މެޑްރިޑް (ސެޕްޓެމްބަރު 24) - ސްޕެނިޝް ލީގުގައި ރޭ ރެއާްލް މެޑްރިޑުން ރަށުންބޭރުގައި 4-1 އިން ލެވާންޓޭ ބަލިކޮށް، ލީގުގައި ޖެހިޖެހިގެން ހަ ވަނަ މެޗުން މޮޅުވެއްޖެ އެވެ.
މި ސީޒަނުގައި ރެއާލާ ހަވާލުވެ، ޒަބީ އަލޮންސޯ، އަންނަނީ އެ ޓީމުގެ ކޯޗަކަށް ހުރެ ރަނގަޅު މަސައްކަތެއް ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ލީގުގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓަމުން އަންނަ ހަމައެކަނި ޓީމަކީ، ރެއާލް އެވެ. އަލޮންސޯ އަކީ ރެއާލާ ހަވާލުވެ، ލީގުގެ ފުރަތަމަ ހަ މެޗުން މޮޅުވި ދެ ވަނަ ކޯޗެެވެ. މީގެ ކުރިން، އެކަން ހާސިލްކުރީ، 2005 ވަނަ އަހަރު އެ ޓީމުގައި ހުރި ވަންޑަލެއި ލަގްޒެމްބާގޯ އެވެ.
ލެވާންޓޭ ދަނޑުގައި ރޭ ރެއާލުން ލީޑުނެގީ 28 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އަދި، އޭގެ 10 މިނިޓް ފަހުން، ރެއާލާ މި ސީޒަނުގައި ގުޅުނު އާޖެންޓީނާގެ މިޑްފީލްޑަރު، ފްރާންކޯ މަސްޓަންޓޫނޯ ވަނީ ދުރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި، އެ ޓީމުގެ ލީޑުފުޅާކޮށްދީފަ އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން ނުވަ މިނިޓް ތެރޭ ލެވާންޓޭގެ އެޓާ އެޔޯން ވަނީ ގޯލު ޖަހައި، ފަރަގުކުޑަކޮށްފަ އެވެ.
އޭގެ ފަހުން، ދެ މިނިޓްތެރޭ، ރެއާލްގެ ދެ ގޯލު ޖެހީ މި ސީޒަނުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ އެވެ. އެމްބާޕޭގެ ދެ ގޯލުގެ ތެރެއިން އެއް ގޯލަކީ، ޕެނަލްޓީ އަކުން ޕެނަންކާ ސްޓައިލަށް ޖެހި ގޯލެކެވެ. ލީގުގައި އެމްބާޕޭ ވަނީ މި ފަހަރު ހަތް ގޯލު ޖަހައިފަ އެވެ. މިދިޔަ، ސީޒަނުގައި ރެއާލަށް ލީގުގައި އެމްބާޕޭ ވަނީ، 31 ގޯލު ޖަހައިދީފަ އެވެ.












