ލަންޑަން (ސެޕްޓެމްބަރު 23) - މި ފަހަރުގެ ޓްރާންސްފާގައި އާސެނަލަށް ބަދަލުވެ ގިނަ މެޗުތަކުގައި ކުޅެފައިވާ އިނގިރޭސި ވިންގް، ނޯނީ މަޑުއޭކޭ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ދެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާން ޖެހިއްޖެ އެވެ.
ޗެލްސީ ދޫކޮށް، މަޑުއޭކޭ، 70 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އާސެނަލުން އެންމެ ފަހުން، މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފަށް ފަހު މަޑުއޭކޭ، 23، ބަދަލުކުރި އެވެ.
އެ މެޗަށް ފަހު، ހެދި ޓެސްޓްތަކުން އެނގިފައިވަނީ، މަޑުއޭކޭގެ ކަކުލަށް ލިބުނު އަނިޔާއާ ހެދި، މަދުވެގެން ހައެއް ނޫނީ އަށް ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި، ކަކުލުގެ ލިގަމެންޓަށް ސީރިއަސް އަނިޔާއެއްވެފައި ނެތް ކަމުގައި ވިޔަސް، އެންމެ އަވަހަށް ވެސް އެނބުރި އަންނަން މަޑުއޭކޭ އަށް ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.
ދާދިފަހުން، އާސެނަލްގެ ބުކާޔޯ ސަކާ އަށް އަނިޔާވެގެން، ގިނަ ވަގުތު މަޑުއޭކޭ އަށް ކުުޅުމުގެ ފުރުސަތު ދީފައިވެ އެވެ. ސަކާ، ފިޓްވެގެން އެނބުރި އައިއިރު، މަޑުއޭކޭ މި ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ.
އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ ބުނީ، މަޑުއޭކޭ ވަރަށް ރަނގަޅަށް ކުޅެމުން އަންނަނިކޮށް، ލިބުނު މި އަނިޔާގެ ސަބަބުން ގެއްލުން ކުރިމަތިވަނީ ހަމައެކަނި އާސެނަލަށް ނޫން ކަމަށެވެ. މިއީ މި ވަގުތަށް ބަލާއިރު، އިންގްލެންޑްގެ ގައުމީ ކޯޗު ތޯމަސް ޓުޗެލް ވެސް ވިސްނާނެ ކަމެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.












