ލަންޑަން (ސެޕްޓެމްބަރު 12) - ޗެލްސީން ގަވާއިދާ ހިލާފަށް އޭޖެންޓުންނަށް ފައިސާ ދިން 74 މައްސަލައެއް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބަލަން ފަށައިފި އެވެ.
މި 74 މައްސަލަ އަކީ، 2009 އިން 2022އާ ހަމައަށް، ޗެލްސީގެ އެކި ޓްރާންސްފާތަކުގައި އޭޖެންޓުންނަށް ގަވާއިދާ ހިލާފަށް، ވަކި މަންފާތަކެއް ލިބޭގޮތަށް ދީފައިވާ ފައިސާތަކެއްގެ މައްސަލަ އެވެ. އެ ގޮތުން، މީގެ މައިގަނޑު ގޮތެއްގައި ގިނަ ކަންކަން ހުރީ، 2010-2011 ސީޒަނުން ފެށިގެން، 2015-2016 ސީޒަނާ ދެމެދުގަ އެވެ.
މައްސަލަތައް ފެންމަތިވާ ބައެއް ޑީލުތަކަށް ބަލާއިރު، އެޑެން ހަޒާޑް، ސަމުއެލް އެޓޫ އަދި ވިލިއަންގެ ޓްރާންސްފާގެ ތެރެއިން ހިނގާފައިވާ ކަންކަން ހިމެނެ އެވެ.
ޗެލްސީއާ ގުޅޭގޮތުން، މި ބަލާ މައްސަލަތަކަށް އެ ކްލަބްގެ ފަރާތުން ޖަވާބުދާރީވުމަށް މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މުއްދަތު ދީފަ އެވެ. ޗެލްސީގެ މި މައްސަލަތަކުގެ ތެރޭގައި، އެކިއެކި ޑީލްތައް ނިންމުމަށް، ކުޅުންތެރިންނާ ގުޅޭ އެކި ފަރާތްތަކަށް ފައިސާ ދީފައި، އެ ރެކޯޑްތަކުގައި ނުހިމަނާ މައްސަަލަތައް ހިމެނެ އެވެ.
ރަޝިއާގެ މަހުޖަނު، ރޯމަން އަބްރަމޮވިޗް 2003 ވަަނަ އަހަރު، ޗެލްސީ ގަތީ 140 މިލިއަން ޕައުންޑް (186 މިލިއަން ޑޮލަރު) އަށެވެ. ޔޫކްރެއިން/ރަޝިއާ ހަނގުރާމައިގެ ފިއްތުންތަކުގެ ތެރެއިން، މީގެ ތިން އަހަރު ކުރިން، އަބްރަމޮވިޗަށް ޖެހުނީ ޗެލްސީ ވިއްކާލާށެެވެ.
އަބްރަމޮވިޗް އަތުން، 2022 ވަނަ އަހަރު ޗެލްސީ ގަންނަން ކޮންސޯޓިއަމް ގްރޫޕެއް ހެދި އެވެ. އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީ އިސްވެ، އުފައްދާފައިވާ ކޮންސޯޓިއަމް ގްރޫޕުން ޗެލްސީ ގަތީ، އެ ކްލަބްގެ ދަރަނި ހަލާސްކުރާގޮތަށް، 5.2 ބިލިއަން ޑޮލަރަށެވެ. އެ ޑީލަށް ބަލާއިރު، ކްލިއާލޭކް ކެޕިޓަލް އިން ޗެލްސީގެ 61.5 ޕަސެންޓް ހިއްސާ ގަތެވެ. ބާކީ 38.5 ޕަސެންޓް ހިއްސާ އަކީ ޓޮޑް ބޯލީ އާއި ހަންސްޖޯގް ވައިސް އަދި މާކް ވޯލްޓާ އަށް އެއްވަރަށް ބަހާލައިފައިވާ ހިއްސާތަކެކެވެ. އެއީ، ގާތްގަނޑަކަށް، ކޮންމެ މައިނޯރިޓީ ހިއްސާދާރަކަށް 13 ޕަސެންޓް ވަރެެވެ.
ޗެލްސީން މި ދިޔަ ތިން އަހަރު ތެރޭ ކުޅުންތެރިން ގަންނަން ކުރި އިންވެސްޓް، 1.5 ބިލިއަން ޑޮލަރަށް ވުރެން އިތުރެވެ.
މިހާރު ބަލަން ފަށާފައިވާ މައްސަލަތަކަކީ، އަބްރަމޮވިޗް ދައުރުގެ ކަންކަން ކަމުގައި ވިޔަސް، ޗެލްސީގެ އެޑްމިނިސްޓްރޭޓަރުން ވަނީ އެ ކްލަބުން ގޯހެއް ހަދާފައިނުވާ ކަމަށް ބުނެފަ އެވެ.












