ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި ކުރުހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއުލާނުކޮށްފި އެވެ.
އޮކްޓޯބަރު 9، ވާ ބުރާސްފަތި ދުވަހު މެންދުރުފަހު 3:00 ގެ ނިޔަލަށް ސުންގަޑި ކަނޑައަޅާފައިވާ އެ މުބާރާތަށް ދަރިވަރުންގެ މަސައްކަތް ޑިޖިޓަލް ނުވަތަ ފިޒިކަލްކޮށް ވެސް ހުށަހެޅޭނެ އެވެ.
އެމްއެމްއޭއިން ބުނީ ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެ ކަމަށާއި އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ އެއްޗެއް ކަމުގައި ނުވުން ލާޒިމުވަނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްފައިވާ އެ މުބާރާތުގައި ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެ ގޮތުގެ ތަސައްވަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބެ އެވެ.
"ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ އައު ހިޔާލުތަކާއި އައު އިޖާދީ ވިސްނުންތައް ދެނެގަނެ އެ ދަރިވަރުންގެ ހުނަރުތައް އާއްމުންނަށް ހަމައަށް ފޯރުކޮށްދިނުމަކީ ވެސް މުބާރާތުގެ މަގްސަދެއް،" އެމްއެމްއޭއިން ބުންޏެވެ.
އެމްއެމްއޭއިން ބުނީ މުބާރާތުގެ ބައިވެރިންނަށް އެކި ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ ކަމަށެވެ.
"ބައިވެރިން ވާނީ ކުރެހުމާއި، ކުލައާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ ހަމައެކަނި ނަންބަރުތަކަކާއި މުއާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމައުގެ ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭން. ކޮންމެ މަސައްކަތަކާއެކުވެސް އެ މަސައްކަތުގެ ހިޔާލާއި އިހްތިޔާރުކުރެވުނު ތީމާއި ގުޅޭގޮތުގެ ކުރު ތަފްސީލެއް ހުށަހަޅަންވާނެ،" އެ އިދާރާއިން ބުންޏެވެ.
އަށް ތީމެއް ހިމެނޭ މުބާރާތް ބެހެނީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 ގިންތިއަށެވެ. ޑިޖިޓަލް އަދި ޑިޖިޓަލް ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދެ އެވެ.
މުބާރާތުގެ ވަނަތަކަށް 3،000ރ. އާ ހަމައަށް ފައިސާގެ އިނާމު ލިބޭއިރު، އިސްލާމީ ފައިނޭންސް އިން ދާއިރާއަށް ހާއްސަވާ އެންމެ ރަނގަޅު މަސައްކަތަށް 500ރ. ގެ ހާއްސަ އިނާމެއް ދެ އެވެ. އަދި ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި، އަދި އެ އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުން ކުރާނެ އެވެ.










