ގައުމުތަކުގެ ސަރުކާރުތަކުން ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ނުކޮށްދޭ ކަމަށް ވާނަމަ ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ފެނުނު ފަދަ މުޒާހަރާތައް އެހެން ގައުމުތަކުން ވެސް ފެނުމަކީ ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ވެސް ބެލެހެއްޓެވި ނަޝީދު ވިދާޅުވި ގޮތުގައި ސަރުކާރަކަށް ފަހު ސަރުކާރެއް ވެއްޓެމުން ދަނީ ކޮރަޕްޝަނާއި، މިސްމެނޭޖުމަންޓާއި، އާދަޔާ ހިލާފަށް ދަރަނި އިތުރުވަމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
"... ތަރައްގީވަމުން އަންނަ ގަުއުމުތަކަށް ދަރަނި އަލުން ތަރުތީބުކޮށް، ހެޔޮވެރިކަމެއް ގާއިމު ނުކުރެވިއްޖެނަމަ، ޝައްކެއް ވެސް ނެތް ގޮތުގައި، އިތުރު ގައުމުތަކުގައި އަޅުގަނޑުމެންނަށް މުޒާހަރާތައް ފެންނާނ،. ދުނިޔެ މިކަމަށް ހޭލުންތެރިވާން އެބަޖެހޭ، އެހެން ނޫންނަމަ އެއަށްވުރެ ބޮޑު ހަލަބޮލިކަމަކާ ކުރިމަތިލާން ޖެހިދާނެ،" ރާއްޖޭގައި ބޭއްވި ފުރަތަމަ ޑިމޮކްރަޓިކް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.،
ނޭޕާލްގެ ސަރުކާރާ ދެކޮޅަށް ޒުވާނުން ނުކުމެ ކުރި ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ އެ ގައުމުގެ ބޮޑުވަޒީރާއި ކެބިނެޓު ވަނީ އިސްތިއުފާ ދީފަ އެވެ.
އެ މުޒާހަރާތައް ހޫނުވެ ގާނޫނު ހަދާ މަޖިލީހާއި ބޮޑުވަޒީރުގެ ގަނޑުވަރުގައި ވަނީ ހުޅު ޖަހާފަ އެވެ. މިހާތަނަށް މުޒާހަރާތަކުގައި 25 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.














