މެންޗެސްޓާ (ސެޕްޓެމްބަރު 2) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯ އާއި ބްރެޒިލްގެ ވިންގް، އެންޓޮނީ ޓްރާންސްފާގެ ފަހު ދުވަހު ޔުނައިޓެޑް ދޫކޮށް އެހެން ކްލަބްތަކާ ގުޅިއްޖެ އެވެ.
ސަންޗޯ އާއި އެންޓޮނީ އަކީ ޔުނައިޓެޑުން 100 މިލިއަން ޑޮލަރު ދީފައި ގެނެސް އެކަށޭނެ ލެވަލަކަށް ނުކުޅެވުނު ކުޅުންތެރިންނެވެ.
ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމްގެ ޕްލޭނުގައި ނުހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ސަންޗޯ އާއި އެންޓޮނީ މި ފަހަރުގެ ޓްރާންސްފާގެ ފުރަތަމަ ދުވަހުން ފެށިގެން އެހެން ކްލަބްތަކާ ވާހަކަ ދެއްކުމަށް އޮތީ ފުރުސަތު ދީފަ އެވެ. އެ ގޮތުން، އެންޓޮނީ ބަދަލުވީ އޭނާ އެންމެ ބޭނުންވި ގޮތަށް ރެއާލް ބެޓިސް އަށެވެ. އަދި، ލޯން ޑީލެއްގައި ސަންޗޯ ގުޅުނީ އެސްޓަން ވިލާއާ އެވެ.
ބޮޑު އަގުގައި ޑޯޓްމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް ސަންޗޯ، 25، ބަދަލުވީ 2021 ވަނަ އަހަރުގަ އެވެ. އޭރު ޔުނައިޓެޑުން ސަންޗޯ ގަތީ 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ.
އޭގެ ފަހުން، ލޯން ޑީލެއްގައި އަލުން ޑޯޓްމަންޑަށާއި ޗެލްސީ އަށް ކުޅުނުއިރު، އޭގެއިން އެއްވެސް ޓީމަކުން އޭނާގެ ކޮންޓްރެކްޓް ދާއިމީ ނުކުރި އެވެ. މި ފަހަރުގެ ޓްރާންސްފާގައި ރޯމާ އާއި ޔުވެންޓަސް އަދި ފެނަބާޗޭ އަށް ބަދަލުވުމަށް މަޝްވަރާ ކުރި ސަންޗޯ އެންމެ ފަހުން ލޯނަކަށް އެސްޓަން ވިލާ އަށް ދިޔައިރު، މި ސީޒަނުގައި އޭނާގެ 80 ޕަސެންޓް މުސާރަ ދޭނީ އެސްޓަން ވިލާ އިންނެވެ.
ޔުނައިޓެޑާ އެކު، މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ސަންޗޯ ދާއިމީ އެއްބަސްވުމެއްގައި އެސްޓަން ވިލާ އަށް ގަތުމަށް ޖެހޭނީ ވަކި އެއްބަސްވުމެއްގައި މަޝްވަރާ ކުރާށެވެ.
އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ، 25، އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ. މީގެ ތިން އަހަރު ކުރިން، ބޮޑު އަގުގައި، ޔުނައިޓެޑާ ގުޅުމަށް އެ ލެވަލްގެ ކުޅުމެއް ނުދެއްކޭތީ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ، އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ.
އެހެންވެ، މި ފަހަރުގެ ޓްރާންސްފާގައި ގިނަ ޓީމުތަކެއްގެ އޮފާ ދޫކޮށްލާފައި އެންޓޮނީ މަޑުކޮށްގެން ހުރީ ބެޓިސް އަށް ދެވޭނެ ގޮތެއް ހޯދުމަށެވެ.
އެންޓޮނީ، ބެޓިސްއާ ގުޅުނީ، 25 މިލިއަން ޑޮލަރުގެ ފީ އަކަށެވެ.












