކޭހާ ހިނދަކު މިރާއްޖެ ހިނގަމުންދާނީ މިހާރުވެސް މިދާ ގޮތަށެވެ.

ދައުލަތްތެރޭގައި ހިނގާ ކޮރަޕްޝަންގެ އަމަލުތަކަކީ ބޮޑެތި ވެގެންވާ މުންކަރާތްތަކެވެ. ގާބިލު މީހުން ތިއްބާ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާ މީހަކު ބުނާ މީހަކަށް ދައުލަތުގެ ވަޒީފާ ދިނުމަކީ މުންކަރާތެވެ. ކަމާބެހޭ ފަންނީ މާހިރުން ވަކި ގޮތަކަށް ލަފާދޭ ކަންކަމުގައި އެމީހުންގެ ބަސް ބޮލާލާ ޖަހައި ވަކި ސިޔާސީ މަސްލަހަތަކަށް ދީލާލުމަކީ ދީނީ ގޮތުން މުންކަރާތެވެ. މަސައްކަތަކާ ނުލައި ހަމައެކަނި ސިޔާސީ އެއްބާރުލުމުގެ ބަދަލެއްގެ ގޮތުން ދައުލަތުން މުސާރަދީގެން އެކުވެރިން ގެންގުޅުމާއި ބަދަލުދިނުމުގެ ނަމުގައި ސިޔާސީ ވިޔަފާރިވެރިންނަށް ބޮޑުތަނުން އެޅޭ ބައިވަރަކީ ހަމަ ބޮޑެތި މުންކަރާތެވެ. ކުޑަ އަގެއްގައި ވާން އޮންނަ ކަންތަކަށް ރަށްޓެހި ކުންފުނިތަކަށް ބަހާލުމުގެ ނިޔަތުގައި ދައުލަތުގެ ބަޖެޓުން އަސްލު އަގުގެ ތިން ގުނަ ހޭދަކުރުމަކީ މުންކަރާތެކެވެ. ރައްޔިތުން ކުރިމައްޗަށް ނުކުމެ ޖެހިލުމަކާ ނުލައި ބޮޑެތި ދޮގުހެދުމަކީ މުންކަރާތެކެވެ.

ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން މިދެންނެވުނު މުންކަރާތްތައް މަނާކުރުމުގެ ގާބިލުކަން ތިމަންމެންނަށް ލިބިފައިވަނީ ހަމަ އެކަނި ހިތުން އެކަމަށް ނުރުހިގެން ތިބުމުގެ މިންވަރަށްކަމަށް ދެކެގެން ތިބުމީ މާތް ނަބިއްޔާގެ ކުރިން އަޅުގަނޑު ދެންނެވި ހަދީސް ބަސްފުޅާ އެއްގޮތްވާނެ ކަމެއް ނޫނެވެ. އެހެނީ އެ ހަދީސް ބަސްފުޅުން އެނގޭ ގޮތުގައި ހިތުން ނުރުހިގެން މުންކަރާތް މަނާކުރުމުގެ ދަރަޖައަށްދަނީ ބާރުވެރިކަމެއް ނެތްތާނގައި ދުލުން އެފަދަ ކަމެއްގެ ވާހަކަދެއްކުމުގެ ތަސައްރުފުވެސް ފުދިގެން ނުވާ މީހުންނެވެ.

މިއާ ހިލާފަށް ގާނޫނީ ބާރުވެރިކަން ރައްޔިތުން ދީފައިވާ މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ ވެރިން، މުންކަރާތްތަކާ ދެކޮޅަށް ތެދުވަންޖެހޭނީ އެބައިމީހުންގެ ދުލުގައި ހުރި ފަސާހަތްތެރިކަމެއް ދައްކަވަމުން، ލިބިފައިހުރި އެންމެހާ ގާނޫނީ ހައިސިއްޔަތެއްގެ ބާރުވެރިކަމެއް ދިއްކުރަމުންނެވެ.

ދިވެހި ފުލުހުންނާއި ކޮރަޕްޝަން ކޮމިޝަނާއި ހިޔުމަން ރައިޓްސްއާ ބެހޭ ތަނާއި އަދިވެސް މިނޫން މިބާވަތުގެ އިދާރާތަކަކީ ދައުލަތުގެ ތެރޭގައި ކުރާ ވައްކަމާއި އެނޫންވެސް މުންކަރާތްތައް މަނާކުރުމަށް އަތުގެ ބާރުވެރިކަން އޮތް ފަރާތްތަކެކެވެ. އެފަރާތްތަކުން މުންކަރާތް މަނާކުރުމުގައި ކުށްވެރިކޮށްލުމުގެ ބަޔާނަކުން، "ތިޔަ މައްސަލަ އެބަ ބަލަންކަމުގެ" ސުރުހީއަކުން މުންކަރާތް މަނާކުރުމުގެ ވާޖިބު އަދާކުރެވިއްޖެކަމަށް ހީކުރުމަކީ ކުށްހީއެކެވެ.

