ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އުފެއްދި ފަހުން ފުރަތަމަ ފަހަރަށް ފައިދާ ވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ އެސްޑީއެފްސީގެ 2023 ވަނަ އަހަރުގެ އޮޑިޓުގައިވާ ގޮތުގައި، 2019 ގައި އެ ކޯޕަރޭޝަން އުފެއްދި ތާރީހުން ފެށިގެން 2023 އާ ހަމައަށް ލިބުނީ ގެއްލުމެވެ. ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރަން ދެ އަހަރެއްގައި ކުރެވުނު މަސައްކަތުން ފައިދާ ނެރެވި، މިދިޔަ އަހަރު ނިމުނު އިރު އެ ކުންފުންޏަށް ވަނީ 45.2 މިލިއަން ރުފިޔާ ފައިދާވެފަ އެވެ.
އެސްޑީއެފްސީން ވަނީ 2023 ގެ ނިޔަލަށް 1،428 އެޕްލިކަންޓަކަށް 1.5 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ. މިއީ އެވަރެޖުކޮށް ލޯނަށް ހުށަހެޅި ކޮންމެ އެޕްލިކަންޓަކަށް އެއް މިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއިން ނުލިބިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.
އެސްޑީއެފްސީގެ މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ލޯނަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތާ 90 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވާތީ 551 މިލިއަން ރުފިޔާގެ ލޯނު ވަނީ އެ ކުންފުނީގެ ނަން-ޕާފޯމިން އެސެޓްސްގެ ގޮތުގައި ކަނޑައަޅާފަ އެވެ. މިއީ ނުލިބިވާ އަދަދުގެ 41 ޕަސެންޓެވެ.
ނަން-ޕާފޯމިން އެސެސްޓުގެ ގޮތުގައި ހުރި ލޯނުތަކުގެ ތެރެއިން 150 ލޯނަކަށް ދޫކޮށްފައިވާ 107 މިލިއަން ރުފިޔާ ވަނީ ރައިޓް-އޯފް ކުރުމަށް ފަހު، ބެލެންސް ޝީޓުގައި ނުހިމަނާ ބަލަހައްޓަން ފަށާފަ އެވެ. އޮޑިޓަރުން ބުނި ގޮތުގައި ނުލިބިވާ ފައިސާ ހޯދަން އެ ކުންފުނިން ވޭތުވި ދޮޅު އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތުން މިދިޔަ ޖޫން 17، ގެ ނިޔަލަށް 12 މިލިއަން ރުފިޔާ އަނބުރާ ހޯދާފައި ވެ އެވެ.

އެސްޑީއެފްސީއަކީ ސަރުކާރުގެ މިނިސްޓްރީތަކުގެ ލޯނު ސްކީމުތައް ބަލަހައްޓާ ކުންފުނި ވެސް މެ އެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ އެސްޑީއެފްސީ މެދުވެރިކޮށް މިފްކޯއަށް ވެސް ބޮޑު ޑްރޯޑައުން ފެސިލިޓީއެއް ހަމަޖައްސާފަ އެވެ.
އޮޑިޓުގައި ބުނި ގޮތުގައި އެސްޑީއެފްސީގެ ރައުސުލްމާލުން ބޭރުން ދޫކުރި ލޯނުތަކުން ނުލިބާ ޖުމްލަ 954 މިލިއަން ރުފިޔާއަށް އަރާއިރު، 197 މިލިއަން ރުފިޔާ ވަނީ އޯވާޑިއުވެފަ އެވެ. އެއީ:
- މަސްވެރިންނަށް ފައިސާ ދޭން މިފްކޯއަށް ދޫކުރި ފެސިލިޓީގައި ނުލިބި 587 މިލިއަން ރުފިޔާ، އޯވާޑިއުވެފައި 17 މިލިއަން ރުފިޔާ
- ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމް ޕްރޮގްރާމުން ނުލިބި 279 މިލިއަން ރުފިޔާ، އޯވާޑިއުވެފައި 197 މިލިއަން ރުފިޔާ
- ލޯކަލް ފިޝް ޕްރޮސެސާސް އެންޑް އެކްސްޕޯޓާސް ރިލީފް ފަންޑުން ނުލިބި 61 މިލިއަން ރުފިޔާ، އޯވާޑިއުވެފައި 26 މިލިއަން ރުފިޔާ
އެސްޑީއެފްސީގައި ހުރި މައްސަލަތައް ހައްލުކުރަން އޮޑިޓަރުން ދިން ލަފާގައި، ލޯނު ރިކަވަރީ ކަންކަން ހަރުދަނާކޮށް، އުސޫލާ އެއް ގޮތަށް ފިޔަވަޅު އަޅަމުން ގެންދިޔުމަށެވެ. އަދި ޑީފޯލްޓުވާ ރޭޓު ބަލައި ޕޯޓުފޯލިއޯ ރިވިއުކުރުމަށް ފަހު އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކުރަން ވެސް އޮޑިޓަރުން ލަފާ ދިނެވެ.
އެސްޑީއެފްސީގެ މާލީ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށް އޮޑިޓުތަކުން ދެއްކި އިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކު ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ އެސްޑީއެފްސީގައި އޮތް ސަރުކާރުގެ ހިއްސާ ގަންނަން ނިންމާފަ އެވެ.













