ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ޖުމްލަކޮށް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ރަނގަޅުކުރަން ކުރެވޭ މަސައްކަތުގައި ވެސް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅު ލިބޭ ކަމަށް ނިއު ރޭޑިއަންޓްގެ ޗެއާމަން، އަހުމަދު މުބީން ވިދާޅުވެއްޖެ އެވެ.
މުބީން މިހެން ވިދާޅުވީ، ސަރުކާރާ ގުޅޭ ގިނަ ފަރާތްތަކެއް ހިމެނޭ، ނިއު ރޭޑިއަންޓުން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށްޓަކައި، އެ ޓީމަށް ސޮއިކުރި ފަރާތްތައް ތައާރަފްކުރުމަށް ރޭ ދިމްޔާތުގައި ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.
މިދިޔަ ނޮވެމްބަރު މަހު، ނިއުގެ ޗެއާމަންކަމަށް އިންތިހާބުވެވަޑައިގެންނެވި، މުބީން ވިދާޅުވީ، މިހާރު ކުރާ މަސައްކަތަކީ ހަމައެކަނި ނިއު ރޭޑިއަންޓުގެ ކަންކަމެއް ނޫން ކަމަށާއި ޖުމްލަކޮށް މުޅި ފުޓްބޯޅަ ރަނގަޅުކުރަން ކުރެވޭ ކަންކަން ކަމަށެވެ. އަދި، ކްލަބްތައް އަމިއްލަ ފައި މައްޗަށް ތެދުވެ، ޓީމު ހިންގޭނެ ގޮތްތަކެއް ހޯދުމަށް، ވިޔަފާރި ވެރިންނާ އެކު ކުރިއަށްދިއުމުގެ މަޝްވަރާ ކުރެވޭ ކަމަށް ވެސް މުބީން ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަމުގައި ކުރާ މަސައްކަތުގައި، ރައީސް، ޑރ. މުއިއްޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންދާ ކަމަށް މުބީން ތަކުރާރުކޮށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ކްލަބް، ނިއު ރޭޑިއަންޓް ހަމަ ރަނގަޅުކޮށް ހަރުދަނާ ކުރުމަށްޓަކައި، އަޅުގަނޑުމެންނާ އެއްކޮށް ވެސް ގިނަގުނަ ކަންކަމުގެ ހިޔާލާއި މަޝްވަރާ އަޅުގަނޑުމެންނާ ދިމާވާ ފަަހަރެއްގައި ދެއްވާ، ހަމަ އެހެންމެ، މިހާރު ވެސް އަޅުގަނޑުމެންނަށް އެ ފެންނަނީ، ކުޅިވަރު ރަނގަޅު ކުރުމަށްޓަކައި، ކުޅިވަރު ވުޒާރާ އާއި ހުރިހާ ފަރާތެއް ގުޅިގެން މި އަންނަނީ މަސައްކަތް ކުރަމުން،" މުބީން ވިދާޅުވި އެވެ.
"މިއަދު ވެސް އެބަ ފެނޭ. ވިކްޓަރީއާ ދިމާލަށް ވެސް ރަނގަޅު ހަރުދަނާ ބަޔަކު ހަވާލުވާން ދާ މަންޒަރު، ވެލެންސިއާ އަށް ވެސް ރަނގަޅު ބަޔަކު ހަވާލުވުމަށް އަޅުގަނޑުމެންނާ އެކު މަސައްކަތްކުރެވޭ ގިނަގުނަ ބަޔަކު ހަވާލުވުމުގެ މަސައްކަތް ކުރަމުން އަންނަތަން އެބަ ފެނޭ. ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދާއި ލަފާފުޅުގެ މަތިން، އެ މަނިކުފާނުގެ ސިޔާސަތާ އެއްކޮށް، ދިވެހި ކުޅިވަރު، ދިވެހި ރާއްޖޭގެ ދަނޑުތަކުގައި މިހާރަށް ވުރެ އުޖާލާ ރޯޝަން ދުވަސްތަކެއް ލިބިގެންދިއުމަކީ އަޅުގަނޑުމެން މި ކުރަމުން އަންނަ މަސައްކަތަކީ،"
މުބީން ވިދާޅުވީ، ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަންނަން ހުރިހާ ޓީމެއް އެކުގައި، މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި، އެފްއޭއެމް ރަނގަޅު ކުރުމަށްޓަކައި، މިހާރު އޮތް ހިންގާ ކޮމީޓީން ވެސް ރަނގަޅު މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
"ދިވެހި ފުޓްބޯޅައިގެ ނަން ހިނގާ ދިވެހި ފުޓްބޯޅައިގައި މި ތިބި މަޝްހޫރު ބްރޭންޑްތައް އައިސް ގަލޮޅު ދަނޑުން ފެނި، މިއަދު ވެސް މާޒިޔާ އަދި ޓީސީ އާއި އޮޑިއާ މި ހުރިހާ ޓީމުތަކެއް ވެސް ރަނގަޅަށް ޕާފޯމްކޮށް، ފުޓްބޯޅަ އަކީ އަޅުގަނޑުމެންގެ އެންމެންގެ ހިތުގެ ވިންދާ ގުޅިފައި އޮތް ކަމެއް ހަގީގަތުގައި. މިދިޔަ ދުވަސްތަކުގައި މި ގެއްލުނު ފޯރި އަލުން ގެންނަން މި ހުރިހާ ޓީމުތަކުން ގުޅިގެން މަސައްކަތްކުރަން ޖެހޭ،" މުބީން ވިދާޅުވި އެެވެ.
"ނިއު އިން ހައްގު މިންވަރަކުން އޮތް ތަނެއްގައި ކްލަބް ވަރުގަދަކުރާނެ"
ދެ ވަނަ ޑިވިޝަނުގައި މިދިޔަ ދެ އަހަރު ވާދަކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވުމަށް ކުރި މަަސައްކަތް ނިއު އަށް ކާމިޔާބެއްނުވި އެވެ. އެކަމަކު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ފުރަތަމަ ޑިވިޝަނުން ނަން ނެގުމުން، އެ ޖާގަ އަށް ނިއު އަށް އާދެވުމުގެ ފުރުސަތު އޮތީ ފަހިވެފަ އެވެ.
ސަސް އިން މި މަހު 23 ވަނަ ދުވަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރެެވެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި، އެ ކްލަބުން ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ މާލީ ހާލަތު ހުރި ގޮތުން ވާދަކުރެވެން ނެތް ކަމަށެވެ. އެފްއޭއެމް އިން ބުނެފައިވަނީ، ސަސްގެ މި ނިންމުމާ އެކު، އެ އެސޯސިއޭޝަންތަކުގެ މުބާރާތުގެ ގަވާއިދުގެ މަތިން ސަސްއާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. ސަސްގެ މި ނިންމުމަކީ ނިއުއާ އެކު ވާހަކަ ދެކެވިގެން ދެ ކްލަބްގެ މެދުގައި ހެދޭ "ޑީލެއް"ގެ ތެރެއިން ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން ކުރެވޭ ކަމެއް ކަމަށް މި ކަމުގެ މައުލޫމާތު ހުރި ފަރާތަކުން ވަނީ ބުނެފަ އެވެ.
މި ކަންކަމަށް މެދު ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި، މުބީން ވިދާޅުވީ، ނިއު ރޭޑިއަންޓުން މަސައްކަތް ކުރަނީ، އެ ކްލަބް "އޮތް ހިސާބެއްގައި، އޮތް ތަނެއްގައި، ނިއު ރޭޑިއަންޓަށް ހައްގު، މި ވަގުތު އޮތް މިންވަރަކުން އޮތް ތަނެއްގައި"، ޓީމު ކްލަބް ވަރުގަދަކޮށް ރަނގަޅު ކުރެވޭތޯ ކަމަށެވެ.
"އަޅުގަނޑުމެންނަށް ތަފާތު ފާޑުކިޔުންތައް އެބަ އާދޭ. އަންނަ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ، ނިއު ރޭޑިއަންޓް އޮތް ހިސާބުގައި އޮވެގެންނޭ، އެންމެ ފަހުން އެފްއޭއެމް ލީގު ކަޕްގައި ވެސް ކުޅުނީ، އެފްއޭއެމް ލީގު ކަޕްގައި ކުޅެ، އަޅުގަނޑު ގަބޫލުކުރާނީ ނިއު ރޭޑިއަންޓް ވެގެންދާނީ ތިން ވަނަ ޓީމަށް. އެދެން ނަތީޖާ ތަކާ ކަންކަމަށް ބަލާއިރު ހީވަނީ ތިން ވަނަ ޓީމަށް ނިއު ރޭޑިއަންޓް ވެގެން މި ދަނީ،" މުބީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ ތަނެއްގައި ތިއްބަސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން، މި ޓީމު މި އޮތް ހިސާބުން ރަނގަޅު ހިސާބަކަށް ގެންދިއުމަށް މަސައްކަތް ކުރާނަން،"
ނިއުގެ މިހާރު އޮތް މެނޭޖްމަންޓުގެ ވިސްނުމާއި އަޒުމަކީ، ދިވެހި ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން އިއުލާނުކުރާ ކޮންމެ މުބާރާތެއްގައި އެ ކްލަބް ވާދަކުރުން ކަމަށެވެ. އެ ގޮތުން، ޓީޓީ އެސޯސިއޭޝަނުން ބޭއްވި މުބާރާތަކާއި ކެރަމް އެސޯސިއޭޝަނުގެ މުބާރާތެއްގައި ވާދަކުރި ކަމަށް މުބީން ވިދާޅުވި އެވެ.