މާތް ނަބިއްޔާގެ ހަދީސް ބަސްފުޅުގައި އޮތީ، އަތުން މަނާކުރުމުގެ ގާބިލުކަން ހުރި މީހާ އަތުން އެކަމެއް މަނާކުރުމަށެވެ. އެވަރު ވާން ނެތިއްޖެނަމަ ދުލުން ބަސް ބުނުމަށެވެ. ފާޅުކުރުމަށެވެ. އަޑުއިއްވުމަށެވެ. އެންމެން ހޭލުންތެރިކުރުމަށެވެ.

މިރާއްޖެއަށް ވަމުން މިދަނީ ސިއްރުންކުރާ ވައްކަމަށްވުރެ އިސްލާހީ މަސައްކަތުގެ ސިއްރުކަން ބޮޑުވެއްޖެނަމަ ވާނެ ގޮތެވެ. ގައުމު އިސްލާހުކުރަން ވަކާލާތުކުރާ މީހާ އެމީހާގެ ނަމާއި ޝަޚުސު، ކޮންމެވެސް ވަނަމެއްގެ ފަހަތުގައި ސިއްރުކޮށްގެން އުޅޭއިރު، ދުނިޔެ ފެށުނީއްސުރެ ސިއްރިއްޔާތުގައި ނޫނީ ނުކުރެވޭވަރު ވައްކަން މީހުން މިހިރަގެން ކުރަނީ ހާމަޔަށް ފާޅުގައެވެ. އަދި އެޔަށްފަހު އެވަގުން މަތި ހަށިނަގާފައި އާންމުންގެ ތެރެއަށް ނުކުމެ އުޅެނީ ވެސް ލަދެއް ހަޔާތެއް ވެސް ނެތިއެވެ.

މުންކަރާތްތައް ދަފަރާކުރުމުގެ މަސައްކަތަކީ، ރަސޫލުބޭކަލުންގެ އަޒުމުން ބާރުލިބިގަނެގެން ނަބީބޭކަލުންގެ ކެތްތެރިކަމުން ވާގިލިބިގަނެގެން ނިކަން ގަޓުހުރެގެން ފާޅުގައި ކުރަންވީ މަސައްކަތެކެވެ. ތިމާގެ ހުރި ބާރުވެރިކަމަކާއި ހިތްވަރެއް އޭގެ ފުރިހަމަ މިނުގައި މުންކަރާތްތަކާ ދެކޮޅަށް ދޫކޮށްލައްވާށެވެ. ނިކަން ކެރިގެން ހިތްވަރާއެކު ފާޅުގައި މުންކަރާތާ ދެކޮޅަށް ތެދުވެގަންނާށެވެ. އުންމީދުކުރާ ދިވެހިރާއްޖެ އޭރަށް ފެންނާނެއެވެ.

ތިމާއަކީ އުރެދޭ މީހަކަށްވުމަކީ އުރެދުންތަކާ ދެކޮޅަށް މަސައްކަތް ނުކުރާންވީ ސަބަބެއް ނޫނެވެ. އެހެނީ އުރެދުންތަކާ ދެކޮޅަށް މަސައްކަތް ނުކުރުމަކީ އުރެދުމަށްވުރެ ވަކި ކުޑަކަމެއް ނޫނެވެ. ބަނީ އިސްރާއީލުގެ ދަރީންނަށް ލައުނަތް ހައްގުވީ ސަބަބަކީ ވެސް އުރެދުމުގައި ހައްދުފަހަނައަޅާދިއުމާއި އެއިން ކަމެއް ހުއްޓުވަން ވެސް އެއްބަޔަކު އަނެއް ބަޔަކަށް މަސައްކަތް ނުކުރުމެވެ.

އަލްމާއިދާ ސޫރަތުގެ 78 އަދި 79 ވަނަ އާޔަތުގެ ތަރުޖަމާއިން ވިދާޅުވާށެވެ! "އިސްރާއީލުގެދަރިންގެ ތެރެއިން، ކާފަރުވި މީހުންނަށް ދާވޫދުގެފާނާއި، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތިން ލައުނަތް ލައްވާފައިވެއެވެ. އެއީ އެމީހުން އުރެދުނު ކަމަށްޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައިދާކަމުގައި އެމީހުން ވީކަމަށްޓަކައެވެ. އެމީހުން ކުރި ނުބައިކަންތައް، އެއްބަޔަކު އަނެއްބަޔަކަށް މަނާކޮށެއް ނޫޅެއެވެ. އެމީހުން ކޮށްއުޅުނު ކަންތަކުގެ ނުބައިކަމާއެވެ!"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox